ޤައުމު ދެކެވާ ލޯތްބަކީ ފައިސާއަކުން އަގުކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އެ ލޯބި އަމިއްލަ ފުރާނައާ ގުޅިފައިވުމެވެ. މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ޤައުމު ޙިމާޔަތްކުރުމާ ދިފާޢުކުރުމާ އެ ލޯބި ގުޅިފައިވުމެވެ.
ދުނިޔޭގެ އެންމެ އަމާން ޤައުމަށް އުފަން ދަރިއަކަށް ވުމުން ފަޚުރުވެރި ނުވޭތޯއެވެ. މި ކުޑަކުޑަ، ނަލަނަލަ ރާއްޖެއަކީ ”ކުޑަ“ ޤައުމެއް ކަމަކަށްް އަޅުގަނޑުމެން ނުދެކެމުއެވެ. ދިވެހިންނަށް ދިވެހި ޤައުމުގެ ބޮޑެވެ. އެހާމެ ފުރިހަމައެވެ. އަދި ޤައުމުގެ ފުދުންތެރިކަމާއި ތަނަވަސްކަމާއި، ކުރިއެރުމަށް ޝުކުރުވެރިވަމުއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި މި ލޮބުވެތި ވަޠަން ލެއްވި އޯގާވަންތަ ރަޙުމާންވަންތަ މާތް ﷲގެ ރަޙުމަތްފުޅަށް އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ ޙަމްދާއި ޝުކުރު ކުރަމުއެވެ.
އިންސާނުން އެންމެ ބޮޑު ޤައުމީ ލޯތްބެއް އުފެދިފައިވަނީ އެ މީހަކު އުފަން ޤަައުމެއްގެ މައްޗަށެވެ. އަދި އެންމެ ބޮޑު ފަޚުރެއްކަމަށް ދެކެނީ ވެސް އެމީހެއް އުފަން ޤައުމެއްް އޮތުމުންނެވެ. ޤައުމީ ލޯތްބަކީ ވަކި މަޖުބޫރުކަމެއް އޮވެގެން ޤައުމުދެކެވާ ލޯތްބެއް ނޫނެވެ. އަދި ވަކި ޢާއިލާއަކަށް ނިސްބަތްވާތީ ނުވަތަ ވަކި މަޤާމެއްގައި އެ މީހަކު ހުރުމުން ވަމުންދާ ލޯތްބެއް ނޫނެވެ.

އިންސާނުންގެ ނަސްލުތައް ދުނިޔޭގެ ބައްރުތަކަށް ބެހިގެންް ދަނީ ވަކި ޤައުމުތަކެއްގެ ގޮތުގައެވެ. ދީނާއި، ބަހާއި، ތާރީޚާއި، އާދަކާދައާއި، ސަޤާފަތުން ޤައުމިއްޔަތު އުފަންވެއެވެ. އެކަންކަމުގެ ތެރެއިން ޤައުމީ ލޯބި އުފަންވެ ބިނާވެއެވެ. ޤައުމު ދެކެ ލޯބިވަނީ އަދި ޤައުމާމެދު ފަޚުރުވެރިވަނީ ޤައުމަކަށް ނިސްބަތްވާތީއެވެ. ޤައުމެއްގެ ދަރަޖަ ނުލިބި ވަރަށް ނިކަމެތި ހާލުގައި އަޅުގަނޑުމެންނަށްވުރެ އާބާދީގެ ގޮތުން މާބޮޑެތި ޖަމާޢަތްތައް ދުނިޔޭގައި އުޅެމުންދެއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޤައުމީ ލޯތްބަކީ އަގެއް ދީގެން ގަނެވޭނެ އެއްޗެއް ނޫން ކަމެވެ. އަދި ޤައުމީ ލޯތްބަށް ހިތުގައި ޖާގަަދެވެނީ ވެސް މަޖުބޫރަކުން ނޫނެވެ. މިއަދުގެ ކުރިއަރާފައިވާ ޤައުމު ތަކުގައި ޤައުމީ ލޯތްބަށް ދެވޭ ސަމާލުކަން ދަނީ އިތުރުވަމުންނެވެ. ދެމެހެއްޓެނިވި ގޮތުގައި ޤައުމީ ލޯބި އިތުރު ކުރުމަށް އެ ޤައުމުތަކުގައި ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މުޖުތަމަޢުގެ ފެންވަރުގައާއި ފަރުދީ ފެންވަރުގައި އެ މީހެއްގެ އުފަން ޤައުމަށް ވާންޖެހޭ ލޯބީގައި އަގެއް ވާކަން ދަނީ ހަނދާން ކޮށްދެމުންނެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު އުފަންވާ ޤައުމަށްވުރެ މުހިންމު ޤައުމެއް ނޯންނާނެއެވެ. އަދި އުފަން ޤައުމަށް ދެވިފައިވާ ޤަދަރާއި ޢިއްޒަތާއި އިޙްތިރާމް އެހެން ޤައުމަކަށް ނުދެވޭނެެއެވެ. އަދި އެ މީހެއްގެ އުފަން ޤައުމަށްވުރެ އިސްކަންދެވޭ ޤައުމެއް ނުދެއްކޭނެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، ޤައުމު ދެކެވާ ލޯތްބަކީ ފައިސާއަކުން އަގުކުރެވޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ އެ ލޯބި އަމިއްލަ ފުރާނައާ ގުޅިފައިވުމެވެ. މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ޤައުމު ޙިމާޔަތްކުރުމާ ދިފާޢުކުރުމާ އެ ލޯބި ގުޅިފައިވުމެވެ.

ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފާނެ ކަމެއް ޤައުމު ދެކެ ލޯބިވާ ދަރިއަކު ނުކުރާނެއެވެ. އަބަދުވެސް އަމިއްލަ މަޞްލަޙަތުގެ ކުރިއަށް ޤައުމު އިސްކުރާނެއެވެ. އެމީހެއްގެ އުފަން ޤައުމަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެމީހެއްގެ ހިތަށް އަސަރުތަކެއް ކުރާނެއެވެ. އެ މީހަކަށް ޤައުމު ގޮވާލުމުން އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނެއެވެ.
ޤައުމަށް އުފަން އެތަކެއް މުޖާހިދުންގެ އަގުބޮޑު ޖިހާދުތަކުންނާއި ޝަހީދުންގެ ޤުރުބާނީއާއެކު ޤައުމަށް މިންވަރުކުރެއްވި މިނިވަންކަމުގެ އަގު ނުހަނު ބޮޑެވެ. މިނިވަންކަމާއި އަމާންކަން ޤާއިމު ކުރުމަށް ޤައުމު އެދި ގޮވަމުންދަނީ ޤައުމުގެ ދަރިންގެ ކިބައިންނެވެ. ޤައުމު ދެކެވާ ލޯބީގައި އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތް ކުރުމަށް އެދި ޤައުމުގެ ދުލުން ގޮވަނީ ޤައުމުދެކެ ލޯބިވާ ދަރިންނަށެވެ.
އާދެ، ދިވެހި ޤައުމުން ފެންނަމުންދާ ކޮންމެ މަންޒަރަކީ އެކަންކަމަށް މި ޤައުމު ރުހި ޤަބޫލުކޮށްގެން އޮންްނަ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ހެއްލުމާއި ދަޅަތަކަށް ޤައުމުގެ ފަރުދުން ގެއްލިގެންދާ ދިއުމާ ގުޅިގެން ފެންނަ ކަންތައްތަކަކީ ޤައުމު ހިތްހަމަޖެހޭ ކަންކަމެއް ނޫނެވެ. ޤައުމަށް ދެމުންގެންދާ ކޮންމެ ޚިދުމަތެއްގެ ފަހަތުން އެތަކެއް އަމިއްލަ އެދުންތަކެއް ފުއްދުމުގެ ނިޔަތް އޮވެގެން ކުރަމުންދާ ކަންތައްތަކަކީ ޙަޤީޤަތުގައި ޤައުމަށް އިޚްލާޞްތެރިކަމާއެކު ކުރެވޭ ޚިދުމަތެއް ނޫނެވެ. މިފަދަ ކޮންމެ ޙާލަތެއްގައި މި ޤައުމު ގިސްލައި ރޮމުން ގެންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ޤައުމީ ލޯބިން ޤައުމުގައި ފިރުމާލުމަށް އާދޭސްކުރާ އަޑުދަނީ އިވެމުންނެވެ. ޤައުމިއްޔަތުގެ ބަހާތަކަށް އެންމެ އިސްކަންދީގެން އަމާން ޤައުމަކަށް ހެދުމަށް ކެނޑިނޭޅި ދަނީ އެދެމުންނެވެ. ޤައުމުގެ ޙައްޤުގައި ޤުރުބާންވި ފަޚުރުވެރި އަބުޠާލުންގެ ޒިކުރާތަކަށް ގެންދަނީ ހަނދާން ކޮށްެދެމުންނެވެ.

