ތަހުޒީބާއި ތަމައްދުންގެ ތެރެއަށް ނޭވާލެވެންފެށުމާ ގުޅިގެން ދުނިޔޭގެ ކޮންމެކަމެއް މިއަންނަނީ ތަރައްޤީވެ ކުރިއަރަމުންނެވެ. އެގޮތުން އެކިމަރުޙަލާތައް ކަޑައްތުކޮށް ލިޔުންތެރިކަންވެސް މިއަންނަނީ ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ދިވެހިންގެ މާދަރީބަސް [ދިވެހިބަސް] އުފެދިފައިވަނީ އެތައްބަހެއް މަސްހުނިވެގެންކަން ފަހުގެ ހޯދުންތަކުން އެގިހާމަވެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދިވެހިންގެ ލިޔުންތެރިކަމުގައި ކުރިން ލިޔެ އުޅުނު ގޮތައް ބަލާލުމުންނެވެ.
ދިވެހި ބަހުން ސިޓީއެއް ލިޔާއިރު އަރަބިއަކުރުން ނުވަތަ އޮރުދޫ އަކުރުން ލިޔަންޖެހޭ ކިތައްމެ ޖުމްލައެއް ހުރެއެވެ. އެއީ އެބަސްބަހުން ލިޔެވޭ ޖުމްލަތައް އަރަބިން ނުވަތަ އޮރުދޫއިން ލިޔެގެން ނޫނީ އޭގެ ފުރިހަމަ މާނަ ދޭހަވާގޮތަށް އެބަހެއް ލިޔަން އުދަނގޫ ވާތީއެވެ. އަދި މީގެ އިތުރުން އެކަމުގެ އެންމެ މުހިންމު މަޤްސަދެއްކަމުގައި ބެލެވެނީ ދިވެހި ބަހުގެ ތެރެއަށް ބޭރުގެ ބަސްބަހުންއައި ލަފުޒުތަކާއި ދިވެބަހުން އުފެދިފައި ހުރި ބަސްތައް އެއް އަކުރުތަކަކުން އެއްގޮތަކަށް ކިޔޭއިރު މަޚުރަޖުން އެބަހުގެ މާނަ ދޭހަވާ ބަސްބަސް ހުރުމުން ކޮންމެހެން އެފަދަ ބަސްބަހުގައި ތިކިޖަހަން ޖެހުމެވެ. މިގޮތުން ބަލާއިރު ޚަބަރު – ހަބަރު، ޢަމަލު- އަމަލު، ރޫޙު- ރޫހު، ރަޙުމަތްފުޅު- ރަހުމަތް ތެރިއެއް، ޢަސްކަރު ރުކުރުވާލެވިފައި- އަސްކަރު ދަމާލައިގެން މިފަދައިން ހުރިއެތައް ބަހެކެވެ. މިއިން ކޮންމެ ބަހަކީ އޭގެ ތަފާތު މާނައެއް ދޭހަވާ ބަހެއްކަން އެނގެއެވެ. ނަމަވެސް މިމޭރުމުން ބަލާއިރު ޤަލަމް، ޤައުމު، ފަޚުރު، ޤަރްނު، ބަޠޮލެއް މިފަދަ ބަސްބަހަކީ އެއަކުރުތަކާއި ފިލިތައް ބޭނުންކޮށްގެން ކިޔޭ އެހެންމާނައެއް ދޭހަވާ ދެވަނަ ބަހެއް ނެތް ބަސްބަސް ކަމަށްވާތީ އެފަދަ ބަސްބަހުގައި ތިކި ނުޖަހާ ބޭނުންކުރި ނަމަވެސް މާބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުފެނެއެވެ.
މިދެންނެވި ޙަޤީޤަތުގެ މައްޗަށް ބަލާއިރު އެއްވެސް އޮޅުމެއް ނެތް ގޮތުގައި އެނގެނީ، ތިކިޖެހި ތާނައަކީ ދިވެހި ބަހުގައި ހިމެނޭ ޢަރަބި އަކުރުތަކުގެ އަޑު، ނުވަތަ މަޚުރަޖު ނެރުމަށްޓަކައި ބައެއް ތާނަ އަކުރުތަކުގައި ތިކި ޖަހައިގެން އުފައްދާފައިވާ އަކުރުތަކެއް ކަމެވެ.
