ދުވަހަކީ 2010 މާޗް މަހުގެ 24 ވަނަ ދުވަހެވެ. ގަޑިން މެންދުރު 01:30 އެވެ. ހއ. އުލިގަމު ކައިރިން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގައި އޮތް ކޯސްޓްގާޑް ޝިޕް ޣާޒީ، ރާއްޖޭގެ އެންމެ އުތުރުގެ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ނިކުތެވެ. މި ޕެޓްރޯލް އަކީ ރާއްޖޭގެ ސަރަޙައްދުގެ ޤައުމީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށާއި ރާއްޖޭގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅޭ މަސްބޯޓްފަހަރު ހޯދުމަށާއި ރާއްޖޭގެ ސަރަޙައްދުގައި ދަތުރުކުރާ ބޭރުގެ އުޅަނދު ފަހަރުގެ ހަރަކާތްތައް ބަލާ މޮނީޓަރ ކުރުމާއި އެފަދައެއްވެސް އުޅަނދެއް ޤަވާޢިދާއި ޚިލާފު ޢަމަލެއް ހިންގާނަމަ ހިފެހެއްޓުމަށް ފެށި ޕެޓްރޯލެކެވެ. މިޕެޓްރޯލްގައި ރާއްޖޭގެ މަސް ކަނދުފަތިތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރޭތޯ އާއި ރާއްޖޭގެ އުތުރުގެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ބަލާ މޮނީޓަރ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ފުރަތަމަ ކޮންޓެކްޓް
އެމް.އެން.ޑީ.އެފް ކޯސްޓްގާޑް އޮޕަރޭޝަންސް އާއި ކޯސްޓްގާޑް ޝިޕް ޣާޒީ ގުޅިގެން ފެށި މިޕެޓްރޯލްގައި ފުރަތަމަ ރާޑަރ ކޮންޓެކްޓެއް ޖަހާފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 27 މޭލު ބޭރުން އެދުވަހު މެންދުރުފަހު 02:00 ހާއިރުއެވެ. މިކޮންޓެކްޓަށް ޝައްކުކުރެވިގެން ޝިޕް ޣާޒީއިން އެކޮންޓެކްޓާއި އިންޓަސެޕްޓްކޮށް ބެލިއިރު އެއީ ރާއްޖޭގެ މަސްވެރިކަންކުރާ އުޅަނދެއްކަން އެގުނެވެ. މި އުޅަނދުގެ އިތުރުން ޝިޕް ޣާޒީއަށް އެ ސަރަޙައްދުން ރާއްޖޭގެ މަސްވެރިކަންކުރާ ދެ އުޅަނދަކާ ދިމާވިއެވެ. މިއުޅަނދުތައް އައިޑެންޓިފައި ކުރުމަށްފަހު އީ.އީ.ޒެޑާއި ގާތްގަޑަކަށް 24 މޭލު ދެކުނަށް ޖެހިލުމަށްފަހު ހުޅަނގަށް މިސްރާބުބަދަލުކޮށް ދަތުރުކުރަންފެށިއެވެ. ދަތުރުކުރަމުން ދިޔައިރު ރާއްޖޭގެ އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ އޭ.އައި.އެސް ދެ ކޮންޓެކްޓް ޖެހިއެވެ.
ޝައްކުކުރެވޭ ދެ އުޅަނދުފެނުން
ރާއްޖޭގެ އުތުރުގައި، އިރުން ހުޅަނގަށް ދަތުރުކުރަމުންދިޔަ ކޯސްޓްގާޑް ޝިޕް ޣާޒީ ދަތުރުކުރަމުން ދިޔައީ ކުރިއްސުރެ ހަމަޖައްސާފައިވާ ޕެޓްރޯލް ޕްލޭނާ އެއްގޮތަށެވެ. އެރޭ 9 ޖެހިއިރު ތުރާކުނާ 160 މޭލު ބޭރުން ޑްރިފްޓުކުރުމަށްޓަކައި ޝިޕް މަޑުކުރިއެވެ. އޭރުވެސް ދިޔައީ ރާޑަރ ސާވައިލެންސް ކުރަމުންނެވެ. އެރޭ 11:47 ހާއިރު ތުރާކުނާ 152 މޭލު ބޭރުން ރާޑަރަށް އަނެއްކާވެސް ދެ ކޮންޓެކްޓް ޖެހިއެވެ. މިދެކޮންޓެކްޓް ޖަހާފައިވަނީ ޝިޕާ ގާތްގަނޑަކަށް 23 މޭލު ދުރުންނެވެ. އޭރު އެދެ އުޅަނދުވެސް އޮތީ މަޑުކޮށްގެންކަމަށްވުމުން އިތުރަށް މިދޭތީގެ ހަރަކާތްތައް މޮނީޓަރ ކުރަންފެށިއެވެ. އެރޭ މެންދަމު 12:15 ހާއިރު އެ އުޅަނދުފަހަރާއި 10 މޭލަށް ކައިރި ކޮށްފިއެވެ. އޭރު އެ ދެއުޅަނދު ދޭތެރޭގައި 6 މޭލު ހުއްޓެވެ. އެހިސާބަށް ކައިރިކުރުމަށްފަހު ޝިޕް މަޑުކޮށް އިތުރަށް އެ ދެއުޅަނދުގެ ހަރަކާތްތައް ބަލަމުންގެންދިޔައެވެ. އޭރު ފުރަތަމަ ފެނުނު އުޅަނދު އޮތީ ރާއްޖޭގެ އީއީޒެޑުގެ 7 މޭލު އެތެރޭގައެވެ. ދެވަނަ އުޅަނދުއޮތީ ރާއްޖޭގެ އީއީޒެޑުގެ 10 މޭލު އެތެރޭގައެވެ.
