ކުއްލި ނުރައްކަލުގެ ޙާދިސާއެއްގައި ނުވަތަ އަލިފާނުގެ ޙާދިސާއެއްގައި، ގެއްލިގެންދާ ކޮންމެ ސިކުންތަކީ، އެޙާދިސާއެއްގައި ހިމެނޭ ފަރާތްތަކުން ސަލާމަތްވުމަށް ކޮންމެވެސް މަގެއް ހިޔާލުކުރަމުންދާނެވަގުތެކެވެ. އެގޮތުން ފަޔަރ އެސްކޭޕް ޕްލޭނަކީ އަވަސްކަމާއެކު ހާދިސާއެއް ހިނގައިފައިވާ މާހައުލަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހެދިފައިވާ ޕްރޮސީޖަރއެކެވެ. އޮބިނޯންނަވަރުގެ އަލިފާނަކަށް ވުމަށް އެންމެ 30 ސިކުންތަކީ ވެސް ވަރަށް ކުޑަވަގުތުކޮޅެކެވެ. އަދިއެއަށްފަހު އެއަލިފާން ކޮންޓްރޯލުން ނެއްޓި ހުޅުފަޅައިގެންގޮސް މުޅިތަނަށް ފެތުރިގެންދެއެވެ. މިގޮތަށް ބޮޑު ހުޅުގަނޑެއް ފަޅައިގެން ދިޔުމާއިއެކު މިނެޓެއް ނުވަނީސް މުޅި މާހައުލަށް ހޫނު ކަޅު ދުމާއިއެކު ފެތުރިގެން ދެއެވެ. މިހާރުގެ އިމާރާތްތަކަކީ، ފެންވަރު ރަނގަޅު މެޓީރިއަލްތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޒަމާނީ އިމާރާތްތަކެއްކަން ފާހަގަކުރަމެވެ. އެހެން ނަމަވެސް އަލިފާނުގެ ޙާދިސާއަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާވެ، ދިމާވެދާނެ ޙާދިސާއަށް ތައްޔާރުވެފައި ނެތްނަމަ މިފަދަ އިމާރާތެއް އަނދާ އަޅިއަށް ވެގެންދިޔުމަކީ ދުރުގައިވާކަމެއް ނޫނެވެ.
ރީތި ނަލަނަލަ އިމާރަތްތައް ފަރުމާކުރަމުންދާއިރު އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުގެ މަޢުލޫމާތް ކޮޅެއް ކިޔުންތެރިންނަށް ހިއްސާކޮށްލަން އަޅުގަނޑު ގަސްތުކުރަމެވެ.
އަލިފާންނިވި
އަލިފާންނިއްވަކީ މީހުންދިރިއުޅޭ ތަންތަނާއި މީހުން މަސައްކަތްކޮށްއުޅޭ ތަންތަނުގައި ހިނގާ ކުދިކުދި އަލިފާންނިއްވުމަށްޓަކައި އެފަދަ އިމާރާތްތަކުގައި ހަރުކުރުމަށް ޚާޢްޞަކުރެވިގެން އުފައްދައިފައިވާ ބާވަތެކެވެ. މިގޮތުން ވޯޓަރ އަލިފާންނިވި، ސީ.އޯ.