ތަޢާރަފު

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަކީ، އައްސުލްޠާން އިބްރާހީމް (ތިންވަނަ) އާއި ވަރަށް ތިމާގެ ބޭފުޅެކެވެ. ކަލާފާނުގެ ބޮޑުބޭބޭފުޅު، އުތީމު ޢަލީ ތަކުރުފާނަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ މަންމަ ފަރާތްޕުޅުގެ މުނިކާފާފުޅެވެ. ތުއްޕުޅު އިރުއްސުރެ އުޅުއްވީ ގަނޑުވަރުތެރޭގެ ވާސައިގައި (މާހައުލުގައި) އެވެ. އާންމު ގޮތެއްގައި މިބޭފުޅާއަށް ނިސްބަތްކޮށް އުޅުނީ ”ކަޅުތުއްކަލާ“ ގެ ނަންފުޅުންނެވެ. އެނގިފައިވާ ގޮތުގައި، ”ތުއްކަލާ“ގެ މާނައަކީ ”ޒުވާން އަމީރު“އެވެ. ފަހަކަށް އައިސް މިރަދުންނަށް ނިސްބަތްކޮށް އުޅުނީ ”ބޮޑުރަސްގެފާނު“ ގެ ނަންފުޅުންނެވެ. ލަފާކުރެވެނީ މިނަންފުޅު ލިބިވަޑައިގެންފައިވަނީ، އެރަދުންގެ އިސްކޮޅުފުޅާއި ހައިބަތުގެ މައްޗަށާއި ވަރުގަދަ ޝަޚްޞިއްޔަތުގެ މައްޗަށް ބިނާކޮށްފައި ކަމަށެވެ. ތާރީޚީ ލިޔުންތަކުގައި، މިރަދުންނަށް ”ޝުޖާޢީ“ގެ ލަޤަބު އަރުވައިފައިވަނީ، ދިމާވެވަޑައިގަތް ހުރިހައި ކަމެއްގައި އެމަނިކުފާނު ސާބިތުކުރެއްވި ހިތްވަރުފުޅާއި، ބިރުފުޅުކުޑަކަމަށްޓަކައެވެ. ހުރިހައި ގޮތަކުން ބަލާއިރުވެސް، މިރަދުންނަކީ ފާހަގަކުރެވޭ ވަރުގަދަ ޝަޚްޞިއްޔަތެކެވެ.

ކަލާފާނު ޝަހީދުވެ ވަޑައިގަތީ 1609މ ވަނަ އަހަރުގެ ފެބްރުއަރީ މަހު، ދުޝްމިނުންގެ ބަޔަކު ރާއްޖެ އައިސް، ކަނޑުމަތީގައި ކުރި ހަނގުރާމައެއްގައެވެ. އެއަށްފަހު ރަސްކަންކުރެއްވީ ކަލާފާނުގެ ދެބޭންގެ ދެދަރި ބޭފުޅެއްކަމަށްވާ ކަޅުކަމަނާފާނެވެ. މިއީ އުތީމު ޙަސަން ތަކުރުފާނުގެ ދަރިކަނބަލެކެވެ. އެކަމަނާގެ އަށެއްކަ އަހަރުގެ ރަސްކަމަށްފަހު، ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނެވެ. މިރަދުން އެގާރަ އަހަރު ރަސްކަންކުރެއްވުމަށް ފަހު އަވަހާރަވުމުން ދެން ރަސްކަމަށް އިސްވެވަޑައިގަތީ ކަޅުތުއްކަލާއެވެ.

ކަނޑުމަތީގެ ހަނގުރާމައިގައި މަލާބާރީން ކަލާފާނު ޝަހީދުކޮށްލުމަށް ފަހު، ދިވެހިތަޚުތުގެ ވަލީއަޙުދު ކަމަށްވާ ކަޅުތުއްކަލާ އެމީހުން ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންދިޔައެވެ. އެމަނިކުފާނު އެތާނގައި އެގާރަ އަހަރުވަންދެން ހައްޔަރުކޮށްފައި އަލީރާޖާ ބެހެއްޓެވިއެވެ. ކަޅުތުއްކަލާއަށް ކަންނަންނޫރުން ސަލާމަތްވެވަޑައިގެން ރާއްޖެއަށް ވަޑައިގެންނެވުނީ، އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވުމަށް ފަހުގައެވެ.

ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތުން

ކަޅުތުއްކަލާ ރަސްކަމަށް އިސްވެ ވަޑައިގެންނެވީ، ”އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1، ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން“ މި ނަންފުޅުގައެވެ. އެއިރު މާލޭގައި ހުންނެވި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑުގެ ލިޔުއްވުމުން އެނގެނީ، މިރަދުންގެ ކުރީގެ ނަންފުޅަކީ ”އިބްރާހީމްކަލާ“ ކަމެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތް އަހަރެއް އެނގެން ނެތުމާއެކު، މިތާރީޚު ހޯދަން މަސައްކަތްކުރުމުގައި، ބައެއް މުހިންމު ލިޔުންތައް ދިރާސާކުރެވުނެވެ. މިމަޢުލޫމާތަށް ބަލާއިރު، އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު އަވަހާރަވުމާއި، ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތުމާ ދެމެދުގައި ތަޚުތު ހުހަށް ހުރި ދުވަސްކޮޅެއް ވެއެވެ.    އަޅުގަނޑުމެންނަށް ލިބިފައިވާ ދުވަސްވީ ރާދަވަޅިއެއްގެ އެހީގައި، ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތް ތާރީޚު ހިސާބުކޮށް ބަލާއިރު، އެދުވަހަކީ 26 މުޙައްރަމް 1031 (11 ޑިސެމްބަރު 1621) އެވެ. އޭގެ ފަހުން ހިނގައިފައިވާ އެތައް ކަމެއްގެ ތާރީޚުތަކާ އަޅައިބަލާއިރުވެސް، މިއީ ޞައްޙަ ތާރީޚުކަމަށް ފެނެއެވެ. މިގޮތަށް ބަލާއިރު، ޙުސައިން ފާމުލަދޭރިކިލެގެފާނުގެ ރަސްކަމުގެ ނިމުމާއި، ކަޅުތުއްކަލާގެ ރަސްކަމުގެ ފެށުމާ ދެމެދުގައި ގާތްގަނޑަކަށް އެއް އަހަރާއި ދިހަވަރަކަށް މަސްދުވަހުގެ މުއްދަތެއް އޮވެއެވެ. ބޮޑުރަސްގެފާނު އަވަހާރަވި ތާރީޚަކީ، 5 ޝައްވާލް 1058 (23 އޮކްޓޯބަރ 1648) ކަމުން، އަލަށް ހޯދުނު ތާރީޚުތަކަށް ބަލާއިރު، ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު އުމުރުފުޅަކީ 40 ނުވަތަ 41 އަހަރުފުޅުކަން އެނގެއެވެ. ރަސްކަން ކުރައްވައިފައިވަނީ ގާތްގަނޑަކަށް 27 އަހަރުއެވެ.

ކަޅުތުއްކަލާ ރަސްކަމަށް އިސްވެ ވަޑައިގަތުމާ ބަޔަކު ދެކޮޅު ހެދިކަމަށްވެއެވެ. މިކަމާމެދު އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ، ”އުތީމު ދަރިކޮޅުގެ ރަސްކަން“ މިފޮތުގައި ލިޔުއްވައިފައިވާ ބަޔާނެއް މިހިސާބުން ހިމަނައިލަމެވެ:

”. . އުތީމު ރަސްކަމަށް ތައުޔީދު ކުރާ މީހުން ކަޅުތުއްކަލާއަށް ބައިޢަތު ހިފައިފިއެވެ. ނަމަވެސް ބަޔަކު އޭނާއާ ޤަބޫލުނުވީ އޭނާގެ ބައްޕަގެ މަޤާމު ދަށްކަމުންނެވެ. ރާއްޖޭގައި އާދަކާދަ އޮންނަ ގޮތުން ނަސަބުގެ ގޮތުން ދަރި މާތްވަނީ ބައްޕަގެ ފަރާތުންނެވެ. އަދި މަންމަގެ ފަރާތުންވެސް އެމާތްކަން ވާރުތަވެއެވެ. ދެން އެމީހަކު މާތްވަނީ ހަތްދޮށު ކޮއްޔެއްލެވި އެމީހަކު އަމީރަކަށް ވުމުންނެވެ. މިގޮތުން ކަޅުތުއްކަލާގެ މައިފުށުން މާތްކަން ލިބުނު ނަމަވެސް ބައްޕަގެ ފަރާތުން އެމާތްކަން ލިބިވަޑައިނުގަތުމުން ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގެންފައި އޭނާގެ ބައްޕައަށް މާފަތްކަމަށް ކޮލިލެއްވުމުން ކުއްލިއަކަށް އޭނާގެ ނަސަބު މާތްވެގެން ދިޔައީއެވެ. މުޢުތަބަރު ގޮތުން ވާރިދުވާގޮތުގައި ކަޅުތުއްކަލާގެ މަންމަ އާމިނާ މާވާކިލެގެ ތިންފަށް ވެވަޑައިގަތުމުން ފަށްކެނޑުއްވުމަށް ކާވެނިބެއްލެވީ ގަލޮޅު ބޮޑުމަގު ޢުމަރު އާއެވެ. މިގޮތުން ލިބިވަޑައިގަތް ދަރިކަލަކީ ’ކަޅުތުއްކަލާ‘ އެވެ.“ (ލުޠުފީ، އުތީމު ދަރިކޮޅުގެ ރަސްކަން، 2006މ: ޞ 61).

