ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ. ދިވެހި ޤައުމިއްޔަތަކީ ދިވެހިން ނިސްބަތްމިވާ މި ދިވެހިރާއްޖޭގެ ދިވެހިވަންތަކަން ދައްކައިދޭ ސިފަތަކެވެ. އެ ސިފަތަކާނުލައި ދިވެހި ޤައުމިއްޔަތު ފުރިހަމަނުވާ ޚާއްޞަ ސިފަތަކެއެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ. އެއަށްފަހު އެންމެ މުހިންމު މަސްދަރަކީ ދިވެހިންގެ މާދަރީ ބަސް ކަމުގައިވާ ދިވެހިބަހެވެ. ދެން ދިވެހިންގެ ތާރީޚާއި ސަޤާފަތާއި އާދަކާދައެވެ. މިއިން ކޮންމެ ސިފައަކުން ދިވެހި ޤައުމިއްޔަތު ދައްކުވައިދެއެވެ. ސުވާލަކީ ދިވެހި ޤައުމިއްޔަތާއި ސިފައިންގެ ޚިދުމަތާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟

ސިފައިންގެ ހުވާގައި ބުނެއެވެ. ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަންމަތީގައި ދެމިހުރުމަަށާއި، ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކަމެވެ.“ ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ދެމި ތިބެނީ މި ހުވާކޮށްގެންނެވެ. މިއީ ދިވެހި ސިފައިން ނޫނީ އެހެން އެއްވެސް ބަޔަކު ކުރާ ހުވައެއް ނޫނެވެ. އެމީހެއްގެ އަމިއްލަ ފުރާނައިން ޤުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކޮށްގެން ޤައުމަށް ޚިދުމަތްކުރާ އެހެން ބަޔަކު ނުތިބެއެވެ. އަމިއްލަ ފުރާނައާއި ޤައުމީ ޚިދުމަތާ ގުޅިފައިވާ ސިފައިންނާ، ދިވެހި ޤައުމިއްޔަތު ގުޅިފައިވާ މިންވަރާމެދު މީގެކުރިން ވިސްނާލެވުނު ހެއްޔެވެ؟

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އަދި ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އެ ދީން ދިފާޢުކުރުމުގައި ސިފައިން މަސައްކަތްކުރަންޖެހެނީ ތެދުވެރިކަމާއި އަމާންތެރިކަންމަތީގައެވެ. މަސައްކަތް ކުރަނީ އަދި މީގެކުރިން މަސައްކަތްކޮށްފައިވަނީ ވެސް އެގޮތުގައެވެ. ސިފައިންގެ ތެރެއިން ދީނާއި ޤައުމަށްޓަކައި ޝަހީދުވެދިޔަ އަބުޠާލުން ދައްކުވައިދެއްވީ އެ ނަމޫނާއެވެ. ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކޮށްފައިވާ ސިފައންނާއި އެކަމަށް އަބަދު ތައްޔާރުވެ، ޑިއުޓީތަކުގައި ވާރެއާއި އަވީގައި ރޭދުވާ އެކީގައި ހޭދަކުރަމުންދާ ސިފައިން ވެސް ދައްކުވައިދެނީ އެ ސާބިތުކަމެވެ.

ދިވެހިންގެ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތުގެ ހައިބަތު ކިޔައިދެނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއެވެ. ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް އެ ދުސްތޫރު ބުނެއެވެ. ދިވެހިންގެ ބަހަކީ ދިވެހިބަސްކަމާއި، ދިވެހިންގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަސްކަމާއި، ދިވެހި ދިދައަކީ ރަތާއި، ފެއްސާއި، ހުދު ކުލަ ހިމެނޭ ދިދަކަމާއި އެ ދިދައިގެ މިންތައް ވެސް  ދުސްތޫރު އަންގައިދެއެވެ. އެ ޤާނޫނު އަސާސީ ރައްކާތެރިކޮށް ހިމާޔަތްކޮށް ދިފާޢުކުރުމަކީ ވެސް ސިފައިންގެ މައްޗަށް އޮތް ޤާނޫނީ ވަރަށް ބޮޑު ޒިންމާއެކެވެ. ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމަކީ ވެސް ދިވެހި ސިފައިން އަދާކުރަންޖެހޭ ވާޖިބެކެވެ. ސިފައިންގެ މީހާގެ ފުރާނަ ހުރިހާ ހިނދަކުގައެވެ.

