”އެދުވަސްވަރު ހަނދާނަށް ގެނަައުމަކީ ވަރަށްވެސް ހިތްދަތިކަމެކެެވެ. ނަމަވެސް އަހަރެމެންގެ ހަޔާތުގެ މާޒީ އަހަރެންނަކަށް ހަނދާނަކުން ފޮހެއް ނުލެވޭނެއެވެ.“ ރަޝިޔާގެ ސޮވިއެޓް ޔޫނިއަން ގެ ދަށުގައިވާ ބެލެރެސްގެ ސިޓީއެއް ކަމަށްވާ  މިންކު ސިޓީ އަށް އުފަން ނިއޯލީނާ އޮދޮނިނޮވާ އޭނާގެ ހަޔާތުގެ ފަތްފުއްތަށް ކިއުންތެރިންނަށް ހިއްސާކޮށްލިއެވެ. ނިއޯލީނާ ހައި ސްކޫލުގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ ދުވަސްވަރެވެ. އެއްދުވަހަކު އޭނާ މެންދުރު ކައި އަވަދިވީތަނާހެން ސިފައިންގެ މީހަކު އެގެއަށް އައެވެ. އަދި ނިއޯލީނާ ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި އޭނާއާއިއެކު ހަމަ މިހާރު ސިފައިންގެއަށް  ރިޕޯރޓް ކުރަން ދާންޖެހޭކަމަށް ބުންޏެއެވެ.  މި ގޮތަށް ކުދިން ނެގެމުންދާ ކަމާއި އަދި މުޅިޤައުމުވަނީ ހަނގުރާމައެއްގެ ތެރޭގައި ކަމަށްވެސް ރޭޑިއޯއިން ދާދި ދެންމެ ޢިއުލާންކުރިކަމަށް ނިއޯލީނާގެ މަންމަ ވެސް ބުންޏެއެވެ.

މާގިނައިރު ތަކެއް ނުނަގައެވެ. ނިއޯލީނާ  ގެއާއި ދާދި ގާތުން އޮންނަ ރަޝިއަން އެއަރފޯސް ގެ ބޭހަކަށް ކުއްލިގޮތަކަށް ޖަރުމަނުން ހަމަލާދޭން ފަށައިފިއެވެ.  ފުލުފުލުން އަޅަމުން ދިޔަ ބޮންތަކުގެ ސަބަބުން ހީވަނީ ބޮޑު ބިންހެލުމެއް އައިސްގެން އުޅޭހެނެވެ. ނިއޯލީނާމެން ތިބި ގޭގޭ ފާރުތަށް ހީވަނީ ހަމަ ދެންމެ ދެންމެ ބިމާ ހަމަވެދާނެ ހެންނެވެ. ކުޑަހިނދު ކޮޅެއްގެތޭރޭގައި ރަޝިޔާގެ އެ އަސްކަރީ ވައިގެ ބަނދަރުގައި  ހުރި ހުރިހާ ވައިގެ އުޅަނދުތަކެއް ސުންނާފަތިކޮށް ބިމާއި ހަމަހަމަ ކޮށްލިއެވެ.

ނިއޯލީނާގެ މަންމަ އޭނާގެ ގައިގާ އޮޅުލައި ގަތެވެ. ”ދަރިފުޅާ ތީ އަދި ކުޑަ ކުއްޖެއް ތި ދަނީ ހަނގުރާމައަށް ..މަގޭ ދަރި ފުޅާ ނުދޭ..!“ މަންމަ ގިސްލާ ރޮއި އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ނިއޯލީނާއަށް ހަމަ އެކަނި ބުނެލެވުނީ ”މަންމާ އަހަންނަށް ޖެހޭނީ ދާން…“ ސިފައިންގެ މައި މަރުކަޒާހަމައަަށް އާދެވުމުން ނިއޯލީނާއަށް ފެނިގެން ދިޔައީ ސިޓީގެ މެދު ތެރެއިން އޮންނަ އަސްކަރީ ވައިގެ ބަނދަރަށް ވެސް  ބޮންއަޅައި މުޅިތަން ސުންނާފަތި ކޮށްލައިފައިވާ މަންޒަރެވެ. އޭނާއަށް ޖެހުނީ އެއާރ ފީލްޑް ޑިޕާރޓްމަންޓް އޮފް ބެލޫރޫސިއާ މިލިޓަރީ ޑިސްޓްރިކްޓްގައި މަސަތްކަތް ކުރުމަށެވެ. އެތަނުން ސީނިއަރ އޮފިސަރަކު ބެލަރެސްއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ”އަހަރެމެން އަތުގައި މިހުރި ޗާރޓްތަކަކީ މުޅި ސޯވިއެޓް ޔޫނިއަންގެ އެއަރ ފީލްޑް ގެ ޗާރޓް ތަކެވެ. ނިއޯލީނާގެ ވަޒީފާ އަކީ މި ޑޮކިއުމެންޓްތަށް  ބެލެހެއްޓުމެވެ. ހަނގުރާމަކުރަން ވެއްޖިއްޔާ ހަނގުރާމަ ކުރާނީ އަހަރެމެންނެވެ.“

