ސިފައިންގެ ވެރިޔާގެ ނާއިބު އޮނަރަބަލް ޢަބްދުލް ޙަންނާނު ޙަލީމް (ސ.ނ: 75) އަކީ، އެއްވެސް މަޖުބޫރުކަމެއް ނެތި ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ މަތިވެރި ޢަޒުމްގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގައި ހުރި ބުރަކަން ދެނެވަޑައިގެން ހުންނަވައިވެސް މި މުއައްސަސާގެ އެންމެ އާދައިގެ މީހެއްގެ ވަޒީފާއަށް ކުރިމަތިލެއްވީ، ލުއިފަސޭހަ ކަމުގައި، ޝަރަފުވެރި މަޤާމެއްގައި، ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ޤައުމީ ޚިދުމަތައްޓަކައި ހެއު ނިޔަތުގައި ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތުމަށް ޤަސްދު ފުޅުކުރެއްވިއިރު، ހުންނެވި ކަމަށްވަނީ، ސިފައިންގެ އާދައިގެ މީހެއްގެ މަޤާމަށްވުރެ އެތައްގޮތަކުން ޝަރަފުވެރި މަޤާމެއްގައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ޢަބްދުލްޙަންނާން ޙަލީމުގެ ޤައުމީ ޚިދުމަތުގެ ސިލްސިލާ ފެށިގެން އަންނަނީ، މަދުރަސީ ދައުރު ނިންމަވާ ލެއްވުމަށްފަހު އެންމެ ފުރަތަމަ އަދާކުރައްވަން ފެއްޓެވި ވުޒާރަތުއްދާޚިލިއްޔާގެ ށ. ގެ ކާތިބުކަމުގެ މަޤާމުން ފެށިގެންނެވެ. އެދުވަސްވަރަށް ބަލާއިރު މި މަޤާމަކީ ޝަރަފުވެރި މަޤާމެކެވެ. ނަމަވެސް ސިފައިންގެއަށް ވަދެވަޑައިގަތުމުގެ ޚިޔާލުފުޅު އޭރުވެސް ހިތްޕުޅުގައި އޮންނަކަމަށްވެއެވެ. އެއަށްފަހު އެވުޒާރާގެ ސެކްރެޓަރީގެ މަޤާމަށް ބަދަލުވެވަޑައިގަތެވެ. ނަމަވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށް ގެންގުޅުއްވާ ޚިޔާލުފުޅާ ދުރަށް ވަޑައިގެންނެވުނު ކަމަކަށް ނުވެއެވެ. އެއަށްފަހު ވަޒީރުލް އަޢުޡަމް އޮފީހުގެ ހިންގާ ސެކްރެޓަރީގެ މަޤާމް ލިބި ވަޑައިގެންނެވިއެވެ. ނަމަވެސް އެންމެ އަދާކުރާ ހިތްޕުޅުވާ ވަޒީފާއަކީ ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރުން ކަމުގައިވާތީ، އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ވަޒީފާގައި ޤައުމަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. 

ޢަބްދުލްޙަންނާނު ޙަލީމް ސިފައިންގެމީހެއްގެ ވަޒީފާ އަދާކުރަން ފެއްޓެވުމުގެ ކުރިން މަސައްކަތް ދަސްކުރެއްމުގެ ގޮތުން ކުރައްވަން ޖެހިވަޑައިގަތް މަސައްކަތެއްކަމަށް ވަނީ ގާތެޅުމާއި ރޭނުމާ މިފަދަ ބުރަ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ފާހަގަކުރެވޭ އެއް މަސައްކަތަކީ ރަންޖެހި ކޮށީގައި ސިފައިންގެ މީހުން ދިރިއުޅޭނޭ މަރުކަޒެއް އިމާރާތް ކުރުމަށް ކުރެވުނު ބުރަ މަސައްކަތެވެ. އެތަން ހަދާ ނިމުމުން ސިފައިންގެއަށް ވަންނަން އެފަހަރު މަސައްކަތް ކުރި ހުރިހާ މީހުން ތިބޭތަނެއްގެ ގޮތުގައި ހަމަޖެހުނީ ރަންޖެހި ކޮއްޓެވެ. ސިފައިންގެ ތެރޭގައި ރަންޖެހިކޮށީގައި އުޅޭސިފައިންނަށް “ރަންޖެހިސިފައިން“ މިހެން ކިޔާވެސް އުޅުނުކަމަށް ވެއެވެ. ރަންޖެހިކޮށްޓަކީ މިހާރުގެ ރައީސްއޮފީސް ހުރި ބިމަށް ކިޔާނަމެވެ. އެބޭފުޅުން ރަންޖެހި ކޮށީގައި ދިރިއުޅޭއިރު ކެއުމަށްޓަކައި ވަޑައިގަންނަވަންޖެހެނީ އޭރުގެ ސިފައިންގެ ހެޑްކުއާޓާރޒް [ބޮޑުގެ] އަށެވެ. ފާޚާނާކޮށް ފެންވަރައި ހަދަނީ ރަންޖެހި ކޮށީ ސިފައިން ރަންޖެހި ކޮށީގައިކަމަށާއި، ބޮޑުގޭގައި ދިރިއުޅޭ މީހުން ގަނޑުވަރުގެ ބޭރު ބޮޑުއަށީގެ އިރުން ހުންނަ ގިފިލިން ކަމަށް އޭރުގެ ސިފައިންގެ ތެރޭގައިހުރި އެކަމަޑޭޝަންގެ ހާލަތު ކިޔައި ދެއްވަމުން ޢަބްދުލް ޙަންނާނު ޙަލީމް ވިދާޅުވެ ދެއްވިއެވެ.

