މި ސުވާލުކުރުމުން މީހުން ޖަވާބުގައި ބުނާނީ ކީކޭ ބާވައޭ ހިތައް އަރައެވެ. އެހެންނަމަވެސް، ޑްރަގް ބޭނުންކުރުމަކީ ޞިއްޙަތައް ގެއްލުން ހުރިކަމެއްތޯ މީހަކާ ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް އާއެކޭ ބުނާނެކަން ކަށަވަރެވެ. އެއީ، ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ޑްރަގުން ލިބޭ ގިނަ ގެއްލުންތައް ކިޔާދޭނެއެވެ. ޖިސްމާނީ ގެއްލުންތަކާއި މާލީގެއްލުމާއި ސައިކޮލޮޖިކަލް ގެއްލުން ތަކުގެ ވާހަކަތައް ކިޔާދޭނެއެވެ.

ހަމަ މި މޭރުމުން ސިނގިރޭޓު ބުއިމަކީ، ނޫނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޞިއްޙަތައް ގެއްލުން ހުރިކަމެއްތޯ ސުވާލުކޮށްފިނަމަ އާއެކޭ ބުނުމުގެ އިތުރުން ސިނގިރޭޓު ފޮށީގެ ބޭރުގައި އެއީ ގެއްލުން ހުރިކަމެއް ކަމުގައި ލިޔެފައިވާކަމަށާއި ސިނގިރޭޓު ބުއިމުން ކެންސަރ ޖެހޭވާހަކަ ހަމަ ކޮންމެ މީހަކުހެން ކިޔާދީ އެ ނުރަނގަޅު އާދައިގެ ވާހަކަ ދައްކާނެއެވެ. އަދި އެކަމުން ލިބޭ މާލީގެއްލުން ވިޔަނުކުރެވޭހާ ބޮޑުކަމުގަ ބުނާނެއެވެ.

ބަނގުރަލަކީ ޞިއްޙަތަށް ގެއްލުންހުރި އެއްޗެއްތޯ ކުރެވޭ ސުވާލަށް ޖަވާބެއް ހޯދުމަށް ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމުޢިއްޔާގެ ރެކޯޑްތަކަށް ބަލައިލާއިރު ބަނގުރަލާއި ގުޅުންހުރި ބަލިތަކާއި ކެންސަރާއި އެކްސިޑެންޓާއި އަމިއްލައަށް މަރުވުންފަދަ މަރުވާ މީހުންގެ ޖުމްލައަކީ، ދުނިޔޭގެ ކަންކޮޅުތަކުގައި އަހަރަކު މަރުވާ މީހުންގެ ޖުމްލައިގެ ގާތްގަނޑަކަށް ސައްތައިން 3.8 އެވެ.

ބަނގުރަލަކީ ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ އެއްބާވަތެވެ. ބަނގުރާ ބުއިމުން ދުނިޔޭގައި އަހަރަކު 69.4 މިލިއަން މީހުނަކީ ނުކުޅެދޭ މީހުންނަށް ބަދަލުވެގެން ދެއެވެ. ބަނގުރަލަކީ ޞިއްޙީގޮތުން މިފަދަ ނުރައްކާތެރި ”ޑްރަގް“ އަކަށް ވެފައިވާއިރު އިންސާނުން ބަނގުރަލާ ދުރުކުރުމަށް، މީހުން ދުންފަތާއި ދުރުކުރަން ކުރެވޭވަރުގެ ބޮޑުކެމްޕޭންއެއް ދުނިޔޭގެ އެއްވެސް ޤައުމެއް ކުރެވެމުން ދެއެކޭ ނުދެންނެވޭނެއެވެ. ބަނގުރާ ނޫނީ އަލްކޮހޮލް ވެފައިވަނީ  އަބަދުވެސް އިޖުތިމާއީ ބުއިމެއްކަމުގައެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އެއީކަމުގައި ދެންނެވޭކަށްނެތެވެ. ޙަޤީޤަތަކީ ބަނގުރާ ނޫނީ އަލްކޮހޮލް އަކީ އިޖުތިމާޢީ ވެށި ގަބޫލުކުރާ ޑްރަގެއް ކަމުގައިވުމެވެ. މިއީ އަމިއްލަ ހަށިގަނޑު ވިހަކުރުމަށް އަމިއްލައަށް ބޭނުންކުރެވޭ ޒަހަރެއްކަމެއް އެއްވެސް މީހަކު ޤަބޫލުކުރާހެނެއް ހިއެއްނުވެއެވެ.

