ސިފައިންނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި އަދި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދަޢުލަތް ސަލާމަތް ކުރުމުގައި  ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ތައްޔާރަށް ތިބޭ ބައެކެވެ. މިމަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި އެންމެ މުހިންމީ އެމީހަކު ނުވަތަ އެބަޔަކު މަސައްކަތްކުރާ ދާއިރާއިން ތަމްރީނުވުމޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. ފުރިހަމަ ޚިދުމަތެއް ކުރެވޭނީ ތަޢްލީމާއި ތަމްރީނުގެ ތެރެއިން ކަމާމެދު ޝައްކެއްނެތެވެ.

1988 ނޮވެމްބަރ 03 ގައި ކުރިމަތިވި ހިތާމަވެރި ޙާދިސާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ތަމްރީނުގެ ދޮރާށީގައި ޓަކި ޖަހައިލި ޙާދިސާއަކަށެވެ. 1988 ނޮވެމްބަރު 3 ގެ ޙާދިސާ ކުރިމަތިވިއިރު އެކަށީގެންވާ ގޮތެއްގައި ތަމްރީނުވަމުންދިޔަ ސިފައިންގެ ޢަދަދު ވަރަށް މަދެވެ. ބޭރު ޤައުމުތަކުން ލިބޭ މަދު ފުރުޞަތުތަކުން ތަމްރީނުވާ ސިފައިން، އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުއިރު އޭރު ދެމުންދިޔަ އަސާސީ ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީވެސް ވަރަށް އާދައިގެ ގޮތަކަށޭ ދެންނެވުމަކީ ކުށަކަށްނުވާނެއެވެ. މީގެއިތުރުން ޚާއްޞަ ތަމްރީނެއްގެ ގޮތުން 1986 އަދި 1987ވަނަ އަހަރު ޓާސްކް ފޯސް ނަމުގައި ފަނަރަ ވަރަކަށް މީހުންގެ ދެ ތަމްރީނު ބެޗެއް ހިންގާފައިވެއެވެ. މިގޮތުން ޝަހީދު ހުސެއިން އާދަމްއަކީ ދެވަނަ ޓާސްކް ފޯސް ޓްރެއިނިން ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. 1988 ނޮވެމްބަރ 03ގެ ފަހުން  ސިފައިންގެ ތަޢުލީމަށާއި ތަމްރީނަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން ތާރީޚު ހެކިދެއެވެ. މިގޮތުން ސިފައިންނަށް ދެމުން އައި އަސާސީ ތަމްރީނު ކޯހުގެ މަންހަޖަށް އިޞްލާޙުގެނެސް ބަދަލުތަކެއް ގެނެވިފައިވެއެވެ. އަދި 1989ގައި އިނގިރޭސި ސިފައިންގެ ބެލުމުގެދަށުން ސްޕެޝަލް ޓާސްކް ފޯސް ނަމުގައި އެއްގަމު ހަނގުރާމައަށް ސިފައިންނަށް ޚާއްޞަތަމްރީންދެވެން ފެށިފައިވެއެވެ. އަދި ޖެހިގެން އައި 1990ވަނަ އަހަރު ހަމަ އިނގިރޭސިންގެ ބެލުމުގެ ދަށުން އެން.ސީ.އޯ ކޭޑަރ ނަމުގައި ޖޫނިއަ ލީޑަރުން ތަމްރީނުކުރަން ފެށިފައިވެއެވެ. މީގެއިތުރުން ސިފައިންގެ ތަމްރީނަށް ރާއްޖޭންބޭރުން ކުރިން ލިބެމުން ދިޔަ ފުރުޞަތުތައް އިތުރުވެގެން ގޮސް ބޭރުޤައުމުތަކުގެ ތަމްރީނުދޭ މަރުކަޒުތަކުގައި ދިވެހިސިފައިންގެ އަޑު ގުގުމެން ފެށިއެވެ.

ނޮވެމްބަރ 03ގެ ޙާދިސާއަށްފަހު އެދުވަސްވަރަކާ ގުޅޭގޮތުން ދިވެހި އަސްކަރިއްޔާގެ ތަމްރީނުގެ ސިޔާސަތަށްވެސް ދިޔައީ ބަދަލުތައް ގެނެވެމުންނެވެ. ޕްރޮފެޝަނަލް އަސްކަރިއްޔާއަކާ ދިމާލަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު މިޞްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެންމެ ބޮޑު ބަދަލެއް އައިސް އެންމެ މުހިންމު ސަމާލުކަމެއް ދެވިފައިވާ ދާއިރާއަކީ މީހުން ތަމްރީނު ކުރުން ނުވަތަ މީހުން ބިނާކުރުމުގެ ދާއިރާއެވެ. މިފަދަ މުއައްސަސާއެއްގައި ތަޢުލީމާއި ތަމްރީނު މުހިންމުވަނީ ކީއްވެތޯއެވެ؟ އާދެ! ޖަވާބު ވަރަށް ސާފެވެ. ދިވެހި ސިފައިންނަށް  ރައްޔިތުން މަތިކޮށްފައިވާ ޤާނޫނީ ވާޖިބު ކަމުގައިވާ އިސްލާމްދީނާއި ދިވެހިރާއްޖެ ދިފާޢުކުރުމާއި، ޤުދުރަތީ ކާރިސާތަކާއި މިނޫންވެސް ދިމާވެދާނެ ކޮންމެ ނުރައްކަލަކުން ރައްޔިތުންނާއި މުދާ ސަލާމަތްކުރުމަށް ތައްޔާރުވެ ތިބުމަށެވެ. މިސަބަބަށްޓަކައި ތަޢުލީމާއި ތަމްރީނާއި ނުލައި އަސްކަރިއްޔާ ނުވާކަން ޤަބޫލުކުރަންޖެހެއެވެ.

