ޤާނޫނަކީ ވަރަށްމުހިންމު އެހާމެ ބޭނުންތެރި އެއްޗެކެވެ. ތިމާމެންނާ ގުޅުންހުރި އެތައް ޤާނޫނެއް ތަޢާރަފް ވެފައި ހުރުމުގެ ސަބަބުން އެޤާނޫނުތައް ދެނެގަތުން ތިމާމެނަށް ލާޒިމްވެއެވެ. ޝައްކެއްނެތެވެ. ޤާނޫނަކީ އެއާއިނުލައި ދިރިއުޅެވެން ނެތް އެއްޗެކެވެ. އެއީ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ އިންސާނީ އިޖްތިމާޢީ ފާލަމެއްފަދަ ބޭނުންތެރި އެއްޗެކެވެ.

އިޤްތިޞާދީ އެތައް މަންފާތަކެއް ޤާނޫނުގެ ސަބަބުން ޙާސިލްވެއެވެ. ޤައުމެއްގެ ތަރައްޤީ އަށް ޤާނޫނު ކުރިމަގު އާރާސްތުކޮށްދެއެވެ. އިޤްތިޞާދީ ގޮތުން އެހީތެރިވެ ތަނަވަސް މާހަޢުލެއް ޤާއިމްކޮށްދެއެވެ. އެކަންކޮށްދިނުމުގައި ވާގިވެރިންނަކީ އެޤާނޫނުތަކާއި ގުޅުންހުރި ފަރާތްތަކެވެ. މިއަދު މިވަނީ ޒަމާންބަދަލުވެ އާ މާޙައުލެއް ޤާއިމްކުރެވިފައެވެ. ވަށައިގެން ފެންނަނީ ދިރިއުޅުން ކުރިއަރުވާ ތަނަވަސްކަން ހޯދުމުގެ މަސައްކަތުގައި ޖޯޝާއި ފޯރިއާއެކު ހުރިހާ އުމުރެއްގެ ދެޖިންސުގެ މީހުން ހަރަކާތްތެރިވާތަނެވެ. އުސްތާޛާ އިންނާއި އުސްތާޛު އިން އަދި ޢާލިމުންނާއި ފަންނުވެރިން އިތުރު ކުރިއެރުން ހޯދަމުން ދާތަނެވެ.

މިއީ ފަތުރުވެރިންގެ މަންޒިލް ތަކެކެވެ. އަދި މަސްވެރިންނާ ދަޑުވެރިންނަށް ހުޅުވާލެވިފައިވާ ކަނޑުތަކާއި ބިންތަކެއް އޮތް ރާއްޖެއެކެވެ. އެތަން ތަނުން ފައިދާތައްނެރެން މަސައްކަތް ނުކޮށް އެފައިދާތައް ނެރެވޭކަށް ނެތެވެ. އެކަންކަންވެސް އަމަލީ ގޮތުން ކުރަންބޭނުންނަމަ ބޭނުންވާ ލިއެކިއުން ތައްޔާރުކުރަންވެސް އެކަންކަމާ ގުޅޭ ޤާނޫނުތައް އަސާސީފެންވަރުގައި ނަމަވެސް އެގެން ޖެހެއެވެ. އެހެންފަރާތަކުން ތައްޔާރުކޮށްދިނަސް ސައްޙަ އެއްޗެއްތޯ ބެލުމަށްވެސް ޤާނޫނު ދަސްކުރަން ޖެހެއެވެ. ޤާނޫނުގެ ކުރީގައި ނުހުރެ ޤާނޫނު ފެންނަގޮތަށް ޤާނޫނުގެ ފަހަތުގައި ހުރުން ލާޒިމުވެއެވެ.

ފެހިކުލަގަދަ ދަނޑުބިންތަކާ ރުއްގަހުން މުއްސަނދިކަން ލިބިފައިވާ ބިންތަކާއި އެބިންތަކާ ގުޅިފައިވާ މަސްކަނޑުތައް ވަނީ ހުޅުވާލެވިފައެވެ. ހީވާގި މަސްވެރިންނަށެވެ. މުރާލި ދަނޑުވެރިންނަށެވެ. ވިޔަފާރި އުސޫލުން މަސައްކަތް ކުރަންބޭނުންވާ ލާރިވެރި މުއްސަނދިންނަށެވެ. މުސްތަޤުބަލަށް ވިސްނާލުމުން ހިތްހަމަޖެހުން ލިބެއެވެ.މިކަންކަމުގެ ފައިދާ ހާސިލް ކުރުމަށްވެސް އެކަންކަމާ ބެހޭ ޤާނޫނު އަސާސީމިންވަރަށް ނަމަވެސް އެގެން ޖެހެއެވެ. މިއީ ޤާނޫނީ ޒަމާނެވެ. ޤާނޫނާ ނުލާ ދެން އުޅޭކަށް ފަސޭހައެއް ނުވާނެއެވެ.

ކުރިންދެންނެވި އުސްތާޛާ އިންނާއި އުސްތާޛުން، އާލިމުންނާއި ފަންނުވެރިން އެތިއްބެވީ ނޭގޭމީހުންނަށް ދަސްކޮށްދިނުމަށް ކެތްމަދުވެ ފުރުސަތުތައް ހުޅުވާލައްވައިގެންނެވެ. ވީމާ އެފުރުސަތުުގެ ބޭނުން ހިފާށެވެ. އެއްވެސް ފުރުސަތެއް މީހަކަށް އިންތިޒާރެއް ނުކުރާނެއެވެ. ފުރުސަތަށް އިންތިޒާރު ކުރަންޖެހޭނީ އެކަމަށް ބޭނުންވާ މީހުނެވެ.

ޤާނޫނުގެ ކުރީގައި ޤާނޫނު ނުފެންނަގޮތަށް ނުތިބެ ޤާނޫނު ފެންނަގޮތަށް ޤާނޫނުގެ ފަހަތަށް ޖެހިލާށެވެ. ކުރިއަށް ދިވެހި ޤައުމު ހޯދާ ބަލަމުން އެހީތެރިވަމުން އިތުރު މަޢުލޫމާތު ހޯދަމުން ކުރިއަށް ދިވެހި ސިފައިން.  

ޝެއަރކުރެއްވުމަށް