ފުރަތަމަ އުޅަނދަށް ބޯޑް ކުރުން
އެރޭގެ ފަތިހު އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ކޯސްޓްގާޑް ސޮކޮޑްރަން ކޮމާންޑަރ މޭޖަރ އަޙްމަދު ޖިހާދަށް ގުޅާ ޝިޕް ޣާޒީއިން މި މަޢުލޫމާތު ދިނުމަށްފަހު އެއާރ އިންޓަރސެޕްޓްކުރުމަށް ދަތުރުކުރަންފެށިއެވެ. މި ކޮންޓެކްޓުތަކަކީ ރާއްޖޭގެ އުޅަނދުތަކެއް ނޫންކަމަށް ޝައްކުކުރެވޭތީ 4:45ގައި ޝިޕް އެކްޝަން ސްޓޭޝަނަށް ގެނެސް، ބޯޑްކުރަން ޖެހިއްޖެ ހާލަތެއްގައި ބޯޑުކުރުމަށްޓަކައި ބޯޑިންޓީމުރެޑީކުރިއެވެ. ފުރަތަމަ އުޅަނދާ ކައިރިކޮށް ސާރޗް ލައިޓުން އަލިކޮށް ބެލިއިރު އެއީ ލަންކާ މަސްބޯޓެއްކަން ޔަގީންކުރެވުނެވެ. އެއިރު އެމީހުންތިބީ ދާއަޅައިގެން ދާ ދަމާށެވެ. ހަމަ އެވަގުތު މަސައްކަތްކުރުން ހުއްޓާލާ އެންމެން އުޅަނދުގެ ކުރީކޮޅަށް ހާޒިރުވުމަށް އަޑުގަދަކުރާއިން އެނައުންސް ކުރަންފެށިއެވެ. އެއަށްފަހު 0552 ހާއިރު ބޯޑިންޓީމު ހަތިޔާރާއެކު އެއަށްއަރާ އެބޯޓު ސިފައިންގެ ކޮންޓްރޯލްގެ ދަށަށްގެނައެވެ. އޭރު އެބޯޓުގައިތިބީ ހަތަރުމީހުންނެވެ. މި ބޯޓަކީ ރުސަހަން ޕްޓާ-4 އެވެ.
ދެވަނަ އުޅަނދު ފިލަން މަސައްކަތް ކުރުން
މިބޯޓަށް ބޯޑްކޮށްގެން އުޅެނިކޮށް ދެވަނަ ބޯޓް ރުސަހަން ޕްޓާ-6 ދަތުރުކުރަންފެށިއެވެ. އެވަގުތު ކުރިން ސިފައިން ބޯޑްކުރި ރުސަހަންޕްޓާ-4 ގައި ކޯޕްރަލް ޖަލީލު ޢަބްދުﷲ (ސނ: 3551) ، ލާންސް ކޯޕްރަލް ފާރޫޤު ޙުސައިން (ސނ: 5728) އަދި ޕްރައިވެޓް އަޙްމަދު އަސްފާން (ސނ: 6541) ބޭތިއްބުމަށްފަހު ދެވަނަ ބޯޓް އަތުލުމަށް ޝިޕު ދަތުރު ކުރަން ފެށިއެވެ. ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ދަތުރުކޮށް ފިލަން މަސައްކަތްކުރި ބޯޓުގެ ސްޕީޑަކީ ގަޑިއަކު 07 މޭލެވެ. އެބޯޓާކައިރިކޮށް ކުރީ ބޯޓެކޭއެއްގޮތަށް އޭގައިތިބިމީހުން ކުރީކޮޅަށް ފޮނުވާފައި ހަތިޔާރާއެކު ބޯޓަށް ބޯޑުކުރެވުނީ 06:25 ގައެވެ. މިބޯޓަށް ބޯޑްކުރީ ލެފްޓިނަންޓް ޙަސަން ސަޢީދު (ސނ: 5671) ، ޕްރައިވެޓް އިބްރާހިމް ޒުހޫރު (ސނ: 5682) ، ޕްރައިވެޓް އަޙްމަދު ތަސްލީމް (ސނ: 6254) އަދި ޕްރައިވެޓް ޙަސަން މުޙައްމަދު (ސނ: 6711 ) އެވެ. އޭރު އެބޯޓްގައި ހަތަރު މީހުން ތިއްބެވެ.
ކާމިޔާބުކަމާއެކު އޮޕަރޭޝަން ނިންމާލުން
ކޯސްޓްގާޑް ޝިފް ޣާޒީ އިން ކުރިއަށްގެންދިޔަ އޮޕަރޭޝަން ނިންމާލާފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. ދެބޯޓް އެއްފަހަރާ ކޯސްޓްގާޑް ޝިޕް ޣާޒީ އިން ހިފަހައްޓާފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ޤާނޫނު 5/87 ގެ (7) ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު 6/96 ގެ (14) ވަނަ މާއްދާއާއި ޚިލާފުވުމާއި ގުޅިގެން ކޯސްޓްގާޑް ޝިޕް ޣާޒީގެ ކެޕްޓަނަށް ސިފައިންގެ ޤާނޫނު 1/2008 ގެ (41) ވަނަ މާއްދާއިން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ. މި އޮޕަރޭޝަން ހިންގިއިރު ކޯސްޓްގާޑް ޝިޕް ޣާޒީގެ ކެޕްޓަނަކަށް ހުންނެވީ ލެފްޓިނަންޓް އަޙްމަދު ފާތިޙެވެ.
