މިޤައުމުގެ ހާލަތު އަމިއްލަ ނަފުސުގެ ދުލުން މިނާލެވުނީ އެރެއަށް ފަހުއެވެ. އަޅުގަނޑު އުޅެބޮޑުވަމުންދިޔަ މާހައުލަކީ އަޚުލާޤީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކުށްވެރިންގެ ހާއްޔެއްކަން ”ހަމަވިސްނުނީ“ އެރެއަށް ފަހުއެވެ. މުޖުތަމަޢުގައި ހިނގަމުންދިޔަ ކަންތައްތަކަށް ”ވިސްނުމުގެ ފިކުރުން“ މީގެ ކުރިން ބަލާނުލެވުނީ ކީއްވެބާއޭ އެރޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ޒުވާންކަމުގެ ޚިޔާލުގައި އަޅުގަނޑުމެންގެ ވިސްނުންކޮށި ސިނކުޑިތައް ޣަރަޤުވެގެންދާ މަންޒަރު ހަމަ ލޮލަށް ދައްކުވައިދިނީ އެރެއެވެ.

އާދެ! އެރެއަކީ ދިވެހިފިލްމު ”ލޫދިފާ“ އޮލިމްޕަހުން ނެރެ، އެތީނާ ސިނަމާގައި ދައްކަންފެށި ފުރަތަމަ ރެއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެރޭ އަޅުގަނޑަށް ފިލްމުގެ ޓިކެޓް ދިނީ ރައްޓެއްސެކެވެ. ރަހުމަތްތެރިއާއަށް ލިބުނު ހިލޭ ދެ ޓިކެޓުން އެއް ޓިކެޓް އަޅުގަނޑަށް ހަދިޔާ ކުރީއެވެ.

އެރޭ ފިލްމަށް ދިޔައީ މަޖާކޮށްލާށެވެ. ކޮންމެހެން ދިވެހި ފިލްމެއް ބަލާ ހިތަކުން ނޫނެވެ. މީގެ ކުރިންވެސް ދެ ރެއަކު ދިވެހި ފިލްމެއް ބަލާލަން ސިނަމާއަށް ދިޔައީމެވެ. އަބަދުވެސް ފެންނަމުންދަނީ އެއް މަންޒަރެކެވެ. އެއް ވާހަކަތަކެކެވެ. ފޫހިކަމުން ފުރިގެންވާ ހަރަކާތްތަކެވެ. އެހެންކަމުން ރައްޓެހިންގެ ތަޢުރީފްގެ ބަސްތައް އޮހިގެންދިޔަ ”ލޫދިފާ“ އިންވެސް ވަކި ތަފާތެއް ނުފެންނާނޭ އަޅުގަނޑު އޭރު ބުނަމުން ދިޔައީމެވެ.

އެހެނަސް ދަންނަވަންތޯއެވެ! ދިވެހި ފިލްމު ”ލޫދިފާ“ އަކީ ތަފާތު ފިލްމެކެވެ. ވަރަށް ތަފާތު ފިލްމެކެވެ. ފިލްމު ފެށިގެން ނިމެންދެން ބަލަން އިންއިރުވެސް އެއްވެސް ފޫހިކަމެއް ނުފެނުނެވެ. ފިލްމުގެ ހުރިހާ މަންޒަރެއްވެސް ގެނެސްދީފައިވާގޮތް ތަފާތެވެ. އަތުރާލާފައިވާގޮތް ޝައުޤުވެރިއެވެ. ފިލްމުގެ ގިނަ ތަރިންނަކީ ފިލްމީ ދާއިރާގައި ތަންކޮޅެއް ހަގު ފަންނާނުންނަށްވިޔަސް، އެފަރާތްތަކުން ހުށަހަޅައިދީފައިވާ އެކްޓިންގ ވަރަށް ހަޤީޤަތާއި އެއްގޮތެވެ. ފުރިހަމައެވެ. އަދި ފިލްމުގެ ވާހަކަ މާބޮޑަށްވެސް ތަފާތެވެ. އަޅުގަނޑުމެން އުޅެބޮޑުވަމުންދިޔަ މާހައުލުގައި ހިނގަމުންދާ އެތައްކަމެއް ތަފާތު ވާހަކަތަކެއްގެ މައްޗަށް އެ ފިލްމުގައި ގެނެސްދީފައިވެއެވެ. ކުރުގޮތަކަށް ބުނާނަމަ އެފިލްމުގައި އަޅުގަނޑު ދެކެން ބޭނުންވި ހުރިހާ ރަހައެއް އެކުލެވިގެންވެއެވެ.

މިފިލްމުގެ ވާހަކައަކީ އަޅުގަނޑުގެ ހިތަށް އެންމެ އަސަރުކުރުވި ކަންތަކެވެ. ފިލްމުގެ އެންމެ ފުރަތަމަ ސިކުންތުން ފެށިގެންވެސް ފިލްމު ނިމެންދެން އަޅުގަނޑު ބަލަން އިނީ ވަރަށް ޝައުޤުވެރިކަމާއެކުއެވެ. ފިލްމުގެ ފަހުބަޔަށް ދިޔައިރު، ހަޤީޤަތުގައި އަޅުގަނޑަށް އިނދެވުނީ ފެންކަޅިވެފައެވެ.

