1892 ވަނައަހަރު 21 އޭޕްރީލްގައި ސިފައިން ރަސްމީސިފައެއްގައި އުފެދުނު ހިސާބުންފެށިގެން އެޒަމާނެއްގައި ސިފައިންގެ ޤާބިލްކަން ހުރިމިންވަރެއްގެ މައްޗަށް ބިނާކޮށް އަބަދުވެސް އައީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަފާތު އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށް ދެމުންނެވެ. މިފަދަ ކަންކަމުގެ ތެރެއިން ފަހުގެ ތާރީޚްތަކުގައި ސިފައިން ކޮށްފައިވާ އިޖްތިމާޢީ މަސައްކަތްތަކަށް ކުރުގޮތަކަށް އަލިއަޅުވާލަން ގަސްތުކުރަމެވެ.

1979 ވަނަ އަހަރު މާލޭގެ ބިންހިއްކުމުގެ ޕްރޮގްރާމަށް އެހީތެރި ވުމުގެގޮތުން، ވެލި ހަދިޔާ ކުރުމުގެ މަސައްކަތުގައި ސިފައިން ދެދަންފަޅިއަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރިއެވެ. ކ.ދޫނިދޫން ވެލި، ބަސްތާތަކަށް އަޅައިގެން އެބަސްތާތައް ލަކުޑި ބަނޑެއްގައި ޖަހައިގެން ލޯޑު ކުރަމުން ގެންދިޔައެވެ. ދެދަންފަޅީ މީހުން މިމަސައްކަތް ކުރަމުންގެންދިޔައީ އެއްބަޔަކަށްވުރެ ބޮޑު ވެލިފުންޏެއް އަނެއްބަޔަކު ޖެހުމުގެ ޢަޒުމުގައި، ޤައުމީ ރޫޙާ ޤައުމީ ޖޯޝްގައެވެ. މާލެއަށް ވެލި ހިފައިގެން ދަތުރުކުރަނިކޮށް ބަނޑު އަޑިޔަށް ގޮސް ސިފައިންގެ 6 ބޭކަލަކު ކަނޑަށް ޣަރަގުވެގެން ޝަހީދުވިއެވެ. މިއީ ސިފައިން ޤައުމީ ޚިދުމަދުގައި ވެފައިވާ ޤުރުބާނީ ރަމްޒުކޮށްދޭ ވަރަށް ވަރުގަދަ ދަލީލެކެވެ.

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި އަކިރި ހަދިޔާ ކުރުމުގެ މަސައްކަތަކީ މުޅިރާއްޖޭގެ ރައްޔިތުން ޝާމިލްވެގެން ކުރެވުނު ވަރަށްބޮޑު މަސައްކަތެކެވެ. މި މަޝްރޫޢުގައި ސިފައިން ބައިވެރި ވުމުގެ ގޮތުން 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އަކިރި ހަދިޔާ ކުރުމުގެ ޕްރޮގްރާމް އެމަހުގެ 10 އިން 13 އަށް ހިންގިފައިވެއެވެ. ކ.ތަނބުރުދޫ އަށް 50 ޓަނުގެ ބަނޑަކަށް އަކިރި ބަރު ކުރުމަށްޓަކައި ކޮނޑުން އަކިރި އުފުލައިގެން ބަޑަށް އަކިރި ބަރުކުރަމުންދިޔައީ ވަރަށް ފޯރިއާއިއެކީގައެވެ. ސިފައިން ދެ ދަންފަޅިއަކަށް ބެހިގެން  މިމަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔައިރު ސިފައިންގެ އަނބިން ތަނބުރުދޫއަށް ގޮސް އެމަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ސިފައިންނަށް ފަންޏާ ސައި ދެމުންދިޔައެވެ.

1987 ވަނަ އަހަރުގެ ތެރެއަށް ބަލާއިރު އެއަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް ކުރިމަތިވި ބޮޑުރާޅު އެރި ޙާދިސާގައި މާލޭގެ ދެކުނު ފަރާތުގެ ގިނަ ގެތަކަށް ގެއްލުން ލިބުމާގުޅިގެން އެގެތަކުގެ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށް، ހަލާކުވި ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވުނެވެ. ބޮޑުރާޅު އެރިސަރަހައްދަށް ޖަމާވެފައިވާ ކުނިތައް ނަގާސާފުކޮށް ހެދުމުގައި ސިފައިން އިސްވެ ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިހާދިސާގެ ތެރޭގައި މާލޭގައި ބޭރަށް ހިންގުން އިތުރުވެ ހޮސްޕިޓަލް ފުރިގެން  ހޮސްޕިޓަލްގެ ދެކުނު ފަރާތުގައި ހަދަންފަށާފައި ހުރި ޢިމާރާތުގައި ވަގުތީ ވޯޑުތަކެއް ހެދުމުގެ މަސައްކަތްވެސް ސިފައިންކޮށްފައިވެއެވެ. 

 ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން 1992 ގައި ފާހަގަ ކުރުމުގެ ގޮތުން ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމާއި، ކ.ތުލުސްދޫގައި ސިއްޙީމަރުކަޒަކާއި ކ.ހުރާގައި މަސްވެރިންގެ ހިޔާ އެއް ބިނާކުރުން ފާހަގަކޮށްލެވެއެވެ. މިމަސައްކަތުގައި އެމެރިކާ ސިފައިންގެ އެހީތެރިކަންވެސް ލިބިފައިވެއެވެ. ސިފައިން ތައްޔާރުކޮށްދީފައިވާ ”ކުޑަކުދިންގެ ބަގީޗާ“ ވެގެންގޮސްފައިވަނީ ކޮންމެދުވަހަކުވެސް އެތައްކުޑަކުދިންނަކަށް އުފާވެރިކަން ގެނެސްދޭ ތަނެއްގެ ގޮތުގައެވެ. މާލޭގެ މަލަމަތި ރީތިކުރުމުގެ ގޮތުން މުނިސިޕަލްޓީއިން ހިންގެވި ޕްރޮގްރާމްތަކުގައި ސިފައިން މާލެ ސާފު ކުރުމަށާއި މާލެ ފެހިކުރަން ގަސްޖެހުމުގެ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި މިލިޔަންގަސް ޕްރޮގްރާމުގައިވެސް ސިފައިން ބައިވެރިވެފައިވާއިރު މީގެ އިތުރުން 1992 ވަނަ އަހަރު ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމުގެ މުނާސަބަތުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ މާލެވަށައި ގަސް އިންދުމުގެ މަސައްކަތެވެ. ސަރުކާރުގެ މުއައްސަސާތަކާއި މާލޭގެ ރައްޔިތުން ގުޅިގެން 1996 ވަނައަހަރު ހިންގިފައިވާ ”މިނިވަން ދިވެހިރާއްޖެ ސާފު ދިވެހިރާއްޖެ“ ޕްރޮގްރާމްގެދަށުން މާލެއާއި އަތޮޅުތަކުގެ ގިނަރަށްތަކެއްގެ ފަޅުސާފުކުރުމުގެ މަސައްކަތް ސިފައިން ކޮށްފައިވެއެވެ.

ސުނާމީ ކާރިސާއަކީ ފަހުގެ ތާރިޚުގައި މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވި އެންމެ ބިރުވެރި ކާރިސާއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި މި ނުރައްކާތެރި ކާރިސާއާއި ދިވެހިން ކުރިމަތިލީ ކުއްލި ސިހުމަކާއެކުގައެވެ. ބަލަބަލާ ތިއްބައި މުޅި ޢުމުރުގައި ކުރިމަސައްކަތް އޮޔާދިޔައީ ތިމާގެ އަމިއްލަ ފުރާނަ ސަލާމަތް ކުރަންވެސް ނުކުޅެދިގެންވާހާލުގައި ބަލަބަލާތިއްބައެވެ. އެތައް ބައެއްގެ ގެދޮރުނެތި މަގުމަތިވެފައި ވީއިރު އަނެއްބައަކު ކާނެ އެއްޗެއް ބޯނެ ފެންފޮދެއްނެތި ފައިތިބި މި ނުރައްކާތެރި ވަގުތު އެހީތެރިކަމައިގެން ސިފައިން ނުކުތީ ޤައުމީ ޚިދުމަތުގެ ކަމަރު ބަނދެގެން ކޮންމެ ފަދަ މަސައްކަތެއް ކުރަންޖެހުނަސް އެކަމަކަށް ފިސާރި ތައްޔާރުވެ ތިބެގެންނެވެ. ކަނޑުމަތީގައި ކޯސްޓްގާޑުގެ އުޅަނދު ފަހަރު ކެނޑިނޭޅި ދަތުރުތައް ކުރަމުންދިޔައީ ފެނާ، ބޭހާ، ކާބޯތަކެއްޗާ އަންނައުނު ހިފައިގެންނެވެ. އަނެއްބައަކު ރަށްރަށަށް ފައިބާ ވަގުތީ ހިޔާގެ އިންތިޒާމް ވަގުތީގޮތުން ހަމަޖައްސައިދެމުން ދިޔައިރު އަނެއްބައަކު ރަށްތައް ސާފުކުރަމުން ދިޔައެވެ. އަނެއްބަޔަކު ދިޔައީ މާލެއިން ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޯވަޑް ކޯޑިނޭޝަން ސެންޓަރުތަކަށް ފޮނުވަމުންނެވެ. އަދި އަނެއްބައަކު ދިޔައީ އެވަގުތަށް ދެވެންހުރި އެހީތެރިކަމަކީ ނުވަތަ އިނާޔަތަކީ ކޮބައިތޯބަލައި، ސަރުކާރުން ކަނޑައަޅާފައި އޮތް ކޮމިޓީގެ ލަފާފުޅުގެ މަތިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.  މިކާރިސާގައި ރާއްޖޭގެ މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި ހުރިހާރަށަކަށް އަސަރު އެކިވަރަށް ކޮށްފައިވެއެވެ.

ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރައްތަކުގެ ތެރެއިން ރ.ކަނދޮޅުދޫ ރައްޔިތުން ދިރިއުޅުމައްޓަކައި ރ.ދުވާފަރު، ސަރުކާރުން ބިނާ ކުރެއްވުމާއިގުޅިގެން 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެއަތޮޅުގެ އެކިރަށްތަކުގައި ތިބި ކަނދޮޅުދޫ ރައްޔިތުން ދުވާފަރަށް ބަދަލު ކުރުމުގެ މަސައްކަތް ސިފައިން ކޮށްފައިވެއެވެ. ސުނާމީކަރިސާގައި ތ.ވިލިފުއްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެރަށް ރަގަޅު ފެންވަރަކަށް ހަދާނިމި، އެއަތޮޅުގެ އެކި ރައްރަށުގައި ދިރިއުޅެމުން ދިޔަ ވިލިފުށީގެ ރައްޔިތުން 2009 ވަނަ އަހަރުގެ މެއި މަހުގެ މެދުތެރޭގައި ވިލިފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސިފައިން ވަނީ ކޮށްފައެވެ. ރ.ދުވާފަރަށް މީހުން ބަދަލު ކުރުމާ ގުޅިގެން އެރަށުގެ މަގުތައް ހުރިގޮތުން ރައްޔިތުންނަށް ލިބެމުންދިޔަ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ސިފައިންކޮށްފައިވެއެވެ. ދުވާފަރުގެ ހުޅަނގު ފަރާތް ގިރަމުންދާތީ، މިކަން ހައްލުކޮށްދިނުމަށް އެސަރަހައްދުގައި ޖަންބޯ ބޭގު ޖެހުމުގެ މަސައްކަތް ކުރެއްވުމަށް ސަރުކާރުން ނިންމަވައި އެމަސައްކަތް އެމް.އެން.ޑީ.އެފް އާއި ޙަވާލު ކުރެއްވުމާ ގުޅިގެން ދިވެހި ސިފައިންގެ ޓީމެއް ވަރަށް ފަންނުވެރިކަމާއިއެކު އެމަސައްކަތްވެސް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މާލެގެ މަސްމާރުކެޓުގެ އުތުރުން ބޭރު ތޮއްޓާ ދެމެދުގައި ހިއްކާފައި އޮތް ބިމުގައި މާރުކޭޓު ހެދުމުގެ މަސައްކަތް އެމް.އެން.ޑީ އެފް އާއި 2007 ގައި ޙަވާލު ކުރެއްވުމާއި ގުޅިގެން ސިފައިންގެ މިލިޓްރީ އިންޖިނިއަރުންގެ ބެލުމުގެ ދަށުން އެއަހަރުގެ ރަމަޝާންމަހަށް ސިފައިންގެ ގިނަ ބައެއްގެ ބުރަ މަސައްކަތުން އެތަން ތައްޔާރު ކުރެވުނެވެ. އަދި ޖެހިގެން އައިއަހަރު ކުރިން ލޯކަލް މާކެޓްހުރި ހުސްބިމުގައި އެއަހަރުގެ ރޯދައަށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮތުގައި ސިފައިންގެ ގިނަބަޔެއްގެ ބުރަ މަސައްކަތުން މާރުކޭޓެއް ހަދާދެވިފައިވެއެވެ. ހދ. މާވައިދޫ އާއި ފަރިދޫ އާއި ކުނބުރުދޫ ރައްޔިތުން  ނޮޅިވަރަންފަރަށް ބަދަލުކުރުމައްޓަކައި [އޮޕަރޭޝަން އެއްފަސް ހާދާލު 2011] ގެ ނަމުގައި އެމް.އެން.ޑީ.އެފް. ނޮދަން އޭރިއާއިން ހިންގި ޕްރޮގްރާމަކީވެސް ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މިމަސައްކަތް ފެށީ 2011 ޖެނުއަރީ 22ވީ ހޮނިހިރު ދުވަހުއެވެ. ހދ.ފަރިދުއާއި ކުނބުރުދޫ އަދި މާވައިދޫ މީހުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރުމުގެ ގޮތުން ސިފައިން ފެށި މިމަސައްކަތުގައި ލޮރީއަށް މުދާ ބަރުކޮށްގެން ކޮޅުވެއްޓީގައި މީހުންނާ ތަކެތި ގެންގޮސް ނޮޅިވަރަމްފަރަށް ބަދަލުކުރުމައްޓަކައި އެތައް ގިނަދަތުރުތަކެއް ކުރަން ޖެހުނެވެ.