ޓޫ އަލިފާންނިވި، ޑްރައިކެމިކަލް ޕައުޑަރ އަލިފާންނިވި، ފޯމް އަލިފާންނިވީގެ ވައްތަރުތައް އާންމުގޮތެއްގައި ބޭނުންކުރެވެއެވެ. ޔޫރަޕިއަން ސްޓޭންޑަޑް BSEN3 ގައިވަނީ، ހުރިހާ އަލިފާންނިއްވެއް ހުންނަށްޖެހެނީ ރަތްކުލަގައިކަމަށެވެ. ނަމަވެސް އަލިފާންނިވީގައި އެކިކުލައިގެ ބަންދު ނުވަތަ އަތްގަޑު، އެކިފުޅިތަކުގައި ތަފާތެވެ. އަދި އެކި އަލިފާންނިވި ބަހައްޓައިފައި ހުންނަށް ޖެހެނީ އެކިތަންތަނުގައި ކަމަށް ވުމުން، ކޮންމެ އަލިފާން ނިއްވެއްވެސް ބެހެއްޓުމުގެ ކުރިން އެއަލިފާންނިއްވާބެހޭ ރަނގަޅު މަޢުލޫމާތްހޯދުން ވަރަށް މުހިންމެވެ. ކޮންމެ އަލިފާންނިވި ވެސް ބަހައްޓަން ޖެހެނީ ޙާދިސާއެއް ހިނގުމުން އަލިފާންނިވި ހޯދުމަށް 30 މީޓަރަށް ދުރަންދާންނުޖެހޭ ގޮތަށެވެ. ނަމަވެސް ވަކިވަކިން ހުންނަ ކޮޓަރިތަކާއި ބްލޮކް ފަދަ ތަންތަނުގައި ވަކިން އަލިފާންނިވި ބަހައްޓަންޖެހެއެވެ. އަލިފާންނިވި ހަރުކޮށްފައިހުންނައިރު ފުޅީގެ އަތްގަނޑު ހުންނަށްޖެހޭނީ ބިންމަތިން ފެށިގެން 1 މީޓަރ އުހުގައެވެ. އަދި އަލިފާންނިވި ހަރުކުރުމުގައި އިމާރާތަކުން ނުކުންނަ ދޮރާއި ކައިރީގައި ބެހެއްޓުމަކީ ވެސް ބޭނުންތެރިކަމެކެވެ. އިމާރާތުގައި ހަރުކޮށްފައިވާ އަލިފާންނިއްވެއް ހަރުކޮށްފައިވާ ތަންތަން އިރުއިރުކޮޅާ ބަދަލުކޮށްގެންނުވާނެއެވެ. އަދި މިގޮތަށް ބަދަލުކުރިކަމުގައި ވިޔަސް އެކަން އެތަނުގެ އެންމެނަށް ކިޔައިދީ އެތަކެއްޗަކީ ދިރިއުޅޭމީހުންނަށް ފަރިތައެއްޗަކަށް ހަދަންވާނެއެވެ. އަލިފާންނިވާ ސާމަނު ބެހެއްޓިފައިވާ ސަރަހައްދުންފެށިގެން 1 މީޓަރ ސަރަހައްދެއްގެ ތެރޭގައި އެތަނަށް ދިޔުމަށް ދަތިވާނެގޮތަކަށް ތަކެތި ބަހައްޓައިގެންނުވާނެއެވެ.
ސޭންޑް ބަކެޓް(ވެލި ބާލިދީ)
ވެލި އަޅާފައިވާ ބާލިދީއަކީ ވެސް އަލިފާންނިއްވުމަށް ބޭނުން ކުރެވިދާނެ ވަރަށް ޙާއްޞަ ބާވަތެކެވެ. މިގޮތުން އަލިފާން ރޯވާ ފުރަތަމަ ސްޓޭޖްގައި ވެލި ބޭނުންކޮށްގެން އާދައިގެ ހަރުތަކެތީގައި ރޯވެފައިވާ އަލިފާން ފަސޭހަކަމާއެކު ނިއްވާލެވެއެވެ.
އަލިފާންނިވާ ރަޖާ
އަލިފާންނިވާ ރަޖާއަކީ އާންމުގޮތެއްގައި ކެއްކުމަށް ބޭނުންކުރާ ބަދިގޭގައި ބަހައްޓަން ވަރަށް ރަނގަޅު ބާވަތެކެވެ. އަލިފާންނިވާ ރަޖާ ހަރުކުރުމުގައި އުނދުން ބަހައްޓާއިފައިވާ ތަނާއި ދޮރު ހުރިތަންބެލުމަށްފަހު، ޙާދިސާ ހައްލުކުރަން ވަންނަފަރާތް އެތަނުގައި ތާށިނުވާނެގޮތަށް އަލިފާންނިވާ ރަޖާ ހަރުކުރުން ވަރަށް މުހިންމެވެ.
