މަންމާ އެކީއްވެ؟ އޭނަ ކިހާ ރަނގަޅު ! ލައިހާ ފުރަތަމަ ފަހަރަށް މަންމަ އާ ކުރިމަތިލިއެވެ.“ ދަރިފުޅާ “ މަންމަގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ދަރިފުޅާ މަންމަ އަށް ވެސް އޭނަ ކަމުދެޔޭ، އެކަމަކު ކައިވެންޏަކީ ހާދަ ބޮޑުކަމެކޭ، މަންމަ ކިހިނެތް ދަރިފުޅު ކައިވެނި ކޮއްދޭނީ، ވޭނީ ރިހުމެއް އެއަޑުގައި އެކުލެވިފައިވާއިރު ، ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ. ލައިހާއަށް ލިބުނީ ހައިރާން ކަމެވެ.  “ ނުވިސްނުނު“ ލައިހާ ބުނެލިއެވެ.

”މަންމައަށް އެނގޭ މިދުވަހާ  ކުރިމަތިލާން ޖެހޭނެކަން، މަންމަ ގަޔަކުނެތް ދަރިފުޅަށް މިވާހަކަތައް ކިޔާދޭހާ ހިތްވަރެއް، ހުއްޓަހުއްޓަމުން މަންމަ ވާހަކަ ދައްކަމުންދިޔައެވެ. ހަމައެއާއެކު އަލަމާރީގައި  ތަޅުލާފައިވާ ހަމަ އެކަނި ވަތްގަނޑު ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަމުންދެއެވެ. އަން މިއޮތީ ބާވެފައިވާ ސިޓީ އުރައެއް ލައިހާ އަތަށް މަންމަ ދިއްކޮއްލިއެވެ.މީގައިވާނެ ތިހުރިހާ ސުވާލެއްގެ ޖަވާބު، އަދި  މަންމަ އަށް ތިކަމުގައި ވެދެވެން އޮތްނަމަ އޮތް އެހީއެއްވެސް ، “ މަންމަގެ އެ ވާހަކަތަކުން ލައިހާގެ ސިކުނޑި ސުމަކަށް ވަމުންދިޔައެވެ.

ލައިހާ އެސިޓީ އުރަ ހިފައިގެން އެނދުމަތީ އޮށޯވެލިއެވެ. އޭގައިވާ ސިޓީ ނިއުޅައިލައިގެން ކިޔަން ފަށައިފިއެވެ. ސިޓީ ކިޔަމުން ދިޔަވަރަކަށް ލައިހާގެ ދެލޮލުން ކަރުނައިގެ ވާރޭ އޮހެމުންދެއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. ސިޓީކިޔާނިންމާލުމަށް ފަހު އަނެއްކާވެސް އެ އުރަ ބަލާލިއެވެ. އޭގައިވަނީ ކުލަނުވާ ފޮޓޯގަނޑެކެވެ. ލައިހާ އިސްދަށަށް ޖަހާލިއެވެ. މިއޮއްހުރިހާ ދުވަހު ………………މިހާ ބޮޑު ހަޤީޤަތެއް……. ލައިހާ ކަރުނަ ފޮހެލިއެވެ.  މައްސަލައެއް ނެތް މަންމާ…….. ލައިހާއަށް  މާފު ކުރޭ ، …….ދެން ދުވަހަކުވެސް ކައިވެންޏަކަށް ނޭދޭނަން، ތި މަންމަ ނުރޮއްވާނަން……………ފުރިހަމަ އަޒުމަކާއި އެކު އެހެން ބުނިކަމަށް ވިޔަސް ލައިހާ އަކަށް ކެތެއް ނުކުރެވުނެވެ. ބާރަށް ރޮއިގަނެވުނެވެ. މަންމަ އައިސް ލައިހާ ބުރަކަށީގައި ފިރުމާލުމުން މަންމަ ގައިގައި ލައިހާ ބައްދައިގަތެވެ.

