ޒަމާނީ ވިސްނުންތަކުން އަޅުގަނޑުމެން މިއަދު ކުރިއަރަމުންދާ އިރު، އަދުގެ އަސްކަރިއްޔާތަކަކީ ހަނގުރާމައަށް ވުރެ ބޮޑަށް ޞުލްޙައަށް ލޯބިކުރާ އަސްކަރިއްޔާތަކެވެ. މިހާރުގެ އަސްކަރިއްޔާތަކަކީ ޞުލްހަވެރިކަމާ އެކު ބައިނަލުއަގްވާމީ މުޖުތަމަޢު ދެމެހެއްޓުމަށް އިސްކަންދޭ އަސްކަރިއްޔާތަކެވެ. އަސްކަރިއްޔާތަކުން އިސްކަންދެނީ ދުނިޔެއަކީ ރައްކާތެރި އަމާން ވެށްޓެއް އެކުލެވިފައިވާ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތްތަކުގައެވެ. ދުނިޔެ ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައެވެ. ދުނިޔެއަށް އެހީވުމުގައެވެ. އަސްކަރިއްޔާތަކުން މި ދެންނެވި ދައުރު އަދާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަސްކަރިއްޔާގެ އިންޖިނިއަރުންނެވެ.
މިއަދު އަސްކަރިއްޔާތަކުގެ ”އިންޖިނިއަރިންގ“ ދައުރަކީ ކުރިއާ ޚިލާފަށް ސީދާ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ހަރަކާތެކެވެ. މިގޮތުން މި ޒަމާނުގެ އަސްކަރިއްޔާތަކުން ”އިންޖިނިއަރިންގ“ ގެ ހުނަރު ބޭނުންކުރަމުންދަނީ ހަމައެކަނި އިމާރާތްކުރުމުގެ ދާއިރާއަކުން ނޫނެވެ. ހަމައެކަނި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަކަށް ވެސް ނޫނެވެ. އެހެނަސް، މިއަދުގެ ކޮންސެޕްޓް ތަފާތެވެ.
”ނޭޝަން ބިލްޑިންގ“ ނުވަތަ ޤައުމު އާރާސްތުކުރުމުގެ މަސައްކަތަކީ ”މިލިޓަރީ އިންޖިނިއަރިންގ“ ގެ ތެރެއިން ދުނިޔޭގައި ވަރަށް ކުރިން ވެސް ފުޅާވަމުން އައިސްފައިވާ ހަރަކާތެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވީ ދުނިޔެ، އަލުން އާރާސްތުކުރުމުގައި ޤައުމުތަކުގެ ސިފައިން ވަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެފައެވެ. މަގުތައް ހެދުމުގައެވެ. ބްރިޖުތައް ހެދުމުގައެވެ. އަދި ސްޓޭޓްތައް އަލުން އާރާސްތުކުރުމުގައެވެ. ޕެނަމާ ކެނަލްއާއި، ވޮޝިންޓަން މޮނިޔުމެންޓް އަދި ބޮސްޓަން ހާބަރ ފަދަ ބިނާތައް މިފަދަ މިސާލުތަކުގެ ތެރެއިން ނަގަމާތޯއެވެ. ނޭޝަން ބިލްޑިންގއާ ގުޅުންހުރި އިތުރު ހަރަކާތްތަކުގެ ތެރެއިން އުދައެރުމާއި ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ ޕްރޮޖެކްޓްތަކާއި، ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން ޤައުމުތަކުގެ ރޯޑް ކޮންސްޓްރަކްޝަން ނުވަތަ އެއްގަމު ދަތުރުފަތުރުކުރުމުގެ ނިޒާމް ހަރުދަނާކުރުމުގެ ޕްރޮޖެކްޓްތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިފައިން އަމަލީގޮތުން ބައިވެރިވުން ވެފައިވަނީ އަސްކަރިއްޔާތަކުގެ މިއަދުގެ މިޝަން ކަމުގައެވެ.