ފަޔަރ އެލާމް ސިސްޓަމް
އަލިފާނުގެ ޙާދިސާއެއް ހިނގުމުން އެންމެނަށް އެކަންއަންގައިދިނުމަށް އާންމުގޮތެއްގައި ބޭނުންކުރާ ދެބާވަތެއްގެ ސިސްޓަމަކީ ކޮންވެންޝަނަލް ފަޔަރ އެލާމް އަދި އެޑްރެސަބަލް ފަޔަރ އެލާމްއެވެ. މިއީ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުންނާއި އިމާރާތް ރައްކާތެރިކުރުމުގެ ގޮތުން މެނުއަލްކޮށް މަސައްކަތް ކުރާގޮތަށް ޑިޒައިން ކުރެވިފައިވާ ސިސްޓަމްތަކެކެވެ. މިތަކެތީގެ ބަޒާރގެ އަޑުއިވުމުން އަލިފާންނިވާމީހުންނަށް ވަގުތުން ގުޅަށް ފަސޭހަވާނެއެވެ. ފަޔަރ އެލާމް ސިސްޓަމް ހުންނަށް ޖެހެނީ ޒޯންތަކަކަށް ބެހި މެއިންކޮންޓްރޯލް ޕެނަލްއިން އެޙާދިސާއެއް ހިނގިތަން ވަގުތުން ފެންނަ ގޮތަށެވެ. މިސިސްޓަމްހިމެނޭ ކޮންމެ ޒޯނެއްގެ ތެރޭގައި ރޯވެފައިވާ ތަންހޯދުމަށް 30 އަކަމީޓަރަށްވުރެ ސަރަހައްދު ބޮޑުވެގެންނުވާނެއެވެ.
ފަޔަރ އެސްކޭޕް ޕްލޭން
އަލިފާނުގެ ޙާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތުގެ ފަޔަރ އެސްކޭޕް ޕްލޭނެއް ހެދުމަށްފަހުން އެތަނުގައި ދިރުއުޅޭ އެންމެން މިޕްލޭނަށް ފަރިތަކޮށް އެބައެއްގެ ޒިންމާއާއި މަސްޢޫލިއްޔަތު ދުރާލާއެނގި ފަރިތަކުރެވިފައި އޮންނަށްޖެހެއެވެ. މިޕްލޭނުގައި އަލިފާންރޯވުމުން އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ގެއްލުންނުވާ ގޮތަށް ތަނުގައި ބެހެއްޓިފައިވާ އަލިފާންނިވިތައް ބޭނުންކުރަން ފަރިތަކުރަންޖެހޭނެއެވެ. ”ފަޔަރ އެގްޒިޓް“ ތަޅުލާއިފައި ނުބެހެއްޓުމާއި ފަސޭހައިން ނުކުމެވޭގޮތަށް ހުރުން ވަރަށް މުހިންމެވެ. އަދި ޙާދިސާ ބޮޑުވަރުވުމުގެ ކުރިން ފަޔަރ އެންޑް ރެސްކިޔުގެ ސާރިވސްގެ 118 ނަމްބަރ ފޯނަށް ގުޅަންވެސް އެނގެން ޖެހޭނެއެވެ.
ކޮންމެ ޙާދިސާއެއް ހިނގުމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވުރެ ދުރާލާތައްޔާރުވެގެން ތިބުން ބުއްދިވެރިއެވެ. ކަމެއް ދިމާވުން ސަލާމަތްވާން ކުރާނެ މާގިނަކަންތަކެއް ގިނަފަހަރަށް އޮންނަނީ ނުވިސްނިފައެވެ. އަޅުގަނޑުމެން އަބަދުވެސް ހަނދާންހުންނަފަދައިން، އިހަށްނުވި ރައްކަލެއް ފަހަކުންނުވެވޭނެއެވެ.
