އެއީ ބުނަންނޭނގެ، ކިޔާދޭން ނުކެރޭ ފަދަ ބިރުވެރި ދުވަހެކެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހެވެ. ރާއްޖެގަޑިން 9:20 ހިނގިވަގުތެވެ. ކުއްލިއަކަށް ބާރު އަޑުފައްގަނޑެއްއިވި ބިންގަނޑު ތުރުތުރު އަޅައިގަތެވެ. ބިންގަނޑަށްއެރި ލޮޅުމާއެކު ހީވީ ހަމަ ދެންމެދެންމެ ޢިމާރާތްތައް ބޯމައްޗަށް ވެއްޓިދާނެ ހެންނެވެ. ހަމައެއާއެކު ފެނިގެންދިޔައީ ބިރުން ފިތްކަނޑައިގެންދާފަދަ ބިޔަ ރާޅުތަކެކެވެ. ސުނާމީގެ ނަމުން ނަންދެވިފައިވާ ރާޅުތަކެކެވެ. އެރާޅުތަކާއެކު ރާއްޖޭގެ ޖަޒީރާ ރަށްތައް ދެފެން ދޭތެރެއަށް އަޑިޔަށް ދިޔައެވެ. އޭރު ރަށުތެރޭގެ ކުލަވެސް ވަނީ ކަނޑުގައި ހުންނަ ނޫކުލައިގައެވެ. ކަނޑުމައްޗަށް ބަލާލިއިރު ފެންނަނީ މުޅި ކަނޑު ކެކި އުތުރިއަރާ މަންޒަރެވެ. ފެންއެއްޗެއް ކެކޭފަދައިންނެވެ. އެގޮތުން ފުލުފުލުން ތިން ރާޅު ރަށުތެރެއަށް އަރާ ފައިބައިގެން ދިޔައިރު ރަށްތައްވަނީ މުޅިންހެން ދޮވެވި،ގެދޮރުތައް ސުންނާފަތިވެފައެވެ. މިއީ ހިތާމަވެރި ބިރުވެރިދުވަހެކެވެ. މީހުންތައް ކޮޅުކޮޅުމައްޗަށް ރޮއެހޭރެމުން ދުވެނަގަނީއެވެ. އެމީހުންގެ ޢާއިލާގެ މީހުންތައް ހޯދާ މުދާތައް ސަލާމަތް ކުރެވޭތޯއެވެ. ކުދި ޅަދަރިންނާއި މުސްކުޅި މައިން ބަފައިން ހޯދުމަށް ރަށުތެރޭގައި ފަތަނީއެވެ. މުޅި ރަށުތެރެވަނީ މާކަނޑަކަށް ބަދަލުވެފައެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ޤިޔާމަތްވީ ކަހަލައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ސުނާމީ ރާޅުތަކާއެކު ގިނަ ދިވެހިންތަކެއްގެ ފުރާނަ ﷲގެ ހަޞުރަތަށް ގެންދަވައިފިއެވެ. ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިންވެސް ހިމެނިގެންނެވެ. އެދުވަހު އެއްވެސް މީހަކަށް (އެހިނދުކޮޅުތެރޭ) ކުރެވުނު އެއްވެސްކަމެއް ނެތެވެ. ވީކަމެއްވެ ނިމިއްޖެއެވެ. މަދު ސިކުންތުކޮޅެއްގެތެރޭ މުޅި ޤައުމު ފަނާވެގެން ދިޔަ ކަހަލައެވެ. މިއީ ﷲ އެދުވަހު މިންވަރު ކުރެއްވި ގޮތެވެ. މިދުވަހަކީ އިންސާނުންގެ އެއްވެސް ބާރެއް މިދުނިޔެމަތީގައި ނެތްކަމުގެ ތަޖުރިބާތަކެއް ކުރުވި ދުވަހެކެވެ. ބަލަބަލާ ތިއްބައި ތިމާގެ އަނބިދަރިންނާއި މައިންބަފައިން މަރުވެގެން ދިޔަދުވަހެވެ. އިންނާ ލިﷲ ވައިންނާ ޢިލައިހި ރާޖިޢޫން.
