ދިވެހި ސިފައިން ފުޓްބޯޅަ ކުޅެން ފަށާފައިވަނީ 1940ގެ އަހަރުތަކުގެ ފަހުކޮޅު ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގައި ކަމަށް ތާރީޚީ ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. ރާއްޖޭގައި އޭރު ރަސްމީ ސިފައެއްގައި ފުޓްބޯޅަ ކުޅެވެމުން އައިސްފައިވަނީ މާލޭގެ އަވަށްތަކުގެ މެދުގައެވެ. އެދުވަސްވަރު ސިފައިންނަށްވެސް މެޗްތައްކުޅުމުގެ ދައުވަތު ލިބި މާލޭގެ އަވަށްތަކާއެކު މެޗްތައް ކުޅެފައިވާކަން ތާރީޚް ހެކިދެއެވެ.
މިފަހުގެ ތާރީޚެއްގައި ސިފައިން ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކޮށްފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ސަރުކާރު އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން 1989ވަނަ އަހަރު ބާއްވަންފެށި ރެފްރީސް ކަޕްގައެވެ. ފަސް ފަހަރު ބޭއްވި މިމުބާރާތުގައި ދިވެހި ސިފައިންވަނީ ތިންފަހަރު ފައިނަލްގައި ކުޅެ އެއްފަހަރު ތަށި އުފުލާލައިފައެވެ. އާދެ، މިއީ ފުޓްބޯޅައިގައި ދިވެހި ސިފައިން އެންމެ ފުރަތަމަ ހޯދި އެންމެ ފޮނި ކާމިޔާބީއެވެ. 1993ވަނައަހަރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު ފަސްވަނަ ރެފްރީސްކަޕްގެ ފައިނަލް މެޗްގައި ރާއްޖޭގައި ޖެހި ފުރަތަމަ ރަންގޯލާއެކު ދިވެހި ސިފައިން މޮޅުވިފަހުން ރެފްރީސްކަޕް މުބާރާތް ބޭއްވުންވަނީ ހުއްޓާލައިފައެވެ. ރެފްރީސްކަޕް ބޭއްވުން ހުއްޓާލުމާއެކު އޭރު ސިފައިންގޭގައި ތިބި މިކުޅިވަރުކުޅޭ ކުޅުންތެރިން މާޔޫސްވިއެވެ. ރާއްޖޭގެ އެންމެ ޝަރަފްވެރި ދަނޑުކަމުގައިވާ ގަލޮޅު ދަނޑަށް އަރާ ޤައުމީފެންވަރުގެ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތު ގެއްލުމުންނެވެ.
16 އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށްފަހު ދިވެހި ސިފައިން ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅެން ނިކުންނާނެ ކަމުގެ ފެހި ސިގްނަލްއެއް ލިބިގެން ގޮސްފައިވަނީ 2008 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެއަހަރު ޑިފެންސް މިނިސްޓަރކަމާ ހަވާލުވެލެއްވި އޮނަރަބަލް އަމީން ފައިޞަލް މީޑިއާ ގައި ދެއްވި ބަސްދީގަތުމެއްގައި ދިވެހިސިފައިން ޤައުމީފެންވަރުގެ ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކުރާނެ ކަމަށް ވިދާޅުވުމުންނެވެ. އެމަނިކުފާނުގެ އެވާހަކަފުޅު ތަކަށް އިތުރު ބާރެއްލެވިގެން ދިޔައީ 2009ވަނަ އަހަރު ފެބްރުއަރީ 24ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި އެމް.އެން.ޑީ.އެފް ސްޕޯރޓްސް ނައިޓްގައި ފުޓްބޯޅަ ހިފައިގެން ސިފައިންގެ ހަތަރުފާރުން ބޭރަށް ނިކުމެ މުބާރާތްތަކުގައި ވާދަކުރަންވެއްޖެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އިޢުލާން ކުރެއްވުމުންނެވެ.