ސިފައިންގެ ސަރުދާރު ޢަބްދުލް ޙަންނާން ޙަލީމަކީ ސިފައިންގެ އާދައިގެ މީހެއްގެ ގޮތުގައާއި ސިފައިންގެ 3 ނަމްބަރު ސަރުދާރުގެ މަޤާމާއި ސިފައިންގެ ސަރުދާރުގެ މަޤާމްވެސް ފުރުއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާގެ މަޤާމާއި ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމްވެސް ފުރުއްވި ބޭފުޅެކެވެ. މަޝްހޫރު ދެކުނު ބަޣާވާތާ ގުޅިގެން ފުރަތަމަ ސިފައިން، އެލްޒަބަތުބޯޔާގައި ދެކުނަށް ކުރިދަތުރުގައި ޢަބްދުލްޙަންނާން ޙަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެފަހަރު ދިޔަ ސިފައިންގެ 30 މީހުންގެ ކޮމާންޑަރެއްގެ ގޮތުން ވަޑައިގެންނެވީ އޭރުގެ ސިފައިންގެ ވެރިޔާގެ ނާއިބު އަދި ސިފައިންގެ ކޮމާންޑަރ އަދި މަޙްކަމަތުލް އަމަން ޢާއްމުގެ ވަކީލް ދައްޕަރު މޫސާމަނިކުއެވެ. އޭގެފަހުން 1959 ގައި އޭރުގެ ވަޒީރުންޢައުޡަމް ޞާޙިބުއް ދައުލާ އިބްރާހީމް ނާޞިރު އެމް.ވީ މޯލްޑިވްސްޓާރގައި ޢާންމުންގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިފައިންގެ 100 މީހުންގެ ފައުޖަކާއެކު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައިވެސް ޢަބްދުލްހަންނާން ޙަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭރު ސިފައިންގެ ތެރޭގައި ގެންގުޅޭހަތިޔާރެއްކަމަށް ވަނީ ތުރީ އޯ ތުރީ ރައިފަލާއި އެސް.އެމް.ޖީ އެވެ.