ރާހިލަކީ ތައުލީމީ ޒުވާނެކެވެ. ފުދުންތެރި ޢާއިލާ އެއްގައިވާ ހަމަ އެކަނި ދަރިފުޅެވެ. އެހެނަސް ރާހިލް ހުންނަނީ އަބަދުވެސް މާޔޫސްވެފައެވެ. ދެރަވެފައެވެ. އޭނާ ގަބޫލު ކުރާގޮތުގައި އޭނާ އަކީ އެކަނިވެރިއެކެވެ. ނިކަމެއްޗެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ އޭނާގެ ވާން އުޅޭ އަނބިމީހާ ލައިހާއެވެ. ރާހިލްގެ ހަޔާތުން އުނިވެފައިވާ ހުރިހާ އުފަލެއް ލައިހާ ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާހިލްއަށް އޮވެއެވެ.

އާދައިގެ މަތިން ރާހިލް އޮތީ ލައިހާ އުނގުގައި ބޯ އަޅާލައިގެންނެވެ. އެހެން އޮވެގެން އޭނާގެ މާޒީގެ އެކިވާހަކަތައް ކިޔައިދެމުން ދިޔައެވެ. ”ލައީ  ، ލައިއަށް އެނގޭތަ؟ ދުވަހަކުވެސް މަންމަ އަހަންނަން ސައިތައްޓެއްވެސް ހަދައި ނުދޭ ، އަބަދުވެސް ކައްކަން އުޅޭ ހަފިއްތަ ހުރިހާ ކަމެއްކޮއްދޭނީވެސް، އަހަރެން ހުންނަމޭ މަންމަ އާއި ބައްޕަ ދެކިލާ ހިތުން ކިތައްމެ ރެއަކު ނުނިދާ ، ދޭއް، ތިނެއް ޖަހާ ފަހުން ގުޅާފަ ބުނެދާނެ މަންމަމެން މިއުޅެނީ ބިޒްނަސް  ކަމެއްގައި ރާއްޖޭން ބޭރުގައޭ، ކަމެއް ބޭނުންވަންޏާ ފިހާރައިގައި އުޅޭ ކޮންމެވެސް މީހަކަށް ގުޅާލާށޭ، ކޭޝްކާޑު އޮންނާނޭ ވަތްގަނޑުގައި ،…………….އެކަހަލަ ރޭރޭ އަހަންނަން ނުވެސް ނިދޭ ހާދަ ދެރަވެޔޭ…….ލައި ހާދަ ނަސީބު ރަނގަޅޭ ލައި މަންމަ ކިހާ މޮޅު އެކަނިމާ އެކަނި ލައިގެ ހުރިހާ ކަމެއް ބަލަހައްޓަމުން ލައިއަށް  ކިހާ ލޯބިދޭ ……….. އަހަންނަށް ލޯބިދޭ ހުންނާނީ ހަމަ އެކަނި ލައި ދެން ހަފިއްތަ،،………ބޭނުންވަރަކަށް އަހަންނަށް ރުފިޔާދޭ އެހެނަސް އަޅާލާ ލޯތްބެއް ނުދޭ އަހަރެން ހުންނަނީ އެ ދެމީހުންގެ ފިރުމާލުމަކަށް  ފެންބޮވައިގެންފައި، ………ލައީ ..ރާހިލް ގޮވާލިއެވެ. އެހެނަސް ލައީއެއްވެސް  ޖަވާބެއްނުދިނެވެ. މަޑުމަޑުން ރާހިލްގެ ބޮލުގައި ފިރުމާލަފިރުމާލަ އިނެވެ. ލައީގެ ނަޒަރުހުއްޓިފާ ވަނީ މާ ދުރަށެވެ. ކަޅިޖަހާ ނުލާ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން ލައިހާ އިނެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެބިފައެވެ.

