ދުނިޔޭގެ ކަންކޮޅުތަކާ ގުދުރަތީ ކާރިސާތައް ކުރިމަތިލަނީއެވެ. އެއް ބަޔަކަށް، ފިނި މޫސުން އާދަޔާއި ޚިލާފަށް ދިގުލައި ފިނިގަދަވެ ދިރިއުޅުމަށް ދަތިވާއިރު އަނެއް ބަޔަކު ހޫނުން ފިހި ހަނާވަނީއެވެ. ބޮޑެތި ޖަންގަލިތަކުގައި ހުޅުފަޅައި ރޯވެއަނދަމުން ދަނީއެވެ. އެއް ސަރަހައްދަކަށް ފެން ނުލިބި ދަނޑުބިންތައް ފަނާވެ ދާއިރު، އަނެއް ހިސާބުގައި ވާރޭވެހި ފެންބޮޑުވެ ކޯރުތައް ފުރި ބަންޑުންވަމުން ދަނީއެވެ. އަނެއްބައެއް ހިސާބުތަކަށް ބޮޑެތި ބިންހެލުންތައް އައިސް ބިންގަނޑު ކަނޑަކަނޑައިގެން ގޮސް ބައެއް ސަރަހައްދުތައް ބިމުގައި ވަޅުލެވި ފޮރުވިގެން ދާއިރު، އަނެއް ހިސާބުތަކަށް ބޮޑެތި ޠޫފާނުތައް އައިސް ވައިގަދަވެ ބިޔަ ބޮޑެތި ގަސްތައް މުލުންލައި ވަރުގަދަކޮށް ހަދާފައި ހުންނަ ބޮޑެތި ބިނާތަކުގެ ބައިތައް ކުދިކުދިވެ، ފުއްގުޑިތަކެއްހެން ވައިގެ ތެރޭގައި އުދުހެމުން ދަނީއެވެ.
މިއިން ކޮންމެކަމަކުން ހަނދާން އާކޮށްދެނީ ކޮންމެ ފެށުމަކަށް ނިމުމެއް އަންނަހެން މިދުނިޔެވެސް އޭގެ ނިމުމާއި ކުރިމަތިލަމުން އަންނަކަމެވެ. ދުނިޔެއަށް އަންނަމުންދާ މިބޮޑެތި ބަދަލުތައް ދިރާސާ ކުރާ މުފައްކިރުން ވިދާޅުވަނީ، މިއީ އިންސާނުން ތިމާވެއްޓަށް ދެމުން ގެންދާ ގެއްލުން ތަކުން ދުނިޔެ ހޫނުވަމުން އައުމުގެ ނަތީޖާކަމުގައެވެ. މި އަދުގެ ޓާމިނޮލޮޖީ ގައި އެއީ ”ގްލޯބަލް ވޯރމިންގ“ އިން ވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ނަތީޖާއެވެ. މިހާރުވެސް ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު މި ބިން، އަނޑިނުފެންނަ މާސިންގާ ކަނޑުގެ އަޑިއަށް ފެތުމުގެ ކުރިން މިކަމާ ހޭލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވެއްޖެއެވެ.
މިރާއްޖެއަކީ ދުނިޔޭގެ ދިޔަވަރަށް އަންނަމުންދާ ބަދަލުތައް އެންމެ ބޮޑަށް ތަޖުރިބާ ކުރަމުންދާ އެއްގައުމެވެ. އިންސާނުން އަމިއްލަ އަތުން ވެށި ހަލާކު ކުރުމުން ދިމާވެދާނެ ނަތީޖާ ތަޖުރިބާކުރަމުންދާ ބައެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލުކަމަށް މިކަންގެނެސް ދިވެހިން މިއަދު ތަޖުރިބާކުރާ ކަންތައްތަކަކީ މާދަމާ އެޤައުމުތަކުން ތަޖުރިބާކުރަންޖެހިދާނެ ކަންތަކެއް ކަމުގެ ހަނދާންކޮށްދީ ”ބީރު ކަންފަތްތަކަކަށް“ އެއަޑު އިއްވާ ”ކަނު ލޯތަކަކަށް“ އެތަން ދެއްކުމަށް މަސައްކަތްކުރަމުން ދަނިކޮށް ދުނިޔެ ހޭލައްވާލީ 2004 ވަނަ އަހަރު ޑިސެމްބަރ މަހު 26 ވަނަ ދުވަހު ދުނިޔޭގެ ހުރަހަށާއި ދިގަށް ފެތުރިގެން ދިޔަ ސުނާމީގެ ބޮޑު ރާޅު ބާންޏެވެ. ދުނިޔޭގެ ހާލުގެ ދުލުން ”އެއީ ތެދެކޭ“ ބުނިކަހަލައެވެ.
