އަސްކަރިއްޔާފަދަ ބޮޑެތި އަދި ކޮމްޕްލެކްސް އޮގަނައިޒޭޝަން ތަކުގައި ”ބަދަލެއް“ ތަންފީޒުކޮށް މެނޭޖްކުރުމަކީވެސް ޚުދު އޭގެ ޒާތުގައި ވަރަށް ކޮމްޕްލެކްސް މަސައްކަތެކެވެ. މާޒީގެ ތެރެއަށް ނަޒަރު ހިންގާލާއިރު، 1892 ވަނަ އަހަރު ދިވެހިރާއްޖޭގައި އަސްކަރީ ޙަރަކާތުގެ ބިންގާ އެޅުނުފަހުން، ތަފާތު އެކި މަރުޙަލާތަކުގައި ތަފާތު އެކިސަބަބުތަކާހުރެ އަސްކަރިއްޔާއައީ ބަދަލުވަމުންނެވެ. މަދަނީ ދިފާޢަށްޓަކައި ފެށުނު ”ޙަރަކާތެއް“، ދިފާޢީ ބާރަކަށް ބަދަލުވެގެންދަނީ ލައްކަ ގިނަ މަސައްކަތް ކޮށްގެންނެވެ. ލައްކަ ގިނަ ވަގުތުވެސް ނަގައިގެންނެވެ. އެކިފެންވަރުގައި އެތައްބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން، ދިވެހި އަސްކަރިއްޔާއަށް ބަދަލަކީ ބާ އެއްޗެކެވެ.
މެނޭޖްމަންޓްގެ ”ކްލެސިކަލް ސްކޫލް އޮފް ތޯޓް“ ގެ އެންމެ ފުންނާބު އުސް އެއް މާހިރު ކަމުގައިވާ މަޝްހޫރު ސޯޝިއޮލޮޖިސްޓް މެކްސް ވެބަރ ބޮޑެތި އޮގަނައިޒޭޝަންތައް، ވަކިން ޚާއްޞަކޮށް ސަރުކާރުގެ މުޢައްސަސާތައް ހިންގުމަށް އެންމެ ރަނގަޅު ގޮތްކަމަށްދެކި ތަޢާރަފް ކޮށްދިން ބިއުރޯކްރެސީގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި އަސްކަރިއްޔާ ވާނެކަން ކަށަވަރެވެ.(1). މަސައްކަތްތެރިކަމަށް ބިނާކޮށް މީހުންނާއި މަސައްކަތް ތަރުތީބު ކުރެވި، ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރެއިން ތަން ހިންގާ، ހުރިހާ އެންމެންގެ މައްޗަށްވެސް އާންމުކޮށް ހިނގާ ޤަވާޢިދުތަކާއި އުޞޫލުތައް އެންމެ ގިނަ ތަނަކީ އަސްކަރިއްޔާއޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިއުޞޫލުތަކުން ދިވެހި އަސްކަރިއްޔާވެސް ބަރީޢަވެގެނެއް ނުވެއެވެ. ބޮޑެތި ބިއުރޯކްރެސީތަކަކީ ބަދަލުކުރަން އުނދަގޫ އެއްޗެކެވެ. އެއްކަން ބަދަލުކުރަންޏާ ބަދަލުކުރަންޖެހޭ އިތުރު އެތައްކަމެއް އޮންނާނެއެވެ. މީހުންނާއި، މަސައްކަތްތަކާއި ވަޞީލަތްތަކާއި ނިޒާމްތައް ގުޅިލާމެހި މަސްހުނިވެފައިވާ މިންވަރު ބޮޑުކަމުންނެވެ. ޤާއިމްވެ ހިނގަހިނގާ ހުންނަ ބޮޑެތި މުޢައްސަސާތައް ބަދަލުކުރަން އުނދަގުލީ އެހެންވީމައެވެ.