ލައީ ރާހިލް ލައިހާ އަތުގައި ހިފާފައި ތަޅުވާލިއެވެ. ލައިހާ ދިޔައީ ސިއްސައިގެންނެވެ.  ކޮންވިސްނުމެއްގައި…..؟ ރާހިލް އަހާލިއެވެ. ލައިހާ ތެދުވާން އުޅެންފެށުމުން ރާހިލްވެސް ތެދުވިއެވެ. “ އަހަންނަށް މާފުކުރޭ އަހަންނަކަށް ނެތް ރާހިލައާ އިނދެވޭކަށް.“ ލައިހާ އަވަސް އަވަހަށް ބުނެލިއެވެ. ރާހިލްއަށް ލިބުނު ދެރައަށް ވުރެ ވީހައިރާންކަން ބޮޑެވެ. ރާހިލް ހުރީއެވެ. ގަނޑުވެފަ ކަހަލަ އެވެ. އެ ހަމަ ހިމޭންކަން ފޫއަޅުވާލީ ލައިހާ އެވެ. “ އަހަންނަށް މާފު ކޮށްދޭނަންތަ؟ އަހަންނާ އެހީ ވެދޭނަންތަ؟ “ ލައިހާ އާދޭސް ކުރާ ރާގަކަށް ބުންޏެވެ. “ އަހަންނަކަށް ނޭގޭ ލައިހާ ތިކިޔާ އެއްޗެއް“ ރާހިލް ހުރީ ވާނުވާ ނޭނގިފައެވެ. އަން މީތިކިޔާލާ އޭރުން އެނގޭނެ ލައިހާ ރާހިލް އަތަށް އެ ސިޓީ ލިއެވެ. ރާހިލް ވަގުތުން ކިޔަން ފެށިއެވެ.

ދަރިފުޅާ ލައިހާއަށް

މަންމަގެ ހިތް ވިރި އޮހެމުން މިދަނީ ދަރިފުޅަށް ޙަޤީޤަތް އަންގައިދޭނެހާ ހިތްވަރު ނެތިގެންނެވެ. ނަމަވެސް ދަރިފުޅަށް މިކަން އަންގަން މަޖުބޫރެވެ. ދުލުން ބަޔާން ނުކުރެވިގެން، ގަލަމުގެ އެހީ މިހޯދަނީ އެހެން ގޮތެއް ނެތިގެންނެވެ.

މަންމަ ލޯބިވާ ލައިހާއެވެ. ތިއީ މަންމަ ގެ ދަރިއެއް ނޫނެވެ. މަންމަ އަކީ ދަރިމައިނުވާ އަންހެނަކީމެވެ. މަންމައާއި މަންމަގެ ހުރިހާވެސް އުފަލަކީ މަންމަގެ ފިރިމީހާއެވެ. މަންމަ އެދިއެދިވެސް އޭނާ އެހެން ހަޔާތެއް ފަށާނެ ގޮތެއް މަންމަ އަކަށް ނުހެދުނެވެ. އޭނާގެ ބަހަކީ އިރާދަފުޅުން އަހަރެމެންނަންވެސް ދަރިއަކު ދެއްވަފާނެ ތޯއްޗެކެވެ. ދަމުނަމާދުކޮށްގެން ފަތިސްވަންދެން ދަރިއަކުލިބުން އެދި ދުޢާކޮށްކޮށް މަންމަމެން ތިބެނީ މަދުރެއަކު ނޫނެވެ.

އެއީވެސް އެފަދަ ރެއެކެވެ. މަންމަމެން ތިބޭ ބަޔާއި ޖެހިގެން އުޅޭބައިގައި އުޅޭ ދެމަފިރިން ވަރަށް ޒުވާބު ކުރާނެއެވެ. އެރޭވެސް އެދެމީހުންގެޒުވާބުގެ އަޑުއިވެން ފަށައިފިއެވެ. ހަމަ އެއާއިއެކު ތުއްތު ކުއްޖަކު ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. އިރުގަނޑެއް ފަހުން ޒުވާބުގެ  އަޑު ކެނޑިއްޖެއެވެ. އެހެނަސް ރުއިމުގެ އަޑަކަށް ބަދަލެއް ނާދެއެވެ. ވަރުބަލިކަން ފިޔަވައެވެ. އެންމެ ފަހުން ކެތްނުވެގެން މަންމަމެން އެ ބަޔަށް ހިނގައްޖައީމެވެ. މަންމައަށް ފެނުނު މަންޒަރުން ބަސް ހުއްޓުނެވެ. އެދެމަފިރިން ދިޔައީއެވެ. ތި ދަރިފުޅު ބާއްވައިފައެވެ. މަންމަމެން އެނބުރި ކޮޓަރިއަށް އައީ ދަރިފުޅު ގޮވައިގެންނެވެ. އެކަނިކޮށްލަން ނުކެރިގެންނެވެ.