ތިނަދުއަށް މިކުރި ދަތުރުގައި ޢަބްދުލްޙަންނާނު ޙަލީމް ބައިވެރިވެ ވަޑައިގެންނެވީ ޒަވާޖީޙަޔާތެއް ފެއްޓެވިތާ ވަރަށް މަދު ދުވަސްކޮޅެއް ވީތަނާއެވެ. ދަތުރުގެ ދިގުމިން އެނގިވަޑައި ނުގަންނަވާތީ ގެންދެވީ އެންމެ ޔުނިފޯމަކާއި އާދައިގެ އެންމެ ހެދުންކޮޅެއް ކަމަށްވެއެވެ. ކަންދިމާވި ގޮތުން ތިނަދޫގައާއި ފުވައްމުލަކުގައި ސިފައިން ބެއިތިއްބެވިއިރު ޢަބްދުލްޙަންނާނަށް ހުންނަވަން ޖެހި ވަޑައިގަތީ ފުވައްމުލަކުގައެވެ. އެފަހަރު ސިފައިން ތިބީ ފުވައްމުލަކު ބަހާރުގޭގައެވެ. އެދުވަސްވަރު ކުރެއްވި ތަޖުރިބާ ކިޔައިދެއްވަމުން އެޒަމާނުގައި ޢާއިލާގެ ހާލު މިހާރުހާ ފަސޭހައިން ބެލޭނެ ވަސީލަތެއް ނޯންނަ ކަމަށާއި، ސިޓީއެއްވެސް ޢާއިލާއާ ހަމައަށް ފޮނުވެނީ އެއަތޮޅުން މާލެއަށް އަންނަ އޮޑިއަކުން ކަމަށާއި އެހެންކަމުން ޢާއިލާގެ ޚަބަރެއްލިބެނީ ދެމަސް ނުވަތަ ތިންމަސް ފަހުން ކަމަށާއި، އަދި ގެއިން ފޮނުވި އެއްޗެތިކޮޅު ގެންދިޔަ އޮޑި ފުވައްމުލަކާ ދިމާއަށް ދަތުރުކުރި ދުވަހު ކުރެވުނު އިޙްސާސް ކިޔައިދެއްވަމުން [އެއްދުވަހަކު ހެނދުނުގެ ވަގުތެއްގައި ރަށުތެރެއިން އަންނަނީ އަންނަނީއޭ ގޮވާއަޑު ކުއްލިއަކަށް އިވެން ފަށައިފި. ވަރަށް ޙައިރާންވެގެން  އުޅޭގޮތެއް ބެލިއިރު މިވާގޮތަކީ އުތުރުން ދެކުނަށް ދަތުރުކުރާ އޮޑިއެއްގެ ރިޔާ ފެންނަނީ. ނަމަވެސް އެދުވަސްވަރު ދަތުރުކުރަނީ ރިޔަލުގައި ކަމަށްވާތީ ވައިމަޑުވެ އެއޮޑި ބަލަބަލާތިއްބާ ލޮލުކޮޅަށް އޮބާލީ އެއޮޑިއަށް ބެހިގެން ދެވުނީ ސިލޯނަށް. އެއޮޑިން އެއަތޮޅަށް އަތޮޅުވެރިކަމު ވަޑައިގެންނެވި ކުޑަ އަޙުމަދުމަނިކު ވެސް ވަޑައިގެންނެވި. އަދި ގެއިން ފޮނުވި ހެދުމާއި ބައެއް ތަކެތިވެސް ފޮނުވީ އެއޮޑިން. އެތަކެތި ލިބުނީ 6 މަސްފަހުން. ކުޑައަޙުމަދުމަނިކުވެސް ސިލޯނުން މާލެވަޑައިގެންފައި ދެން ފުވައްމުލަކަށް ވަޑައިވަތީ] ކަމުގައި ވިދާޅުވިއެވެ. މިއޮޑިއަކީ ފުވައްމުލަކު ޑޮކްޓަރ ޒާހިރު ޙުސައިންގެ ބައްޕަ ދަނޑިމަގު ކުދުބޭގެ ޙުސައިންދީދީގެ [ނަސްރުލް މަންނާނު] ނަމަކަށް ކިޔާ އޮޑިއެވެ.

ޢަބްދުލް ޙަންނާނުހަލީމު ސިފައިންގެ ޚިދުމަތާ ގުޅިލެއްވިއިރު ތަމްރީނުގެ ގޮތުން ފުރަތަމަ ކަސްރަތު ދަސްފުޅުކުރެއްވި ކަމަށާއި ޕެރޭޑް ކުރަން ފެށުނީ ވަޒީފާ ދެއްވިފަހުން ކަމަށާއި ޕެރޭޑް ދަސްކޮށްދެއްވުމުގައި ޅަރީތި ދޮންތުއްތު، މުޙައްމަދުހާޖީ ދޮންތުއްތު، މޮޓަރ ޙަސަންމަނިކުމެންފަދަ ބޭފުޅުން އުޅުއްވާކަމަށާއި ފަހުން 1959 ގައި ސްރީލަންކާގެ އާމީ މޭޖަރެއް ކަމަށްވާ މޭޖަރ (ރިޓަޔަޑް) ޑީ.އެފް ފޮސްޓަރ ރާއްޖެ ގެންނަވައި، ސިފައިންނަށް ޕެރޭޑް ދަސްކޮށްދެއްވިއިރު އޭނާގެ އަރިހުން ޕެރޭޑް ދަސްފުޅުކުރެއްވި ކަމަށްވިދާޅުވިއެވެ.