ނަމަވެސް، މިފަދަ ތަންތަން ބަދަލުކުރަން އެންމެބޮޑަށް އުނދަގޫވާ ސަބަބަކީ މީހުންނެވެ. މީހުން އެގޮތްގޮތާއި ކަންކަމަށް އަހުލުވެރިވެފައިވާ މިންވަރުވެސް ބޮޑުކަމުންނެވެ. ވަކިގޮތަކަށް ތަނެއް ހިނަގަންފެށީމާ މީހުން އެއަށް އާދަވާނެއެވެ. އެ“ހިނގުމުގެ ތެރެއިން“ އުފެދެނީ ތަފާތު ގުޅުންތަކެވެ. އެގުޅުންތަކުން ލިއްބައިދެނީ ”ބާރާއި އިޚްތިޔާރު“ ތެކެވެ. އެބާރާއި އިޚްތިޔާރުތަކުން ލިއްބައިދެނީ އުފަލާއި ހިތްހަމަޖެހުމެވެ. އިޙްތިރާމާއި ޤަދަރެވެ. އެކިމިންވަރުން ނުފޫޒެވެ. މަޢުލޫމާތާއި، ވަޞީލަތްތަކުގެ ”ކޮންޓްރޯލް“ ލިބުމުން އެތައްގިނަބައެއް ތިމާއަށް ބަރޯސާވާން ފަށައެވެ. ބަރޯސާވާންޖެހެއެވެ. ތަނެއް ނުވަތަ ކަމެއް ބަދަލުކުރަން ފަށާއިރަށް މިދެންނެވި ގުޅުންތަކަށް، ބާރާއި އިޚްތިޔާރުތަކަށް، ނުފޫޒުވެރިކަމަށް އަސަރުކުރަން ފަށައެވެ. ކޮންޓްރޯލް ގެއްލެންފަށައެވެ. ގިނަފަހަރަށް ބަދަލު ”ހިތި ޒަހަރަކަށް“ ވާންފަށަނީ މިހާހިސާބުންނެވެ. އެހެންކަމުން، އެބަދަލުތައް ފެއިލްކޮށްލުމަށް އޮގަނައިޒޭޝަންތަކުގެ ތެރޭގައި ތަފާތު އެކި ރޫޙުތައް އުފެދެއެވެ. ބައެއްފަހަރު ބަދަލު ގެނައުމުގެ ވާހަކަދައްކާ ފަރާތްތަކުންވެސް ނަމުން ބަދަލަށްވެ، ކަމުން ރެކިދެއެވެ. މިއީ، އިންސާނުން މަސައްކަތްކުރާ ކޮންމެ އޮގަނައިޒޭޝަނެއްގައިވެސް ކޮންމެވެސް މިންވަރަކަށް ހިނގާނެ ކަންތައްތަކެވެ. އޮންނާނެ ރޫޙެކެވެ.
އޮގަނައިޒޭޝަނެއްގެ ޙަޔާތްވެސް ލައިފްސައިކަލް އެޕްރޯޗަކުން ވިސްނާއިރު، މައިގަނޑު 4 މަރުޙަލާއެއް ކަޑައްތުކުރާނެއެވެ. އެއީ، އުފަންވުމާއި، ހެދިބޮޑުވުމާއި، ފުރާ ފުރިހަމަވެ ދޮންވެ ފައްކާވުމާއި، އިތުރަށް ކުރިއަށް ނުދެވިއްޖެނަމަ، ނުވަތަ މާޙައުލުގައި ސަލާމަތްވާން ނޭގިއްޖެނަމަ އުވިދިއުމެވެ. އުވިދިއުން މިތާ އަޅުގަނޑު މިމާނަކުރަނީ އޮގަނައިޒޭޝަން މުޢައްސަސާއެއްގެ ގޮތުގައި އޮންނަ އޮތުން ނިމިގެންދާ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ހުއްޓެއްކަމަކު ”މަރުވެފައިވާ“ މީހުން ވަރަށް ގިނައެވެ. ދިރިތިއްބެއްކަމަކު، ހިނގާބިނގާވެ އުޅުނެއްކަމަކު، ”ރޫޙެއް“ ނެތީމާ މީހާވެސް ނެތީތާއެވެ. މިދައްކަނީ ކޮންމެހެން އަސްކަރިއްޔާގެ ވާހަކައެއް ނޫނެވެ. ޖުމްލަކޮށް ”މީހުން“ގެ ވާހަކައެވެ. އެހެންކަމުން، ”މަރުނުވެ“ ދިރިދެމިއޮތުމަށްޓަކައި ބަދަލުވާން ޖެހެއެވެ. ނަމަވެސް، ހެޔޮގޮތުގައި ސުލްޙައިގަ މަޑުމަޑުން ކަންކަން ބަދަލުވުމަށް ދޫކޮށްނުލާމީހުން އެމަގުފަހިކުރަނީ ހަމަނުޖެހުމާއި ތަޅާފޮޅުމުގެ ތެރެއިން ކުއްލި ބަދަލު ގެނައުމަށެވެ (2). ވަކިން ޚާއްޞަކޮށް، ގިނަދުވަސްވާވަރަކަށް މިބަދަލުތައް ގެނައުމަށް މަޖުބޫރުވާނެއެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި އެބަދަލުތަކަށް ޖާގަނުދީފިނަމަ، ހިތްހަމަނުޖެހުމާއި، ހަމަނުޖެހުމަށް ޖާގަ ދެވޭނެއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ބިޒްނަސް ޕްރޮފެސަރެއްކަމުގައިވާ ލެރީ ގްރެއިނަރ (1972ގައި) ފާހަގަކޮށްފައިވާގޮތުން އޮގަނައިޒޭޝަނެއް އުފަންވެ، ހެދިބޮޑުވަމުން އަންނައިރު ތަފާތު ”މައްސަލަ“ތަކާއި ކުރިމަތިވާނެއެވެ. އެންމެ ޅަފަތުގައި ކުރިމަތިވަނީ ލީޑަރޝިޕްގެ މައްސަލައެވެ (3). އެއަށްފަހު ”މިނިވަންކަމާއެކު“ މީހުން ބޭނުންވާކަންތައްތައް ނުކުރެވުމުގެ މައްސަލައެވެ. ކޮންޓްރޯލްގެ މައްސަލަތަކާއި ބިއުރޯކްރެޓިކް ރެޑް ޓޭޕްތަކުގެ މައްސަލަތައް ފަހުގެ މަރުޙަލާތަކުގައި ކުރިމަތިވާނެއެވެ. ހަމައެހެންމެ، ތަނުގެ މުވައްޒަފުން ނަފްސާނީގޮތުންނާއި ފިކުރީގޮތުން ”ސެޗިއުރޭޓް“ ވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައްވެސް އޮންނާނީ ޙައްލުކުރަންޖެހިފައެވެ (4). މިމޮޑެލްއަށް އާންމުކޮށް ކިޔަނީ ”ގްރެއިނަރ ކާރވް“ އެވެ. މިމޮޑެލްގެ ކޮންމެ މަރުޙަލާއެއްގައިވެސް، މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރަންޖެހެނީ ތަފާތު ގޮތަކަށެވެ. އެންމެ ފުރަތަމަ އާގޮތްތަކާއި އާހޯދުންތަކާއި އުފެއްދުންތެރި ވިސްނުމުގެ ތެރެއިން ޙައްލު ހޯދަން މަސައްކަތްކުރާއިރު، އޮގަނައިޒޭޝަނަށް ދުވަސްވެ ފުރާފުރިހަމަވާއިރު ޙައްލު ހޯދަންޖެހިފައި އޮންނަނީ، މީހުންނާއި ވަޞީލަތް އަކި ފިކުރުތައް ވިލަރެސްކުރުމުގެ ތެރެއިންނެވެ. އާގުޅުންތަކާއި، އާގޮތްގޮތަށް ކަންކަން ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ތެރެއިންނެވެ. މިމޮޑެލްގައި ބަޔާންކުރާ ކަންތައްތަކަކީ ސީދާ އެތަރުތީބުން ހަމައެގޮތަށް ހިނގުން ލާޒިމް ކަންތައްތަކެއް ނޫނެވެ. ކޮންމެ މުޢައްސަސާއެއްވެސް އެއްވަގުތެއްގައި، އެތައް މަރުޙަލާތަކެއްގެ ތެރޭގައި ދަތުރުކޮށްފާނެއެވެ.
