މި ލިޔުމުގައި މިބަލާލަނީ، [އިސްލާމްދީނާއި ޓެރަރިޒަމް] މި މައުޟޫއަށް އިންސާފުކުރެވޭތޯއެވެ. މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވާނީ، އިސްލާމްދީނާއި ޓެރަރިޒަމްއާ ގުޅުމެއްވޭތޯ ބެލުމަށާއި، ދީނީގޮތުން ހައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، އޭގެ ސަބަބުން ޓެރަރިޒަމްއަށް މަގުފަހިވެގެންދާގޮތުގެ މައްޗަށެވެ. މިލިޔުން އެކުލަވާލުމުގައި، ކީރިތި ޤުރުއާނާއި، ސުންނަތާއި، އަދިވެސް މި މައުޟޫއާގުޅޭގޮތުން އިސްލާމީ އުންމަތުގެ ޢިލްމުވެރިންގެ ބަޙުޘްތަކާއި، ކަމާގުޅޭ އެކިއެކި ލިޔުންތައް ދިރާސާކޮށް، ހަވާލާދެވިފައިވާނެއެވެ.

ހައްދުފަހަނައަޅާދިއުމާއި ޓެރަރިޒަމް

ޓެރަރިޒަމްގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން މެދުވެރިވަނީ، ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުންކަމަށް ވަރަށްބޮޑަށް ބަޙުޘްކުުރެވެއެވެ. ދުނިޔޭގެ އަދުގެ މަސްރަޙަށް ނަޒަރުހިންގާއިރު، އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އިސްލާމް ދީނުގެ ހައްދު ފަހަނައަޅާފައިވާ ޖަމާޢަތްތަކަށް، ޓެރަރިސްޓުންގެ ގޮތުގައި އިނގިލި ދިއްކުރެވޭ ކަމެވެ.  ޚާއްޞަގޮތެއްގައި ފާހަގަކުރެވެނީ، 2001 ގެ ސެޕްޓެމްބަރުމަހުގެ 11 ގައި އެމެރިކާގެ ޓްވިން ޓަވަރަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން، އިސްލާމް ދީނާއި، ހައްދުފަހަނައަޅައިދިއުމާއި ޓެރަަރިޒަމާގުޅުވުމަށް، ދީނީގޮތުންނާއި، ސިޔާސީގޮތުން އެކިފެންވަރުގައި މަސައްކަތްތައް ކުރެވޭ މަންޒަރެވެ. އެހެންކަމުން، ޓެރަރިޒަމް ހުއްޓުވުމަށް ކުރެވޭ ކޮންމެކަމެއްގައި، އެންމެ އިސްކަމެއް ދެވެނީ، ދީނުގެ ނަމުގައި ހަރަކާތްތެރިވާ މިފަދަ ޖަމާޢަތްތަކާއި ގްރޫޕްތަކުގެ ޢަމަލުތައް މައިތިރިކުރުމަށެވެ. މިކަން ކުރުމަށްޓަކައި، ހައްދުފަހަނައަޅައި ދިއުމަށް މެދުވެރިވާ ސަބަބުތައް އެނގެން ޖެހެއެވެ. މިހާހިސާބުން މިބަލާލަނީ، ހައްދުފަހަނަ އަޅައިދިއުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

ހައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ސަބަބުތައް

އިސްލާމީ އުންމަތުގެ އަދުގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ޔޫސުފުލް ޤަރްޟާވީ ވިދާޅުވާގޮތުން، ހައްދުފަހަނަ އަޅައި ދިއުމަކީ، ’ކުއްލިއަކަށް އުފެދޭ ކަމެއ’ް  ނޫންކަމުގައެވެ. އަދި އެއީ، އެންމެ ކަމެއްގެ ސަބަބުން ދިމާވާ، ނުވަތަ ގުޅިފައިވާ ނުވަތަ ލާމެހިފައިވާ ތަފާތު ގިނަ ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވާ ނުވަތަ ނުކުންނަ ނަތީޖާއެކެވެ.