ކޮންމެއަކަސް ދިގުމާޒީ އަކަށްފަހު ޤައުމީފެންވަރުގައި ފުޓްބޯޅައިގައި ސިފައިން ވާދަކުރަން ނިންމީ ފޮނި އުއްމީދު ތަކަކާއެކު މިގޮތުން ދިވެހި ސިފައިންގެ ކްލަބްގެ ފުޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފެށުނެވެ. ޑީ.އެސް.ސީގެ ފުޓްބޯޅަ ޓީމް ބައްޓަން ކޮށްފައިވަނީ ދިވެހި ޤައުމީ ފުޓްބޯޅަށް ރަންމެޑެލް ހޯދި ޓީމްގެ އެސިސްޓެންޓް ކޯޗް އަލްފާޟިލް އިޙުސާނު އަބްދުލް ޣަނީ އެވެ. އިޙުސާނުގެ ބުރަ މަސައްކަތުން ޓީމެއް އެކުލަވާލާ މުބާރާތް ތަކުގައި ވާދަކުރުމަށް ތައްޔާރުވިއެވެ. ޑީ.އެސް.ސީ ފުޓްބޯޅަ ޓީމްގެ ޖޯޒީ ލޯންޗް ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީވެސް ރާއްޖޭގައި އެފަދަ ރަސްމިއްޔާތެއް ބޭއްވި އެންމެ ފުރިހަމަކޮށެވެ. އޭރުގެ ޓީވީ މޯލްޑިވްސްގައި ( އެމް.އެން.ބީ.ސީ ވަން ) ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ޑީ.އެސް.ސީ ފުޓްބޯޅަ ޓީމްގެ ޖޯޒީ ލޯންޗްކޮށްފައިވަނީ 2009 ޖުލައި މަހުގެ 01ވަނަ ދުވަހުގެރެއެވެ. ޑީ.އެސް.ސީ ފުޓްބޯޅަ ޓީމް އިފްތިތާހްކުރެވިފައިނީ 2009 ޖުލައި 03 ވަނަ ދުވަހުގެ ރެއެވެ. ޑީ.އެސް.ސީ ފުޓްބޯޅަ ޓީމް އިފްތިތާޙް ކުރުމުގެ ގޮތުން ގަލޮޅުރަސްމީދަނޑުގައި ސްރީލަންކާގެ އާރމީ ފުޓްބޯޅަ ޓީމާއެކު ޚާއްޞަ ފުޓްބޯޅަ މެޗެއް ކުޅެވިފައިވެއެވެ. މިމެޗް 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ޑީ.އެސް.ސީ އެވެ.
ޑީ.އެސް.ސީ ގެ ފުރަތަމަ މުބާރާތަކީ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޜަންގެ މުބާރާތެވެ. 2009 ނޮވެމްބަރ 05 ވަނަ ދުވަހު ފެށި މިމުބާރާތް ޑީ.އެސް.ސީ ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިމުބާރާތުގައި ޑީ.އެސް.ސީ ކުޅުނު ދެމެޗެއްވަނީ ދެވަނަ ފަހަރަށް ކުޅުވާފައެއެވެ. އެއީ ފުރަތަމަ ބުރުގައި ބީޖީ ސްޕޯރޓްސް އާއި ބައްދަލުކުރި މެޗާއި، ދެވަނަ ބުރުގައި ޕޮލިސްކްލަބް އާއި ކުޅުނު މެޗެވެ. ތިންވަނަ ޑިވިޜަންގެ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތުހަމަވިއިރު 1-1ން އެއްވަރުވެފައިވުމުގެ ސަބަބުން ޕެނަލްޓީޖަހައިގެން 4 ލަނޑު 3 ލަނޑުގެ ތަފާތުންނެވެ. މިމުބާރާތުގައި ޑީ.އެސް.ސީ އިން ޖުމްލަ 33 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 4 ލަނޑެވެ.
ޑީ.އެސް.ސީ ގެ ދެވަނަ މުބާރާތަކީ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތެވެ. 17 މެއި 2010ގައި ފެށި މިމުބާރާތުގެ ތަށިވެސް ދިވެހި ސިފައިންގެ ކްލަބުންވަނީ އުފުލާލައިފައެވެ. މިމުބާރާތުގެ ފައިނަލްގައި ކްލަބް އީގަލްސް ބަލިކޮށް ޗެމްޕިއަންކަން ޑީ.އެސް.ސީ ހޯދި އިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ޑީ.އެސް.ސީގެ ތިންވަނަ މުބާރާތަކީ 19ވަނަ އެފް އޭ ކަޕެވެ. މިމުބާރާތުގެ ތިންމެޗުން މޮޅުވެ ކްއާރޓަރ ފައިނަލަށް ދާން ކުޅުނު ހަތަރުވަނަ މެޗްގައި ކްލަބް ވިޔަންސާ އަތުން 3-1ން ބަލިވެ އެމުބާރާތުން ކެޓިއެވެ. ނަމަވެސް ދެވަނަ ޑިވިޜަން މުބާރާތް ކާމިޔާބުކުރުމާއެކު ދިވެހި ސިފައިންނަށް ފުރަތަމަ ޑިވިޜަންގައި ވާދަކުރުމަށް ކުޅެންޖެހޭ ފުރަތަމަ ޑިވިޜަން ކޮލިފިކޭޝަން މުބާރާތުން ޖާގަ ލިބުނެވެ. އަދި މިއާއެކު ރާއްޖޭގެ ބޮޑެތި ކްލަބްތަކާއެކު ފުރަތަމަ ޑިވިޜަންގައި ވާދަ ކުރުމަށް ހުރަސްކުރަން ޖެހޭ އެންމެ ފަހުގެ މަރުޙަލާއަށް ދިވެހި ސިފައިންގެ ކްލަބުން ތައްޔާރުވާންފެށިއެވެ. ހުރިހާ ސިފައިންވެސް ތިބީ އުފަލުން އެމީހުންގެ ޓީމުން ހޯދަމުންދާ ފޮނި ކާމިޔާބިއަށް ފަޚުރުވެރިވެފައެވެ.