ލިޔުން މިހިސާބަށް އައިއިރު، ފިލްމުން ފެނުނު މަންޒަރުތަކަށްވެސް ކުޑަގޮތަކަށް އަލިއަޅުވާލަން ޖެހޭނެ ދެއްތޯއެވެ. އާއެކެވެ. ފިލްމުގައި ދައްކުވައިދެނީ މުއްސަދިކަމުގެ ބާރު ފަޤީރުކަމުގެ މައްޗަށް ވެރިވެގަންނަ މަންޒަރުތަކެވެ. މުއްސަދިކަމުގެ އަރާމާއި ފަޤީރުކަމުގެ ހިތްދަތިކަން މިނެކިރަން ނޭނގޭ ބައެއްގެ ދިރިއުޅުން ދައްކުވައިދޭ މަންޒަރުތަކެވެ. ފަޤީރުކަން އިންތިހާއަށް ދިޔުމުން ފައިސާއަށް ޓަކައި، ބޭއިޚްތިޔާރުގައި ކުރެވޭ ބޮޑެތި ކުށްތަކެވެ. އެކުށްތަކުގެ ސަބަބުން އެކަހެރި ޢާއިލާތައް އިތުރަށް ފަޤީރުވެ، އެކަހެރިވަމުންދާ ތަނެވެ. ލޯތްބާއި ކުލުނަކީ ވަކި ބައެއްގެ ނަޒަރުގައި ހަމައެކަނި ފައިސާކަމަށް ދެކޭ މަންޒަރުތަކެވެ. ތޮއްޖެހިފައިވާ މާލޭގެ ޢާއިލާތަކުގައި ދިމާވާ އެހެނިހެން އިޖުތިމާޢީ މައްސަލަތަކެވެ. ޢާއިލާތަކުގައި ޖިންސީ އަނިޔާކުރުމާއި، އެފަދަ އަންހެންކުދިން މުޖުތަމަޢުގައި ބޭކާރުވެގެންދާ މަންޒަރުތަކެވެ. އޭގެ ސަބަބުން އެކުދިން ގޯސް ގޯޅިތަކުން އުޅެމުންދާ މަންޒަރުތަކެވެ. މިފަދަ އިޖުތިމާޢީ އެތައް މައްސަލަތަކެކެވެ.

ކޮންމެއަކަސް، ފިލްމުން ދައްކުވައިދޭ މަންޒަރުތަކަކީ އަޅުގަނޑުމެންގެ އާންމު މުޖުތަމަޢުގައި ކޮންމެ ދުވަހަކުވެސް ހިނގަމުން އަންނަ ކަންތައްތަކެވެ. އަޅުގަނޑުމެންގެ ލޮލަށް އަބަދުވެސް ފެންނަމުންދާ މަންޒަރުތަކެވެ. އެހެނަސް، ”ކަނު ބަޔަކަށް“ ވެގެން އަޅުގަނޑުމެން އުޅުނީ، އެމަންޒަރުތައް ނުފެންނަކަމަށް ހަދައިގެންނެވެ. ”ތިމާއާ ބެހޭ ކަމެއް ނޫނޭ“ ހިތަށް އަރުވައިގެންނެވެ. އެހެންނަމަވެސް މިފިލްމު ބެލުމަށްފަހު، މުޖުތަމަޢުގެ ތެރޭގައި ހިނގަމުންއައި ނޭދެވޭ ކަންތައްތައް ”ހަމަމަގަށް“ އެޅުވުމަކީ ފަރުދީގޮތުންވެސް ކުރަން ޖެހިފައިވާކަމެއްކަން ވިސްނުނެވެ. މިކަންތައްތައް ހައްލުކުރުމަށް އެންމެމަތީ ފަންތީން ފެށިގެން، ޒިންމާދާރު މުއައްސަސާތަކާއި، ފަރުދީ ޖަމިއްޔާތަކާއި، އެންމެ ދަށު ފަންތީގެ މީހުންގެވެސް ޒިންމާތަކެއް ވާންޖެހޭކަން އިހުސާސް ކުރެވުނެވެ.

މީގެ ކުރިން މި ސްޓައިލަށް ދިވެހި ފިލްމު ހަދައިގެން ސިނަމާތަކުގައި އެޅުވިހެނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. ހަމަޤައިމުވެސް އަޅުގަނޑެއް މިފަދަ އެހެން ދިވެހި ފިލްމެއް ނުބަލަމެވެ. ދިވެހިން ދެވިހިފާފައިވާ ބޮލީވުޑްގެ ނާޗަރަންގީއެއް މިފިލްމަކުން ނުފެނެއެވެ. ދެބަދޭތެރެއިން ދިވެހި ފިލްމުތަކުން ފެންނަފަދަ ”ލަވަސެޓް“ ތަކެއްވެސް މި ފިލްމަކުން ނުފެނެއެވެ.

ފިލްމުގެ ޓެކްނިކަލް މަސައްކަތްތައްވެސް ކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާއެކީގައިކަން ފާހަގަކުރެވުނެވެ. ފަރުވާކުޑަ ކޮށްލާފައިވާ އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނުނެވެ. އެރޭ އަޅުގަނޑު ފިލްމު ބެލުމަށްފަހު ސިނަމާއިން ނިކުތީ ހިތްހަމަޖެހިގެންނެވެ. ”ހަޤީޤީ“ ދިވެހި ފިލްމެއް ބަލާލެވުނުކަމުގެ އިހުސާސް އެރޭ އަޅުގަނޑަށް ކުރެވުނެވެ.

ޝެއަރކުރެއްވުމަށް