ދީނީ ޢިލްމު އެންމެ އެކަށީގެންވާ ގޮތުގައި، ރަސްމީ ސިފައެއްގައި ނުދެވުމަކީ، ހައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ވަރަށް މައިގަނޑު ސަބަބެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.  ދުނިޔޭގެ އެކި ޤައުމުތަކުގައި، ސަރުކާރުގެ ރަސްމީ ދިރާސީ ނިޒާމުގެ ބޭރުން، ވަކިވަކިން ސިއްރުވެރިގޮތުގައިވެސް، އިސްލާމީ ތަޢުލީމު، ވަކި ފިކުރަކަށް ލެނބޭގޮތަށް ހަރުކަށި ޚިޔާލުތައް އަށަގަންނާނޭފަދައިން، އުނިއިތުރު ގެނެސްގެން ފޯރުކޮށްދެމުން ދެއެވެ. މިފަދަ ހާލަތްތަކުގައި، ހައްދުފަހަނައަޅާފައިވާ މީހުންނަށް ތެދު މަގު އުނގަންނައިދީ އެމީހުންނާއި ޢިލްމީގޮތުން ބަޙުޘްކުރުމުގެ ބަދަލުގައި އެމީހުންނަށް ހަރުކަށި އަދަބުތައް ދިނުމަކީވެސް ހައްދުފަހަނައަޅާފައިވާ މީހުން އިތުރުވުމުގެ ބޮޑު ސަބަބެކެވެ.  އަދި ބައެއް ފަރާތްތަކުން، ރަސްމީ ތަޢުލީމެއް ނެތި، ދީނީ ފޮތްތަކާއި، ޤުރުއާން ތަރުޖަމާއާއި ސުންނަތުގެ ފޮތްތައް އަމިއްލައަށް ކިޔައި ޝަރުޢީ ޙުކުމްތައް އަމިއްލައަށް މާނަކޮށް ހެދުމުގެ ސަބަބުންވެސް، ހަރުކަށި ޚިޔާލުތައް އުފެދެން މެދުވެރިވެއެވެ. އެހެންކަމުން، ރަސްމީ ރަނގަޅު ދީނީ ތަޢުލީމެއް ފޯރުކޮށް ނުދެވުމަކީ، ހައްދުފަހަނައަޅައިދިއުމަށް މެދުވެރިވާ ވަރަށް މައިގަނޑު ސަބަބެކެވެ.

މީޑިއާއަކީވެސް، ހައްދު ފަހަނައަޅައި ދިއުން އިތުރުކޮށް، އެކަން ކުރިއަރުވައިދޭން މަގުފަހިކޮށްދޭ ވަސީލަތެކެވެ. އެހެނީ، އިންޓަރނެޓް ފަދަ ވަސީލަތްތަކުގައި، ތަފާތު ގިނަ ސައިޓުތަކެއް، އެހެން ދީންތަކުގެ މީހުންނާ ނަފުރަތުކުރުވުމަށާއި، ހަރުކަށި އަދި ލާއިންސާނީ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭ ގޮތްތަކާއި ވިސްނުންތައް ހާމަކޮށް ފާޅުކުރަމުންދެއެވެ. ނަތީޖާއަކަށް ވެގެންދަނީ، އެއްވެސް ކޮންޓްރޯލެއްނެތި، މިފަދަ ތަކެތި ކިޔާމީހުން ހަރުކަށި ޚިޔާލުތަކަށް އެމީހުންގެ ވިސްނުން ކަސިޔާރުކޮށްލުމެވެ. މީގެ އާޚިރު ނަތީޖާއަކީ، ހައްދުފަހަނަ އަޅައިދިއުމެވެ.