ދިވެހި ތާނާގައި އޮންނަ 24 އަކުރުގެ ތެރެއިން [ހ] އިން ފެށިގެން [ވ] އާ ހަމައަށް އޮންނަ ނުވަ އަކުރަކީ ޢަރަބި އަކައިގެ ނުވަ އަކުރުކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ދެވަނައަށް އޮންނަ ނުވަ އަކުރަކީ ( [މ] އިން ފެށިގެން [ޑ] އާ ހަމައަށް) ދިވެހި އަކައިގެ ނުވަ އަކުރު ކަމަށްވެސް އެފަރާތްތަކުން އިއްތިފާޤުވެއެވެ. ބާކީ އޮންނަ ހަ އަކުރަކީ ބޭރުން ވެއްދި ވިޔަނިތައް ކަމަށްވާ ޖ، ޗ، ޒ، ޓ، ޕ، ޔ މިއަކުރުތަކެވެ. ކަންމިހެން އޮތްނަމަވެސް 1957 ވަނަ އަހަރުގެ ތެރޭގައި ތާނަ ލިޔުމުގައި ބޭނުންކުރެވޭ ޢަރަބި އަކުރުގެ ބަދަލުގައި ބޭނުންކުރާނޭ ތާނަ އަކަތަކެއް ވުޒާރަތުލްމަޢާރިފުން ކަނޑައެޅުއްވިއެވެ. އެއީ އަޅުގަނޑު މިދަންނަވާ [ތިކިޖެހި ތާނަ] އެވެ.
އެ އަކުރުތަކަކީ:- ث –ޘ،ح –ޙ،خ –ޚ،ذ –ޛ، ص–ޞ، ض–ޟ، ط–ޠ، ظ–ޡ، ع–ޢ، غ–ޣ، ق–ޤ މިއެވެ.
ސުވާލަކީ މި އަކުރުތަކަކީ ދިވެހި ބަހުގައި ހިމަނަންޖެހޭ އަކުރުތަކެއް ތޯއެވެ؟ ނުވަތަ މި އަކުރުތައް ނުހިމަނައިފި ނަމަ ވާނީ ކިހިނެތްތޯއެވެ؟ ނޫނީ މި އަކުރުތަކުގެ ސަބަބުން ބަހަށް ލިބެނީ އިތުރު ފުރިހަމަ ކަމެއްތޯއެވެ؟ ނޫންނަމަ އުނިކަމެއްތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބުގެ ކުރިން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެއް ހިއްސާ ކޮށްލާނަމެވެ. މި ރާއްޖޭގައި ނެރޭ އެންމެބޮޑު އެއް ނޫހުގެ އެޑިޓަރުކަން ކޮށްފައިވާ ނަން މަޝްހޫރު ނޫސްވެރިއަކު ބުނި އަޑު އަޅުގަނޑުއެހީމެވެ. [އަޅުގަނޑުގެ އެޑިޓަރކަމުގެ ދަށުގައި ތިކިޖެހި ތާނަ ބޭނުންކުރާކަށް ބާރެއްނާޅަން. އެއީ އެކި މީހުން އެކި ގޮތަށް ތިކި ޖަހާތީ] އެވެ. މިކަމާ ގުޅޭގޮތުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ މުޝީރުކަން ކޮށްފައިވާ އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނުގެ އަރިހުގައި އަޅުގަނޑު ސުވާލު ދެންނެވީމެވެ. ޖަވާބުގައި ވިދާޅުވީ ތިކިޖެހިތާނައަކީ ކޮންމެހެންވެސް ބޭނުން ކުރަންޖެހޭ އެއްޗެއްކަމުގައެވެ. އެއީ އެއްގޮތަކަށްވެސް އެކިމީހުން އެކިގޮތަށް ތިކި ޖަހާތިއޭ ކިޔައިފައި ދޫކޮށްލަންވާނެކަމެއް ނޫންކަމުގައެވެ.
