މުސާރަ ހަލާލުވާވަރަށް މަސައްކަތް ކުރެވޭ ހެއްޔެވެ؟ މިއީ ވަރަށް ގިނައިން އަޅުގަނޑުމެން ސިފައިންނާ ކުރިމަތިވާ ސުވާލުތަކެކެވެ. ބައެއް ފަހަރު ރައްޓެހިންގެ ފަރާތުންނެވެ. އަނެއްބައި ފަހަރު އާންމު ރައްޔިތުންގެ ފަރާތުންނެވެ. އަދި މަދުން ނަމަވެސް ސިފައިންގެ ބައެއް މީހުންގެ ފަރާތުންނެވެ. މިފަދަ ސުވާލުތައް ކުރާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިފައިންނަށް މުސާރަ ލިބެނީ ސިފައިންނާ ހަވާލުވެފައިވާ ބުރަ މަސްޢޫލިއްޔަތެއްގެ ސަބަބުންނެވެ. ސިފައިން މި ލޮބުވެތި ދީނާއި ޤައުމަށް ޓަކައި ކޮށްދީފައިވަނީ އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެކެވެ. އަދި ކުރިމަގުގައި ވެސް މިފަދައިން ޚިދުމަތް ކުރުމުގައި ދެމިތިބޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މިގޮތުން ބަލާ އިރު ނޮވެންބަރު ތިނެއްގެ އުދުވާނުގައި ދިވެހި ސިފައިން ދައްކުވައިދީފައި ވަނީ ތަޢުރީފު ހައްޤުވާވަރުގެ ޚިދުމަތެކެވެ. އެ ދުވަހު ޝަހީދު ޙުސައިން އާދަމް މި ޤައުމުގެ ބިންމައްޗަށް އޮހޮރުވާލެއްވި ލޭގެ އަގު ފައިސާއިން އަގުކުރެވޭނެ ހެއްޔެވެ؟ މީގެ އިތުރުން އެ ދުވަހު ސިފައިންގެ ކޮންމެ މީހަކު ވެސް މި ޤައުމަށް ޓަކައި ވީޤުރުބާނީގެ އަގު ފައިސާއިން ދޭނަމަ ކިހާ ޢަދަދަކަށް ފައިސާ ދޭންޖެހޭނެބާއެވެ؟ ލޯބިވާ އަނބިމީހާއާ އެކު އަރާމު ތަންމަތީގައި އޮވެފައި، ބަޑިޖަހާއަޑު އިވުމުން ނިދަން ނޯވެވިގެން ސިފައިންގެއަށް އައުމަށް ނިކުތީ ކޮން އަމިއްލަ އެދުމެއް އޮވެގެންބާއެވެ؟ އެ ދުވަހު މާލޭތެރެ ޕެޓްރޯލްކުރުމަށް ޓަކައި ނިކުތް ސިފައިންގެ މީހުންގެ ކެރުންތެރިކަމަށް ފައިސާއިން އަގު ކުރެވޭނެ ހެއްޔެވެ؟ މިކަންކަމާ މެދު ވިސްނާނުލާނަން ހެއްޔެވެ؟

ޑިސެންބަރު 26ވަނަ ދުވަހުގެ ސުނާމީ ކާރިސާގައި ދިވެހި ސިފައިން ދައްކުވައިދީފައިވަނީ ހަނދާނުން ފޮހެލެވޭނެ ޚިދުމަތެއް ހެއްޔެވެ؟ އެ ހިތާމަވެރި ދުވަހުގައި ގެއްލުން ލިބުނު ރަށްރަށަށް ދަތުރުކޮށް ދިވެހި ސިފައިން ކުރި ބުރަ މަސައްކަތަކީ ފައިސާއިން އަގުކުރެވިދާނެ މަސައްކަތެއްތޯއެވެ؟ ރައްޔިތުމީހާގެ ޢާއިލާއާއި ގެދޮރާއި މުދާ ސަލާމަތްކުރުމަށް ޓަކައި، އަމިއްލަ ޢާއިލާއާއި ގެދޮރާއި މުދާ ދޫކޮށް ދިޔައީ ބޮޑު ފައިސާގަނޑެއް ލިބޭނެކަމުގެ އުއްމީދުގައިތޯއެވެ؟ ސިފައިންގެ މީހުންގެ ބަހުން ނަމަ އުތުރުގެ މީހާ ދެކުނަށް، ދެކުނުގެ މީހާ އުތުރަށް ދިޔައީ އާރަށްތަކެއް ބަލާލުމުގެ ނިޔަތުގައިތޯއެވެ؟ ނޫނެކެވެ. އެމީހުން އެފަދައިން ކަންކުރީ އެއީ ޤައުމީ ވާޖިބެއްކަމުގައި ދެކިގެނެވެ. ނަމަވެސް މި ޚިދުމަތަށް ފައިސާއިން އަގުކުރާ ނަމަ ކިހާވަރަކަށް ފައިސާ ޚަރަދުވާނެބާއެވެ؟ މިކަމާ ހަމަ ސުވާލު ނޫފެދޭ ހެއްޔެވެ؟

