އަބަދުވެސް މިޤައުމަށް ފާގަތިކަމާއި ރައްކާތެރިކަމޭ އެދެނީ
މަދަދުތައް ﷲ ދެއްވުން އެދި ދެއަތް އުފުލާ ދުޢާ ކުރަނީ
ރާއްޖެ އާރާސްތުކޮށްފައިވަނީ އެކަތައިގެ ހަރުދާ ގަދަފަދަ ބިންގަލެއްގެ މައްޗަށެވެ.
- މާތްވެގެންވާ އިސްލާމްދީން
- ސައްތައިން ސައްތަމުސްލިމު ޤައުމަކަށްވުން
- ދިވެހިންގެ ޤައުމީ ބަސް ދިވެހި ބަހަށްވުން
- އަމިއްލަ ސަޤާފަތެއް ރާއްޖޭގައި އޮތުން
- އިންސާނިއްޔަތުކަމަށް ދިވެހިން ލޯބިކޮށް އަހުލުވެރިވުން
މިކަންތައްތަކާއި މިނޫންވެސް މިފަދަ އެތައްކަންތައްތަކެއްވަނީ ދިވެހިންގެ ޤައުމިއްޔަތާއި ގުޅިފައެވެ.
މާތްވެގެންވާ އިސްލާމްދީން
މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުންނާއި އަމިއްލަ ފަރާތްތަކުން ދީން ކުރިއަރުވާ ދިވެހިންގެ އަގީދާއާއި އީމާންކަން ހަރުދަނާ ކުރައްވަން ކުރައްވާ ތަފާތު އެތަކެއް މަސައްކަތްތަކަކުން މިސްކިތްތަކަށް ނަމާދަށް ދާމީހުން ގިނަވެއްޖެއެވެ. އަދި ހައްޖަށް ދާ މީހުންނާއި ޒަކާތްދޭ މީހުންވެސްއިތުރު ވެއްޖެއެވެ. އަދި މިސްކިތްތަކުގެ އާއި ގޭގައި ޤުރުއާން ކިޔަވާމީހުން އިތުރުވެ އާންމު ވެއްޖެއެވެ.
ދިވެހިންގެ ޤައުމީ ބަސް
ބަސްކުރިއަރުވަން ސްކޫލްތަކުންނާއި އަމިއްލަ ފަރާތްތަކުން ބަހުސް މުބާރާތްތައް ބޭއްވުމާއި ޅެންވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތައް ފާހަގަކުރެވޭހާ ގިނަ ވެއްޖެއެވެ.
ސަޤާފަތް
ދިވެހި ރާޤުތައް ހެދުމާއި ބޮޑުބެރު ޖެހުމާއި އިހުޒަމާނުގައި ކުޅުނު ސަގާފީ ކުޅިވަރުތައް އެކިއެކި މުނާސަބަތުގައި ކުޅެ، އެކަންކަން ތަރަށްޤީކުރަން ކުރާ މަސައްކަތްތައްވެސް އިތުރުވެއްޖެއެވެ.
މީޑިއާ
އެއްވެސް ހާސްކަމެއްނެތި ކުރިއަރަމުންދާ މީޑިއާއެއް ރާއްޖޭގައި އެބައޮތެވެ. ރާއްޖޭގައި އޮތްވަރަށް ގަލަމާއި ދުލުގެ މިނިވަންކަން އޮތް ޤައުމެއް މި ހިސާބަކު ނެތެވެ.
ހާމަކުރެވުނު ކަންކަމުގެ އަލީގައި އެއްޗެއް ދަންނަވާނަމަ ދަންނަވަން ޖެހޭނީ ދިވެހިރާއްޖޭގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.
ޤައުމުގެ ކުރިމަގު އުޖާލާވެ ތަރައްޤީވުމަށް ދިވެހި ދަރިންއެދެއެވެ. ދެޖިންސުގެ ދަރިންނެވެ. މަސައްކަތް ކުރަނީވެސް އެމަޤުޞަދުގައެވެ. އެނިޔަތުގައެވެ. ނަތީޖާ ފެންނަމުންދަނީ ހިތްހަމަޖެހޭ ގޮތެއްގައެވެ.