މަންމަމެން ހީކުރީ އެމީހުން ރުޅިމަޑުވީމާ ދަރިފުޅު ހޯދާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ދަރިފުޅު ހޯދާކަށް މީހަކު ނާދެއެވެ. މަންމަމެން އެގެއިން ނުކުތީ ދަރިފުޅު މަންމަމެނަށް ލިބުނުތާ އަށް އަހަރު ފަހުންނެވެ.  މަންމަމެނަށް މާތްﷲ ދެއްވި ތި އަމާނާތަކީ މަންމަގެ އަމިއްލަ ބަނޑުން އުފަންވި  ދަރިއެއް ކަމަށް ގަބޫލު ކުރީމެވެ. މަންމައާއި މަންމަގެ ފިރިމީހާގެ ހުރިހާ އުފަލެއް ދަރިފުޅަށް ހިބަކޮށް ދިނީމެވެ. މަންމަ ހުވަފަތް ވުމުންވެސް އެހެން ދިރިއުޅުމެއް ނުހޯދީ ދަރިފުޅު ރޯން ޖެހިދާނެތީއެވެ.

އެކަމަކު ދަރިފުޅާއެވެ. މަންމަ އަކަށް ދަރިފުޅުގެ އަސްލެއް ނޭގެއެވެ. އެންމެ ކުޑަ މިނުން ނަމެއްވެސް ނޭނގެއެވެ. މަންމަ ދަރިފުޅަށް ލައިހާގެ ނަމުން ނަން ދިނީއެވެ. އެހެން ކަމުން ކައިވެންޏަކަށް ދަރިފުޅަށް ކުރިމަތިލެވޭނީ ދަރިފުޅުގެ އުފަން މައިންބަފައިން ހޯދާފައެވެ. ދަރިފުޅުގެ އަސްލު ހޯދާފައެވެ. މަންމައަށް ވެދެވެންއޮތް ހަމަ އެކަނި އެހީ އަކީ މި  ސިޓީއުރަ އެތެރޭގައިމިވާ ފޮޓޯއެވެ. މިއީ ދަރިފުޅުގެ އުފަން މަންމަގެ ފޮޓޮއެކެވެ. ދަރިފުޅުގެ އުފަން މައިންބަފައިންގެ ނަންވެސް މި މަންމަ ނުދެނެހުރީމެވެ. ދަރިފުޅަށް ޙަޤީޤަތް ނާންގާ ލަސްކުރެވުނީތީ  މި މަންމައަށް މާފު ކުރާށެވެ. އަދި ދަރިފުޅަށް ދަރިފުޅުގެ މައިންބަފައިން ފެނުނަސް މި މަންމަ އަކީ ދަރިއަކުނެތް މީހަކަށް ނުހެދުން އެދެމެވެ.

ދަރިފުޅު ދެކެ ލޯބިވާ މަންމަ       ރާހިލް ހުރީ ކޮސްވެފައެވެ. ދުނިޔޭގެ ކަންތައްތައް އަރާފައިބަމުންދާ ގޮތާއި ދޭތެރޭގައެވެ. ހީވެއެވެ. ރާހިލްގެ ބަސް ހުސްވީއެވެ. ރާހިލް އަހަރެން ކިހިނެއް މަންމަމެން ހޯދާނީ ކިހިނެއް ހަދާނީ…… އެންމެ ފަހުން ލައިހާ ސުވާލު ކޮށްލިއެވެ.

ފެށި ހިސާބަކުންނެއްނު ފެށޭނީ ، ހިނގާ ލައި މަންމައަށް ލައި ލިބުނު ގެޔަށް ފަހަރެއްގާ ދާނެ މަގެއް ފެނިދާނެކަންނޭގެ………. ބޮލުގައި ހިފަހައްޓައިގެން އިނދެ ރާހިލް ބުނެލިއެވެ.