އެންމެ ފަހުން ދިރާސާ ކުރެވުނު މުސްކުޅި ރާދަވަޅިން އެނގޭ ގޮތުގައި، މިރަސްކަން އޮތީ 11 ޑިސެމްބަރު 1621 އިން 23 އޮކްޓޫބަރ 1648 (26 މުޙައްރަމް 1031 އިން 5 ޝައްވާލް 1058ހ) އަށެވެ. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން1، ބޮޑުރަސްގެފާނު، ރަސްކަމަށް އިސްވެވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އެރަދުންގެ ކުރިން ރާއްޖޭގެ ތަޚުތުގައި ރެދަލިކުރެއްވި ދެ ރަސްކަލުން ކަމުގައިވީ ކަލާފާނާއި، ޙުސައިން ފާމުލަދޭރިކިލެގެފާނާ ދެ ބޭފުޅުންވެސް ކައިވެނިފުޅު ބައްލަވައިގެންނެވި ކަނބާ ޢާއިޝާ ރަނިކިލެގެފާނާ ކައިވެނިފުޅު ކުރެއްވިއެވެ. މިކަމަނާ ކަލާފާނަށް ރައްކައުވި ދެބޭފުޅުން ތުއްޕުޅުއިރު އަވަހާރަވީއެވެ. ޙުސައިން ފާމުލަދޭރިކިލެގެފާނާ މިކަމަނާ ކުރެއްވި ކައިވެނިފުޅުން، ދަރިކަނބަލަކާއި ތިން ދަރިކަލުން ލިބިވަޑައިގަތެވެ. ބޮޑުރަސްގެފާނަށް އިބްރާހީމް ކިޔުނު ދަރިކަލަކު މިކަމަނާ ރައްކައުވިއެވެ. މިބޭފުޅަކީ ފަހުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 (އިސްކަންދަރު ރަސްގެފާނު) އެވެ. ބޮޑުރަސްގެފާނަށް މިދަރިކަލުން ލިބިވަޑައިގަތުމަށް ފަހު، ހަލާކުވެފައި އޮތް ރަސްކަމުގެ ކޮއިލު އަލުން ބިނާ ކުރައްވައި، ކޮއިލު ވަށައިގެން ފާރުލައްވައި ބަޑިދޮރު ކަނޑުއްވައި، ފާރުގެ ބޭރުން ކަންޒު ކޮންނަވައި ކޮއިލުގެ ރައްކައުތެރިކަން އިތުރުކުރެއްވިއެވެ.

ޕޯޗުގީޒުންގެ ވަރުގަދަ ހަމަލާއަކާއި، ބޮޑުރަސްގެފާނު ރާއްޖޭގެ ދިފާޢީ ނިޒާމް ޤާއިމް ކުރެއްވުން

މިރަސްކަމުގައި ޕޯޗުގީޒުންގެ ވަރަށް ވަރުގަދަ ހަމަލާއެއް ދިވެހިރާއްޖެއާ ކުރިމަތިވިއެވެ. މިކަން ހިނގީ 1631މ ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. މިހަމަލާގައި، އެމީހުންގެ ހަނގުރާމަމަތީ ނައުފަހަރުގެ ފަނަރަ ނައު ހިމެނުނު އަރުމާޒެއް ރާއްޖެއާ ދެކޮޅަށްއައެވެ. ވެރިޔަކަށް އައީ ކަނާރާގެ ޗީފް ކެޕްޓަން ޑޮމިންގޯސް ފެރޭރާ ބެއްލިއާގޯ އެވެ. ޕޯޗުގީޒުން މިފުލީޓު ރާއްޖެއަށް ފޮނުވީ، ގޯވާއަށް ވަޑައިގެންނެވި ނުވަވަނަ ޙަސަން ރަސްގެފާނުގެ ކާފަދަރިކަލުން ޑޮމް ފިލިޕްގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިރާއްޖެއިން އޭނާއަށް ލިބިވަޑައިގަންނަވަންވާ ޖިޒީ ފުރިހަމައަށް ލިބިވަޑައިގަންނަވާނޭ ގޮތް ހައްދަވައިދެއްވުމަށް، ޕޯޗުގީޒު ރަސްގެފާނު ގޯވާގެ ވައިސްރޯއިއަށް އެންގެވުމުންނެވެ. (ބެލް،އެކްސާރޕްޓާ…،1998މ:ޞ 104).