މިއަދު ދުނިޔެ ކުރިން އޮތް ޣާފިލު ކަމުގެ ނިދިން ހޭލައިފިއެވެ. ކުދި މީހުނާއި ބޮޑެތި މީހުން ތަންތަންކޮޅަށް އެއްވެ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ވާހަކަދައްކައި ”އެކިކަހަލަ ތަމުސީލުތައް ކުޅެ ނާޓަކުތައް“ ދައްކަންފަށައިފިއެވެ. ދިވެހިން ކަނޑުއަޑީގެ ކެބިނެޓް މީޓިންގެއް ބޭއްވިތާ މާގިނަދުވަހެއް ނުވެ ނޭޕާލް ސަރުކާރުން ހިމާލިޔާގެ ކުންނުތަކުތެރެއިން ކުންނެއްގައި ކެބިނެޓްގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ދުނިޔޭގެ ޤައުމުތަކުގެ އިސްސަފުގައި ތިއްބެވި ޒަޢީމުން ދުނިޔެ ސަލާމަތްކުރުމަށް މިފެންވަރުން ފޫގަޅާލައިގެން ނުކުމެވަޑައިގެން އެއްބަޔަކު އަނެއްބަޔަކާ އަތުގުޅާލިއިރު އެޤައުމުތަކުގެ ޒުވާނުން އެބައެއްގެ ލީޑަރުގެ ފަހަތްޕުޅުން ނުކުމެ ދިމާވެދާނެ ނުރައްކާތެރި ކާރިސާއަކުން ޤައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެންފަށައިފިއެވެ.
އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް، ކަނޑު އެއްގަމަށް އަރައިގެން އައިސް މީހުންތައް އޮޔާ ދަމައިގަންނައިރު މޭދަށަށް ލައްވާލާލުމަށް ކިތައް ކާށި ކޭލިޖަހާ ކިތައް ކަނދުފަތި ބަދެ، ”ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް“ ޝިޢާރުގެ ދަށުން ކިތައް މީހުނަށް އަލަށް ފަތަން ދަސްކޮށްދީ އެކަމާ ތައްޔާރު ވެވިއްޖެބާވައެވެ. މިއަދުވެސް ގިނަ ބައެއްގެ ފުށުން ފެންނަނީ ފަތަން ނުދަތުމާއި ނޭގުމާއި އެކަމުގެ ނުކުޅެދުން ތެރިކަމެވެ. ގެނބި މަރުވެ ގެއްލެމުންދާ ފުރާނަތައް ދަނީ އިތުރުވަމުންނެވެ. މިރީތި ރަށްތަކުގެ ދޮންވެލި ގޮނޑުދޮށްތަކާއި މާޑުތަކާއި ދޮންވެލިފިނޮޅުތައް ކަނޑުގެއަޑިއަށް ގެނބިގެންދާން ދޫކޮށް އެރާޅުތަކުގެ ދަށުގައި ތިމާމެންގެ ނަފުސުތައް ވެސް އޮޔާ ދާން ދޫކޮށްލަންވީތޯއެވެ.
