ދިވެހި ރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެން ފެށިގެން، ރާއްޖެ ދިފާޢު ކުރުމުގެ މަސްއޫލިއްޔަތު އުފުލާބަޔަކު ތިބޭނޭކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެގޮތުން އޭރު އޮތް ދިފާޢީ ލަޝްކަރުގެ ވާހަކައަށް ބާލާއިރު ތަފާތު ލިޔުންތަކުން ދިވެހި ލަޝްކަރެއްގެ ވާހަކަ އައިސްފައި ވާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ އެކިއެކި ބާރުތަކުން އިންޑިޔާކަނޑުގައި ހިންގި ގަދަފަދަ ކުރިމަތިލުން ތަކުގައި މިޤައުމުގެ ދީނާ މިނިވަންކަމާ ސިޔާދަތައްޓަކައި ވަރަށް ގިނަ ހަނގުރާމަތަކެއް އެލަޝްކަރުން ކޮށްފައިވާކަން ތާރީޚުން ސާބިތު ވެއެވެ. ދިވެހިންނާއި ކުރިމަތިވި އެފަދަ ކަންކަމާ ގުޅިގެން ދިވެހީންގެ ކިބައިން ފެނިގެންދިޔަ ހިތްވަރާ ފަންވަރު ލިޔުންތަކުން މިއަދުވެސް ފެންނަން ހުރިކަން ޤަބޫލު ކުރެވެއެވެ.

ކުރީގެ ތާރީޚީ ބޯދާ ލިޔުންތަކުން އެނގޭގޮތުގައި، ސިފައިން އުފެދުމުގެ ކުރިން ދިވެހިންގެތެރޭގައި ދިފާޢީ ބާރެއް އޮތެވެ. އެއީ ދިވެހި ލަޝްކަރެވެ. އެލަޝްކަރުގެ އެންމެ މަތީ ވެރިއަކީ، ރަސްކަމުގެ މަޤާމުގައި ހުންނަވައި ލަޝްކަރަށް އަމުރުކުރައްވާ އެންމެއިސް ކޮމާންޑަރެވެ. މިހާރުގެ ބަހުން ދަންނަވާނަމަ ކޮމާންޑަރ އިން ޗީފް އެވެ. މިކަން ދާދި ފަހަކާ ޖެހެދެންވެސް، އަދި މިހާރުވެސް އޮތީ މިފަދަ އިންނެވެ. ޝަހީދު ޢަލީރަސްގެފާނުގެ ޒަމާނަށްބެލިޔަސް، އަދި އޭގެ ދުއިސައްތައެއްހާ އަހަރުފަހުން މީލާދީން 1767ން 1773 ށް ރަސްކަމުގައި ހުންނެވި އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީނު (ހާޖީބަންޑާރައިން)ގެ ހަނގުރާމައަށް ބެލިއަސް މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ހާޖީ ބަންޑާރައިގެ ހަނގުރާމައިގައި އެރަދުންވެސް ޢަމަލީ ގޮތުން ބައިވެރިވަޑައިގެންނެވިކަން އެނގެއެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ އޮތް  ދިވެހި ލަޝްކަރު ރޭވިފައިވާ ގޮތަށް ބަލާއިރު، އެނގެނީ ބެހިފައި އޮތީ ދެބަޔަކަށް ކަމެވެ. އިސްތިންވަރާ ފަސްތިންވަރުގެ މައްޗަށެވެ. ކުރީގައި ރަދުން ތަންތަނަށް ވަޑައިގަންނަވާއިރު ޢިއްޒަތުގައި ރުކުރުވާ ލެވިފައި އޮންނަ “ދެބައި ލަޝްކަރިން“ ގެގޮތުގައި ކިޔޭ ދެބަޔަކީ އިސްތިންވަރާ ފަސްތިންވަރަށެވެ.  އިސްތިންވަރަށް ބަލާއިރު އިސްތިންވަރުގައި ތިންވަރެއް އޮވެއެވެ. އެއީ “ ދޮށިމޭނާވަރު، ހަކުރާވަރު، ވެލާނާވަރު“ މިތިންވަރެވެ. ފަސްތިންވަރުގައިވެސް އޮންނަނީ “ފާމުދޭރިވަރާއި، މާފަތްވަރާއި، ދަހަރާވަރު“އެވެ.