ޢަބްދުލް ޙަންނާނުޙަލީމުގެ ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާ ކަމާއި ސިފައިންގެ ވެރިޔާގެ ނާއިބުކަމުގެ މަޤާމުގެ ދުވަސްވަރަށް ބަލާއިރު އެދުވަސްވަރު ސިފައިންގެ އެކުވެރި ކުންފުނި ހުރިހާ ސިފައިންގެ ތަނެއްގެ ގޮތުގައި ހެއްދުމުގެ މަސައްކަތުގައި ޚާޒާންދާރެއްގެ ގޮތުން އިސްދައުރެއް އަދާކުރެއްވިއެވެ. އަދި އެސް.އީ.ކޭގެ ދައުރު ފުޅާ ކުރެއްވުމުގެ ގޮތުން އޭގެފަހުންވެސް ވަރަށް ގިނަ މަސައްކަތް ޕުޅުތަކެއް ކުރެއްވިއެވެ. އޭގެ ތެރޭގައި ހުޅުލޭގައި ބަނދެގެން ދެމަސްބޯޓު ސިފައިންގެ ކުންފުންޏަށް ހޯއްދަވައިގެން މަސްވެރިކަން ކުރެއްވުމުގެ އިތުރުން އައްޑޫދަތުރުކޮށް ހެއްދެވުމާއި އެސް.އީ.ކޭއިން މަސްބޭރުކޮށް އެސް.އީ.ކޭގެ ވިޔަފާރި ފުޅާކުރެއްވުމުގެ ގޮތުން ޓްރޭޑް މާކެއްގެ ގޮތުގައި S.E.K މަޙުކަމަތުއް ތިޖާރާގައި 12 އޭޕްރިލް 1964 ގައި ރަޖިސްޓްރީ ކުރެވުނެވެ.

އޮނަރަބަލް ޢަބްދުލް ޙަންނާން ޙަލީމްއަކީ  ސިފައިންގޭގައި އަދާކުރެއްވި އެންމެ މަތީ މަޤާމްތަކުގެ އިތުރުން މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމް ފުރުއްވި ބޭފުޅެކެވެ. ސަރުކާރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު ޚިދުމަތުގެ ދުވަސް އެންމެ ގިނައިންހޭދަކުރެއްވި ދާއިރާއަކީ ސިފައިންގެއެވެ. އެދުވަސްވަރު ފާހަގަ ކޮށްލެވޭ އެއްމަސައްކަތަކީ އެއަރޕޯރޓް ހެދުމުގެ މަސައްކަތެވެ. އެމަސައްކަތުގައި ޢަބްދުލް ހަންނާންޙަލީމަކީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި ޚިދުމަތްތެރިއެކެވެ. ކަންކަން ކުރުވުމުގައި މުރާލިކަމާއި ހީވާގިކަމާއެކު ކުރިޔަށް ވަޑައިގެންނެވި ލީޑަރެކެވެ. ކަންކަން ކުރުވުމުގައި ލިބިފައިވާ ވަސީލަތް ކިތައްމެ މަދުކަމުގައި ވީނަމަވެސް ޚިދުމަތްކުރުމުގެ ރޫޙުގައި ޚިދުމަތުގެ ދުވަސްތައް ކުރިޔަށްގެންދެވި ޚާދިމެކެވެ.

ޢަބްދުލް ޙަންނާނުގެ ނާއިބުކަމުގެ ދުވަސްވަރު ފަހާގަ ކުރެވޭ އަނެއްކަމަކީ ސިފައިން ބޯޓުފުންކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކާއި، ބޯޓު އަތުލުމަށް ކުރެވުނު މަސައްކަތްތަކެވެ. އެމް.ވީ. ދިއްފުށިމާދޫ، އެމް.ވީ ތިންގަޑުވިނަ، އެމް.ވީ އިސްދޫމުލި ފުންކުރުމަށް ސިފައިން ކުރި ބުރަ މަސައްކަތްތަކަކީ މިކަމުގެ ދަލީލެކެވެ. އަދި އެމް.ވީ ގާފަރާއި އެމް.ވީ އިސްދޫއާއި އެމް.ވީ މަގުއްދޫ ފަދަ ބޯޓުފަހަރަކީ ރާއްޖޭގެ ސަރަޙައްދަށް  ޤަވާއިދާއި ޚިލާފަށް ވަދެއުޅޭ ބޯޓްފަހަރު އަތުލުމަށް ސިފައިން އެއްވެސް ފޫހިކަމެއްނެތި ދިޔަ ދުވަސްވަރެއްގައި އަތުލި ބޯޓުފަހަރެވެ.