މިފަދަ ޖަމާޢަތްތަކުގެ ނުވަތަ ވިސްނުންތަކަށް ބޯލަނބާ މީހުންނަށް ވިސްނޭގޮތުގައި އެމީހުން ނޫން ދެންތިބޭ (އެމީހުންގެ ވިސްނުމަށް ތަބާވާމީހުން ފިޔަވައި) މީހުންނަކީ ކާފަރުންނެވެ. މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު މައްސަލައެކެވެ. މީގެ ސަބަބުން، އަސްކަރީ ބާރުތަކުގެ އިތުރުން، މައުސޫމު މަދަނީންނަށް (އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން) ހަމަލާތައް ދޭން އެބައިމީހުން ފަހެއް ނުޖެހެއެވެ. އަދިވެސް ފާހަގަކުރެވޭ އަނެއްކަމަކީ، ޚުދުމުޚުތާރުވެރިކަމާއި، އަނިޔާވެރިކަމާއި، ޚިޔާނާތް ތަނެއްގައި މާގިނަވެއްޖެނަމަވެސް، ހައްދުފަހަނައަޅައިދިއުމަށް މަގުފަހިވާކަމެވެ. އެހެނީ، ދީނާއި ދައުލަތް ވަކިވެގެންގޮސް، ސިޔާސަތުތަކަށް އަންނަ ބަދަލުތަކާގުޅިގެން، ދީނަށް ނޭދެވޭ އަސަރުތައް ކުރާ ދަނޑިވަޅުތަކުގައި ދީނީ ޢިލްމުވެރިންގެ ދަރުސްތައް ވަރަށް ވިސްނައިގެން ނުދީފިނަމަ، ހަރުކަށިކަން މުޖުތަމަޢުގައި އަށަގަނެއެވެ. އެހެނީ، އެފަދަ ހާލަތްތަކުގައި، ހަރުކަށި ޚިޔާލުގެ ޖަމާޢަތްތަކާއި، ގްރޫޕުތަކުން ބަލާނީ އެ ވެރިކަމަކާ ދެކޮޅުހަދައި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް، ގިނަފަހަރަށް އެމީހުންނަށް ނޭނގިތިއްބާ، އެމީހުންގެ މި މަސައްކަތް ބަދަލުވެގެންދަނީ، ލާއިންސާނީ ހަރަކާތްތަކާއި ޖަރީމާތައް ހިންގާ، ދީން މަނާކުރާ އެތައް ހަމަލާތަކެއް މައުސޫމް ރައްޔިތުންނަށް ލިބިގެންދާ ހަރަކާތްތަކަކަށެވެ.

ދީނުގެ ނަމުގައި ހިންގާ ހަރަކާތްތަކެއް ކަމަށްވާތީ ގިނަ ފަހަރަށް މިފަދަ ހަރަކާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުތަކުން ނުކުޅެދެއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ދީނީ އެއްބައިވަންތަކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތައް އެންމެ އެކަށީގެންވާ ގޮތުގައި ޒަމާނަށް ފެތޭނެގޮތަށް ތަންފީޛުކުރުމަށް ނުކުޅެދުމެވެ. ދިވެހިރާއްޖެއަށް ބަލާއިރުވެސް، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނަކީ 1994 ގައި އެކުލަވާލެވުނު ޤާނޫނެކެވެ. އެހެންކަމުން، އެންމެ އެދެވޭގޮތުގައި، މުޖުތަމަޢުގައި މިހާރު ހިނގާ ކަންތައްތަކަށް މިޤާނޫނުން ތަސައްލީއެއް ލިބޭކަމަކަށް ނުފެނެއެވެ.