މިދެންނެވި ވަރުތަކާ ހަވާލުވެގެން ތިއްބަވާ ވެރިންނަށް ބޮޑު މުސްކުޅިން ނުވަތަ ވަޒީރުންނޭވެސް ކިޔައެވެ. ކީރިތި މަހާރަދުންގެ އެންގެވުމުގެ މަތިން ލަޝްކަރުގެ އެންމެ ހާކަންތައްތައް ހިންގަވަނީ މިބޭފުޅުންނެވެ. މިގޮތުގެ މަތިން ދޮށިމޭނާވަރުގެ ވެރިއަކަށް ހުންނަވަނީ ދޮށިމޭނާ ބޭކަލެކެވެ. ދޮށިމޭނާ ކިލެގެއަކީ ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ހަކުރާވަރުގެ ވެރިއަކަށް ހުންނަވަނީ ހަކުރާބޭކަލެކެވެ. އެއީ ހަކުރާ މަނިކުފާނެވެ. ވެލާނާވަރުގެ ވެރިއަކަށް ހުންނަވަނީ ވެލާނާ ބޭކަލެކެވެ. ވޭލާނާކަމަކީ ބޭރާބެހޭ ވަޒީރުކަމުގައިވެސް ވެއެވެ. އަދިމިއީ މިހާރުގެގޮތަށްނަމަ “ ޗީފް އެޑްމިރަލް“ ގެދަރަޖައިގައި ހުންނަވާ ބޭފުޅެކެވެ. ކަނޑުގެ އަރުމާދުތަކުގެ ވެރިޔާވެސް މެއެވެ. މާފަތްވަރުގެ ވެރިއަކަށް ހުންނަވަނީ މާފަތް ބޭކަލެކެވެ. މިއީ މާފަތް ތަކުރު ނުވަތަ މާފަތް ކިލެގެ ކަމެވެ. މިއީ ބޮޑުފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ފާމުދޭރިވަރުގެ ވެރިއަކަށް ހުންނަވަނީ ފާމްދޭރި ބޭކަލެކެވެ. މިއީވެސް ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ދަހަރާވަރުގެ ވެރިއަކަށް ހުންނަވަނީ ދަހަރާ ބޭކަލެކެވެ. މިއީ ދަހަރަދަ ކިލެގެ އެވެ. މިއީވެސް ފަންސަ ފުރަދާނަކަން ދެއްވާފައިވާ ބޭކަލެކެވެ. ފަންސަ ފުރަދާނަ ކަމަކީ ކުރީގައި ރަސްކަން ހިންގަވަން ތިއްބަވާ ފަސް ވަޒީރުން ދެވޭ ދަރަޖައެކެވެ. ބޮޑުފުރަދާނަ އަކީވެސް ވަޒީރުންގެ ދަރަޖައެވެ.

އުތީމު ބޮޑުތަކުރުފާނު ޕޯރޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު، ދިވެހި ލަޝްކަރު އެކުލަވާ ލެއްވުމުގައި ކުރިޔާ ތަފާތު ގޮތަކަށް ލަޝްކަރު ތަރުތީބު ކުރެއްވިކަން ފާހަގަ ކުރެވެއެވެ.  އެރަދުން ދިވެހި ލަޝްކަރު އެކުލަވާލުމުގައި ތިންބައަކަށް ބެއްސެވިއެވެ. ވަރުހަގުންނާއި ޢަސްކަރުންނާއި އައްތާރަ ފަނިންނެވެ. ވަރުހަގުން ކަމުގައި ހަމަޖެއްސެވީ ކުރިން އިސްތިންވަރުގެ ގޮތުގައި އޮތް ދޮށިމޭނާވަރު، ހަކުރާވަރު، ވެލާނާވަރެވެ. ޢަސްކަރުންގެ ގޮތުގައި ހަމަޖެއްސެވީ ވަރުހަނގުންގެ ތިންވަރާއި މާފަތްވަރާއި ދަހަރާ ވަރެވެ. މިފަސްކޮށި ނުވަތަ މިފަސްގެ އަށް އެކުގައި ކިޔަނީ ފަހޮޅިއެވެ. ދެން އޮތީ އައްތާރަ ފަނިންނެވެ. މިބައިގައި ހިމެނެނީ ފާމްދޭރިވަރެވެ. ރަދުންގެ އެންމެއަރިހުގައި މަސައްކަތް ކުރާ ދެގެދޭތެރެމީހުން މަސައްކަތް ކުރަނީ މިބައިގައެވެ. މިއިން ވަރެއްގައި ހިމެނުމަކީ އޮޅިމެދެއްގައި ވުމެވެ. ލަޝްކަރުގައި ހިމެނޭ ކޮންމެ މީހަކީ މިހާރު މިމުއައްސަސާގެ ކޮންމެ މީހަކަށް ސިފައިންގެ މީހެކޭ ކިޔާގޮތަށް ހަނގު ބޭކަލެކެވެ.