ސިފައިންނަކީ މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ހިމާޔަތްކުރަން ސިފައިންގެ ޤާނޫނުން ލާޒިމުކުރާ ބައެކެވެ. އަދި ޤައުމީ މަސްލަހަތު ޙިމާޔަތްކޮށް، ރައްކާތެރިކޮށް ދެމެހެއްޓުމަކީ ވެސް ސިފައިންގެ މަސްއޫލިއްޔަތެކެވެ. މިއިން ކަމަކަށް އުނިކަމެއް އަތުވެދާނެ ކަންކަމަކީ ކޮބައިތޯ ބަލައި އެފަދަ މަޢުލޫމާތު ހޯދައި، ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ސިފައިންގެ މަސްއޫލިއްޔަތެކެވެ. ދިވެހި ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/1) ގެ 7 ވަނަ މާއްދާގައި ސިފައިންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮތްއިރު، އެ މާއްދާގެ (މ) ގައި ”ދިވެހިރާއްޖޭގެ ޢިއްޒަތާއި، ކަރާމަތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދިނުމަށް ޓަކައި މަސައްކަތްކުރުމާއި، ބައިނަލް އަޤްވާމީ ނުވަތަ ޤައުމީ ނުވަތަ ރަސްމީ އިޙްތިފާލުތަކުގައި ސިފަވަންތަ ހެވިކަމުގެ ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތްތައް ތަމްސީލުކުރުން“ ސިފައިންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައި އޮވެއެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމާތް ގުޅިފައިވަނީ ދިވެހި ޤައުމިއްޔަތާއެވެ. ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ގުޅިފައިވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކެވެ. ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމާތާއި ޝާނާއި ޝައުކަތު ދައްކުވައިދޭން ސިފައިންނަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓަންޖެހެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް ދިފާޢުކުރަންޖެހެއެވެ. މިކަންކަމުން ދިވެހި ސިފައިންނާއި، ދިވެހި ޤައުމިއްޔަތާ އޮތީ ކޮންފަދަ މުޤައްދަސް ގުޅުމެއްކަން ވަރަށް ރަނގަޅަށް ހިތްމައްޗަށް ގެނެސްދެއެވެ.

ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް އުފައްދައި ހިންގަންފެށިތާ އެތައް ޒަމާނެއް ވެއްޖެއެވެ. 1932 ވަނަ އަހަރު ދިވެހިން އެކުލަވާލި ފުރަތަމަ ޤާނޫނު އަސާސީއާއެކު ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކާއި އެތަންތަނުން ކުރަންވީ ކަންތައްތައް ލިޔެކިޔުމުން ކަނޑައެޅިގެން ދިޔައެވެ. ބައެއް ކަންކަން ޤާނޫނު އަސާސީންނެވެ. އަނެއްބައި ކަންކަން ޤާނޫނުތަކުންނާއި ޤަވާޢިދުތަކުންނެވެ. މިއިން ކޮންމެ ގޮތަކަށް ކަންތައްތައް ބަޔާންވެގެން ދިޔަ ކަމުގައި ވިޔަސް ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ކަންކަމުގައި ސިފައިންގެ ދައުރެއް ނެތިއެއް ނެތެވެ. މި ނޫން ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ދިވެހި ޤައުމިއްޔަތަށް އަންނަ ޙަމަލާތަކުން ޤައުމިއްޔަތުގެ ދިފާޢީ ފާރުތަކުގެ ތެރެއިން ހުރިހާ ފާރެއް ވެއްޓުނަސް ދިވެހި ސިފައިންގެ ބަދަހި ސަފުތަކުން ގެތިފައިވާ ފާރު ވެއްޓިގެން ނުވާނެއެވެ. އަދި އެ ފާރު ދުޝްމަނުންނަށް ފޫ އަޅުވާލެވިގެން ވެސް ނުވާނެއެވެ. އަދި އެކަމަށް ފުރުސަތު ވެސް ދެވިގެން ނުވާނެއެވެ. އެފަދަ ދެތިން ފަހަރެއް މި ޤައުމު ދެކެފިއެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމާއި، ހޮޅީންގެ އަނިޔާވެރިކަމާއި، ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާފަދަ ހާދިސާތަކެވެ. މިއިން ކޮންމެ ފަހަރަކު މި ޤައުމުގެ މިނިވަންކަމަށް ވަނީ ލޮޅުން އަރުވާލާފައެވެ. ނޫނީ އަޅުވެތިކަމުގެ ތެރެއަށް ދިވެހި ވައްޓާލާފައެވެ.

މީލާދީން 1892 ވަނަ އަހަރު ދިވެހި ސިފައިން އުފެދުނު ފަހުން، ދިވެހި ޤައުމިއްޔަތަށް ޓަކައި ސިފައިން ފިޔަވައި އެހެން ބަޔަކު އަމިއްލަ ފުރާނައިން އަގުއަދާކޮށްފައެއް ނުވެއެވެ. ފާޅުގައި އެނގިތިބެ، ދީނާއި ޤައުމުގެ ދިފާޢުގައި މި ބިމަށް ލޭ އޮހޮރުވާލާފައެއް ނުވެއެވެ. ދަރިން ޔަތީމުވެ، އަނބިން ހުވަފަތްވެ، މައިންބަފައިން ނިކަމެތިވެދާނެތީ ސިފައިން ފަސްޖެހިފައެއް ނުވެއެވެ. ދިވެހި ޤައުމިއްޔަތާއި ސިފައިންގެ ޚިދުމަތާ އޮތް ގުޅުމަކީ ފުރާނައާއި ލެއާއެކު ގުޅިފައިވާ ގުޅުމެކެވެ. ތިނެއް ނޮވެންބަރުގެ ޝާހީދުންގެ ބިނާ ވެސް ކިޔައިދެނީ އެވާހަކައެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި އެ ދުވަހު ދީނާއި ވަޠަނަށްޓަކައި ޖިހާދުކޮށް ޝަހީދުވެގެންދިޔަ ދިވެހި ސިފައިންގެ ހަށިތަކުން އޮހޮރުނު ލެއިން ހެކިދެނީ މި ދެންނެވި ވާހަކަތަކުގެ ތެދުކަމަށެވެ. 

ޝެއަރކުރެއްވުމަށް