ބަނގުރާ ނުވަތަ އަލްކޮހޮލް (ethanol)  އަކީ ޑްރަގްއެކެވެ. ބޭނުންކުރެވޭ ނިސްބަތަކުން އެއީ ބައެއްފަހަރަށް sedative އެކެވެ. ބައެއް ފަހަރަށް tranquilliser) އެކެވެ. އަދި hypnotic ނުވަތަ anaesthetic އެކެވެ. ބަނގުރާ ނޫނީ އަލްކޮހޮލޮ ބޭނުންކުރުމަކީ ގިނަ ސޮސައިޓީ ތަކުގައި ހުއްދަކުރެވިފައިވާ ކަމެކެވެ. އަދި ނަހަމަގޮތުގައި ބޭނުންކުރުމަކީ އިޖުތިމާޢީ މައްސަލައެއް ކަމުގައި ދެކެވެ.

އިޖުތިމާޢީ ބުއިމެއްކަމުގައި ބަނގުރާ ދުށުމަށްވުރެ މެޑިކަލްގޮތުންނާއި އިޖުތިމާޢީ ގޮތުން އޭގައިހުރި ނުރައްކާތެރި ކަމުގެ މައްޗަށް ބަލާލުން މުހިންމެވެ. ބަނގުރަލަކީ އިންސާނާގެ ހަށިގަނޑުގެ ނިޒާމަށާއި ގުނަވަންތަކަށް ގެއްލުންދޭ ޒަހަރެކެވެ.

ބަނގުރާ ބުއިމުން ހިތުގެ މައްސަލަތައް މެދުވެރިވެއެވެ. އޭގެތެރޭގައި ހިތް ހިނގުމުގައި ވަކިހަމައެއް ނެތުން ބައެއްފަހަރު މާއަވަސްވެފައި ކުއްލިއަކަށް ލަސްވެގެންދިއުން ނުވަތަ arrhythmia ހިތްބޮޑުވުން ނުނީ cardiomypoathy ފަދަ މައްސަލަތައް ހިމެނެއެވެ. ބަނގުރާބުއިމުން ބްލަޑް ޕްރެޝަރަށް ވާރުތަކުރައެވެ. އަދި މިބަލި އަލްކޮހޮލް-އިންޑިއުސްޑް ހައިޕަރ ޓެންސަން alcohol-induced hypertension ބަދަލުވެގެންދެއެވެ.

ބަނގުރަލަކީ ބަލިޖައްސާ ވަސީލަތެކެވެ. ބަނގުރާ ބުއިމުން  ބަލިތަކަށް ވާރުތަކޮށް ސެންޓްރަލް ނާވްސް ސިސްޓަމްއަށް ގެއްލުންދެއެވެ. ސިކުނޑީގެ މައްސަލަތައް މެދުވެރިވެހަނދާން ބަލިވެއެވެ. ބަނގުރާބުއިމަކީ ސްޓްރޯކްއަށް މަގުފަހިވެދާ ކަމެކެވެ. ބަނގުރަލުގެ ސަބަބުން އެތެރެހަށީގެ ގުނަންތައް ހަލާކުވެ އެތެރެހަށިން ލޭ އައުން މެދުވެރިވެއެވެ.

ބަނގުރާ ބޭނުންކުރުމުން ތަފާތު ސައިކޭޓްރިކް ނިޝާންތައް ފާޅުވެ ބަނގުރާބޯ މީހުންގެ ޕެރިފެރަލް ނާވްސް peripheral nerves އަށް ބަލިޖެހެއެވެ.