މިފުލީޓު މާލެއަށް އައިއިރު މާލެ އޮތީ ހަނގުރާމައަށް ތައްޔާރުވެފައެވެ. މާލޭގެ ފަޅަށް ވަންނަން އޮތް ނެރު ވަނީ، ގައުއަޅައިފައިވާ ދޯނިތަކެއް ބައްދާލައިފައެވެ. އެހެންކަމުން ޕޯޗުގީޒުންނަށް މާލެއަކަށް ނުފޭބުނެވެ. އެތައް ދުވަހެއް ވަންދެން މިނައުތަކުން މާލެއަށް ބަޑިޖަހައި، ފަޅަށް ވަދެވޭނޭ ގޮތެއް ނެތިގެން، އެންމެ ފަހުން ބެއްލިއާގޯއަށް ޖެހުނީ އެނބުރި ގޯވާއަށް ދާށެވެ. ދިޔައީ ވިލިނގިލީގައި ހުރި މިސްކިތް އަންދާލައިފައެވެ. މި ހަނގުރާމައިގައި ބައިވެރިވީ ޕޯޗުގީޒު މީހަކު ކުރަހައިފައިވާ ޗާޓެއްގައި، އެމީހުންގެ ނައުތައް ކުރަހާފައިވެއެވެ. އަދި، މާލެއިން ހަ ބޮޑުބަޑިން ހަނގުރާމަކުރާ ތަނާއި، މާލޭގެ އުތުރު ފަރާތުގައި އޮތް ވަރުގަދަ ތޮށްޓަކާއި، ރަށުގެ މެދުގައި ހުރި ކިއްލާއެއް ކުރަހައިފައިވެއެވެ. މިކިއްލާއިން ދައްކަނީ އެހަނގުރާމައިގެ ކުރިން ބިނާކުރެއްވި ރަސްކަމުގެ ކޮއިލާއި، ކޮއިލު ވަށައިގެންވާ ފައުރާއި ކަންޒުކަމަށް ވެދާނެއެވެ. ނަމަވެސް، ތާރީޚުން އެނގޭގޮތުގައި، އެއިރު މާލޭގައި އޮތީ ފަސް ބޮޑުބަޑިއެވެ. ހަ ބޮޑުބަޑިއެއް ނޫނެވެ. އެކުރެހުމުގައި، މައިފާރާއި ބުރުޒުތައް ހިމެނިފައިނުވާތީ، މިތަންތަނަކީ އޭގެ ފަހުން ހެއްދެވި ތަންތަންކަން އަޅުގަނޑުމެންނަށް އެނގެއެވެ. މި ހަމަލާއަށްފަހު ޕޯޗުގީޒުންގެ އިތުރު ހަމަލާއެއް ބޮޑުރަސްގެފާނުގެ ރަސްކަމުގައި ރާއްޖެއަށް އައިކަމެއް އެނގޭކަށް ނެތެވެ.