ލަޝްކަރުގެ މިތިންބައިގެ ވެރިންގެ ދަށުން މަސައްކަތް ކުރުމަށް ކުޑަމުސްކުޅިން އިސްކުރައްވާފައި ތިބެއެވެ. އެގޮތުން ވަރުހަނގުންގެ ތެރޭގައި 10 ކުޑަ މުސްކުޅިން ނާއި ޢަސްކަރުގައި 10 ކުޑަމުސްކުޅިންނާއި އައްތާރަ ފަނިންގެ ތެރޭގައި 7 ކުޑަމުސްކުޅިން ތިބެއެވެ. މިއީ އަތްދަށު ސަރުދާރުންނެވެ. އަދި މީގެ އިތުރުން މަސައްކަތު ސަރުދާރުން، ބުރުޒު ބަނޑޭރިން ވަޑިހަނގުބޭކަލުން އަދި ކުދިހަނގުބޭކަލުންވެސް ތިއްބަވައެވެ. ދިވެހި ލަޝްކަރުގެ ބައިތައް 1960ގެ އަހަރުތަކުގެ ތެރޭގައި އުވުމާހަމައަށް ޢަސްކަރު ކުސްކިޅުން އިސްވަރު ސަރުދާރުން ތިއްބެވިއެވެ. އަދި ބެރު ދުންމާރި ތާޅަފިލިވެރިންގެ ތެރޭގައިވެސް އެކިދަރަޖައިގެ ނަންކިޔޭ ބޭފުޅުން ތިއްބެވިކަން އެނގެއެވެ.  ދާދި ފަހަކާޖެހެންދެންވެސް ސިފައިންގެ މަޤާމްތަކަށް ކިޔަމުން އައީ ސިފައިންގެ ސަރުދާރު، 1 ނަމްބަރު ސަރުދާރު، 2 ނަމްބަރ ސަރުދާރު، 3 ނަމްބަރު ސަރުދާރު، 4 ނަމްބަރު ސަރުދާރު މިފަދައިންނެވެ. 1993 ވަނައަހަރު ޖެނުއަރީ 7 ގައި އަލްފާޟިލް ބާބާގޭ ދޮންމަނިކުވިދާޅުވެ ދެއްވި ގޮތުގައި،  އެންމެ ފަހުން އައްސުލްޠާނު މުޙައްމަދުފަރީދުދީދީގެ ރަސްކަމުގެ ދުވަސްވަރުގައި  މަޖިލީހަށް އަރާ ބޭކަލުންގެގޮތުގައި (މިހާރުގެ ގޮތަށް ބޮޑެތި ރަސްމިއްޔާތުތަކުގައިބައިވެރިވާ ދަރަޖައިގެބޭކަލުން) ތިއްބެވި ހަވަރުގެ ހަ ސަރުދާރުންނަކީ، ދޮށިމޭނާވަރު އިސްވަރު ސަރުދާރު ބާބާގޭ ދޮންމަނިކު، ހަކުރާވަރުގެ ސަރުދާރު މައިޒާންދޮށުގޭ ޙުސައިން ކަލޭފާނު، ވެލާނާވަރު ސަރުދާރު ކޮށީގޭ ޙުސައިކަލޭފާނު، ފާމުލަދޭރިވަރު ސަރުދާރު ކަނދިލި އިސްމާޢީލްމަނިކު، ދަހަރާވަރު ސަރުދާރު މާކޮށާރުގޭ މެދު ހޮއްކޮ، މާފަތްވަރުގެ ސަރުދާރު މަންދު ކުޑަ ޙަސަންމަނިކު އެވެ.

މިނިޒާމުގައި ލަޝްކަރުގެ މަސައްކަތް ހިނގަމުން އައީ މުޅިލަޝްކަރު 10 ކޮއްޓެއްގެ މައްޗަށް ބަހާލެވިގެންނެވެ. އަދި މި10 ކޮށިވެސް ތިންބަޔަކަށް ވަނީ ބެހިފައެވެ. އެއީ ބަޑި ކޮށީގެ ކޮށިތަކާއި އައްޑަނަ ކޮށީގެ ކޮށިތަކާއި ދަނޑިކޮށީގެ ކޮށިތަކެވެ. ބަޑިކޮށީގައި އޮންނަނީ ބަންޑާރަކޮއްޓާއި ފާދިއްޕޮޅު ކޮއްޓާއި ތުރުކީ ކޮއްޓާއި މޫދު ކޮއްޓެވެ. އައްޑަނަކޮށީގައި އޮންނަނީ ބަންޑާރަކޮށި، ފާލުކޮށި ހޮޅިކޮއްޓެވެ. ދަނޑިކޮށީގައި އޮންނަނީ އައްޑޫ ކޮށި ރަނަހަމާންތި ކޮށި، ބަބުރު ކޮއްޓެވެ. މިއިން ކޮންމެ ކޮއްޓަކީ މިހާރު ކިޔާގޮތުން ޕްލެޓޫނެއްކަމުގައި ވެއެވެ. 