ސިފައިންގެ ޚިދުމަތުމަތުގެ ނަމުގައި އެންމެ އާދައިގެ މީހެއްގެ ގޮތުން ފެއްޓެވި ދަތުރުގައި ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމާ ހަމައަށް ވާސިލުވެވަޑައިގެންނެވިއިރު ޢަބްދުލް ޙަންނާނު ޙަލީމުގެ ތަޖުރިބާގައި ސިފައިންގެ ހުރިހާ ފަންތިއެއްގައި އަދި ހުރިހާ ގިންތިއެއްގައި ތަޖުރިބާ ލިބިވަޑައިގެންފައިވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. އެހެންކަމުން މިއަދުގެ ސިފައިންނަށް ވިދާޅުވަން ބޭނުންފުޅު ބަސްފުޅެއް އޮތްތޯ ދަންނަވާލުމުން މާގިނަ ވަގުތެއްވެސް ނުނަންގަވައި ވިދާޅުވީ]ސިފައިންނަކީ އެއިރެއްގައި އޮތް ސަރުކާރަކަށް އެހީތެރިވާންޖެހޭ ބައެއްކަމަށްވާތީ އެގޮތުގައި ދެމިތިބެންވާނެ[ ކަމުގައެވެ. މިޖުމްލަ ވިދާޅުވުމުން ކުއްލިއަކަށް ހަނދާނަށްއައީ މީގެ ބައްތިރީހަކަށް އަހަރު ކުރިން ޢަބްދުލް ޙަންނާން ޙަލީމް ސިފައިންގެ ޚިދުމަތާ ވަކިވެވަޑައިގަންނަވަމުން އެވަގުތު ސިފައިންގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްވި ނަޞޭޙަތާ އިރުޝާދު ކަމަށް، އަޅުގަނޑަށް ބައެއް ބޭފުޅުންގެ ފަރާތުން އިވިފައިވާ އިބާރާތެވެ. ]އަޅުގަނޑު މިއަދު މިމަޤާމުން ވަކިވުމުން ދެން މިމަޤާމާ ހަވާލުވާ ވެރިއެއްގެ އަރިހުގައި ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރަން[ މިބަސްކޮޅެވެ.

އޮނަރަބަލް ޢަބްދުލް ޙަންނާންޙަލީމަކީ މިހާރުވެސް ސިފައިންގެ ކަންކަމާމެދު ޚިޔާލްފުޅު ބައްހައްޓަވާ ބޭފުޅެކެވެ. ސިފަންނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ އުފާ އިޙްސާސް ކުރައްވާ ބޭފުޅެކެވެ. ޢަބްދުލް ޙަންނާނު ހަލީމުގެ މިމަތިވެރި ޚިދުމަތައްޓަކައި 2007 ވަނަ އަހަރު ސިފައިންގެ ފަރާތުން ]ސިފައިންގެ ޚިދުމަތުގެ ޝަރަފުގެ ހަނދާން[ އައްޑަނަ އެރުވުނު ބޭފުޅުންގެ ތެރޭގައި އަބްދުލް ޙަންނާނު ޙަލީމު ހިމެނި ވަޑައިގަންނަވައެވެ. އައްޑަނައިގައި ސިފައިންގެ ފަރާތުން ލިޔެފައިވަނީ ”މިއީ ސިފައިންގެ ސަރުދާރު އަދި ސިފައިންގެ ވެރިޔާގެ ނާއިބު ޢަބްދުލް ޙަންނާން ޙަލީމް ސިފައިންގެ ސަރުދާރުގެ ގޮތުންނާއި ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމުގައި ހުންނަވައިގެން އިޚްލާސްތެރިކަމާ ވަފާތެރިކަމާއެކު ދިވެހި ޤައުމަށާއި ދިވެހި ސިފައިންނަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ސިފައިން ވެދުންކުރާ ޝަރަފުގެ ހަނދާނެކެވެ.“ މިމަތިވެރި ޚިދުމަތްތަކުގެ ބަދަރު މާތްﷲ ދަރުމައިން މިންވަރު ކުރައްވާށިއެވެ. އާމީން.

ޝެއަރކުރެއްވުމަށް