ޤައުމުގެ ލޮބުވެތި މުއާޠިނުންގެ ކިބައިން މި ޤައުމު އެދި ގޮވާލާނީ ކޮންކޮން ކަންކަމަކަށް ތޯއެވެ؟ ވިސްނައި ފިކުރުކޮށްލައްވާށެވެ. މި ލޮބުވެތިި ޤައުމަކީ ކޮންބައެއްގެ ޤައުމެއްތޯއެވެ؟ ޤައުމިއްޔަތަށް ތިބާ ފަޚުރުވެރި ވަނީ ކީއްވެގެންތޯއެވެ؟ ޤައުމާމެދު ހިތްހަމަނުޖެހޭނަމަ މި ޤައުމުގެ ކުށަކީ ކޮބައިތޯއެވެ؟ ޤައުމުގެ ކުޑަކަމުން ޤައުމުދެކެ ލޯބިވުމަށް ހުރަހެއް އެބައޮތްތޯއެވެ؟ ތިބާ ދެކޭގޮތުގައި މި ޤައުމުގެ އަގަކީ ކޮބައިތޯ؟ އެއީ މާއްދީ ފައިދާހުރި ކަމަކުން ނުވަތަ ފައިސާގެ އަދަދުތަކަކުން މިންކޮށް އަގުކުރެވޭނެ ކަމެއްތޯއެވެ؟
ޙަޤީޤަތުގައި މި ޤައުމުގެ އަގު އަޅުގަނޑުމެން ހުރިހާ އެންމެންނާއި ހުރިހާ ތަކެއްޗަށްވުރެ މާބޮޑެވެ. މި ޤައުމަކީ ކުރީގައި މި ޤައުމުގައި ދިރިއުޅުނު ދިވެހިންނާއި، މިއަދު ދިރިއުޅުމުގެ ނަސީބު ލިބިފައިވާ ދިވެހިންނާއި، މާދަމާ މި ޤައުމަށް އުފަންވާނެ ދިވެހިންގެ ވެސް ޤައުމެވެ. ލިޔެވިފައިވާ ތާރީޚާއި، ލިޔެވެމުންދާ ތާރީޚާއި، ލިޔެވޭނެ ތާރީޚު ވެސް ނިސްބަތްވާނެ ފަޚުރުވެރި ފަސްގަނޑެވެ. މި ފަސްގަނޑަކީ ދީނާއި ޤައުމު ދެކެ ލޯބިވާ ދަރިން އުފެއްދި ފަސްގަނޑެކެވެ. ރީތި އާދަކާދައާއި ސަޤާފަތެއް އޮތް ފަސްގަނޑެކެވެ. ޒަމާންވީ ދިގު މިނިވަންކަމުގެ ތާރީޚަކާއި އުޅުންތެރިކަމާއި އަޚުވަންތަކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ލިބިގެންވާ ފަސްގަނޑެކެވެ.
މިއީ، މި ޤައުމުގެ އަގު މި ޤައުމުގެ ދަރިންގެ ޤުރުބާނީން ބަޔާންކޮށްްދީފައިވާ ޤައުމެކެވެ. ޤައުމަށް އައި ކޮންމެ ޢުދުވާނަކާ ކުރިމަތިލައި، ޤައުމު އަޅުވެތިކަމުގެ ތެރެއަށް ވެއްޓުނު ކޮންމެ ފަހަރަކު މިނިވަންކަމުގެ އައްސޭރިއަށް ވާސިލުކޮށްދިނީ މި ޤައުމުގެ އަގަކީ ކޮބައިކަން ދަންނަ ދަރިންނެވެ. އެ ދަރިންވަނީ މި ޤައުމުގެ އަގަކީ އެ ދަރިންގެ ފުރާނައަށްވުރެ މާމަތިވެރި، މާޢިއްޒަތްތެރި އަދި މާޤަދަރުވެރި އެއްޗެއްކަން ޢަމަލާއި ބަހުން ދައްކުވައިދީފައެވެ.