ދެންއޮތީ، މިފަދަ މުސީބާތްތަކުން ދިވެހި ޤައުމު ސަލާމްތަކޮށްދެއްވުންއެދި ﷲގެ ހަޞުރަތުގައި ދުޢާ ދެންނެވުމެވެ. އާދެ! އެދުވަސްމަތިން ހަނދާންވާ ކޮންމެ ވަގުތަކު، ހަމަ ދެންމެހިނގާދިޔަ ކަމެއްގެ އިހްސާސްތައް ކުރެވުނެވެ. އެދުވަސް މިދިވެހިންގެ ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެހަނދާންތައް އަބަދުވެސް ހިތްތަކުގައި އާވެއާވެ އެބަހުއްޓެވެ. ހުންނާނެއެވެ.
މިކާރިޘާގައި ގިނަ ޢާއިލާތަކެއްގެ ބަޔަކު މިދުނިޔެ ދޫކޮށްފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި އުޅެމުންދާ އެތައް ބަޔެއްގެ ގެދޮރު ވަނީ ނެތިގޮސްފައެވެ. ނަމަވެސް ދިވެހިން މިކަމުގައި ކެތްތެރިކަމާއި، އަޚްވަންތަކަން ދައްކައިދިނެއެވެ. އެކެއްގެ އެހީތެރިކަން އަނެކާއަށް ފޯރުކޮށް ދީގެންނެވެ. މިކާރިޘާ އާއި ގުޅިގެން ދިވެހި ސިފައިން ދިވެހިރައްޔިތުންނަށް “ފެހިއަލި ލިބޭތޯ“ އެތައް ގުރުބާނީތަކެއް ވަމުން ގެންދެވިއެވެ. ހިތްވަރާއި އަޒުމާއެކު ހިތާއި ރޫހުން ބައިވެރިވެގެންނެވެ. ދިވެހި ރައްޔިތުންގެ ނިވާފަތްގަނޑެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ދިވެހިރައްޔިތުންވެސް އެދުވަހު ތިބީ ހަމަ މިއަޒުމާ ހިތްވަރުގައެވެ. ސިފައިންފަދައިންނެވެ. ނަމަވެސް އަޅުގަނޑުގެ ގަލަން މިހިންގާލަނީ އެދުވަހު ސަލަމަތީ ބާރުތަކުން އަދި ވަކިން ޚާއްޞަކޮށް އެދުވަހު ދިވެހި ސިފައިންގެ މަތިވެރި ރޫޙެވެ. އެމީހުން އެދުވަހު އެދައްކައިދިން ގޮތްނޭނގޭ ބާރުތަކެވެ. ދިވެހި ޤައުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީތައް އަޅުގަނޑަށް ސިފަކުރެވޭ ގޮތެވެ.
ދިވެހި ސިފައިންނަކީ ޤައުމަށްދިމާވާ ކޮންމެ ހާދިޘާއެއްގައިވެސް ރައްޔިތުންނާއި އެންމެ ގާތުން ޚިދުމަތް ދެމުންދާ އެއްބައެވެ. އެގޮތުން ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިޘާ ތަކުގައި ސިފައިން ދައްކުވައިދީފައިވަނީ އަޅުގަނޑުގެ ހިތަށް ނުގެނެވޭފަދަ ގަދަފަދަ ހިތްވަރެކެވެ. އެދުވަހުގެ އެ ކާރިޘާގައި ގެދޮރު ހަލާކުވެ ބިމާ ހަމަވެފައިވާ ދިވެހި ރައްޔިތުންގެ ގެދޮރު އަލުން އާރާސްތުކުރުމުގައެވެ. ހާލުގައި ޖެހިފައިވާ ރައްޔިތުން ސަލާމަތްތެރިކަމާއެކު ރައްކާތެރި މާހައުލަކަށް ގެންގޮސްދިނުމުގައެވެ. އެމީހުންގެ މުދާ ސަލާމަތް ކުރުމުގައެވެ. އެގޮތުން މިކާރިޘާ އާއި ގުޅިގެން ގެއްލުން ލިބުނު ދިވެހިރައްޔިތުން ސަލާމަތް ކުރުމުގެ ނިޔަތުގައި ދިވެހި ސިފައިން ރާއްޖެގެ ހުރިހާ ކަންކޮޅުތަކެއްގައި ހަރަކާތްތެރިވަމުން ގެންދިޔައެވެ. އަދި ވަކިން ޚާއްޞަކޮށް މިކާރިޘާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. ޖޯސާ ފޯރިއާއިއެކުގައެވެ. މީގެއިތުރުން މިކާރިޘާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްވެސް ސިފައިން ކުރަމުން ގެންދިޔައެވެ. އެގޮތުން ކަނޑުމަތިން ފެންނަ މީހުންގެ ފުރާނަ ނެތް މަސްގަނޑުތަކާއި ރަށްރަށަށް ލައްގާފައިވާ މީހުންގެ ފުރާނަ ނެތް މަސްގަނޑުތަކުގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައިވެސް ސިފައިން ދިޔައީ އެމީހުންގެ ދީލަތި އެހީތަށް ފޯރުކޮށްދެމުންނެވެ.