ދުނިޔޭގެ މޫނުމައްޗަށް ފެންނަ ގޮތުގައި، ހުޅަނގުގެ ޤައުމުތަކުން، ހަތިޔާރު އެޅި އިސްލާމީ ޖަމާޢަތްތަކަށް ޓެރަރިޒަމްގެ އިނގިލި ދިއްކުރާއިރު، އެ ޖަމާޢަތްތަކަށް ހަތިޔާރު ލިބެނީ ކިހިނެއްތޯ ބަލަންޖެހެއެވެ. މިކަމުގައި ދެ ކަމެއް ފާހަގަކުރަންޖެހެއެވެ. އެއީ، ހަތިޔާރު ހޯދުމާއި، ހަތިޔާރު ހޯދުމަށް ފައިސާ ލިބޭގޮތެވެ. މިފަދަ ޖަމާޢަތްތަކަށް މާލީ ގޮތުން އެހީތެރިވާ ގިނަ ބަޔަކުވެއެވެ. މިސާލަކަށް، އުސާމާ ބިން ލާދިން އަކީ ސަޢޫދީ މަހުޖަނެކެވެ. އޭނާ އަލްޤާއިދާއަށް އެތައް ހޭދައެއް ކުރެއެވެ. އަދިވެސް، އަފްޣާނިސްތާނާއި ޕާކިސްތާނުފަދަ ޤައުމުތަކުގައި، ހަތިޔާރު ހޯދުމަށް މަސްތުވާތަކެތި ވިއްކުމާއި އެހެނިހެން ގޭންގު ޖަރީމާތައް ހިންގައިގެން، އެކި ޤައުމުތަކުގައި މިފަދަ ޖަމާޢަތްތަކުގެ ވިސްނުމަށް ބޯލަނބާ މީހުންނަށް ފައިސާދީ މާލީގޮތުން ވިޔަފާރިތައް ކޮށް، ތަނަވަސް ކޮށްދެއެވެ. ނަތީޖާއަކަށްވަނީ ގިނަ ބަޔަކު ފައިސާގެ ދަހިވެތިކަމުގައިވެސް މި މަޅީގައި ޖެހުމެވެ. އަދި ހަމަލާތަކަށް ދަތުރުތައްކުރުމާއި ހަތިޔާރުތައް ގަތުމެވެ. މިފަދަ ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގައި މިކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ދައުރުވެސް ވަރަށް ބޮޑެވެ. އެހެނީ މިކަމުގައި އެފަރާތްތަކުގެ ވިޔަފާރި މަޞްލަޙަތު ހިމެނޭތީއެވެ. 

ހުޅަނގުގެ ޤައުމުތަކުގައި މުސްލިމުންނާދޭތެރޭ ގެންގުޅޭ ތަފާތުކުރުމުގެ ކަންތަކާއި، އިސްރާއީލުން ފަލަސްޠީނުގެ މައުސޫމް މަދަނީންނާ ދޭތެރޭ ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންވެސް ތަފާތުގިނަ މައްސަލަތައް ކުރިމަތިވެއެވެ.

ޓެރަރިޒަމާއި އިސްލާމްދީނާއި ގުޅުމެއް ވޭތަ؟

އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުމެއްވޭތޯ ކުރެވޭ ބަޙުޡަކީ ވަރަށް ހޫނު ބަޙުޘެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ބައިނަލްއަޤްވާމީ އެކިއެކި މަޖިލިސްތަކާއި ޖަލްސާތަކާއި، މަހާސިންތާތަކުގައި، މި މައުޟޫއަށް އެއްކޮޅަށާއި ދެކޮޅަށް ގިނަ ބަޙުޘްތަކެއް ކުރެވެއެވެ. ހުޅަނގުން ކުރާ ތުހުމަތުތައް އިސްލާމީ ޤައުމުތަކުން ނަފީކުރެއެވެ.

އިސްލާމް ދީނަކީ، ފަހަރެއްގައިވެސް ހަރުކަށިކަމާއި ހައްދުފަހަނައަޅައިދިއުމަށް ބާރުއަޅާ އަދި ތަރުޙީބުދޭ ދީނެއް ނޫނެވެ. މިކަން ސިފަކުރައްވަމުން އަލްއަޒުހަރު ޔުނިވަރސިޓީގެ ކުރީގެ ޝެއިޚުލްއަޒްހަރު އައްޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ 11 ޖުލައި 2003 ގައި މެލޭޝިޔާގައި އޮތް އިސްލާމީ ޢިލްމުވެރިންގެ ބަޙުޘެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގައިވާ ޖިހާދާއި ހައްދުފަހަނައަޅައިދިއުމާ ހުރި ތަފާތަކީ، އުޑާއި ބިމާހުރި ތަފާތެއް ކަމުގައެވެ.

ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 32 ވަނަ އާޔަތާއި، އާލްއިމްރާނު ސޫރަތުގެ 133 ވަަނައާޔަތާއި 134 ވަަނަ އާޔަތާއި، އައްނަހުލު ސޫރަތުގެ 125 ވަނަ އާޔަތުންފެށިގެން 128 ވަނަ އާޔަތާހަމައަށް، އަދި އައްނިސާ ސޫރަތުގެ 135 ވަނަ އާޔަތާއި، އައްޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުން ފެށިގެން 43 ވަނަ އާޔަތާހަމައަށް، އަދި ސޫރަތުލްޔޫނުސްގެ 26 ވަނައާޔަތާއި 27 ވަނަ އާޔަތުގައި، ކުށެއްނެތި މީހުން މެރުމާއި، މީހުންނަށް ގެއްލުން ދިނުމަކީ މަނާކަމެއް ކަމާއި، އިސްލާމްދީން ނަފްރަތު ކުރާކަމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، އިސްލާމް ދީނަކީ، ހައްދުފަހަނައަޅައިދިއުމާއި، ޓެރަރިޒަމަށް ބާރުއަޅާ ދީނެއްކަމަށް ބުނާނޭ ޖާގައެއް ނެތެވެ.

އަދި ސުންނަތަށް ބަލާއިރު، ކީރިތި ރަސޫލާ ވަނީ، ހަނގުރާމައިގައި ވެސް އަންހެނުންނާއި ކުޑަކުދިން މެރުން މަނާ ކުރައްވާފައެވެ.  މުސްލިމުންނާއި ސުލްޙަވެގެންއުޅޭ ކާފަރުން ނުމެރުމަށާއި،  ތަންތަނުގައި ހުޅު ނުޖެހުމަށާއި،  އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ނުހިންގުމަށް އަމުރު ކުރައްވާފައިވެއެވެ.

އެހެންކަމުން، އިސްލާމް ދީނަކީ، ސުލްޙަ މަސަލަސްކަމާއި، ސަމާޙަތުގެ ދީންކަމާއި، މީހުންގެ ފުރާނައާއި މުދަލާއި ގޮވަތި ގެދޮރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެހި ކަމާއި، އެކަންކަމަށް އިޙްތިރާމްކުރުމަށާއި، ރައްކާތެރިވުމަށާއި އެއްވެސް ގެއްލުމެއް ނުދިނުމަށް އިސްލާމް ދީން ބާރުއަޅާކަމަށް ދީނީ ފަތްފުށްތަކަށް ބެލުމުން އެނގެއެވެ.

އިސްލާމީ އުންމަތް މިއަދު ޤަބޫލުކުރާގޮތުގައި ޓެރަރިޒަމްއަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއްވާ އެއްޗެއްނޫނެވެ. ޔުނިވަރސިޓީ އޮފް ޖޯޑަންގެ ފަރާތުން ހައްދުފަހަނައަޅައިދިއުމާބެހޭގޮތުން މިޞްރުގައި ސާރވޭއެއް ކުރިއެވެ. އަޣުލަބިއްޔަތު ތާޢީދުކުރީ، އެއީ އިސްލާމްދީނާ އެއްވެސް ގުޅުމެއްވާ އެއްޗެއް ނޫންކަމުގައެވެ.

އެހެން ނަމަވެސް، ހުޅަނގުގެ ޤައުމުތަކުންދަނީ، ޓެރަރިޒަމްއަކީ އިސްލާމްދީނާ ގުޅުންހުރި، އިސްލާމްދީން ބާރުއަޅާ އެއްޗެއްކަމަށް ބުނެ ވަކާލާތުކުރަމުންނެވެ.  އެހެންނަމަވެސް، ފާހަގަކުރެވޭ ކަމަކީ، އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު، ދީން ރަނގަޅަށް ނޭނގިތިބެ ދީނުގެ ނަމުގައި ލާއިންސާނީ ޢަމަލުތަކެއް ހިންގި ނަމަވެސް، އެއީ ދީނުގައި އަންގަވާފައިވާ ގޮތްކަމަށް ހެދޭނޭ އެއްވެސް ހަމައެއް ނެތްކަމެވެ. މިއުޞޫލުން ބަލާއިރު، ހުޅަނގު ޤައުމުތަކާއި، އިސްލާމްދީނަށް ރައްދުދޭ ކާފަރުންގެ ޒުވާބުތައް ބާޠިލްކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ.