ދުނިޔޭގެ ތާރީޚުގެ ޞަފްޙާތައް އުކާލުމުން ވެސް މިފަދަ ބައެއް ހަރަކާތްތައް ފެންނަމުން ދާނެއެވެ. މިގޮތުން ރޯޑް ކޮންސްޓްރަކްޝަންގައި ދުނިޔޭގެ އަސްކަރިއްޔާތަކުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާ އިރު، އެންމެ އިހުގެ ރޭލު ދުއްވާ މަގުތައް ބިނާކުރުމާއި މިފަދަ ޕްރޮޖެކްޓްތަކަށް ޗާޓްކުރަހައިދިނުމުގެ މަސައްކަތުން ފެށިގެން މި ޒަމާނުގެ ހައިވޭތަކާއި، ފާސްޓް ޓްރޭން ދުއްވާ ޒަމާނީ މަގުތައް ބިނާކުރުމުގެ ”މެގަ“ ޕްރޮޖެކްޓްތަކުގައި ޤައުމުތަކުގެ ސިފައިން ސީދާގޮތުން ބައިވެރިވުން ހިމެނެއެވެ. ހަމަމިއާ އެކު ސްޕޭސް ޕްރޮގްރާމްތަކަށް އޭވިއޭޝަން އެޑްވެންޓް ކުރުމާއި، ޤައުމުތަކުގެ އިޤްތިޞާދީ ކެޕޭސިޓީ ފުޅާކުރުމަށް ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސިފައިން ދަނީ މި ދާއިރާއިން މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ބައެއް އަސްކަރިއްޔާތަކުގައި ”އިންޖިނިއަރިންގ“ ގެ ދާއިރާއިން ސިފައިން ކުރަމުންދާ ބައެއް މަސައްކަތްތަކަށް ބަލާލަމާތޯއެވެ. އެންމެ ކައިރިން އިންޑިއާގެ އަސްކަރިއްޔާއެވެ. ޑިޒައިންކުރުމާއި، އަސްކަރިއްޔާގެ ހުރިހާ މަސައްކަތެއް ކޮންސްޓްރަކްޓްކޮށް މެއިންޓެއިން ކުރުމާއި، އިމާރާތްކުރުމާއި، އެއަރފީލްޑް އަދި ޑޮކް އިންސްޓޯލޭޝަން ފަދަ ކޮންމެ އިންޖިނިއަރިންގ މަސައްކަތަކީ އިންޑިއާގެ މިލިޓަރީ އިންޖިނިއަރިންގ ސަރވިސްއިން ކުރަންޖެހޭ މަސައްކަތުގެ މަސްޢޫލިއްޔަތުގައި ހިމެނޭ ކަންކަމެވެ. އެ ޤައުމުގައި އޮތް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ކޮންސްޓްރަކްޝަން އެޖެންސީއަކީ ވެސް މިލިޓަރީ އިންޖިނިއަރިންގ ސަރވިސްއެވެ. މި ސަރވިސްއަކީ ”އިންޑިއަން އާމީ ކޯރ އޮފް އިންޖިނިއަރސް“ ގެ ދަށުން ހިންގަމުން އަންނަ ޔުނިޓެކެވެ. ހަމަމިއާ އެކު، އެ ކޯރގެ ދަށުން ހިންގާ މުހިންމު އަނެއް ޔުނިޓަކީ ”ބޯޑަރ ރޯޑްސް އޮގަނައިޒޭޝަން“ އެވެ. އެ އޮގަނައިޒޭޝަންއަކީ އިންޑިއާގެ ނޭޝަނަލް ހައިވޭތަކާއި، އެއާރ ފީލްޑްތަކާއި، އިމާރާތްތައް އަދި ބްރިޖްތައް ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްކުރާ އިންޖިނިއަރުން ތިބޭ ޔުނިޓެވެ. މިގޮތުން އިންޑިއާގެ ހިމާލިޔާސް، ރާޖަސްތާން އަދި އިރުއުތުރު ސްޓޭޓްތަކުގެ ޢުމްރާނީ ތަރައްޤީއަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިންޖިނިއަރުންނަކީ އެ އޮގަނައިޒޭޝަންގެ ފަންނީ އިންޖިނިއަރުންނެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ އަސްކަރިއްޔާގައި ވެސް ކަންއޮތީ މިފަދައިންނެވެ. މިގޮތުން ”ޔުނައިޓެޑް ސްޓޭޓްސް