ލައީ…………ލައި މައިންބަފައިން މި ކައިވެންޏާ ނުގަބޫލުވެއްޖިއްޔާ ލައި ރާހިލް ދޫކޮށްލާނީދޯ!!!! ލައިހާގެ ދެލޮލަށް ބަލަންހުރެ ރާހިލް ސުވާލު ކޮށްލިއެވެ. ލައި ސިހިފައި ރާހިލްގެ ދެއަތުގައި ހިފަހައްޓާލިއެވެ. އަހަރެމެން ވަކި ކުރެވޭނެ ވަނީ ހަމައެންމެ ބާރެއް އެއީ މަރު ހަމަޖެހިލަމުން ލައިހާ ބުންޏެވެ. އަސްލު ބުނަންތަ ؟ އަހަރެން މިދަތުރުފެށީ މަންމަ އެދުނީމާ އެހެންނޫންނަމަ ދެނެހުރިކަމަށްވެސް  ނުހެދީމުސް………ލައިހާ އެހެން ބުނެލިރާގުން ރާހިލް ހީލިއެވެ.

ކޮބާ މިހާރު ޑޭޓް ކަނޑައަޅައިފިންތަ؟ ޑެޑީމެން މި ވެއިޓު ކުރަނީ އެދުވަހަށް އިނގޭ.. ރާހިލްގެ ބައްޕަ ބުނެލިއެވެ. ކަމެއް އެބައޮތް މެރީގެ ކުރިން ނިންމަންޖެހޭ…. އެކަން ހަމަޖެހުނުހާ އަވަހަކަށް ޑޭޓް ދޭނަން .. އޯކޭ ރާހިލް ވެސް ބައްޕަމެންނާ ވާހަކަދައްކަނީ އެމީހުންގެ ރާގަށެވެ. އިތުރު ސުވާލަކަށް ފުރުޞަތު ނުދީ ރާހިލް ގޮސް ކޮޓަރިއަށް ވަނެވެ.

”އައްސަލާމްއަލައިކުމް “ ރާހިލް ސަލާމް ގޮވާލިއެވެ.ސަލާމް ރައްދު ކުރަމުން ބޭރަށް ނުކުތީ ދެބައި އުމުރުގެ އަންހެނެކެވެ. ރާހިލް ކުރިއަށް ޖެހިލާފައި އެފޮޓޯ ދައްކާލިއެވެ. “ ދައްތާ ….މީނަ ދަންނަންތަ؟ “ ރާހިލް ސުވާލު ކޮށްލިއެވެ. “ އާނ ދަންނަން ތީ  އާއިޝަތު ، “ އެމީހާ ޖަވާބު ދިނެވެ. “ އެހެންތަ މިހާރު އޭނަކޮބާ؟“  އަވަސް އަވަހަށް ލައިހާ ސުވާލު ކޮށްލިއެވެ. އެދައްތަ ލައިހާ އަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “ މިއީ ލައިހާ އެ އާއިޝަތުގެ ދަރިއެއް ، އަހަރެމެން މި މަސައްކަތް ކުރަނީ ލައިހާއަށް ލައިހާގެ މައިންބަފައިންނާއި ބައްދަލުވޭތޯ؟ “ ރާހިލް އެމީހުންގެ މަޤްޞަދު އަންގާލަ ދިނެވެ. އެއާއި އެކު އެދައްތަގެ ލޮލުން އޮހިގަތީ ކަރުނައެވެ. ލައިހާގެ ގައިގައި އޮޅުލައޮޅުލާފައި ރޯންފެށިއެވެ.