މިހަނގުރާމައިގެ ފަހުން، މާލޭގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރެއްވުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ބޮޑުރަސްގެފާނު ކުރެއްވިއެވެ. ރަސްކަމުގެ ކޮއިލާ ގުޅިގެންވާ ހިސާބުގައި ބޮޑުކޯއްޓޭ ބިނާކުރައްވައި ބުރުޒު ހެއްދެވިއެވެ. ”މާލޭގެ އެހެން ކަންކޮޅުތަކުގައި“ ވެސް ބުރުޒު ހައްދަވައި ބަޑިދޮރު ކަނޑުއްވައި ހެއްދެވިއެވެ. އަދި މިއިން ކޮންމެ ދެ ބުރުޒެއްގެ ދެމެދުގައި، ފާރުލައްވައި މިފާރުގައިވެސް ބަޑިދޮރު ކެނޑުއްވިއެވެ. މިހެން ހެއްދެވުމަށް ފަހު، ދުޝްމިނުންނަށް މާލެ ތެރެއަށް ވަދެވޭނެގޮތެއް ނެތެވެ. މީގެފަހުން ރަށްވަށައިގެން ތޮށިލައްވައި، އޮޑިފަހަރަށް ތޮށިން ވަދެނިކުމެވާނޭހެން ނެރުކަނޑުއްވައި ހެއްދެވިއެވެ. އަދި އެހިނދު މާލެ ދިފާޢުކުރުމަށް ހުރި ބޮޑުބަޑި މަދުކަމުން،  އަސޭކަރަޔަށް އޮޑިޔެއް ފޮނުއްވައިގެން ރަތުލޯ ބަޑީގެ ސާދަ ބަޑި ބައްލަވައިގަތެވެ. މިތަކެއްޗާއި އަދި އެދުވަސްވަރު ރާއްޖެއަށް އުރުނު އެކިއެކި ނައުފަހަރުން ލިބިވަޑައިގަތް ބަޑިތައް ބޭނުންފުޅު ކުރައްވައިގެން، މާލޭގެ ދިފާޢީ ނިޒާމު އެކަށީގެންވާ ވަރަށް ފުރިހަމަ ކުރެއްވިއެވެ.

އިންޑިޔާ ކަނޑުގެ ސަރަޙައްދުގައިވާ ވަރަށް ގިނަ ޤައުމުތައް އެއިރު ބޭނުންވެފައިވަނީ ޕޯޗުގީޒުންގެ ހަރުކަށި އިސްތިޢުމާރީ ބާރުގެ ދަށުން ސަލާމަތްވުމަށެވެ. މިސަރަޙައްދުގައި ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ނުވާ ޤައުމުތަކަށް ބޭނުންވެފައި ވަނީ، ޕޯޗުގީޒުންގެ ހަމަލާތަކުން ރައްކައުތެރިކޮށްދޭނޭ ބަޔެކެވެ. މިސަބަބުތަކަށްޓަކައި، މިޤައުމުތަކުން އެކިއެކި ގުޅުންތައް ޑަޗްމީހުންނާ ޤާއިމުކުރަމުން ގެންދިޔައެވެ. ދިވެހިރާއްޖެއަށް ވެސް ބޭނުންވެފައި އޮތީ، ޕޯޗުގީޒުންނާއި މަލާބާރީން ފަދަ ދުޝްމިނުންގެ ނުރައްކަލުން ސަލާމަތްވެގެން ތިބުން ކަމަށްވާތީ، މިދުވަސްވަރު ރާއްޖެއިންވެސް ޑަޗް ގަވަރުނަރަށް ވެދުން ފޮނުއްވަން ފެށްޓެވިއެވެ. ދިވެހިރާއްޖެއިން ފުރަތަމަ ޖިޒީ ފޮނުއްވިކަން އެނގެން އޮތީ، މީލާދީން 1645 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކު އެއްފަހަރު، ސިލޯނުގައި ވެރިކަންކުރާ އިސްތިޢުމާރީ ފަރާތްތަކަށް ދިވެހިރާއްޖެއިން ރަސްމީގޮތުން ޖިޒީ ފޮނުއްވަން ފެއްޓެވިއެވެ. އާދެ! މިއީވެސް ރާއްޖެ ރައްކާތެރި ކުރެއްވުމުގެ ގޮތުން ބޮޑުރަސްގެފާނު އެއިރު އެޅުއްވި ފިޔަވަޅެކެވެ.

އާދެ! ބޮޑު ރަސްގެފާނަކީ ދިވެހިރާއްޖެއަށް ގިނަ ގޮތްގޮތުން މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ރަސްކަލެކެވެ. އެރަދުން ނިސްބަތްވާ އުތީމު ދަރިކޮޅުގެ ޚާއްޞަ ސިފަފުޅުތައް އެރަދުންގެ ޝަޚުޞިއްޔަތުގައި ހިމެނިފައިވީ ހައިބަވަންތަވެރި ރަސްކަލެކެވެ. ދިވެހިތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު ރަން އަކުރުން ފަވާލުން، ހުރިހައި ގޮތަކުން ޙައްޤުވެގެންވާ ބަޠަލެކެވެ.

ޝެއަރކުރެއްވުމަށް