ޖަރުމަނުގެ ރަހުމުކުޑަ ވައިގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ބެލޫރޫސިއާ ސިޓީގެ ވައިގެ ބަނދަރުވެސް ވަނީ ބޭނުން ނުކުރުވޭވަރަށް ހަލާކުވެފައިކަމުން އެތަނުގެ ހެޑްކުއަރޓާރސްގައި ހުރިނަމަ ހުރި ކަރުދާސްތަކެއް ޕިކަޕްތަކަށް އަޅާ ބަރާކުރުމަށް ފަހުން އަސްކަރީ އެހެން މަރުކަޒަކަށް ދިއުމަށް ސިފައިންނާއެކު ނިއޯލީނާ  ދަތުރު ފެށިއެވެ. މަގުތަކުގައި ދުއްވާފައި ދިޔައިރު ބެލެރެސް އަށް ފެނުނީ މުޅި އެއަވަށްގަނޑު ކަހަލަގޮތަކަށް ސުންނާފަތިވެފައި ވަނިކޮށެވެ. އެތަންމިތާ ދެޖިންސުގެ ކުޑަ އަދި ބޮޑެތިމީހުންގެ  މަރުވެފައިވާ ހަށިތަކެވެ. މަރުނުވެ ދިރިހުރި މީހަކުނަމަ ރޮމުން ދެކޮޅަށް ދުވަނީއެވެ. ކުޑަވަރުގެ ފިރުކޭ އުމުރުގެ ތުއްތު ފިރިހެން ކުއްޖަކު ރޮމުން އެކުއްޖާގެ މަންމަގެ ފުރާނަނެތް މަސްގަނޑުމައްޗަށް ފިރުކިފަ އަރަނިކޮށް ނިއޯލީނާއަށް ފެނުނެވެ.

މި ފެނުނު ހިތްދަތި މަންޒަރުތަކުން ފަޅައިގެން ދާން ކައިރިވެފައިއިން ނިއޯލީނާއަށް މާގިނައިރަކު މި މަންޒަރު ދެކޭކަށް ކެތެއް ނުކުރެވުނެވެ. ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ހޯސްލާފައި ފޭދިގަތް ފެން ނިއޯލީނާ ގެ އެ މައުސޫމު ދެެކޯތާފަތަށް އޮހޮރެމުން ދިޔަ ވަގުތު އޭނާއަށް  އަޑުން އަޑުނަގައިފާ ރޮއިގަނެވުނެވެ.

”ސޮވިއޭޓް ޔޫނިއަން އޮފް ރަޝިޔާ އުވިއްޖެއެވެ. ބެލުރެސް އަށް ފުރި ހަމަ މިނިވަންކަން ލިބި ރަޝިޔާއިން ވަކިވެ އަމިއްލަ ދައުލަތެއްވެސް އުފެދިއްޖެއެވެ. މިހާރު އަހަރެންނަކީ ރަޝިޔާއަށް ނިސްބަތްވާ މީހެއްނޫނެވެ. އެކަމަކުު އެހަނދާންތަށް އަދިވެސް އަހަރެންނަކާ ދުރަކަށް ނުދިޔައެވެ. އަދިވެސް ރޮވެނީއެވެ. ހަނދާންވާހަމަ ކޮންމެ ފަހަރަކު ރޮވެނީއެވެ.“  

ޝެއަރކުރެއްވުމަށް