ބަނގުރަލުގެ ބުއިންތައް ބުއިމުން ވޮލަންޓަރީ މަސްފައްތަކުގެ ބާރު، އަލުން އަނބުރާ ގެނެސްނުގަނެވޭވަރަށް ދެރަވެ ޖިންސީ ނުކުޅެދުންތެރިއަކަށް ބަދަލުވެގެން ދެއެވެ.

ބަނގުރާ ބުއިމުން ހަށިގަނޑު ހޫނުވެ ދާހިއްލައެވެ. އެއަށްފަހު ހަށިގަނޑުގެ ޓެމްޕަރޭޗަރ ދަށަށް ގޮސް Hypothermia ޖެހެއެވެ. އަދި އެންމެފަހުން މަރުވެއެވެ. އަލްކޮހޮލް ބޭނުންކުރުމުން oesophagus (ކާއެއްޗެތި ދަތުރުކުރާހޮޅި) އަށް ކެންސަރ ޖެހެއެވެ. އަދި ކްރޮނިކް ގެސްޓްރައިޓިސް chronic gastritis ޖެހެއެވެ. ބަނގުރާ ބޯމީހުންނަށް ކްރޮނިކް ޕޭންކްރިޓަައިޓިސް chronic pancreatitis ޖެހެއެވެ. އަލްކޮހޮލްގެ ސަބަބުން ގިނަގިނައިން ބޭރަށް ހިންގައެވެ. ބަނގުރާބޯ ކޮންމެ ސަތޭކަމީހެއްގެ ތެރެއިން ދިހައަކުން ފެށިގެން ވިހިމީހުނާ ދެމެދުގެ އަދަދަކަށް fatty infiltration hepatitis އަދި cirrhosis ފަދަ ބަލިތައް ލިވަރަށް ޖެހެއެވެ. ޖޯންޑިސް jaundice ޖެހި ބަނޑަށް ތަދުވެ އަދި ހަށިގަނޑުގެ ތަފާތުބައިތަކުގައި ފެންހެދެއެވެ. ފިރިހެނުންނަށް gynaecomastia ޖެހި testes ގެ ބާރުދެރަވެއެވެ. އަލްކޮހޮލިކް ލިވަރ ޑިޒީޒް ޖެހިފައި ތިބޭ އަންހެނުންނަށް މަސްވަރު ޖެހުމުގައި މައްސަލަތަކާ ދިމާވެއެވެ. އަދި ފިރިހެނުންގެ ގައިގާ ހުންނަ ސިފަތައް ނުވަތަ ނިޝާންތައް ފާޅުވެއެވެ. އަލްކޮހޮލިކް ލިވަރ ޑިޒީޒް ޖެހުމުން ޑަކުޓަރުން އެމީހަކާއިމެދު އުންމީދު ކަނޑާލައެވެ. ބަނގުރާބުއިމުން ޖިންސީ ނުކުޅެދުންތެރިކަމާއި އެހެނިހެން އޮޅުންބޮޅުންތަކާ ފިރިހެނުންނާކުރިމަތިވެއެވެ.

ބަނގުރާ ބޯ އަންހެނުން ވިހާދަރިފުޅަށް fetal alcoholic syndrome (FAS) ޖެހި އެކުދިންގެހަށިތައް އައިބުވެ ބަސްމޮށުންތެރި  ކަމާއި އިވުމުގައި މައްސަލަތައް ހުންނަކަން ފާހަގަކުރެވޭނެއެވެ.

ބަނގުރާ ބޯމީހަކު ކުއްލިއަކަށް ބަނގުރާ ބުއިން ހުއްޓާލުމަކީ ދަތި ނުރައްކާތެރިކަމެކެވެ. އެފަދަމީހުން ބޯމިންވަރުމަދުކޮށްލުމުން anxiety، fits  ނިދުމުގައި މައްސަލަތަކާއި  delirium tremens (TD) ފަދަ ފުރާނައާ މެދު ބިރުގަންނަންޖެހޭ މައްސަލަތައް ކުރިމަތިވެދާނެއެވެ.