ދިވެހި ސިފައިން ޤައުމީ ފުޓްބޯޅައިގެ ތެރެއަށް ނިކުމެވުނީ ޞަރަޙައްދީ މުބާރާތުގެ ރަންމެޑަލް ރާއްޖެ ގެނައި ދުވަސްވަރުކަމުގައިވިޔަސް ފުޓްބޯޅައިގެ ރޫޙްވަނީ ވަރަށްބޮޑަށް ދަށްވެގެންގޮސްފައެވެ. ޚާއްޞަކޮށް ބޮޑެތި ކްލަބްތައް ކުޅޭއިރު ގަލޮޅު ދަނޑަށް މީހުންވަންނަ ޢަދަދު ވަރަށް މަދުވެފައިވާކަން ފާހަގަ ކުރެވެއެވެ. ކޮންމެއަކަށް ދިވެހި ފުޓްބޯޅަ އާއުސްމިންތަކަކަށް ގެންދިއުމަށް ދިވެހި ސިފައިންގެ ޙިއްސާއަކީ މުހިއްމު އެއްޗެއްކަމަށް ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ ކޯޗުންނާއި ފުޓްބޯޅައިގެ ތަޖްރިބާކާރުން އޭރު ބުނަމުންއައިސްފައިވެއެވެ. އަދި ފުޓްބޯޅައިގައި ސިފައިން ހޯދަމުންދިޔަ ކާމިޔާބީ ތަކުގެ ސަބަބުން އެމީހުން ބުނަމުން އައި ވާހަކަ ތެދުކަމަށް ޤަބޫލު ކުރެވިގެންދިޔައެވެ. މީގެ ހެއްކަކީ 01 އަހަރުގެ ތެރޭގައި 3 މުބާރާތުގައި ވާދަކޮށް 02 ތަށި ކާމިޔާބުކުރުމެވެ. މިއީކީ ކުޑަ ކާމިޔާބީއެއް ނޫނެވެ. މިއީ ފަޚްރުވެރިވުން ހައްޤު ކާމިޔާބީއެކެވެ. 2009ވަނަ އަހަރަކީ ދިވެހި ސިފައިންގެ ކްލަބްގެ ރަން އަހަރެވެ. ޑީ.އެސް.ސީގެ ނަން މީޑިއާގައި ގުގުމެމުން ދިޔައަހަރެވެ.
ކޮންމެއަކަސް ފުރަތަމަ ޑިވިޜަނަށް ދިވެހި ސިފައިންގެ ފުޓްބޯޅަޓީމް އަރަން ހިއްލާލި ފައިވަނީ ބިންދައިގެން ގޮސްފައެވެ. ފުރަތަމަ ޑިވިޜަން ކޮލިފައިވުމަށް ކުޅެވޭ މުބާރާތަށް ކޮލިފައިވަނިކޮށް އެފް.އޭ.އެމް އިންވަނީ ދިވެހި ސިފައިންގެ ކްލަބަށް ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަ ނުކުރެވޭގޮތަށް ނިންމާފައެވެ. މިހިސާބުން ޑީ.އެސް.ސީގެ މިޗެޕްޓަރ ނިމުނީއެވެ. ނަމަވެސް އަދިވެސް ދިވެހި ސިފައިންގެ އުއްމީދެއް ގެއްލުވައެއް ނުލައެވެ. ރާއްޖޭގެ އެންމެމަތީ ފުޓްބޯޅައިގައި ވާދަކުރުމަށް ގަލޮޅުދަނޑަށް ނިކުތުމަށް ދެކޭ ހުވަފެން އަދިވެސް އަންނަނީ ދެކެމުންނެވެ.
