ވިހި ވަނަ ޤަރުނު ފެށުނުއިރު ދިވެހިންގެ ތެރޭގައި ޤައުމީ ސަލާމަތުގެ ރޮނގުން އެންމެ އިސް ދެތިން ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ، ދޮންމަނިކުގެ އިސްމާޢީލް ދީދީ ( މީރުބަހުރު އިސްމާޢީލް ދީދީ) އެވެ. ބައްޕައަކީ ހޮޅުދޫ ނެވިގޭ ދޮންކޮއްކޮގެ ޙާޖީ ޙަސަން ދޮންމަނިކު އެވެ. މަންމައަކީ ހުރާގޭ ދޮން އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ޚަދީޖާދީދީއެވެ. އިސްމާޢީލް ދީދީ އުފަންވީ 1861 ވަނަ އަހަރުގެ ތެރޭގައެވެ. ޅަފަތުގެ ދުވަސްތައް ހޭދަވެގެން ދިޔައީ އެއްބަނޑު އެއްބަފާ ދެންތިއްބެވި ބޭފުޅުންނާއެކު ބޮޑުބޭބެ ގަލޮޅުގޭ ޢަލިކިލެގެފާނުގެ ހިޔާވަހިކަމުގެ ތެރޭގައެވެ. އެދައުރުގެ ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވީ މަންމަގެ އަރިހުންނެވެ.
ބައްޕައަކީ ”ބަންޑާރަނެވިން“ ކަމަށްވުމާއެކު ގިނަދުވަސްތައް ހޭދަވެގެން ދިޔައީ ރާއްޖޭން ބޭރުގައެވެ.
ދޮންމަނިކުގެ އިސްމާޢީލްދީދީ އިސްކޫލް އުމުރުފުޅަށް އެޅުނުތަނާހެން އެއްބަޑު އެއްބަފާ އެހެން ބޭފުޅުންނާއެކު ބޮޑުބޭބެ އަލިކިލެގެފާނު އަރިހަށް އޮޅުދޫ ކަރައިގެ ގާއްޔަށް ގެންދަވައި ”ގާލީ ގަވަރމަންޓް އިސްކޫލް“ އަށް ލައްވައި ކިޔަވައިދެއްވާން ފެއްޓެވިއެވެ. އަލި ކިލެގެފާނަކީ އެދުވަސްވަރު މުޅި އޮޅުދޫ ކަރައިގައި ނަންހިގާފައިވާ ވިޔަފާރިވެރިޔާއެވެ. އެހެންކަމުން އެއިސްކޫލުގައި އިސްމާޢީލް ދީދީ އުޅުއްވީ މުއްސަދިންގެ ދަރިންގެ ފެންވަރުގައެވެ. އިސްކޫލުން އުގެނިވަޑައި ގަންނަވަމުން ގެންދެވި މާއްދާތަކުގެ އިތުރަށް އެކިއެކި އެދުރުން ގެއަށް ގެންނަވައިގެން އުރުދޫބަހާއި ޢަރަބިބަސް ފުދޭވަރަކަށް ދަސްފުޅު ކުރެއްވިއެވެ. އިޖްތިމާޢީ އުޅުއްވުމުގެ ތެރޭގައި ސިންގަޅަބަހާއި ތަމަޅަ ބަހުން ވާހަކަ ދައްކަވަން ދަސްފުޅު ކުރެއްވިއެވެ. އިސްމާޢީލް ދީދީގެ ޢުމުރުފުޅުން ވިހިބާވީސް އަހަރުފުޅުގައި އޭރު ތިއްބެވި ވެރިންގެ އެންގެވުމަށް ސަރުކާރުގެ ޚިދުމަތަށް މާލެ ގެންނެވިއެވެ. އެއީ، މުސްކުޅި ބަންޑާރައިން (މުޙައްމަދު ޢިމާދުއްދީން4-) ގެ ރަސްކަމުގެ އެންމެ ފަހުކޮޅެވެ.
”ފެޝަނަބްލް“ އިސްމާޢީލްދީދީ ، އެޒަމާނުގެ ދިވެހި ޒުވާނުންނާ އެއްގޮތަށް ހުންނެވުމަށް ”އެންގެވިގެން“ ދެކޮޅުނުތޯޑުވާ މުންޑު އަނދެވަޑައިގެން ތުބުޅި މަތިމަސްފުޅާއި އިސްތަށިފުޅު ބާލުއްވައިގެން އުޅުއްވަން އެންގެވުނު ކަމަށްވެއެވެ. ދުވަސްކޮޅެއްފަހުން ދެކޭމީހުންނަށް ފެނުނީ ޒުވާން އިސްމާޢީލް ދީދީގެ ފެޝަން ޤަބޫލުކޮށް ތޯޑުވި މުންޑު އަނދެފައި ބޮލުގެ އިސްތަށި ކުޑަކޮށް ދިގުކޮށް ހުރުމާއެކު މަތިމަސް އިސްމާޢީލްދީދީ އާއި އެއްގޮތަށް ބަހައްޓައިގެން އުޅޭތަނެވެ.