ބަނގުރާ ބޯމީހެއްގެ ކިބައިން މަސައްކަތުގެ ދާއިރާއިން ފެނިގެންދާނީ އޭނާގެ ނާގާބިލުކަން އިތުރުވެ ކުރާމަސައްކަތުގެ ފެންވަރު ދަށްވެ މަސައްކަތައް ނާންނަ ދުވަސްތައް ގިނަވަމުން ދާތަނެވެ. އެކްސިޑެންޓްތައްވެ މަސައްކަތުން ސަސްޕެންޑް ކުރާތަނެވެ.

އޭނާގެ ޢާއިލާގެ ތެރެއިން ފެނިގެންދާނީ ދެބަސްވުންތަކާއި ޒުވާބުތައް އިތުރުވެގެން ދިއުމާ ތިމާގެ ޢާއިލާ އިހުމާލުކުރެވުމާއި ޢާއިލާތެރޭ މާރާމާރީ ހިގުމާއި ގެއިން ފިލައިގެން ދިއުމާއި އެއްވެސްކަމެއް ގަބޫލުނުކުރާ މަންޒަރެވެ. އިޖުތިމާއީގޮތުން ފެނިގެންދާނީ ރައްޓެހިންނާއި ދުރުހެލިވުމާއި އިޖުތިމާއީ އަގުތަކަށް އެއްވެސް ބެލުމެއްނެތިކަންކުރުމާއި ތިމާގެ ޙުރުމަތް އެހެންމީހުންގެ ކުރިމަތީވެއްޓިގެން ދާތަނެވެ. ތިމާގެ މަގާމު ގެއްލި އެމީހުނާ ދުރުހެލިވުމެވެ. މީހުންގެ އަތުން ތާއަބަދު ދަރަންޏަށް ތަކެތި ހޯދަންޖެހުމެވެ. މީހެއްގެ ނަފުސުގައި ހުންނަ ކުޅެދުންތެރިކަން ނެތިގެންދިއުމެވެ. ޤާނޫނީ ގޮތުން އެމީހަކު އަބަދު ޤާނޫނާއި ޤަވާޢިދާ ޚިލާފު ވެފައެވެ. މަސްތުގެ ހާލުގައި ތަކެތި ދުއްވުމެވެ. ކުދިކުދި ކުށްތަކާއި ވައްކަން ކުރުމެވެ. ކްރިމިނަލް ގޭންގުތަކާއި ގުޅުމާއި މައްސަލައަކަށް ފަހު މައްސަލައެއް ކޯޓްގައި ފައިލް ކުރެވިގެން ދިއުމެވެ.

މި ނުރައްކާތެރި ޑްރަގާއި ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުގަ ޑި އެޑިކްސަން ޕްރޮގްރާމްސްތައް ހިންގައެވެ. އެއްވެސް ޤައުމެއްްގައި ނޮން އެޑިކްސަން ޕްރޮގްރާމެއް ހިންގާކަން އެނގިފައެއް ނުވެއެވެ.

އެންމެފަހުން ކުރެވޭ ބިރުވެރި ސުވާލަކީ މީހުން، ހަށިގަނޑަށް ގެންލުން ދޭތަކެތި ބޭނުންކުރަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. ޤައުމުތަކުން ރެވިނިއު ހޯދުމަށް އަލްކޮހޮލް ވިއްކަނީ ކީއްވެތޯއާއި އެހޯދާ ރެވްނިއުއިން އަލްކޮހޮލްއާ ގުޅުންހުރި ބަލިތަކަށް ފަރުވާކުރުމަށް ޚަރަދުކުރަނީ ކީއްވެގެންތޯ ޑރ. އަރުވީތި ރަމަޔޮގައި ސުވާލުކުރައްވައެވެ.

(މަޢުލޫމާތު ހޯދާފައިވަނީ 6 ފެބްރުއަރީ 2011 ދުވަހު ”ދަ ހިންދޫ“ ދުވަހު ނޫސްގައި، އަންދުރަ ޕަރުދޭޝް/އިންޑިއާ ގެ ފޯމަރ އެޑިޝަނަލް ޑައިރެކްޓަރ Dr.Araveeti Ramayogaiah  ލިޔުއްވާފައިވާ “Alcohol too is injurious to health” މަޒުމޫނުންނެވެ.)

ޝެއަރކުރެއްވުމަށް