ތެދެކެވެ. ތިކިޖެހި ތާނަ ބޭނުން ނުކުރާނަމަ ބަސްބަހުގެ މާނަ އޮޅި މަޚުރަޖު ނެރުމުގައި ދަތިތަކެއް ހުރެއެވެ. މިސާލަކަށް [އަމަލު] މި ބަސް ތިކިނުޖަހައި މިގޮތަށް އޮންނައިރު އޭގެ މާނައަކީ އެއްޗެއް ކައިގެން ނުވަތަ ބޮއިގެން ނުވަތަ ބޭނުންކޮށްގެން ނޫންނަމަ އެނޫންވެސް ގޮތަކުން މަސްތުވުމެވެ. އެހެން ނަމަވެސް ތިކިޖެހި ތާނަ ބޭނުންކޮށްގެން [ޢަމަލު] މިހެން ލިޔުމުން މާނަ ވަރަށް ބޮޑަށް ތަފާތެވެ. ނަމަވެސް އަލިފުގެ ތިރީގައި ޖަހާލާ ތިކި ފިޔަވައި އެހެން އެއްވެސް ތަފާތެއް ލަފުޒަކުން ނުފެނެއެވެ. [ޢަމަލު] ގެ މާނައަކީ ކުރާ ކަންތައް ނުވަތަ މަސައްކަތެވެ. އެހެންކަމުން ތިކިޖެހިތާނަ ބޭނުންނުކޮށް ކުރާކަންތައް ނުވަތަ މަސައްކަތް ދޭހަވާ ބަހެއް ރަދީފަކުނެތެވެ. އެހެންކަމުން ތިކި ޖެހިތާނައަކީ ވަރަށްވެސް ބޭނުންތެރި އެއްޗެއްކަމުގައި އަޅުގަނޑު ދެކެވެ. ބޭނުން ނުކުރާނަމަ ދިވެހި ބަހުން އުނިކަމާއި އައިބުކަން ފެންނާނެއެވެ.
ނަމަވެސް ވިސްނާލަންވީ ތިކިޖެހިތާނަ ހިތު ހުރިގޮތަކަށް ބޭނުން ނުކުރުމަށެވެ. ހިތަށްއެރި ކޮންމެ އަކުރެއްގައި ފިލި ޖެހޭކަށްނޯވެއެވެ. އަދި ނޫސްވެރިޔާ ފާހަގަ ކުރެއްވިފަދައިން އެކިމީހުން އެކިގޮތަށް ތިކިޖަހާ ނިޒާމެއްވެސް ނެތެވެ. އެއްބަޔަކު [ޚާއްޞަ] މިބަހުގައި ތިކި ޖަހާއިރު އަނެއްބަޔަކު ނުޖަހައެވެ. އަދި ބައެއް މިހުން [ހާއްޞަ] މިހެން ލިޔާއިރު އަނެއްބަޔު [ޚާއްސަ] މިގޮތަށް ލިޔެފައިވާތީ ފެނެއެވެ. ދެން އުފެދޭ ސުވާލަކީ މިތަނުން ރަނގަޅުގޮތް ފާހަގަކުރާނީ ކިހިނެތްތޯއެވެ؟ ޖަވާބު ވަރަށްވެސް ސާފެވެ. ’ދިވެހި ބަސްފޮތް 2006‘ ބޭނުން ކުރާނީއެވެ. މި ސޮފްޓްވެއަރ އެންމެންވެސް ފޮލޯ ކުރާނަމަ އެކި މީހުން އެކިގޮތަށް ތިކި ޖަހާތަން ފެންނަލެއް އިންތިހާއަށް މަދުވެ ތިކިޖެހި ތާނަ ބޭނުންކުރަންވާ ރަނގަޅުގޮތް އޮޅުންފިލާނެއެވެ.