މާލޭގައި މީދާ މަދުކުރުމަކީ ސިފައިން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ދޭތެރެ ދޭތެރެއިން ހިންގާ ޙަރަކާތެކެވެ. މީގެ އިތުރުން ވާމެރުމާއި ކާޅުމެރުމާއި މިނޫވެސް މިބާވަތުގެ ރައްޔިތުންނަށް ދަތިވާކަންކަމުގައި ސިފައިންގެ އެހީތެރިކަން ދަނީ ފޯރުކޮށްދެވެމުން އައިސްފައިވެއެވެ. މީގެ އިތުރުން މިއަހަރު ފެތުރެންފެށި ޑެންގޫ ހުމުން ސަލާމްތަވުމުގެ ގޮތުން ހިންގުނު މަދިރި ނައްތާލުމުގެ ޕްރޮގްރާމްގައިވެސް ސިފައިން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިފަހުގެ ތާރީޚުގެތެރޭގައި  ސިފައިންގެ އޮނިގަނޑުގެ ތެރެއަށް އަލަށްޤާއިމްވެފައިވާ އެއްބައަކީ ވައިގެ ޚިދުމަތެވެ. ކިތައްމެ ކުޑަ ގޮތެއްގައިނަމަވެސް އަސްކަރީ ވައިގެ އުޅަނދެއް މިޤައުމުގެ އަސްކަރިއްޔާގައި އޮތުމަކީ އަސްކަރިއްޔާގެ ޚިދުމަތަށް އެތައް ގިނަ ފަސޭހަތަކެއް ލިބޭނެކަމެކެވެ. ޚާއްޞަކޮށް ހާލުބޮޑު ބަލިމީހުން މާލެއަށް އުފުލުމުގައި އިންޑިއާ ސަރުކާރުގެ ހިލޭއެހީގެދަށުން ލިބުނު ހެލިކޮޕްޓަރ “ ރެހެންދި“ ގެ ޚިދުމަތް ދަނީ ފޯރުކޮށްދެވެމުންނެވެ.

ދާދި ފަހަކުން މިނިސްޓްރީ އޮފް ހިއުމަންރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް އާއި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގައި ހިންގަމުންދާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި ބިދޭސީންނާއިބެހޭ މައުލޫމާތު ބެލެހެއްޓުމާއިބެހޭ ހުރިހާ ވަސީލަތްތަކާއި އިމިގްރޭޝަންގެ ވާރކް ވިސާ ދޫކުރުމާއިބެހޭ މަސައްކަތްތައް ވަގުތީގޮތުން އެމް.އެން.ޑީ.އެފް.އާއި ޙަވާލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެން 03 ޖުލައި 2011 ވަނަ ދުވަހުންފެށިގެން އެމަސައްކަތްތަކާއި އެމް.އެމް.ޑީ.އެފުން ޙަވާލުވެ، ފާހަގަކޮށްލެވޭ މިންވަރެއްގައި އެމަސައްކަތްތައް ވަނީ ކޮށްނިންމާފައެވެ.

ސިފައިންނަކީ އަބަދުވެސް ޤައުމަށް ދިމާވާ ކޮންމެކަމެއްގައި ވަރަށް ފޯރިއާއި ޖޯޝާއިއެކު ފަސްޖެހުމެއްނެތި ބައިވެރިވާ ބައެކެވެ. މިގޮތުން މިފަދަ ރޫހެއްގައި ސިފައިން މިހާރު ކުރަމުންދާ އެންމެ ޚާއްޞަ އެއްމަސައްކަތަކީ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާރކްސަމިޓަށް ކުރަންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތަކެވެ. އައްޑުއަތޮޅާއި ފޯއްމުލަކުގައި ކުރެވެމުން އަންނަ ގިނަމަސައްކަތްތަކެއްގައި ސިފައިންގެ ގިނަބަޔަކު ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ސިފައިން ކުރާ މިފަދަ ކޮންމެ މަސައްކަތަކީ ޤައުމަށް ރީތިނަމާއި ފަޚްރު ލިއްބައިދޭނޭ މަސައްކަތްތަކެއްކަން ޔަޤީނެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ސިފައިންނައި ދެމެދު އޮންނަގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމެކެވެ.

ޝެއަރކުރެއްވުމަށް