ސެނަހިޔަ ހުޅުވިގެންދިޔައީ 2012 ސެޕްޓެންބަރު 16 ވަނަ ދުވަހުއެވެ. ސެނެހިޔަ ހުޅުވުނު ދުވަހުން ފެށިގެން ވެސް މިހާތަނަށް މަސައްކަތްކޮށްފައިވަނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ވީހާވެސް ބޮޑަކަށް ރަނގަޅުކޮށް ތަރައްޤީކުރެއްވުމެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގަމުން އަންނަ ސެނަހިޔަ އިން ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި، ފުލުހުންގެ އިތުރުން ޔުނީފޯމްއެޅި މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވަމުން ދާއިރު، އެ ތަން ހުޅުވިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކޮށްފިއެވެ. ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ހޯދި ކުރިއެރުންތަކާއެކު، ރާއްޖެއިން ބޭރުން ޑޮކްޓަރީކަން ކިޔަވައި ވިދާޅުވެގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ސިފައިންގެ ޑޮކްޓަރުން އެތައް ގުނައެއް އިތުރުކޮށްފިއެވެ.

އަޅުގަނޑުގެ މަޢުޟޫއައިގެން ކުރިއަށް ދިޔުމުގެ ކުރިން އެމްއެންޑީއެފް ސެނަހިޔައަށް މިހާރު ގެނެސްފައިވާ ބައެއް ތަރައްޤީ އާއި އެތަނުން ފޯރުކޮށްދެވޭ ބައެއް މުހިންމު ޚިދުމަތްތަކާބެހޭ ގޮތުން އަލިއަޅުވާލަން ގަސްދު މިކުރަނީ ކިޔުންތެރިންނަށް މަޢުލޫމާތުކޮޅެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ވިސްނި އެ ބޭނުމުގައެވެ.

އެމްއެންޑީއެފް ސެނަހިޔަ ހުޅުވުނުފަހުން ގެނެވުނު އެންމެބޮޑު އިންޤިލާބަކީ، ޒަމާނާ އެއް ފެންވަރަށް ލެބޯޓްރީގެ ޚިދުމަތް ފުޅާކުރެއްވުމެވެ. ސެނަހިޔައިގެ ލެބޯޓްރީގެ ޚިދުމަތް ކުރިން ފޯރުކޮށްދެމުން ގެންދިޔައީ އައުޓްސޯސް ކޮށްގެން ބަޔަކާ ޙަވާލުކޮށްގެންނެވެ. ނަމަވެސް އެގްރީމެންޓްގެ މުއްދަތު ހަމަވުމާއެކު، ސެނަހިޔައިގެ އަމާޒަކަށްވީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސިފްކޯއިން ލެބޯޓްރީ ހިންގާ ގޮތަށް ބަދަލު ކުރުމަށެވެ.

މިބަދަލާއެކު، ސެނަހިޔައިގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާ ތަހުލީލުތައް ކުރުމަށްޓަކައި ބޭނުންވާ އެންމެފަހުގެ ބޮޑެތި ޒަމާނީ މެޝިނަރީޒްތައް ރާއްޖެއިން ބޭރުން ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސެނަހިޔައިގެ ލެބޯޓްރީގެ ޚިދުމަތަށް މި ގެންނަމުންދާ ބޮޑު ބަދަލާއެކު އައިޖީއެމް ހޮސްޕިޓަލްގެ ލެބޯޓްރީން މިހާރު ހެދެން ހުރި ހުރިހާ ޓެސްޓްތަކަކާއި ތަޙުލީލުތަކެއް ސެނަހިޔަ ލެބޯޓްރީން ވެސް ލިބިގެންދާނެއެވެ.

ސެނަހިޔައިން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތްތަކަކީ، ސެނަހިޔައިން ފޯރުކޮށްދޭ މުހިންމު އަދި އެހާމެ ޑިމާންޑް ހުރި ޚިދުމަތްތަކެވެ. އަދި ލޮލުގެ ބަލިތަކަށް ޚާއްޞަ ”އައި ކުލިނިކު“ގެ އިތުރުން، ދަތުގެ ފަރުވާދޭ ޑެންޓަލް ޑިޕާޓްމަންޓަކީ ވެސް ސެނަހިޔައިގައި ވަރަށް ފުޅާ ދާއިރާއެއްގެ ދެމުންގެންދާ ޚިދުމަތްތަކެވެ.