އާމީ ކޯރ އޮފް އިންޖީނިއަސް (ޔޫއެސްއޭސީއީ)“ އަކީ ކުރުގޮތަކަށް ދަންނަވާ ނަމަ، ”ފެޑެރަލް އެޖެންސީ“އެކެވެ. އަދި އެ އެޖެންސީއަކީ، ޔޫއެސް ސިފައިންގެ އިތުރުން 36 ހާހަށް ވުރެ ގިނަ ސިވިލިއަނުން ވެސް ހިމެނޭ ޔޫއެސް އާމީގެ މައިގަނޑު އެއް ކޮމާންޑެވެ. އެ ކޯރއަކީ ޕަބްލިކް އިންޖިނިއަރިންގއާއި، ޑިޒައިން އަދި ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ ދާއިރާއިން ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެޖެންސީކަމުގައި ދަނީ ބެލެވެމުންނެވެ. އެމެރިކާގެ އެތައް ޑޭމްތަކަކާއި، ކެނެލްތަކަކާއި އަދި އެތައް ފްލަޑް ޕްރޮޓެކްޝަން ހަރަކާތްތަކެއްގައި މަސްޢޫލުވެފައިވާ، ދިގު ތާރީޚެއް އޮތް ”ޔުނައިޓެޑް ސްޓޭޓްސް އާމީ ކޯރ އޮފް އިންޖީނިއަރސް“ އަކީ އެ ޤައުމަށް ބޭނުންވާ ޕަބްލިކް ވާކްތަކުގައާއި ޑިފެންސް ޑިޕާޓްމަންޓްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ އެޖެންސީއެކެވެ. ޕަބްލިކަށް ބޭނުންވާ އައުޓްޑޯ ރިކްރިއޭޝަން ފޯރުކޮށްދިނުމަށް އެ އެޖެންސީ އިސް ދައުރެއް އަދާކުރެއެވެ. އަދި ޔޫއެސްގެ 24 އިންސައްތަ ހައިޑްރޯ ކެޕޭސިޓީ ފޯރުކޮށްދެނީ ވެސް އެ އެޖެންސީއަށް ނިސްބަތްވާ އިންޖީނިއަރުންނެވެ.
”ޔުނައިޓެޑް ސްޓޭޓްސް އާމީ ކޯރ އޮފް އިންޖީނިއަރސް“ ގެ މިޝަންތަކަށް ބަލާއިރު، އެމީހުންގެ މައިގަނޑު މިޝަން ބިނާކޮށްފައިވަނީ ޞުލްހަވެރިކަމާއި ހަނގުރާމައިގެ ހާލަތްތަކުގައި ޔޫއެސްގެ ސެކިޔުރިޓީ ވަރުގަދަކުރުމަށް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ މައްޗަށެވެ. ޔޫއެސްގެ އިޤްތިޞާދު ނަގަހައްޓައިދިނުމުގެ މައްޗަށެވެ. އަދި ޤުދުރަތީ ކާރިސާތަކާއި ހާދިސާތަކުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ މައްޗަށެވެ. މިގޮތުން ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި އަދި ލޮކްތައް އޮޕަރޭޓްކުރުމުގެ އިތުރުން ސިވިލް އިންޖިނިއަރިންގގެ ދައުރެއްގެ ގޮތުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމާއި، ގޮނޑުދޮށްތައް ހިމާޔަތްކޮށްދިނުމާއި، ފެންހިނގާ މަގުތަކުގެ ނެވިގޭޝަން ރައްކާތެރިކޮށްދިނުން ފަދަ ރައްޔިތުންނާ ސީދާގޮތުން ގުޅިފައިވާ މަސައްކަތްތައް ހިމެނެއެވެ. އަދި އެއްގަމު ސިފައިންނަށާއި ވައިގެ ސިފައިންގެ އިތުރުން އެހެނިހެން ޑިފެންސް އަދި ފެޑެރަލް އެޖެންސީތަކަށް ބޭނުންވާ އަސްކަރީ ފެސިލިޓީސްތައް ޑިޒައިންކޮށް ކޮންސްޓްރެކްޓްކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން އެމެރިކާގެ ތިމާވެށި ހިމާޔަތްކުރުމަށް ވެސް މި ކޯރގެ އިސް ދައުރު ފާހަގަކޮށްލަން ޖެހެއެވެ.