2007ވަނަ އަހަރުގެ ފަހުކޮޅު މޯރީ ގަރާޖުގައި އަލިފާން ރޯވި ހާދިސާއަކީ ސިފައިން ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރަންޖެހޭ ވަރުގެ ޚިދުމަތެކެވެ. ރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު އެއް އަލިފާނުގެ މި ހާދިސާގައި ސިފައިން ދައްކުވައިދީފައިވަނީ ފައިސާއިން އަގުކުރެވޭވަރުގެ ޚިދުމަތެއްތޯއެވެ؟ އަލިފާން ނިއްވުމަށް ޓަކައި އެއްވެސް ބިރެއްނެތި ދިވެހި ސިފައިން އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުތް ދުވަހު، އެކަމުގެ އަގު ފައިސާއިން ހޯދަން އުޅުނު ނަމަ އެމީހުންނަށް ކިހާ ޢަދަދަކަށް ފައިސާ ދޭންޖެހޭނެބާއެވެ؟ މީގެ އިތުރުން މި ރާއްޖޭގައި ދިމާވެފައިވާ ތަފާތު އެތައް އަލިފާނުގެ ހާދިސާއެއްގައި ދިވެހި ސިފައިން ދައްކުވައިދީފައިވަނީ އަގު ނުކުރެވޭ ފަދަ ޤައުމީ ޚިދުމަތްތަކެކެވެ. ސިފައިންނަށް މުސާރަ ހަލާލުވޭހޭ ބުނެ ސުވާލު އުފައްދަމުންގެންދާ ފަރާތްތަކަށް އެކަމުގެ އަގު ފައިސާއިން ދެވޭނެބާއެވެ؟

ދިވެހިރާއްޖޭގެ މި ދިގު ތާރީޚުގައި ކުރެވިފައިހުރި ހުރިހާ ޤައުމީ މަސައްކަތެއްގައި ވެސް ދިވެހި ސިފައިން ވަނީ އެންމެ ކުރީސަފުގައި ނިކުމެފައެވެ. ޤައުމީ ބޮޑެތި މައްސަލަތަކުން ފެށިގެން ގޮސް ރަށްރަށުގައި ބޭއްވޭ ތަފާތު ކުޑަކުދިންގެ ހަވީރުތަކުގައި ވެސް ސިފައިން އަންނަނީ އެންމެ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. މިގޮތުން ބަލާއިރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލުމާއި މާލެއަށް ބޮޑުރާޅުއެރުމާއި އެނަމާ ބޯޓު ބަންޑުން ޖަހާލުން ފަދަ ހާދިސާތަކުގައި ދިވެހި ސިފައިން ދައްކުވައިދީފައިވަނީ އަގުނުކުރެވޭނެ ފަދަ ޚިދުމަތްތަކެވެ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމާއި ސުވައިން ފުލޫއަށް މީހުން ޓެސްޓުކުރުމުގައި ސިފައިން ދެއްވާފައިވާ އެހީތެރިކަމާއި އެކިރަށްރަށް ގިރަމުންދާ ސަރަޙައްދުގައި ޖަމްބޯ ބޭގު ޖެހުމާއި މާލޭގެ އާ ލޯކަލް މާރުކޭޓު ހެދުންފަދަ ބޮޑެތި މަސައްކަތް ދިވެހި ސިފައިން ކޮށްފައިވަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އެކަން ދެކިގެންނެވެ.

ދިވެހި ސިފައިން މިތިބީ ތައްޔާރަށެވެ. ޤައުމަށް ކުރިމަތިވެދާނެ ކަމަކަށް ބަލަބަލައެވެ. ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކެރިހުރެ އެ ކަމަކާ ކުރިމަތިލުމުގެ ޢަޒުމުގައެވެ. ޤައުމަށް ޓަކައި ލޭއޮހޮރުވާލަން ޖެހިއްޖެ ނަމަ އުފަލާ އެކު ލޭއޮހޮރުވާލާށެވެ. ދީނާއި ޤައުމަށް ޓަކައި ފިދާވުމަށް ތައްޔާރަށެވެ. ދުޝްމަނުންގެ ފުށުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވެ އެމީހުން ބަލިކޮށްލުމުގެ ޖޯޝުގައެވެ. ޤުދުރަތީ ހާދިސާތަކުން ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ މަޤުޞަދުގައެވެ. މިފަދައިން ދިވެހި ސިފައިން މި ތިބެނީ ޤައުމު ތިމާއަށް ގޮވާލާނެ ވަގުތަކަށް ބަލަބަލައެވެ. އެވަގުތު ޖެހުމުން މުޅި ދިރިއުޅުން ދޫކޮށް ޤައުމުގެ މަސްލަޙަތު ކުރިއަށް ނެރެގެން ނިކުތުމަށް ދިވެހި ސިފައިން މިތިބީ ތައްޔާރަށެވެ. ސިފައިން މުސާރަ ހަލާލުކުރަނީ މިފަދަ ދަނޑިވަޅުތަކުންނެވެ. ސިފައިން މުސާރަ ހަލާލުކުރަނީ އެމީހުންނާ ހަވާލުވެފައިވާ ބުރަ މަސްއޫލިއްޔަތުންނެވެ. ސިފައިން މުސާރަ ހަލާލުކުރަނީ ސިފައިންގެ މީހަކަށްވީތީއެވެ.

ޝެއަރކުރެއްވުމަށް