“ ދަރިފުޅަށް އެނގޭތަ ؟ މީ ދަރިފުޅުގެ ދޮންތަ. އެ ހާދިސާ ހިނގި އިރު ދޮންތަ ދިރިއުޅެނީ ރާއްޖޭން ބޭރުގައި. ދަރިންނަން ކިޔަވައިދޭންވެގެން، ދޮންތަ ރާއްޖެ އައީ އޭގެ ދިހަ އަހަރު ފަހުން، ފޯނުން ދޮންތަ ގާތު ބުނި ދަރިފުޅު ބައްޕައަށް ދިން ވާހަކަ، ދޮންތަ މާލެއައިސް ދަރިފުޅު ބައްޕަ ހޯދީ ވަރަށް މަސައްކަތުން”……….. ދޮންތަގެ އަޑު ކުރިއަށް ވުރެވެސް ކުރަކިވާން ފެށިއެވެ. ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. “ ދެން ކިހިނެއްވީ“ ކެތްތެރިކަން ކޮޅުންލާފައިވާ ލައިހާ އަހާލިއެވެ.“ ދޮންތަ ދަރިފުޅުގެ ބައްޕައާއި ބައްދަލު ކުރިން، އަދި ދަރިފުޅު ކޮބާތޯ ސުވާލު ކުރިން، ދޮންތަގެ ސުވާލުން ދަރިފުޅުގެ ބައްޕައަށް ލިބުނީ ޝޮކެއް ، އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ދަރިފުޅުގެ ބައްޕަ ބުނީ ބައްޕަ ދަރިފުޅު ނުގެންދާ ކަމަށް ، ބައްޕަ ޔަގީންކޮށްގެން ހުރީ މަންމަ ގެންދިޔަކަމަށް ، ދަރިފުޅު މަންމަގެ ކައިރިން އާދޭސްކުރުމުން ބުނީ ބައްޕަ ގެންދިޔަ ކަމަށޯ މި ހުންނަނީ، އެރޭ ޒުވާބު ކޮށްފައި ބޭރަށް ގޮސްފައި އައިއިރަކު ނެތޯ ދަރިފުޅެއްވެސް، ބައްޕަ އެއްވެސް. އެހެންވެ މަންމަ ހީކުރީ ބައްޕަ ގެންދިޔައީ ކަމަށް ، ބައްޕައަށްވެސް ހަމަ އެލަނޑު ލިބި ބައްޕަވެސް ހުރީ ކުށްހީގައި، އެކަކު އަނެކަކު ގާތު ހޭ އަހާލުމެއް ނެތި ދިހަ އަހަރު ވެ ދިޔައީ،  އޭރު ދަރިފުޅަށް ވާނީ ހަތަރުމަސް، އެމީހުންގެ ޒުވާބުގައި އެމީހުންނަން ދަރިފުޅުވަނީ ގެއްލިފަކަން އެނގުނީ އޭގެ ދިހަ އަހަރު ފަހުން، އެކަކު އަނެކަކަށް ދީދީ ތިބީ، އެ އެނގުނީވެސް ދޮންތައާއި ހެދި ، ދަރިފުޅުގެ ނަމަކީ ލައިހާ އެއްނޫން ތީ ޝިޒްނީ……ރާހިލް އާއި ލައިހާވެސް ތިބީ ދޮންތަގެ ވާހަކަތައް ކަނުލައި އަޑު އަހާށެވެ. ”ޝިޒްނީ ރާހިލްއަށް އެނަން ތަކުރާރު ކޮށްލެވުނެވެ. “ އާނ ޝިޒްނީ އަނެއްކާވެސް ދޮންތަ ފެށިއެވެ. އެއީ ދަރިފުޅަށް ތިހެން ދިމާވުމުގެ އަސްލު، ޝިޒްނީ އަކީ މަހުޖަނެއްގެ ހުރި އެންމެ ދަރިއެއް، ދަރިފުޅު ބައްޕަ ވަރަށް ސިއްރުން ކުޅެމުންއައި ލޯބީގެ ކުޅިގަނޑެއް އެއީ، ދަރިފުޅަށް ޝިޒްނީ ކީވެސް އެހެންވެ، އެކަން ދަރިފުޅުގެ މަންމައަށް އެނގުމުން މައްސަލަޖެހެންފެށީ، އެންމެފަހުން ހައްދުން ނެއްޓިގެން ކަންތައް ދިޔައީ، މިހާރު އެއީ ދަރިފުޅުގެ ދޮންމަންމަ“ ހިތި ހިނިތުން ވުމަކާއި އެކު ދޮންތަ ހުއްޓާލިއެވެ.