އަލްމަރުޙޫމް ބާބާގޭ ދޮންމަނިކު ލިޔުއްވާފައިވާ “ދިވެހި އާދަކާދަ“ މިފޮތުގައި ވާގޮތުން އެންމެފަހުން  ތިއްބެވި ކުޅިކޮށީ އެދުރުބޭކަލުންނަކީ 5 ބޭކަލެކެވެ. އެބޭކަލުން ހަވާލުވެގެން ތިއްބެވި ކޮށިތަކާއި ނަންތައް ތިރީގައި އެވަނީއެވެ.

ބަންޑާރަކޮށީ އެދުރު ކަލޭފާނު – ކަކާގޭ ޢަބްދުﷲ ފާށަނާ ކިލެގެފާނު.

ރަނަހަމާންތި ކޮށީ އެދުރުކަލޭފާނު – އެއްގަމުގޭ ޢަބްދުﷲ ދީދީ.

ފާލުކޮށީ އެދުރުކަލޭފާނު – މާކަނާގޭ ކުޑަތުއްތު ދީދީ.

އައްޑޫކޮށީ އެދުރުކަލޭފާނު – އަލްމުޙުތަރަމް ދަނޑިކޮށީގޭ މޫސާ މަނިކު.

ހޮޅިކޮށީ އެދުރުކަލޭފާނު – އަލްމުޙުތަރަމް އެދުރުމަނިކު ދޮންމަނިކު.

ދިވެހި ލަޟްކަރަށް ފުރަތަމަ އުޖޫރަ  ދެއްވީ އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް ޢައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ލަޝްކަރުގެ މީހުންނަށް އުޖޫރައަކަށް ދެއްވާ އެއްޗަކީ، ބަނޑުހަނޑުލެވެ. ކިޔަމުން އައިސްފާވާ ގޮތުގައި ބަނޑުހަނޑުލަކަށް ދެއްވަނީ މަހަކު 24 ނާޅި ހަނޑުލެވެ.

ލަޝްކަރުގެ ބޮޑުބޭކަލުންނަށް  ބަނޑު ހަނޑުލުގެ އިތުރުން ބޮޑު ހަލާއި ހަނޑޫ މުޅިއެއް ދެއްވާ ކަމަށްވެއެވެ. އަދި ލަޝްކަރަށް ބަނޑުހަނޑުލުގެ އިތުރުން، ދެއްވާފައި އޮންނަ ރަށްތަކެއްވެސް އޮވެއެވެ. އޭގެ ތެރޭގައި މީހުން އުޅޭ ރަށްރަށާއި، މީހުން ނޫޅޭ ރަށްވެސް ހިމެނެއެވެ. މިރަށްތައް ޚާއްޞަ ކުރައްވާފައި އޮންނަނީ އެކި ދަރަޖަތަކަށާއި، އަދި ހަވަރަށެވެ. މިގޮތުން 8 ދަރަޖައަކަށް 42 ރަށް ކަނޑައަޅުއްވާފައިވެސް އޮވެއެވެ. ދިވެހިރާއްގައި 1892 ގައި ދިވެހި ސިފައިން އުފެދި ސިފައިންގެ ޚިދުމަތް ކުރިއަރާ ދިވެހި އަޝްކަރިއްޔާ އޭގެޒާތުގައި އަމިއްލައަށް ކުރިޔަށް ދިއުމުގެ ޤާބިކަންލިބި ހުއްޓިނެތި ހިނގާފަދަ ނިޒާމަކުން ޚިދުމަތް ދެވެން ފެށުމާހަމައަށް މިދެންނެވި ލަޝްކަރާއި ލަޝްކަރުގެ ބައިތައް ދެމިއޮތެވެ. ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާމު މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަން ނިމުމާއެކު މިދެންނެވި ލަޝްކަރުގެ މަސައްކަތްވެސް ނިމުމަކަށް އައިސް ޤައުމު ދިފާޢު ކުރުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެގެން ތިބީ މިއަދު މިދެކޭ ދިވެހި ސިފައިން ނެވެ.

ޝެއަރކުރެއްވުމަށް