މިއަދު ފެންނަނީ މިދެންނެވި ނުރައްކަލަށްވުރެވެސް ބޮޑު ނުރަކަލެއްގައި ޒުވާނުންގެ ތެރެއިން ބަޔަކު ޖެހި ގެއްލި ހަލާކުވެގެން ދާތަނެވެ. މިރީތި ދޮންވެލީގެ ބިންތަކުގައި، ދުނިޔޭގައި މިސާލެއްނެތްފަދަ ސާފު ތާހިރު ދިރިއުޅުމެއް އުޅުނު ޞުލުޙަވެރި ދިވެހިން ތެރޭން ބަޔަކު މަސްތުވާ ތަކެތީގެ ޝައިޠާނީ ވަބާގައި ޣަރަގުވެ ގެނބިގެން ދާމަންޒަރެވެ. ބައަކަށް ތަހުޒީބާއި ތަރައްގީގެ މާނަ ނުރަނގަޅުކޮށް ކުރެވިގެން އުޅޭ މަންޒަރެވެ. މިރީތި މަގުތަކުމަތިން ފެންނަނީ އެކަނި ހާލާ އެއްސީދަލަށް ހިގާފައި ނުދެވޭ ޒުވާނުން ގިނަވަމުންދާ މަންޒަރެވެ. އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާކަން ކަނޑައި އެކަކު އަނެކަކާއި ފުސްމޫނު ހަދައިގެން ތިބޭ މަންޒަރެވެ. ޒުވާބުކުރުމާއި ދެބަސްވުމާއި ކޮންމެވެސް ކަމަކާއި ނުދެނެ ހުއްޓާ ނުވަތަ ކުޑަކުޑަ ކަމަކާލައިގެން އުފެދޭ ހިތްހަމަނުޖެހުމެއްގައި ހަތިޔާރާއި އެކު އެކަކު އަނެކަކާ ކުރިމަތިލާ ކަތިލާ ލޭ އޮހޮރުވާ މަންޒަރެވެ. މި ރީތި ދޮންވެލީގެ ބިންތައް މަޢުޞޫމު އިންސާނުންގެ ލެއިން ރަތްވެ ކަޅިވަމުން ދާމަންޒަރެވެ. ހަމަ ބުއްދި ސަލާމަތުން ނެތި ގަވާޢިދާއި ގާނޫނަކަށް ބެލުމެއްނެތި ބާރުދުވެލީގައި ދުއްވާފައިދާ އުޅަނދުތައް އެކަތި އަނެކައްޗާ ޖެހި، ތަންތަނުގައި ލައިގަނެ މުޑިއަރާ މަންޒަރާއި މިފަދަ ހާދިސާތަކުގައި ބޮޑެތި އަނިޔާތައް ލިބި މުޅި އުމުރުގައި އެ އަނިޔާއާއި ވޭނުގައި އުޅެމުންދާ ޒުވާނުންނެވެ. ބައެއްފަހަރަށް މިފަދަ ހާދިސާތަކުގައި ޒުވާނުންގެ ފުރާނަ ގެއްލިދާ މަންޒަރެވެ.
ރައްކާވެ ތިބިއްޔާ ދަތުރެވެ. ކާބަފައިންގެ މި ބޯދާ ބަހުން ނަޞޭޙަތް ލިބިގަނެގެން މިޤައުމު ސަލާމަތްކުރުމަށް މިޤައުމުގެޒުވާނުން ތައްޔާރުވަމުން އަންނަނީ ކިހާވަރަކަށްތޯ، ދޮށީ މީހެއްގެ ޙައިސިއްޔަތުން ސުވާލު އުފެދެއެވެ. ފެންނަނީ ބައެއް ޒުވާނުނަށް ރަގަނޅު މަގުގެއްލި ބޭކާރު ބަޔަކަށް ވެގެން ދާތަނެވެ. ޤައުމުގެ ވެރިން މިފަދަ ޒުވާނުންނަށް އިސްކަންދެއްވައިގެން އެމީހުނަށް ރަނގަޅު މަގުދެއްކެވުމައްޓަކައި ކުރައްވަމުން ގެންދަވާ އަގުބޮޑު ބުރަ އެހެނަސް ގިނަގުނަ މިންނެތް މަސައްކަތްޕުޅުތަކެވެ. އެ މަސައްކަތް ޕުޅުތަކަކީ ފޫނެތް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށް ވިއަނުދިނުމަށް އެންމެން އެއް ޢަޒުމެއްގައި މަސައްކަތް ކުރަން ވެއްޖެއެވެ. ވާދަވެރި ތަޢައްޞަބުން ދުރުހެލިވެ ތިބެ އެމަސައްކަތްޕުޅު ބަލައިގަނެ ޝުކުރުވެރިކަމާއެކު އެކަމުގެ އަގުވަޒަންކުރަން ޖެހެއެވެ.