އެހެންކަމުން ދަންނަވަން ޖެހެނީ، ދުނިޔޭގެ ޒަމާނީ އަސްކަރިއްޔާތަކުން، ”ސްޓެބިލިޓީ އޮޕަރޭޝަންތައް“ ހިންގުމަށް މިއަދު ޚާއްޞަ އިސްކަމެއް ދީފައިވާ ކަމެވެ. އެގޮތުން ޕީސް ކީޕިންގއާއި ނޭޝަން ބިލްޑިންގއަކީ މިއަދު އަސްކަރިއްޔާތަކުގެ ކޯ މިލިޓަރީ ނުވަތަ އަސްކަރިއްޔާއާ ސީދާގޮތުން ގުޅިފައިވާ މިޝަންތައްކަމުގައި ވަނީ ވެފައެވެ. މި މިޝަންތަކުގެ ތެރޭގައި އަސްކަރީ، ޢުމުރާނީ، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ސްޓްރަކްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިމެނެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އޮޕަރޭޝަންތައް ހިމެނެއެވެ.
ޔޫއެސް އާމީގެ ލީޑިންގ ތިންކަރ، ޖެނެރަލް ޑޭވިޑް ޕެޓްރޯސް ވިދާޅުވެފައިވެއެވެ. ”ކައުންޓަރ އިންސާޖެންސީއަކީ ހަމައެކަނި ދުޝްމަނުން މެރުމެއް ނޫނެވެ. ދުޝްމަނުން ބަލިކޮށް، އެމީހުންގެ ސަޕްލައި ނައްތާލުމެއް ނޫނެވެ. އެހެނަސް އެ ޤައުމެއްގެ ރައްޔިތުންނަށް ހިމާޔަތް ހޯދައިދީ އެހީތެރިވުމެވެ. ހަޤީޤީ ނަޞްރު ލިބޭނީ އޭރުންނެވެ.“
ޖެނެރަލް ވިދާޅުވި ފަދައިން މިއަދު ހަނގުރާމަތަކުން ނަޞްރު ލިބުންކަމުގައި ބެލެވެނީ ދުޝްމަނުން މެރުމަކުން ނޫނެވެ. އެހެންކަމުން އެފަދަ ”ނަޞްރެއް“ ހޯދުމަށް ޓަކައި ޒަމާނީ އަސްކަރިއްޔާތަކުން މިހާރު ބޭނުންކުރަމުންދާ އެންމެ އަގުބޮޑު ހަތިޔާރަކީ ”އިންޖިނިއަރިންގ“ ގެ ހުނަރެވެ. އެއީ، އެ ޤައުމެއްގެ އިޤްތިޞާދަށް އެހީތެރިވުމުގައެވެ. ޤައުމުގެ ޢުމްރާނީ ތަރައްޤީތަކުގެ އިސް ސަފުގައި އަމަލީގޮތުން ސިފައިން ބައިވެރިވެގެންނެވެ.