މިބީދައިން ވިސްނާއިރު ދިވެހި އަސްކަރިއްޔާ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ ބަލާނަމަ، މިއީ މެޗުއަރ، ސައިޒުންވެސް ވަރަށްބޮޑު އޮގަނައިޒޭޝަނެކެވެ. ޙަޔާތުގެ އެކި ހިސާބުތަކުގައި، އެކިމަރުޙަލާތަކުގައި ތަފާތު ވަރަށް ބޮޑެތި ބަދަލުތަކެއް ތަޖުރިބާކޮށްފައިވާ ތަނެކެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި، ދިވެހި އަސްކަރިއްޔާ މިހާރު މަސައްކަތްކުރަނީ ވިލަރެސްކުރުމުގެ ތެރެއިން ތަރައްޤީވުމަށެވެ. ޔުނިޓްތަކާއި ފަންކްޝަންތައް ކޮންސޮލިޑޭޓް ކޮށް، ޤަވާޢިދުތަކާއި އުޞޫލުތަކާއި ޕްރޮސީޖަރތައް ފުރިހަމަކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ހެޑްކްއޯޓަރޒް ކުރިއަށްވުރެ ބޮޑަށް އޮގަނައިޒްކޮށް، ހެޑްކްއޯޓަރޒްގެ ޑައިރެކްޓްރޭޓްތަކުގެ ދައުރު ވަރަށްބޮޑަށް ފުޅާކުރެވިފައެވެ. ކެޕިޓަލް ޚަރަދުތައް އިތުރަށް ރިވިއުކޮށް، މުޅި މުޢައްސަސާއަށް މަންފާކުރާނެހެން ފެތުރުމަށް މަސައްކަތްކުރެވޭތަން ދަނީ ފެންނަމުންނެވެ. މުޅި އޮގަނައިޒޭޝަނާގުޅޭ ޕްރޮގްރާމްތައް ފަށްޓާ ކުރިއަށްގެންދިއުމަށް ހެޑްކްއޯޓަރޒްއަށް ޚާއްޞަ ފަންނުތަކުގެ މީހުން ނުވަތަ ޓީމްތައް ”އެޑްހޮކް“ކޮށްނަމަވެސް ގެނެވޭތަންދަނީ ފެންނަމުންނެވެ. ޓެކްނިކަލް ”ޕްރޮސެސްތައް“ ދަނީ ސެންޓްރަލައިޒް ކުރެވެމުންނެވެ. ކުރެވޭ ޚަރަދުން ނަތީޖާ ނެރެދެއްކުމަށް މަޖުބޫރުކުރުވައެވެ. ކްރޮސް ފަންކްޝަނަލް ޓީމްތަކާއި ވޯރކްގްރޫޕްތައް ރަސްމީގޮތުންނާއި ނުރަސްމީގޮތުންވެސް ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވާތަން ފެނެއެވެ. އަސްކަރިއްޔާގެ ”ހަރުކަށި“ ސިޔާސަތުތަކުގެ ތެރޭގައިވެސް، ޓީމް ވޯރކާއި ބައިވެރިވެގެން ގޮތް ނިންމުމަށް އިސްކަންދެވެއެވެ. މީހުންގެ މެދުގައި އޮންނަ ގުޅުމުގެ އަގު މިއަދު މާމުހިންމެވެ.
އެހެންނަމަވެސް، މުޢައްސަސާގެ ބޮޑުކަމުން، ބިއުރޯކްރެޓިކް ރެޑް ޓޭޕްތައް ދުވަހަކަށްވުރެ ދުވަހެއް ގިނަވަނީއެވެ. މިއީ، އަސްކަރިއްޔާގެ ”ސިއްރެއް“ ހާމަނުކޮށްވެސް ބުނެވިދާނެ މިންވަރެކެވެ. އެހެންކަމުން، އަނެއްކާވެސް އެހެން މަރުޙަލާއަކަށް ދާންޖެހޭކަހަލައެވެ. ނަމަވެސް، ސިފައިންގެފަދަ ގިނަދުވަސްތަކެއް ވަންދެން ހިނގަހިނގާ އޮތް، އަދި، މުޢައްސަސާގެ ބާވަތުން، އުވިދާންވެސް ނެތް މުޢައްސަސާއެއްގައި ”ބަދަލު“ އަޅުގަނޑު ކުރިން އިޝާރާތްކުރި ”ޒަހަރަށް“ ވެގެންދާ ފަހަރު ގިނަވާނެއެވެ. އެހެންބޮޑަށްވަނީ، ޒަމާންތަކަށް ދެމިގެންގޮސްފައިވާ ވިސްނުމާއި ފިކުރު، އާދަކާދައާއި ޡަޤާފަތް، ރަމްޒީ ނިޝާންތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތައް އަދި ކަންތައްތަކާމެދު ދެކޭގޮތުގެ ސަބަބުންނެވެ.