ތަޢުލީމީ ހާލަތު
ސްކޫލްތަކުންނާއި ކޮލެޖްތަކުން ދަރިވަރުވާކުދިން އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުންދާތީ ކުރިމަގަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ.
މަތީ ތަޢުލީމުގެ ހާލަތު
ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި ޢިއްޒަތްތެރިން ވަރަށް ގިނައެވެ. އެބޭފުޅުން ތަޢުލީމު ފެތުރުއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެބަކުރައްވައެވެ. އެބޭފުޅުން ސްކޫލްތަކުގައާއި ކޮލެޖްތަކުގައާއި އަމިއްލަގޮތުންވެސް ތަޢުލީމު ފެތުރުއްވުމާއި މީހުން ބިނާކުރެއްވުންފަދަ މުހިންމު މަސައްކަތްތައް ކުރައްވައެވެ. އަދި އޭގެ އިތުރުން ފޮތް ލިޔުއްވުމުގެ މަސައްކަތްވެސް ކުރައްވައެވެ. އަދި ކޮލެޖް ހިންގަވަނީ އަމިއްލަ ދެފަރާތަކުންނެވެ. އަދި އެކަމުގެ ސަބަބުން ތަޢުލީމީ މަސްރަޙުވަނީ ތަޢުލީމީ ވާދަވެރި މަސްރަޙަކަށް ބަދަލުވެފައެވެ. މިހާރުވަނީ ޤައުމީ ޔުނިވާސިޓީ ސަރުކާރުން އުފައްދާފައެވެ.
މަސައްކަތްތެރިކަން
ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރައްވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ދަނީ ވަރަށް ކާމިޔާބީ ނަތީޖާއެއް ފެންނަމުންނެވެ. ފަތުރުވެރިކަންވަނީ ބޭރު ރާއްޖެތަކުގެ މާހައުލުތަކުގައި ނަމޫނާ ފަތުރުވެރިކަމެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ.
ރާއްޖޭގެ އެއްރަށް އަނެއް ރަށާއި ދަތުރުފަތުރުގެ ގޮތުން ގުޅާލުން
ޖާޒީރާ ޤައުމަކަށް ރާއްޖެވީކަމުގެ ސަބަބުން އެއްރަށުން އަނެއްރަށަށްގޮސް އައިސްވުން އެކަމަށް އެދޭމީހުންނަށް ދަތިވެފައިވަނިކޮށް ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސެވުމުން އެކަމުގެ ފަސޭހަތައް ރައްޔިތުނަށް ލިބި ކުޑަކުޑަ ޚަރަދަކުން ބޭނުންތައް ފުއްދެން ފެށުމުން ރައްޔިތުން އުފާވެރިކަމުގެ ޝުޢޫތުތައް ފާޅުކުރަން ފަށައިފިއެވެ.
ކުރިމަގުގެ ދެފަރާތުގައިވަނީ ޤައުމީ ގަހާއި ޤައުމީ މަލުގެ އާރޯ ބަގީޗާތަކެވެ. ފަތްތަކުގެ ކުލަ ވަރަށް ފެއްސެއެވެ. މާތަކާއި އިހާތައްވަނީ ދޮންވެ ފައްކާވެފައެވެ. މަތިން ފެންނަނީ ގަދަ ނޫކުލައިގެ އުޑެއެވެ. އުޑުގައި ތަރިތައް ވިދާ ބަބުޅަނީއެވެ. އެ ރިހި ދޯދިތަކުން ބިމަށް ސަދަޤާތްކުރާ ހަނދު ފަތަރާސީކަމާއި ރަނިވަވަންތަކަމާއެކު ތަރިތަކުގެ ދުނިޔޭގައި ރަސްކަން ކުރަމުން ދަނީއެވެ.
ޤައުމީ ޙަޔާތުގެ އުދަރެހުން އާ ކުލަތަކެއް އެފެންނަނީ
ޤައުމީ ގަހާއި ޤައުމީ މަލުން އާރޯވަމުން ބިންތައް ދަނީ
ފެއްސާއި ރަތާއި ހުދުން ޖައްވާ ފަޒާ ޖަރީވެގެން
އެންމެން ދެކޭހިތުން ތިބި ބޮޑުމަންޒަރޭ އެފެންނަނީ