ޒަމާނީ އަސްކަރިއްޔާއަކާ ދިމާއަށް އެމްއެންޑީއެފް ވެސް މިވަނީ މިސްރާބު ޖަހާފައެވެ. އެމްއެންޑީއެފްއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން ”އިންޖިނިއަރިންގ“ ގެ ދާއިރާ މި މުއައްސަސާގައި ފުޅާކުރުމަށް ދޮރުތަކެއް މިހާރު ވަނީ ހުޅުވާލެވިފައެވެ. ރަސްމީކޮށް ”ކޯރ އޮފް އިންޖިނިއާރސް“ ގެ ނަމުގައި ބާރެއް އުފައްދައި، ސިފައިންގޭގައި ތިބި އިންޖިނިއަރިންގ މަސައްކަތް ކުރަމުން އައި ޔުނިޓްތައް، އެއް ކޮމާންޑެއްގެ ދަށަށް ގެނެވި، މަސައްކަތްތައް ވަނީ ފަށައިގެންފައެވެ. އާދެ! ވަރަށް ގިނަ ސަބަބުތަކަކަށް ޓަކައެވެ. ޤައުމުގެ ޢުމުރާނީ ތަރައްޤީއަށް ޓަކައި ދިވެހި ސިފައިން ކުރަމުންއައި މަސައްކަތްތައް ހަލުވިކުރުމަށް ޓަކައެވެ. ޤައުމުގެ ހީނަރުވަމުންދާ އިޤްތިޞާދަށް އެހީތެރިވުމަށް ޓަކައެވެ. ޤައުމުގައި މި ރޮނގުން ފަންނީ މީހުން ބިނާކުރުމަށް ޓަކައެވެ.
މީގެ ކުރިން ރަސްމީ ސިފައެއްގައި އިންޖިނިއަރުންނޭ ކިޔައިގެން ދިވެހި ސިފައިންގެ ތެރެއިން މިފަދަ މަސައްކަތްތަކުން ބަޔަކު ފެނިފައި ނުވިނަމަވެސް، އޭރުވެސް ސިފައިންނަކީ ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން އައިސްފައިވާ މީހުންނެވެ. ހުޅުލޭގައި ބައިނަލުއަގްވާމީ ވައިގެބަނދަރެއް ބިނާކުރުމަށް ކުރެވުނު މަސައްކަތުގައާއި، އެއަށްފަހު ކައްދޫ އަދި ހަނިމާދޫގެ ވައިގެބަނދަރު ބިނާކުރުމަށް ކުރަންޖެހުނު މަސައްކަތްތަކުން ފެށިގެން މާލޭގެ ބިން ހިއްކުމަށް ސަރުކާރުން ފެށްޓެވި މަޝްރޫޢުއަށް ބޭނުންވާ ވެލިގެނައުމުގެ މަސައްކަތުގައާއި، މާލޭގެ މަގުތަކުގައި ގާއެޅުމަށް ކުރެވުނު މަސައްކަތްތަކަށް ބެލިޔަސް ސިފައިންވަނީ ބުރަ ތާރީޚީ މަސައްކަތްތަކެއް ޤައުމަށް ޓަކައި ކޮށްދީފައެވެ.
ފަހުގެ ތާރީޚަށް ބަލާ އިރު، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ޤައުމު އާރާސްތުކުރުމަށް ކުރެވުނު ބިޔަ، ބުރަ މަސައްކަތްތަކުގައި ފަސްޖެހުމެއްނެތި ފިސާރި ކެރިގެން ދިވެހި ސިފައިން އިސް ސަފުގައި ހަރަކާތްތެރިވިއެވެ. ބިމާ ހަމަވެފައިވާ ގޭގޭ އަލުން ކޮޅަށްނަގައި ގެދޮރު އިމާރާތްކުރުމާއި، ކާރިސާގެ ސަބަބުން ހަލާކުވެފައިވާ ރަށްރަށުގެ މަގުތައް ހަދައިދިނުމާއި އަދި އެ ރަށްރަށަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ތަރައްޤީތަކަށް ކުރެވުނު މަސައްކަތްތަކުގައި ވެސް މެއެވެ. އަދި ބައެއް ރަށްރަށުން މީހުން ބަދަލުކުރުމަށް ހިންގި ބޮޑެތި މަޝްރޫޢުތަކުގައި ވެސް މެއެވެ.