މިހިސާބުން އަޅުގަނޑުގެ މަޢުޟޫއާއިގެން ކުރިއަށް ދާނަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، އެމްއެންޑީއެފް ސެނަހިޔަ، ތަރައްޤީގެ ހަރު ދުވެލީގައި ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާއިރު، ޒަމާނާގުޅޭ ޢިލްމީ ބޭސްވެރިކަން ނުވަތަ ޞިއްޙީ ދާއިރާއިން ކިޔަވައި ވިދާޅުވެގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ސިފައިންގެ ޑޮކްޓަރުންގެ ޙިއްސާ ވަރަށްބޮޑެވެ. މިއީ މިގޮތުން ލިބޭ ހިތްހަމަޖެހުމަކާއި ފަޚުރެއްކަމުގައި ދަންނަވަން ޖެހެއެވެ. ސެނަހިޔައިގައި ޞިއްޙީ ޚިދުމަތް ފުޅާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ސިފައިންގެ ޑޮކްޓަރުންގެ ގޮތުގައި ޑޮކްޓަރީކަން ކިޔަވައި ވިދާޅުވެގެން 12 ޑޮކްޓަރަކު ސެނަހިޔަގައި މަސައްކަތް ކުރައްވައެވެ. މި 12 ޑޮކްޓަރުންގެ ތެރެއިން، އެކިއެކި ބަލިތަކަށް ސްޕެޝަލިސްޓް ސިފައިންގެ ޑޮކްޓަރުން އިތުރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ފަސް ޑޮކްޓަރަކު މިހާރު ވެސް ގެންދަވަނީ ރާއްޖެއިން ބޭރުގެ މެޑިކަލް ކޮލެޖްތަކުން ޚާއްޞަ ބަލިތަކަށް ސްޕެޝިއަލައިޒް ވަމުންނެވެ.

މިހާރު ސެނަހިޔައިގައި ޚިދުމަތް ކުރައްވާ ސިފައިންގެ ޑޮކްޓަރުންގެ ތެރެއިން ސެނަހިޔައިގެ ސީނިއަރ ކޮންސަލްޓެންޓް މަޤާމުގައި ހުންނެވީ، އިންޓަރނަލް މެޑިސިން އާއި އޭވިއޭޝަން މެޑިސިން އަދި ޑައިވިންގ މެޑިސިންގެ ދާއިރާއިން ޚާއްޞަވެފައިވާ ލެފްޓިނަންޓް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ. މެޑިކަލް ސްޕްރިންޓެންޑެންޓް އަދި ކޮންސަލްޓެންޓް މޭޖަރ ޑރ. އައިމިނަތު ޝުމްރާ ޚާއްޞަވެފައިވަނީ، (ޕެޑިއަޓްރިކްސް) ކުޑަކުދިންގެ ބަލި ތަކަށެވެ. ސެނަހިޔައިގެ ޑެޕިއުޓީ މެޑިކަލް ސްޕްރިންޓެންޑެންޓް އަދި ރޭޑިއޮލޯޖީ ޑިޕާޓްމަންޓުގެ އޮފިސަރ އިންޗާޖް ކަމުގެ މަޤާމުގައި ހުންނެވި މޭޖަރ ޑރ. ފާތިމަތު ތަޙުސީނާ ޚާއްޞަވެފައިވަނީ، ސްކޭން ކުރުންފަދަ ރޭޑިއޮޑައިގްނޮސިސް އަދި ޑައިވިންގ މެޑިސިންގ ދާއިރާއިންނެވެ.

ސެނަހިޔައިގައި އާދައިގެ ކުދި ފެޅުންތަކަށް ނުވަތަ ޖެނެރަލް ސަރޖަރީއަށް ޚާއްޞަ ޑޮކްޓަރަކަށް ހުންނަވަނީ ތެރަޕިއުޓިކް ޑިޕާޓްމަންޓްގެ އޮފިސަރ އިންޗާޖް އަދި ކޮންސަލްޓެންޓް ފަސްޓް ލެފްޓިނަންޓް ޑރ. މައުމޫން އާސިމް އެވެ. އަދި ޑެޕިއުޓީ އޮފިސަރ އިންޗާޖް ރޭޑިއޮލޯޖީ ޑިޕާޓްމަންޓު އަދި ކޮންސަލްޓެންޓް ލެފްޓިނަންޓް ޑރ. ޝިފްލާ ޢަބްދުއްލަތީފު ޚާއްޞަވެފައިވަނީ (ޕެޑިއަޓްރިކްސް) ނުވަތަ ކުޑަކުދިންގެ ބަލިތަކުގެ ދާއިރާއިންނެވެ. ސެނަހިޔައިގައި ޖެނެރަލް މެޑިސިން އަދި ކުލިނިކަލް އޮންކޮލޮޖީގެ ދާއިރާއިން ޚާއްޞަވެފައި ހުންނަވަނީ ލެފްޓިނަންޓް ޑރ. މުޙައްމަދު ޒިޔާއު އެވެ.

