ދިވެހިރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދެވެ. މި ރާއްޖޭގެ ރައްޔިތުންނަކީ ކަނޑުފަޅުތަކާ ނުލައި ދިރިއުޅުން އާރާސްތުކުރެވެން އޮތް ބައެއް ނޫނެވެ. ދިވެހިންގެ އިޤްތިޞާދު ބަރޯސާވެފައިވަނީ މި ޖަޒީރާ ޤައުމުގައި އޮތް ކަނޑުތަކާއި ކަނޑުއޮޅިތަކާއި ހާތަކާއި ގިރިތަކާއި ވިލުތަކާއި ފަރުތަކާއި ފަޅުތަކާއި މޫދުތަކުގެ މައްޗަށެވެ. އެހެންކަމުން ރެއާއިދުވާލު ދިވެހިންގެ ގިނަ ބައެއްގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރެވެމުން ދަނީ ކަނޑުމަތީގައެވެ. ޤުދުރަތީ ހާދިސާތަކާއި ކާރިސާތަކުގެ އިތުރުން ކަނޑުމަތީގެ ރައްކާތެރިކަމަށް ދޭންވީ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާ ހިތާމަވެރި ހާދިސާތައް ދަނީ އަޅުގަނޑުމެންގެ ތެރޭގައި ތަކުރާރުވަމުންނެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުން މުޅި ޤައުމަށް އެކަމުގެ ޝޮކް ލިބި، އެތައް ބަޔަކަށް ނަފުސާނީގޮތުން އަސަރުކޮށް، އެފަދަ ހާދިސާތަކުގައި އަޅުގަނޑުމެންނާ ވަކިވެގެންދާ ފަރާތްތަކުގެ ޢާއިލާތަކަށް ބަރުދާސްތު ނުކުރެވޭހާ ފުންހިތާމަ ލިބެމުންދާތަން މިދަނީ ފެންނަމުންނެވެ.
ދިވެހިރާއްޖެއަކީ މި ސަރަޙައްދުގައި ވެސް ތަޢުލީމީގޮތުން އެންމެ ހޭލުންތެރި ރައްޔިތެއް އޮތް ޤައުމެވެ. ޒަމާނީ ބަދަލުތަކާއި ވަސީލަތްތަކާ އެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވިސްނުމާއި ފިކުރު ވަނީ ތަރައްޤީވެފައެވެ. އެހެންނަމަވެސް ސުވާލަކީ ކަނޑުމަތީގައި ހިނގާ ބޮޑެތި ހިތާމަވެރި ހާދިސާތައް އިތުރުވެ، ތަކުރާރުވަމުން ދިއުމުގެ ސަބަބުތަކަކީ ކޮބައިތޯއެވެ؟ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީތޯއެވެ؟ ސިފައިންނާއި ފުލުހުންގެ ޤާބިލުކަން ކުޑައީތޯއެވެ؟ ފަރުދީ ޒިންމާއެއް އޮތްކަމަށް އަދިވެސް އަޅުގަނޑުމެންނަށް ޤަބޫލު ނުކުރެވެނީތޯއެވެ؟
މަސްދޯނިތަކުގެ ސައިޒް ބޮޑުކޮށް ބޭރުކަނޑުތަކަށް ދިވެހި މަސްވެރިން މިސްރާބު ޖަހައިފިއެވެ. 100 މޭލް، 150 މޭލަށް ބޭރަށް ނިކުންނަން ފަށައިފިއެވެ. އަދި ކަނޑުމަތީގައި މަސްވެރިކަމުގައި އުޅޭ މުއްދަތު ވަނީ އެއްދުވަހުން، ގިނަ ދުވަސްތަކަކަށް ބަދަލުވެފައެވެ. އެހެންނަމަވެސް އަދިވެސް ދަތުރަށް ވާވަރަށް ތެޔޮނުލައި ދަތުރުކުރުމުގެ ސަބަބުން ހާލުގައި ޖެހެނީއެވެ. މުއާސަލާތީ ފަސޭހަގޮތްތައް ހުރި ނަމަވެސް ޢާއިލާ މީހުންނަށާއި އޮޑިވެރިންނަށް ވެސް ދަތުރާބެހޭ މަޢުލޫމާތެއް ނޭނގެއެވެ. ކުރިއަށް ލަފާކުރާ މޫސުން ޑައިލް ވެދަރފޯކާސްޓާއި އިންޓަރނެޓް ސައިޓްތަކުން ފަސޭހައިން ބަލާލެވެން އޮތްއިރު ވެސް ކޮޅިގަނޑުތަކާ ދިމާކޮށް ދަތުރަށް އަރަނީއެވެ. މޫސުން ގޯސްވެ ކަނޑުދަތުރު ނުކުރުމަށް އެދި ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވަނިކޮށް ވެސް ފެންނަ ހިސާބުގައި އެކަން ހުއްޓުވާނެ ކޯސްޓްގާޑުގެ އުޅަނދެއް ނެތިއްޔާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި މުދަލާ އެކު ދަތުރަށް ފުރުމަކީ ވެސް ފަސްޖެހޭ ކަމެއް ނޫނެވެ.
ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ވެސް ކަނޑުމައްޗަށް ދަތުރަކަށް ފުރާނަމަ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮތްކަން ހަނދާންކުރަން އެބަޖެހެއެވެ. ފުރަތަމަ މޫސުން ބަލާށެވެ. ދަތުރުވެރިންނަށް އެކަށީގެންވާ ވަރަށް ބޯފެނާއި ކާބޯތަކެއްޗާއި ތެޔޮ ހުރިތޯ ޗެކްކުރާށެވެ. ކޮންމެ މީހަކަށް މަދުވެގެން އެއް ލައިފް ޖެކެޓް އޮތްތޯ ބަލާށެވެ. އެ ލައިފް ޖެކެޓަކީ އެ މީހަކަށް ހެޔޮވަރު އެއްޗެއްތޯ ވެސް ބަލާށެވެ. ކުޑަކުދިންނަށް ޚާއްޞަ ލައިފްޖެކެޓް ހުންނަކަން ހަނދާންކުރާށެވެ. ދަތުރަށް އެކަށީގެންވާ މުއާސަލާތީ ވަސީލަތްތައް ހުރިތޯ ބެލުމުގެ އިތުރުން އެ ތަކެތި ބޭނުންކުރެވޭތޯ ޗެކްކޮށްލާށެވެ. އަވަސް ފަރުވާ ދެވޭނެ ގޮތެއް ހުންނަންޖެހޭނެއެވެ. ފަސިންޖަރުންނާއި ފަޅުވެރިންގެ އަދަދާއި އެމީހުންގެ މަޢުލޫމާތު ކެޕްޓަންގެ އަތުގައި އޮންނަންވާނެއެވެ. ދިމާވެދާނެ އިމަޖެންސީ ހާލަތެއްގައި ކުއްލިއަކަށް މީހަކު އިތުރު ޞިއްޙީ ފަރުވާ ހޯދަންޖެހިއްޖެ ނަމަ އެ ޚިދުމަތް ލިބޭނެ ތަނަކާއި އެ ތަނަކަށް ދެވޭނެ ގޮތެއް ކުރިން އޮންނަންވާނީ ކަނޑައެޅިފައެވެ. މީގެ އިތުރުން އެ އުޅަނދަކަށް އެކަށީގެންވާ ވަރަށް މީހުންނާއި މުދާ އެރުވުމަށް ސަމާލުކަން ދިނުމަކީ ވެސް ހިނގާފާނެ ހިތާމަވެރި ހާދިސާއަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ފިޔަވަޅެކެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު ދަތުރުކުރާ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް އެބައޮތެވެ. ހަމައެއާ އެކު އުޅަނދުގެ ވެރިފަރާތާއި ކެޕްޓަންގެ ޒިންމާއެއް ވެސް އެބައޮތެވެ. ދައުލަތާއި ސަރުކާރުގެ ޒިންމާއެއް ވެސް އެބައޮތެވެ. ހަމައެއާ އެކު ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި ސްކޫލްތަކާއި ޖަމާޢަތުގެ ދައުރު ވެސް ވަރަށް ބޮޑެވެ. މިއިން އެއްވެސް ފަރާތަކުން އެ ފަރާތެއްގެ ޒިންމާއަށް ފަސްޖެހިއްޖެ ނަމަ ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގުން އޮންނާނީ ވަރަށް ކައިރީގައެވެ.