ކޮންމެއަކަސް ދަންނަވަން ޖެހެނީ މި ޤައުމުގެ ޢުމްރާނީ ތަރައްޤީއަށް ޓަކައި މި މަސައްކަތްތައް ކުރަމުންދިޔަ ސިފައިންގެ ކަރުގައި ”އިންޖިނިއަރެއް“ގެ މެޑަލް އެޅިފައި ނެތަސް، އެމީހުން ކުރަމުންދިޔަ މަސައްކަތްތަކަކީ ކުރިއަރަމުން އަންނަ އަސްކަރިއްޔާތަކުގައި ވެސް އަސްކަރީ އިންޖިނިއަރުން ކުރަމުން އައިފަދަ މަސައްކަތްތަކެވެ. އެހެނަސް، މިއަދު މިވަނީ މިކަމަށް ރަސްމީ ސިފައެއް ގެނެސްދީފައެވެ. ބޭރުގެ އަސްކަރިއްޔާތަކާ އެއްފަދައިން، ރަސްމީކޮށް މިފަދަ މަސައްކަތްތަކަށް ވަކި ”ލޭބަލް“އެއްގެ ދަށުން ކުރިއަށް ވުރެ ވެސް ”ހައިބަތު ބޮޑު“ ބައެއްގެ ގޮތުގައި ދިވެހި ސިފައިން މިއަދު މިދަނީ މިފަދަ މަސައްކަތްތަކަށް ނިކުންނަން ތައްޔާރުވަމުންނެވެ. މިގޮތުން ކުރެވުނު ފުރަތަމަ މަސައްކަތުން ވެސް ދިވެހި ސިފައިންގެ ޤާބިލްކަމާއި ކުޅަދާނަކަން މިދަނީ ފެންނަމުންނެވެ. 17ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުރުމަށް ކުރަންޖެހުނު އެތައް މަސައްކަތްތަކެއްގައި ސިފައިންގެ އިންޖިނިއަރުން ހަރަކާތްތެރިވެފައިވަނީ ރައްޔިތުން އެ ބަޔަކަށް ޓަކައި ފަޚުރުވެރިވާނެ ފަދަ ބައެއްގެ ގޮތުގައެވެ. ރެއެއް ދުވާލެއްނެތި ސިފައިން ކުރި މި ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ދިވެހި ސިފައިންނަށް އެމީހުންގެ ޝުކުރުވެރި ހިތްތައް ބަންޑުންކޮށްގެންނެވެ. އައްޑޫ ސިޓީން މިހާރު ފެންނަމުންދާ ތަރައްޤީތައް އޭގެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް ދިވެހި ސިފައިން ވަނީ ޤުރުބާނީތަކެއް ވެފައެވެ. ޤައުމީ ޚިދުމަތެއްގެ ގޮތުގައި ނިކުމެގެންނެވެ.
މި މުއައްސަސާއަކީ ކޮންމެ ދާއިރާއަކުން ބެލިކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ އެންމެ ގިނަ ފަންނީ މީހުންތިބި މުއައްސަސާއެވެ. އެންމެ ގިނަ ތަޖުރިބާކާރުން ތިބި މުއައްސަސާއެވެ. އެހެންކަމުން ރައްޔިތުންނަށް މިއަދު ބޭނުންވެފައިވާ ޢުމުރާނީ ތަރައްޤީތަކަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ. ޤައުމުގެ އިޤްތިޞާދަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސިފައިންނަށް މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ވަޒީފާގެ ހުނަރު ނެތިގެން ވަޒީފާ ލިބިފައި ނުވާ އެތައް ޒުވާނުންނެއް ތިބި އިރު، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ވެސް ސިފައިންނަށް މަސައްކަތްތަކެއް ކޮށްދެވިދާނެއެވެ. ޤައުމުގެ ޢުމްރާނީ ތަރައްޤީތައް ހަލުވި ދުވެލީގައި ކުރިއަށްގެންދިޔުމަށް ”އަގަކާއި ނުލައި“، ޤައުމީ ޚިދުމަތެއްގެ ގޮތުގައި ސިފައިން ނިކުންނަން މިއަދު ތިބީ ތައްޔާރުވެގެންނެވެ.