ނިންމުން

ހަވާލާ ދެވުނު ދިރާސާތަކުން އެނގި ހާމަވެގެންދަނީ، އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުމެއް ވާކަމަށް ސާބިތުކުރުމަށް، ހުޅަނގުންނާއި ކާފަރުން އެތައް މަސައްކަތެއް ކުރަމުން ދާކަމެވެ. އަދި މިކަމަށް ފުރިހަމައަށް ރައްދުދީ، މުސްލިމުންގެ މޫނުގައި ޖެހިފައިވާ މި ލައްގަނޑުން ސަލާމަތްވުމަށް، އިސްލާމީ އުންމަތްވަނީ ނުކުޅެދިފައެވެ. މިކަމަށް ފުރިހަމަ ޙައްލެއް ގެނައުމަށް، ހުޅަނގުން ބުނާހާ ގޮތެއް ނުހަދައި، ޤައުމުގެ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާކުރުމާއި، ދީނީ ތަޢުލީމު ރަނގަޅު މުޤައްރަރެއްގެދަށުން ދިނުމާއި، ދީނީ ދަރުސްތަކުގައި މިކަމަށް ގިނައިން އަލިއެޅުވުން މުހިންމެވެ. އެހެނީ، އިސްލާމްދީނަކީ، ޓެރަރިޒަމާ އެއްވެސް ގުޅުމެއްވާ ދީނެއެް ނޫނެވެ. އިސްލާމްދީނަކީ، އެދީނުގެ ނަމުންވެސް ދޭހަވާފަދައިން، ސަލާމަތްތެރިކަމާއި ސުލްޙައިގެ ދީނެވެ.

ރިފަރެންސް

  • ޑޭވިޑް ޝެފަރ އިސްލާމް އެންޑް ޓެރަރިޒަމް: އަ ހިޔުމަނިސްޓް ވިއު، ދަ ހިޔުމަނިސްޓް، ވޮލިއުމް 62، އިޝޫ 3.
  • ކޯޒަޒް އޮފް އެކްސްޓްރީމިޒަމް، އަލްްއުއްމަ، އޯގަސްޓް 1982.
  • އައިބިޑް. ޗެޕްޓަރ 2 ، ޕެރަ 2.
  • މުޙައްމަދު ލަމީން ކިތާބް، ދަ މެއިން ކޯޒަޒް އޮފް އެކްސްޓްރީމިޒަމް.
  • މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދީނީގޮތުން ހައްދުފަހަނައަޅައިދިއުން: ސަބަބުތަކާއި ޙައްލުތައް.
  • ކޯޒަޒް އޮފް އެކްސްޓްރީމިޒަމް، އަލްްއުއްމަ، އޯގަސްޓް 1982.
  • އާރމްސް އެންޑް ދަ ޓެރަރިސްޓް، ދަ ޖާރނަލް އޮފް އިންޓަރނޭޝަނަލް ސެކިޔުރިޓީ އެފެއަރޒް، ފޯލް 2009.
  • ޞަޙީޙް މުސްލިމް، ޙަދީޘް ނަންބަރު: 1744، އަދި ޞަޙީޙް އަލްބުޚާރީ، ޙަދީޘް ނަންބަރު: 3015.
  • ޞަޙީޙް އަލްބުޚާރީ، ޙަދީޘް ނަންބަރު: 3166، އަދި އިބްންމާޖާ، ޙަދީޘް ނަންބަރު: 2686.
  • އަބޫދާއޫދް، ޙަދީޘް ނަންބަރު: 2675.
  • ދަ ވޮޝިންގޓަން ޓައިމްސް، 19 ފެބްރުއަރީ 2010.
ޝެއަރކުރެއްވުމަށް