ދޮންމަނިކުގެ އިސްމާޢީލް ދީދީއަށް ފުރަތަމަ ލިބިވަޑައިގަތް ސަރުކާރުގެ ވަޒީފާއަކީ ރަދުންގެ ތަރުޖަމާނުކަމެވެ. އޭގެފަހުން ދުވަސްކޮޅަކުން ރަދުންގެ ޚާއްޞަ ސަފީރުކަމާއި ސިފައިން އަލަށް އުފައްދަވައި ސިފައިންގެ ކޮމާންޑަރުކަން ދެއްވިއެވެ. ކޮމާންޑް ކުރެއްވީ ދިވެހި ބަހުންނެވެ. އިނގިރޭސިބަހަށް ބަދަލުކުރެއްވީ ސިފައިންގެ ދެވަނަ ވެރިޔާ އަދި ކޮމާންޑަރ އަތިރީގޭ ޢަބްދުﷲ ދީދީއެވެ.
ޝަމްސުއްދީން (3) ގެ ރަސްކަމަށް ބަދަލުވިތަނާހެން އިސްމާޢީލްދީދީއަށް މީރުބަހުރުކަން ދެއްވިއެވެ. އެއީ ބަނދަރުގެ ވެރިކަމެވެ. އޭގެ މައްޗަށް ހުންނަވާނީ ވެލާނާ މަނިކުފާނު (ޝާހުބަންދަރު) އެވެ. އެއީ އެއްދުވަސް ވަރެއްގައި ޚާރިޖީ ވަޒީރެވެ. ރާއްޖެއާއި ބޭރުގެ ގުޅުންތަކާބެހޭ ވެރިޔާއެވެ. ފުރަތަމަ މާލޭގެ ފަޅުތެރެ އިންޖީނު އެއްޗަކުން ކޮނެ ފުންކޮށް ސާފުކުރަން ފެއްޓެވީ އިސްމާޢީލް ދީދީގެ މީރުބަހުރުކަމުގައެވެ. އެއީ ދެލި އަންދައިގެން އާވި ބޭނުންކޮށްގެން ހިންގި ”ޖައްރާފާ“ އެވެ. މިކަން ފެށުނީ މީލާދީން 1908 ހާތާނގައެވެ.
20 ވަނަ ޤަރުނުގެ އެންމެ ކުރީކޮޅުގައި ދިވެހިރާއްޖެއަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާއަކީ ”ޕިޝޯރީންގެ ބަޔަކު“ ދިވެހި ސަރުކާރާއި ދެކޮޅަށް ހަނގުރާމައަށް އައުމެވެ. އެއީ 1909 ވަނަ އަހަރުގައެވެ.
މި ހަނގުރާމައަށް ވަގުތީ ހަނގުރާމަމަތީ އަރުމާދު ( ނޭވަލްފޯރސް) އެއް ތައްޔާރުކޮށް ކޮމާންޑަރަކަށް ދިވެހި ސަރުކާރުން ފޮނުއްވީ (ހިތްވަރުގަދަ ހަނގުރާމަވެރިޔާ) ދޮންމަނިކުގެ އިސްމާޢީލް ދީދީއެވެ. ބަނޑޮހާއި ހަމައިން ދެތިން ގަޑިއިރުގެ ތެރޭގައި ދުޝްމަނުން ބަލިކޮށް ހަތިޔާރުއަތުލައި ސަރުކާރުގެ ބާރުގެދަށަށް ގެންނެވިއެވެ.
މީރުބަހުރު އިސްމާޢީލްދީދީ ހަތަރު ރަސްކަލުންގެ ރަސްކަން ދެކެވަޑައިގަތެވެ. އޭގެ ތެރެއިން ތިން ރަސްކަލުންގެ ރަސްކަމުގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއެވެ. މަޝްހޫރު އެޗް.ސީ.ޕީ ބެލްގެ ރާއްޖެތެރޭގެ އާސާރީ ހޯދުންތަކުގެ ދިގު ދަތުރުފުޅުގައި އިސް އެހީތެރިއަކަށް އޭނާގެ އަރިހުގައި އުޅުއްވީ އިސްމާޢީލް ދީދީއެވެ. އަދާކުރެއްވި ތެދުވެރި ޚިދުމަތުގެ ބުރަދަން ވަޒަން ކުރައްވާ އެޗް.ސީ.ޕީ ބެލް 1922 ގެ ސެޕްޓެމްބަރުގައި އިސްމާޢީލް ދީދީއަށް ދެއްވާފައިވާ ހަނދާނީ ލިޔުމަކީ އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވުން ޙައްޤު ލިއުމެއް ކަމަށް ދެކެމެވެ.