ބަދަލުވަމުންދާ ދިވެހިއަސްކަރިއްޔާގެ ތަމްރީނު ސިޔާސަތުގެ އޮނިގަނޑުގައި ޑިފެންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ( ޑައިޓް ) ގެ ދަށުން 08 ޓްރެއިނިންގ ސްކޫލްވެއެވެ.އެމް.އެން.ޑީ.އެފްގެ 2011ވަނަ އަހަރުގެ ތަމްރީނާއި ބެހޭ ސިޔާސަތުގައިވާގޮތުން އެމް.އެން.ޑީ.އެފްގައި ހިންގާ ކޯސްތައް ބެހިގެންވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ލީޑަރޝިޕް ކޯސްތަކާއި ސާރވިސް އޮރިއެންޓެޑް ކޯސްތަކެވެ. ލީޑަރޝިޕް ކޯސްތަކަކީ އެން.ސީ.އޯ އެކެޑެމީ އަދި އޮފިސަރ ޓްރެއިނިންގ ވިންގއިން ހިންގާ ކޯސްތަކެވެ. ސާރވިސް އޮރިއެންޓެޑް ކޯސްތަކުގައި ހިމެނެނީ އެބައެއްގެ ދާއިރާއަކާއި ގުޅޭ ކޯސްތަކެވެ.

ތަމްރީނުގެ ގޮތުންބަލާއިރު 2010ވަނަ އަހަރާއި ނިމިގެންމިދާ 2011ވަނަ އަހަރު ދިވެހިއަސްކަރިއްޔާއިންވަނީ ފާހަގަ ކުރެވޭވަރުގެ ކުރިއެރުންތަކެއް ހޯދާފައެވެ. ސިފައިންގެ ނޮން ކޮމިޝަންޑް އޮފިސަރުންގެ ލީޑަރޝިޕް ހުނަރު އިތުރުކުރުމަށް 2010 ފެބްރުއަރީގައި އެން.ސީ.އޯ އެކެޑެމީ ހުޅުވި  ކުރުމުއްދަތެއްގައި އެ ސްކޫލުންވަނީ ކާމިޔާބު އެތައް ކޯސްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ހަމައެހަރު އޮފިސަރުންގެ ތަމްރީނުތަކަށް ޚާއްޞަކޮށްގެން އޮފިސަރ ޓްރެއިނިންގ ވިންގ ހުޅުވި އެތަނުންވަނީ ދިވެހިރާއްޖޭގައި މުޅިން އަލަށް އޮފިސަރ ކެންޑިޑޭޓް ކޯހެއް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން މިއަހަރުގެ ޖުލައި މަހު ވަނީ ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލާއި މެރިންކޯރ ޓްރެއިނިންގ ސްކޫލް ހުޅުވާ މި ދެ ސްކޫލުން ހިންގި ފުރަތަމަ ތަމްރީނު ބެޗް ގްރެޖުއޭޓް ކޮށްފައެވެ. އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނުތައްވެސް މިއަހަރުވަނީ އެސް.އެފް ޓްރެއިނިންގް ސްކޫލްގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ކޮންމެއަކަސް ސިފައިންގެ މުސްތަޤްބަލް ބިނާކޮށް، ސިފައިންގެ މިޝަން ޙާޞިލް ކުރެވެންއޮތީ ތަޢުލީމާއި ތަމްރީނުގެ ތެރެއިންކަން 2010 އަދި 2011ވަނަ އަހަރު ހިންގާފައިވާ ތަމްރީނުތަކުންނާއި މިދާއިރާއިން ޙާޞިލްކުރެވުނު ލަނޑުދަނޑި ތަކުން ސާބިތުވެއެވެ.