ސެނަހިޔައިގައި މަސައްކަތް ކުރެއްވުމަށްފަހު ރާއްޖެއިން ބޭރުން ޚާއްޞަ ބަލިތަކަށް ސްޕެޝަލައިޒް ވަމުންގެންދަވާ ޑޮކްޓަރުންގެ ތެރެއިން، ފަސްޓް ލެފްޓިނަންޓް ޑރ. އިލްޔާސް ޢަބްދުﷲ، Anesthesia (ހޭނެއްތުން ނުވަތަ އައްސިކުރުން) މި ދާއިރާއިން ނޭޕާލުގައި ކިޔަވައި ވިދާޅުވަމުންދާއިރު، ލެފްޓިނަންޓް ޑރ. ޢަލީ މަފާޒު ރަޝީދު ގެންދަވަނީ، Orthopedic (ކަށިތަކަށް ޖެހޭ ބަލި) ތަކުގެ ބޭސްވެރިކަމުގެ ދާއިރާއިން ކިޔަވައި ވިދާޅުވަމުންނެވެ. ކަރުންމަތީގެ ބަލިތަކަށް ނުވަތަ ENT ދާއިރާއިން ލެފްޓިނަންޓް ޑރ. ތޫހާ ސަޢީދު ނޭޕާލުން ކިޔަވާ ވިދާޅުވަމުން ގެންދަވާއިރު، އިންޑިއާއިން، Pulmonologist (ފުއްޕާމެއާއި ނޭވާލާ ނިޒާމުގެ) ދާއިރާއިން ކިޔަވައި ވިދާޅުވަމުން ގެންދަވަނީ ލެފްޓިނަންޓް ޑރ. މުޙައްމަދު ފާލިޙު ޢަލީ އެވެ. ލެފްޓިނަން ޑރ. މަމްދޫފް މޫސާ އިންޑިއާއިން، Ophthalmology ނުވަތަ ލޮލުގެ ބަލިތަކަށް ސްޕެޝަލައިޒް ވަމުން އެބަގެންދަވައެވެ.

މީގެއިތުރުން، އިންޑިއާއިން ހަތަރު ސިފައިންގެ ބޭކަލަކު ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯސް ފުރިހަމަ ކުރައްވަމުން ވެސް އެބަގެންދަވައެވެ. މި ބޭކަލުންގެ ތެރޭގައި ލާންސް ކޯޕްރަލް އައިމަން މުޙައްމަދާއި، ލާންސް ކޯޕްރަލް ބައްސާމް މުޙައްމަދާއި، ލާންސް ކޯޕްރަލް އިސްމާޢީލް އަޝްފާޤް އަދި ޕްރައިވެޓް އިބްރާހީމް މައިޝާން ހިމެނިވަޑައިގަންނަވައެވެ.

ސެނަހިޔައިގައި ޕްރައިމަރީ ހެލްތު ކެއަރގެ ގޮތުގައި ދެ ޖިންސުގެ ސިފައިންގެ ޙަރަކާތްތެރިވަމުން އަންނައިރު، ނަރުހުންގެ ގޮތުގައި ސެނަހިޔައިގައި ހަ އަންހެން ސިފައިން ޚިދުމަތްކުރައްވާކަން ފާހަގަކޮށްލަމެވެ.

މިއީ ދިވެހި ސިފައިންނަށް ލިބޭ ވަރަށްބޮޑު ފަޚުރަކާއި ޝަރަފެކެވެ. ސެނަހިޔަގައި ސިފައިންގެ ޑޮކްޓަރުންގެ އިތުރުން އާންމުންގެ ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރުން ވެސް ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ދެއްވަމުން ގެންދަވާއިރު، އަޅުގަނޑު ޤާބޫލުކުރާ ގޮތުގައި، ސެނަހިޔަ ނުވަތަ އަސްކަރީ ހޮސްޕިޓަލްގެ ކުރިއަރަމުން އަންނަ ތަރައްޤީއާ އެންމެބޮޑަށް ގުޅިލާމެހިވެފައިވަނީ ޤައުމީ ޚިދުމަތުގައި އަވަދިނެތި އުޅުއްވަމުން ވެސް ހިތްވަރާއެކު ޞިއްޙީ ޚިދުމަތުގައި ދެމިތިއްބެވި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ ޑޮކްޓަރުންކަން ޔަޤީނެވެ.

ޝެއަރކުރެއްވުމަށް