“ ވަރަށް މަސައްކަތް ކުރިން ދަރިފުޅު ހޯދަން. ނަން ބަދަލުވީމަކަން ނޭނގެ ނުފެނުނީ ދޯ“ ފުންނޭވާއެއްލުމަށް ފަހު ދޮންތަ ބުންޏެވެ. ޙަޤީޤަތް ފަޅާއެރުމުން ރާހިލް އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

އެމީހުންގެ ވާހަކަ އަޑު އަހަން ދޮންތަބެ ދޮރުމަތީ ހުއްޓެވެ. ގުޅަންވީނު އެންމެންނަން މިގެޔަށް އައުމަށް މި އުފާ ވަރަށް  ކުލަގަދަކޮށް ފާހަގަ ކުރަންވާނެ ، ލައިހާ ގަޔާ ކައިރިކޮއްލަމުން ބޮލުގައި ފިރުމާލަމުން ދޮންތަބެ ބުންޏެވެ.

ބައިގަނޑު ގަނޑާއި ވަކިވަކި ފަރުދުން އެގެޔަށް ޖަމާވަމުން ދިޔައެވެ. ހީވެސް ނުކޮށްތިބި އުފަލެއް އެބައިމީހުންނަން ލިބުނީތީއެވެ. އާއިޝަތަށް ލައިހާ ފެށުނީއްސުރެ އަތުން ދޫކޮށްވެސް ނުލައެވެ. ޢާއިލާގެ ފިރިހެން މެންބަރުންގެ އަމާޒަކަށް ހެދީ ރާހިލްއެވެ. އެހެނަސް ލައިހާ އާއި ރާހިލްގެ ހިތް ހީވަނީ މޭފަޅާލައިފައި ނުކުންނަން އުޅޭހެންނެވެ. އެކަމަކު ދެމީހުންވެސް ހީކުރީ އެމީހުންގެ މަންޒިލް ފެނުމުން ވީ ގޮތެއް ކަމަށެވެ.

އެ އުފާކުރުންތަކުގެ ތެރޭގައި އެމީހުންގެ ކައިވެނީގެ ކަންތައް ނިންމުމުގެ ވާހަކަވެސް ދެކެވުނެވެ. އެންމެންގެ މޫނު މަތީންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ”އޭނ އަދިވެސް ނުނިމޭތަ؟ ޝިޒްނީވެސް ގޮވައިގެން އާދޭ، އަވަސް އިނގޭ“ އައިޝަތު ވާހަކަ ދައްކަމުން ދިޔައީ ލައިހާގެ ބައްޕައާއެވެ. ”އާނ މިދަނީ. އާޖެންޓް މީޓިންގ އެއްގައި އިނީމަ ލަސްވީ. ޓެން މިނެޓްސް ތެރޭގައި މި ދަނީ،“

ކުއްލިއަކަށް ކަރަންޓް ކެނޑުނެވެ. މުޅި ތަނުގައި ކަޅު އަދިރިކަން ރަސްކަން ކުރަމުންދެއެވެ. ވަގުތުގެ ބޭނުންކޮށް ރާހިލް އައިސް ލައިހާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އިރުކޮޅެއްފަހުން ކަރަންޓްއައެވެ. އޭރުވެސް ރާހިލްމެން ތިބީ އެހެންނެވެ.

ރާހިލް ހައިރާންވީ އެތަނަށް ރާހިލްގެ މައިން ބަފައިން އައުމުންނެވެ. ”މަމް އެން ޑޭޑް މިތާ“ ރާހިލް ހައިރާންކަމުން ފުރިގެންވާ ހާލު ލައިހާ ބިންމަތީ ބަހައްޓަމުން އަހާލިއެވެ. ކީކޭ ޑެޑީ އޭ އެކަމަކު އެއީ ލައިހާގެ  ބައްޕަ“ އާއިޝަތު ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ބުންޏެވެ.

ލައިހާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. ބޯމައްޗަށް ފަރުބަދަތައް ވެއްޓުނު ހެންނެވެ. ކަޅު އަނދިރިގަނޑެއް އައިސް އޭނާ ވަށާލި ހެނެވެ. ކަނޑާ ވައްޓާލި ރުއްގުޅިއެއްހެން ލައިހާ މުށިގަނޑު މައްޗަށް ވެއްޓުނެވެ.

އެންމެންވެސް ތިބީ ލިބުނު ކުއްލި ޝޮކުން ވާނުވާ ނޭގިފައެވެ. އެއްބަޔަކު ބަސް ހުއްޓިފައިވާއިރު އަނެއްބަޔަކު ހަޅޭ ލަވަނީއެވެ.އެއްބަޔަކު އާށޯޚުވެފައި ވާއިރު އަނެއް ބަޔަކު ތިބީ ހަދާނެގޮތެއް ކުރާނެ ކަމެއް ނޭގިފައެވެ.

ރާހިލްއަށް ހީވީ ދުނިޔޭގެ ހުރިހާ ހިތާމައެއް އޭނާއަށް އެކަނި މިލްކުވ ހެނެވެ.ރާހިލްއަށް ހޭވެރިކަންވީ ލައިހާ ވެއްޓުނު އަޑަށެވެ. ”ލައީ“ އަޑުގެ ނެތްތަނަށް ރާހިލް ހަޅޭލަވައިގަތެވެ.

ލައިހާ ހޭ އެރީ ހޮސްޕިޓަލަށް ގެންދިޔަތާ ތިންގަޑިއިރު ފަހުންނެވެ.ލޯހުޅުވާލި ވަގުތު ފުރަތަމަ ފަހަރަށް މަންމައާއި ބައްޕަ އެއްތަނެއްގައި ތިއްބާ ފެނުނެވެ. ލައިހާ އަށް ލޯމަރާލެވުނެވެ. ”ދަރިފުޅާ މަންމައާއި ބައްޕައަށް މާފުކުރޭ!“ މަންމަގެ އަޑު އިވިގެން ދިޔައެވެ.ލައިހާއަށް ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ.ހީކުރެވުނެވެ. ޙަޤީޤަތް ނޭނގުނު ނަމައެވެ.މާފުކޮށްފިން އެއޮތްގޮތަށް އޮވެ ލައިހާ ބުންޏެވެ.ދެތުންފަތް ލައްޕާ ބާރުކުރިތަނާ ލައިހާ ކެއްސަށް ފެށިއެވެ. އަނގައިގެ ދެ މިޔަކަނުން ލޭފޭދެން ފެށިއެވެ. އެއާއެކު ލޯ ހުޅުވާލިއެވެ. ރާހިލްއާއި ހަތަރުކަޅި ހަމަކޮއްލަމުން އެތަށް މެސެޖު ތަކެއް ދިނެވެ. ލައިހާގެ ހަށިގަނޑު ހަމަހިމޭން ވަމުންވަމުން ގޮސް އެއްކޮށް ހިމޭންވިއެވެ. ލިބުނު ހިތްދަތިކަމަށް ކެތްނުކުރެވިގެން އަބަދުގެ އަބަދަށް ނިދާލީއެވެ. ރާހިލްއަށް ވީ ވަޢުދު ސާބިތު ކަމާއި އެކު ފުއްދަމުންނެވެ.

އެންމެން ރޯން ފެށިއެވެ. ރާހިލް ލައިހާގެ ފުރާނަ ނެތް ހަށިގަނޑުގައި ބޯ އަޅާލަމުން ރޮމުން ބުނަމުން ދިޔައެވެ.  ”ލައީ ތި ދިޔައީ ދުނިޔެއަށް އަހަރެން ގިނަކޮށްފައެވެ. ބަރުދާސްތު ނުކުރެވޭފަދަ ދަތިތަކާއި ބަރުބާދު ވެދާފަދަ ލަދަކާއި އެކުގައެވެ. ތިއީ އަހަންނަށް ދުނިޔޭން ލިބުނު ހަމަ އެކަނި ލޯތްބެވެ. ނަމަވެސް ނުލިބުނު އުފަލެވެ. 

ޝެއަރކުރެއްވުމަށް