މީ ހަމަ ދިވެހި ސިފައިންނެވެ. ދިވެހި ރައްޔިތުންނަށްޓަކައި އެދުވަހު އެމީހުން ނުވާ ޤުރުބާނީއެއް ނެތެވެ. ނުކުރާކަ މަސައްކަތެއް ނެތެވެ. ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމުގައި ރެއާއި ދުވާލު ކެނޑި ނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. ހާލުގައި ޖެހުނު މީހުން ސަލާމަތުގެ އަށްސޭރި ތަކަށް ބަދަލުކުރުމުގައިވެސް ހަމަ މިފަދައެވެ. އެމީހުންގެ އަމިއްލައަށް އިސްނަގައި ރޫޙާއި ޖާނުން ޤުރުބާން ވަމުންނެވެ. އެދުވަހު އަޅުގަނޑުގެ ހިތަށް އެންމެ ފުރަތަމަވެސް ސިފަވެގެންދިޔައީ ސިފައިންގެ ލަވައެވެ. “ އިސްނަގާ ކުރިއަށް ދާނީ ސިފައިން، އޭގެ ރޫޙާނީ ބާރުން“ މިޢިބާރާތްކޮޅެވެ.
އެއީވެސް ހަޔާތުން ދުވަހެކެވެ. އަޅުގަނޑު މިއަދު އެދުވަސް ސިފަ ކުރަނީ އެއީ ސިފަވަންތަ ސިފައިންގެ ދުވަހެއްގެ ގޮތުގައެވެ. ސިފައިންނަށް އިތުރު ބާރަކާއި ހިތްވަރެއް ލިބުނު ދުވަހެއްގެ ގޮތުގައެވެ. އެދުވަހު ސިފައިން އެދައްކުވައިންދިން ރިވެތި ނަމޫނާ މިއަދު ދިވެހި ރައްޔިތުން ވަނީ ބަލައިގަނެފައެވެ. އެމީހުން ސިފައިންނަށްޓަކައި ފަޚުރުވެރިވެއެވެ. އެދުވަހު ސިފައިންގެ ކޮންމެ މީހަކާއެކު އިތުރު 100 މީހުންގެ ބާރު އެމީހުންގެ ހަށިގަނޑުގައި ހުއްޓޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސިފައިންގެ އެއްވެސް މީހެއްގެ މޫނުމަތިން އެދުވަހު ވަރުބަލިވުމުގެ އެއްވެސް އިހްސާސެއް ނުފެނެއެވެ. ފެންނަނީ ހިތްހަމަޖެހުމާއި ހިތްވަރެވެ. އެއްބަނޑު އެއްބަފާކަމެވެ. ލޯތްބާއި އޯގާތެރިކަމެވެ. ކުލުނާއި އިޚްތިރާމެވެ. އެމީހުންގެ އިސްނެގުމާއި ރޫޙެވެ. ޖޯޝާއި ފޯރިއެވެ. ޤައުމަށްޓަކައި އޮތް ލޯތްބާއި އިޙްލާސްތެރިކަމެވެ. އެއިން ކޮންމެ މީހެއްގެ ކިބައިންވެސް ބުނަން ނޭގޭފަދަ ބާރުތަކެއް ފެންނަމުންދިޔަ ކަހަލައެވެ. އަޅުގަނޑު ސިފަކުރާގޮތުގައި އެދުވަހު ހަރަކާތްތެރިވި ހުރިހާ ސިފައިންނަކީވެސް ހަމަ ރޫޙާނީ ސިފައިންނެވެ.