ކޯރޕަރޭޓް ކަލްޗަރ“ މެނޭޖްމަންޓް ލިޓްރޭޝަރތެރެއަށް ތަޢާރަފްކުރި އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ މަޝްހޫރު ޕްރޮފެސަރ އެޑްގާރ ޝެއިން މިކަންތައްތައް ސިފަކުރަނީ ”ކަލްޗަރަލް އައިސްބާރގް“އެއްގެ ގޮތުގައެވެ (5). އޮގަނައިޒޭޝަނެއް ތަރައްޤީވެ ކުރިއަރާދިއުމޭ ބުނާއިރު، މިއިން ކޮންމެކަމެއްވެސް ބަދަލުވެދާނެއެވެ. އަދި، ބޮޑުބަދަލަކަށް ދާއިރު، މިހުރިހާ ގިންތިއެއްގެތެރޭގައި ހިމެނޭކަންކަންވެސް ބަދަލުކުރަންޖެހިދާނެއެވެ. މުޅި ކަލްޗަރވެސް ބަދަލުކުރަން ޖެހިދާނެއެވެ. އެހެންވެއްޖިއްޔާ އެކަންވާނީ ވަރަށްވެސް އުދަގޫ ”ޕްރޮސެސް“އަކަށެވެ. ސަބަބަކީ، ބަދަލެއްގެތެރޭގައި ފެންނާނީ މީގެތެރެއިން ވަރަށް ކުޑަމިންވަރެކެވެ. އައިސްބާރގްގެ ފެނުންމަތީގައިވާ ތަންކޮޅުފަދައިންނެވެ. ނަމަވެސް، އޮގަނައިޒޭޝަންގެ ކަލްޗަރގެ ބޮޑުބަޔަކީ އާންމުކޮށް މީހުންނަށް ފަސޭހައިން ފެންނަ އެއްޗެއްނޫނެވެ. މިދަންނަވާ ނުފެންނަ ބޮޑުބައި އެކުލެވިގެންވަނީ ކުރިންދެންނެވިހެން ޤަބޫލުކުރުންތަކާއި، ވެލިއުސްތަކާއި، ވިސްނުމާއި ފިކުރުތަކުގެ މައްޗަށެވެ. ޙަޤީޤީ ބަދަލު ގެނެވޭނީ މިކަންކަންވެސް ބަދަލުކުރެވިގެންނެވެ. (6)
ސިފައިންގޭގައިވެސް ބަދަލުވެފައިވާތަން މިފެންނަ ރޭންކުތަކާއި، ޔުނިޓްތަކުގެ އޮނިގަނޑާއި، ދިދައާއި ނިޝާންތަކަކީ އައިސްބާރގްގެ ފެނުންމަތީގެ ތަންކޮޅެވެ. ބޮޑުބަދަލަކަށްދާނަމަ، ފެނުއަޑީގަ އޮތްހާބައި އަދިހަމަ އޮތީއެވެ. އެބައި ބަދަލުކުރުމަށް ކުރެވޭ މަސައްކަތްވެސް ގިނައެވެ. ހޯދޭކާމިޔާބިވެސް ގިނައެވެ. ނަމަވެސް، އަދި ކުރަންޖެހިފައިވާ ކަންކަމާއި، ހޯދަންޖެހިފައިވާ ކާމިޔާބީތައް ހަމައޮތީއެވެ. ނަމަވެސް، ކަނޑައެޅިގެން އެނގޭ އެއްކަމަކީ، ބަދަލު އަބަދުވެސް އަންނާނެކަމެވެ. ކޮންމެބަދަލެއް އަންނަނީވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. އަދި އެބަދަލުން ގެނެސްދެނީ ހަމަ އިތުރު ބަދަލުތަކެވެ.