ސިފައިންގެ ތަމްރީން ސިޔާސަތާ ބެހޭގޮތުން ޑައިޓްގެ ޑިޕިއުޓީ ކޮމާންޑިންގ އޮފިސަރ ކެޕްޓަން އަޙްމަދު ޝަރީފް ވިދާޅުވީ ޑައިޓުން އެންމެ މުހިންމު ކަމެއްދީގެން މަސައްކަތްކުރާނީ މިއަހަރު ނެރުނު ސިފައިންގެ ތަމްރީނާބެހޭ ސިޔާސަތާ އެއްގޮތަށް ސްކޫލް ސިސްޓަމްގެ ތެރެއިން ކަނޑައެޅިފައިވާ ޓްރެއިނިންގ ޕޮލިސީއާއި، ޓްރެއިނިންގ ޕައިޕްލައިނާ އެއްގޮތަށް ތަމްރީނުތައް ޑިވޮލޮޕްކޮށް ރާވާހިންގާ ތަންފީޒުކުރުން ކަމުގައެވެ. މީގެއިތުރުން ކެޕްޓަން ޝަރީފް ވިދާޅުވީ މަރުކަޒީ އުޞޫލުން ސްކޫލް ސިސްޓަމް ހިނގާނެގޮތުގެ އެސް.އޯ.ޕީ (ސްޓޭންޑިންގ އޮޕަރޭޓިންގ ޕްރޮސީޖަރ) އެއް އެކުލަވާލާ މިހާރު ޤާއިމު ކުރެވިފައިވާ ސްކޫލްތަކުގެ ޕްރޮގްރާމްތައް ރިވައިސްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތަކަކީވެސް މިހާރު ކުރެވެމުންދާ މަސައްކަތްތައް ކަމުގައެވެ. ”އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ގައިޑެންސް އާއެކު މަސައްކަތްކުރަމުންމިދަނީ  2012ވަނަ އަހަރު ނިމުމުގެ ކުރިން ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ސްކޫލް ޤާއިމުކޮށް ފަޔަރއެންޑް ރެސްކިޔު ސާރިވސްގެ ތަމްރީނުތައް މި ސްކޫލުން ދޭންފަށަން އަދި އިންޖިނިއަރިންގ ލޮޖިސްޓިކް ސްކޫލްވެސް 2012 ނިމުމުގެ ކުރިން ޤާއިމު ކުރެވޭތޯ“ އޮފިސަރ ޓްރެއިނިންގް ވިންގގެ ޗީފް އިންސްޓްރަކްޓަރ މަޤާމްވެސް ފުރުއްވަމުން ގެންދަވާ ކެޕްޓަން ޝަރީފް ވިދާޅުވިއެވެ.

މިހާރު އެންމެބޮޑު އިސްކަމެއް ދޭންޖެހިފައިއޮތީ ކޮންކަހަލަ ތަމްރީނު ތަކަކަށްތޯ ދެންނެވެމުން ކެޕްޓަން ޝަރީފް ވިދާޅުވީ މިހާރު އެންމެ މުހިއްމީ ވީހާވެސް އަވަހަކަށް ރެކްރޫޓް ޓްރެއިނިންގ ބެޗެއް ކުރިއަށް ގެންދިއުން ކަމުގައެވެ. މިގޮތުން މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ރެކްރޫޓް ޓްރެއިނިންގ ބެޗެއް ފެށުމަށް ޤަސްތުކުރާކަމުގައެވެ. ދެން އެންމެބޮޑު އިސްކަމެއްދޭނީ ހުރިހާ ދާއިރާއަކުންވެސް ބޭސިކް ލެވެލްގެ ބިންގާ އެޅުމުގެ ކޯސްތައް ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެރިންކޯރ އެޑްވާންސް ކޯސް ހިންގުމަކީ އިސްކަންދޭ މުހިންމު ތަމްރީނު ތަކުގެ ތެރޭގައި ހިމެނޭ ކޯހެއްކަމުގައެވެ. މީގެއިތުރުން އެން.ސީ.އޯ އެކެޑެމީގެ ކޯސްތަކާއި،  އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް އޮފިސަރ ޓްރެއިނިންގ ވިންގުން ވަރަށް ބާރަށް ގެންދަން ބޭނުންވާކަމުގައިވެސް ކެޕްޓަން ޝަރީފް ފާހަގަކުރެއްވިއެވެ.

ސިފައިންނާ ޙަވާލުވެފައިވާ ޤާނޫނީ ވާޖިބު އަދާކުރުމުގައި އެންމެ މުހިންމު ހަތިޔާރަކީ ތަމްރީނާއި ތައުލީމެވެ. މިހަތިޔާރުގެ ބޭނުން ހިފައިގެންނޫނީ ތިމާއަށްވެސް، ތިމާގެ ޔުނިޓަށްވެސް، ސިފައިންގެއަށްވެސް އަދި މުޅިޤައުމަށްވެސް ވާނެ ފައިދާއެއް ނެތެވެ. ދިވެހި އަސްކަރިއްޔާއަށް މިހާރު އަންނަމުންމިދާ ބަދަލުތަކާ އެއްގޮތަށް ތިމާގެ ނަފްސް ބައްޓަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ޝެއަރކުރެއްވުމަށް