ދޮންމަނިކުގެ އިސްމާޢީލް ދީދީ އަކީ ސިޔާސީއެކެވެ. މިގޮތުން އޭނާ ހިމެނިވަޑައިގެންފައިވަނީ އަތިރީގޭ ޢާއިލާގައެވެ. ވެރިކަމުގެ ތެރޭގައި އޮއިބަދަލުވެގެން އާނޭގެ ’ޕާޓީ“ ނާކާމިޔާބުވީ ފަހަރުތަކުގައި ރާއްޖެތެރެއަށް އަރުވާލެވުނެވެ. މިގޮތަށް ދިމާވި ފަހަރުތަކުގައި އެގޮތަށް ހުންނަވައިގެން އެކިއެކި ފޮތް ތަރުޖަމާ ކުރައްވާ ލިއުއްވާ ހެއްދެވިއެވެ. މާލެ އާއި ރާއްޖެތެރޭގައި ހުންނަވައިގެން ލިއުއްވި ފޮތްތަކެއް ތިރީގައި އެވަނީއެވެ.
- ބައިދަބަޙަކީމުގެ ވާހަކަ
- އަޚްލާޤް ހިންދީ
- ޝާހުނާމާ (ރުސްތުމް ވާހަކަ)
- ކަލީލާ ވަދިމްނާ ވާހަކަ
- ޚަވާން ނިޢުމަތު
މަތީގައިވާ ފޮތްފޮތުން ބައެއް ފޮތް މުޅިން ނިންމެވިފައި ހުރިކަމަށް ވެއެވެ. މީގެ ތެރެއިން ރުސްތުމް ވާހަކަ ނިންމަވާފައި އޮއްވާ އަޅުގަނޑުވެސް ދެކެ ކިޔާ ހެދީމެވެ.
އިސްމާޢީލް ދީދީ އަކީ އޭނާ ހުންނެވި މޫޑެއްގެ މައްޗަށް ވިސްނާނުލާ ކުރިމަތިލާން ދަތިބޭފުޅެކެވެ. ޖެހިލުންކުޑަ ހިތްވަރުގަދަ ދިވެއްސަކަށް ވުމާއެކުވެސް ދީލަތި ”އަތްމަތިދޫ“ ބޭފުޅެކެވެ. މިލްކިއްޔާތުގައި ގިނައެއްޗެއް ހިމެނިގެން ނުވެއެވެ. މާލޭ ”މީރުބަހުރުގެ“ އަކީ އޭނާގެ ފުރަތަމަ ގެކޮޅެވެ. ޕެންޝަން ލިބިވަޑައިގެން މުސްކުޅިފުޅުވެގެން ގިނިކަންޏާ ނޫޅުއްވޭ ވަރުވުމުންވެސް އެންމެ ފަހުވަގުތާ ހަމައަށް ދިރިއުޅުއްވުމަށް ގެކޮޅެއް ކަމަށް ބެއްލެވީ މީރުބަހުރުގެއެވެ. އޭނާގެ އޮފީހަކަށް ބޭނުންފުޅު ކުރެއްވީ މާލޭ ކޯއްޓޭ ކޮޅުގައިހުރި ”ޖައްރާފުގެ“ އެވެ ކިޔާ މަރުކަޒެކެވެ. އެތަނަށް ”ބަނދަރުމަތީގެ“ ވެސް ކިޔާ އުޅުނެވެ. އުޅުއްވީ އޭނާގެ އާއިލާގެ ބެއްލެވުމުގެ ދަށުންނެވެ.
ދޮންމަނިކުގެ އިސްމާޢީލްދީދީ އަކީ ދީނީ ވާޖިބުތަކަށް ފަރުވާ ބެހެއްޓެވި އަދި އެތައް ފަހަރަކު ޙައްޖުގެ ފަރުޟް އަދާކުރެއްވި ހަރުދަނާ އަޚްލާޤުގެ ވެރިއެކެވެ. ހެދިހުރި ހަށިކޮޅަށް ރޫފަހެޔޮކޮށް ހުންނެވި ވަރަށް ދޮން މެދުމިނު އިސްކޮޅެއްގެ ބޭފުޅެކެވެ. ދެތިން ކައިވެނިފުޅަކުން ލިބިވަޑައިގެން ބޭފުޅުން އޭނާގެ ޢާއިލާގައި ހިމެނެއެވެ. އަދި އޭނާގެ ބައްޕައާއި މަންމަގެ ފަރާތުންވެސް އާއިލާ އޮތެވެ. އިސްމާޢީލްދީދީގެ ދަރިކަލުންނާއި ދަރިކަނބަލުންގެ ތެރޭގައި އެންމެ ޚާއްޞަ އެއް ބޭފުޅަކީ ދިވެހި ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ މީރުބަހުރުގޭ އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީއެވެ.
އާދެ، ވަރަށް ކުލަގަދަގޮތެއްގައި ޙަޔާތް ވޭތިކޮށްލެއްވި ނާދިރު ޝަޚްސިއްޔަތެއް ކަމަށްވާ ހޮޅުދޫ ދޮންމަނިކުގެ އިސްމާޢީލްދީދީ ދުނިޔެ ދޫކުރެއްވީ 1943 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. ފަސްދާނު ލެވުނީ ހުކުރުމިސްކިތުގައެވެ. ދިވެހިންގެ ވަރަށްވެސް ހަރުދަނާ ނަމޫނާ އަކަށްވީ އެ ދިވެހި ދަރިޔާއަށް އޭނާގެ ހެއު ޢަމަލުގެ ޖަޒާދެއްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށިއެވެ. (ނިމުނީ)