ފަރުދީ ޒިންމާގެ ވާހަކަ ދަންނަވާ އިރު އަޅުގަނޑުމެން ކޮންމެ މީހަކަށް ފަތަން އެނގެން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދަރިންނަށް ފަތަން ދަސްކޮށްދީ ފެންމަތީގައި ގިނައިރު އޮންނަން ދަސްކޮށްދޭން އެބަޖެހެއެވެ. ކަނޑުމަތީގައި ދަތުރެއް ކުރިއަސް އަދި އެހެން ހަރަކާތެއް ބޭއްވިޔަސް އެއްވެސް ސަބަބަކާ ހުރެ އެއްވެސް ހާލެއްގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް އެއްފަރާތްކޮށް ވަގުތީ ފައިދާއަކަށް ނުވަތަ ކަންފަސޭހަ ގޮތަށް ދީލާނުލަންވީއެވެ. ކޮންމެ ގޮތެއް ވަރިހަމަނުކުރަންވީއެވެ. އެއްގޮތަކަށް ވެސް ސޭފްޓީ ކޮމްޕްރަމައިޒް ނުކުރަންވީއެވެ. ހުރިހާ އެންމެންނަކީ ވެސް ފަތަން ދަންނަ އަދި އަމިއްލަ ފުރާނަ ސަލާމަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ މީހަކަށް ވާންވީއެވެ. ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރާ އިރު ނުވަތަ ގިނަ ބަޔަކު ހިމެނޭގޮތަށް ކަނޑުމަތީގައި ހަރަކާތްތައް ހިންގާ އިރު އިސްކޮށްތިބޭ މީހުން އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ފަރުވާކުޑަ ނުކުރަންވީއެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު، ފުދުންތެރިކަން ކުޑަ ޤައުމަކަށްވީތީ ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެސް ބޮޑެވެ. ރާއްޖޭގެ ސަރަޙައްދު ހަތަރު ސަރަޙައްދަކަށް ބަހާލައި، އެ ސަރަޙައްދުތަކުގައި ސިފައިން ޤާއިމުވެ ރައްޔިތުންނާ ގާތުން ޚިދުމަތްދެމުންދިޔަ ނަމަވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި އެ ހާދިސާއެއްގެ މަޢުލޫމާތު ލިބޭގޮތާއި އެކަމަށް ނަގާ ވަގުތާއި ސިފައިންނަށް ލިބިފައިވާ ވަސީލަތްތަކުގެ މަދުކަން ފާހަގަކުރެވެއެވެ. އެހެންނޫނަސް ފަތަން ނުދަންނަ މީހަކު ކަނޑަށް ވެއްޓޭތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޑިއަށް ދާއިރު، އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނދާހުލިވާ އިރު ފުރަތަމަ ފިޔަވަޅަކީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްކަން މިއަދު ވަނީ ޤަބޫލުކުރަން މަޖުބޫރުވެފައެވެ. ބައިނަލްއަގުވާމީ ކަނޑުދަތުރުކުރުމުގެ ޤާނޫނާއި ރާއްޖޭގެ ކަނޑުދަތުރު ކުރުމުގެ ޤާނޫނާއި ޤާވާޢިދުތައް ހެދިފައިވަނީ އަދި އެ ތަކެއްޗަށް ޢަމަލުކުރުމަށް ބާރު އެޅެމުންދަނީ ރައްޔިތުންނަށް ދަތިކޮށް އުނދަގޫ ކުރުމަކަށް ނޫނެވެ. އެކަމަކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށެވެ. ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މުޅި ރާއްޖޭގައި ސިފައިން ހިންގަމުންދާ ތަފާތުގިނަ ޕްރޮގްރާމްތައް ނުހުއްޓި އަދިވެސް ދަނީ ކުރިއަށެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ބުނެދީ، ވިސްނައިދީ، އަންގައިދީ އަދި އެގޮތްގޮތަށް ޢަމަލުކުރުވުމަށް ހިތްވަރުދީ، ބާރުއެޅުމަށް ކުރެވޭ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އާހިތްވަރަކާ އެކު ކުރިއަށް ގެންދާނެއެވެ. ރާއްޖޭގައި ދިމާވަމުންދާ ހިތާމަވެރިވި ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިވެހިސިފައިން ކުރާނެއެވެ. އަދި އެފަދަ ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވުމަށް ދިވެހިސިފައިން ތިބޭނީ ތައްޔާރަށެވެ.
