ދެމީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެއްބައިވެގެން އެކަތިގަޑެއްގެ ގޮތުގައި ވަކި މަގުސަދެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށް އުފައްދާ ތަނަކީ ”އޮގަނައިޒޭޝަން“ އެކެވެ. އަހަރެމެން ދިވެހި ބަހުން މުއައްސަސާ އޭ ބުނަނީ އޮގަނައިޒޭޝަން އަށެވެ. މުއައްސަސާއަކީ ގްރޫޕެއްގެ ބަޔަކު ކަނޑައެޅޭ ދާއިރާއެއްގެ ކަންތައްތަކެއް ހާސިލްކުރުމަށް މަސައްކަތްކުރާ ކުރުމެވެ. އަދި އެހެންމެ މުއައްސަސާއަކީ އުފެދިފައިވާ އިންސާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ގްރޫޕް ތަކެއްގެމައްޗަށް އެކުލެވިގެން ވަކި ”ގޯލް“ އެއް ހޯދުމަށް މަސައްކަތްކުރާ ބަޔެކެވެ. އެހެން ގޮތަކަށް ބުނާނަމަ މުއައްސަސާއަކީ އަމަލީ ގޮތުން ހަރަކާތްތެރިވުމަށް އުފެދިފައިވާ މީހުންތަކެއް ވަކި މަގުސަދެއް ހާސިލްކުރުމަށް އެކިއެކި ފަރުދުންނަށް ބަހާލައިގެން މަސައްކަތްކޮށް، މުއައްސަސާއަށް ކަޑައެޅިފައިވާ މަޤުޞަދު ހާސިލް ކުރުމެވެ.
ޖުމްލަކޮށް ބުނާނަމަ މުއައްސަސާ އަކީ ވަކި ޓާސްކްތަކެއް ހަމަޖެހިފައިވާ އޮނިގަނޑަކުން ރޭވިގެން ޒަމާނީ ވަސީލަތްތަކާއި އާ ހޯދުންތަކުގެ އަލީގައި މީހުންތަކެއް ގްރޫޕެއްގެ ސިފައިގައި މަސައްކަތްކުރުމަށް ބިނާކުރާ ތަނެކެވެ.
މިގޮތުން މުއައްސަސާއެއް އެކުލެވިގެންވަނީ މައިގަނޑު 4 ބަޔަކަށެވެ. އެބައިތަކަކީ ހަވާލުކުރެވިފައިވާ ޓާސްކްއާއި، އެޒަމާނެއްގެ ޓެކްނޮލޮޖީއާއި، ބިނާކުރެވޭ އޮނިގަނޑު އަދި ތަނުގެ މީހުންނެވެ. ޓާސްކް އިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަޑި އަންގައިދެއެވެ. އަދި އެހެންމެ ވާސިލްވުމަށް ބޭނުންވާ ގޯލް އެނގެއެވެ. އޮނިގަނޑުން އެތަނެއްގެެ ނުވަތަ އެބައެއްގެ ތެރޭގައި އޮންނަ ރޭވުންތެރިކަމާއި ގުޅުން ދޭހަކޮށްދެއެވެ. ޓެކްނޮލޮޖީ އިން އެތަނަކާއި ނުވަތަ އެބަޔަކާ ހަވާލުކުރާ މަސައްކަތް އަދާކުރާނެ ފެންވަރު ކަޑައެޅެއެވެ. އަދި މީހުންނަކީ މުއައްސަސާއެއްގެ ތެރެއިން ފެންނަ އެންމެ މުހިންމު ރޯލްއަދާކުރާ ބައެވެ.
އާދެ، މިގޮތުން މީހުންގެ މިޒާޖާއި އުޅުމުގެ ހަރުދަނާކަމަކީ މުއައްސަަސާއެއްގެ ކުރިއެރުމާއި ގުޅިފައިވާ ކަމެކެވެ. ކޮންމެ މީހެއްގެ އެމީހެއްގެ ގޯލް ހާސިލްކުރުމަށް އެހީތެރިކަންދީ އިސްކަންދިނުމަކީ މުއައްސަަސާގެ ގޯލް ހާސިލުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމެކެވެ. އަދި އެހެންމެ މިދެންނެވިގޮތަށް ކަންތައްތައް ކުރުމުގައި ވަކިފަރުދުންގެ އުޅުމުގެ ވައްޓަފާޅިއަށް މުއައްސަސާއިން ބަދަލުތަކެއް ގެނުވައިދިނުމަކީ ކުރަންޖެހޭނެކަމެކެވެ. މުއައްސަސާގެ ތެރެއިން މިބަދަލުތައް ގެނައުމަކީ ކުރަންޖެހޭނެކަމެކެވެ. އެކި މީހުންގެ އުޅުމަކީ ތަފާތުކަންބޮޑު އަދި އެކިފެންވަރަށް ފާހަގަކުރެވޭ ބަދަލު ތަކެކެވެ. މިބަދަލުތަކާއި މިތަފާތުގޮަތްތައް އަހަރެމެންގެ އުޅުމުގެ ތެރޭގައި ހުންނަކަމީ މުއައްސަސާއިން ދަނެގަންނަން ޖެހޭނެކަމެކެވެ. އަދި މިބަދަލުތަކާއި ތަފާތު ގޮަތްތައް އެއްގޮތަކަށް ބައްޓަންކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެކެވެ. މިކަން ކުރެވޭނީ މިބަދަލުތައް ފުރިހަމައަށް ދަނެގަނެގެންނެވެ.
މުއައްސަސާއެއްގެ މީހުންގެ އުޅުން ދަސްކުރަނީ ކީއްކުރަންބާއޭ؟ މިއީ މިހާރު އުފެދޭ ސުވާލެކެވެ. މިކަން ދަސްކުރަނީ އިތުރު ކަންތައްތަކެއް ދަނެގަނެ އިތުރު ހޯދުންތަކެއް ހޯދުމަށެވެ. މިކަން ދަސްކުރަނީ ކުރިއަށް ކަންތައްތަކެއް ޚިޔާރު ކުރުމަށެވެ. މިކަން ދަސްކުރަނީ ބަދަލުތަކެއް ގެނައުމަށެވެ. މިގޮތުން ”އޮގަނައިޒޭޝަނަލް ބިހޭވިއަރ“ ގެ ދާއިރާއަކީ ވަކި މީހަކަށް ނުވަތަ ވަކި ގްރޫޕަކަށް ނުވަތަ ރޭވިފައިވާ އޮނިގަނޑަކަށް މުއައްސަސާއެއްގެ މީހުންގެ އުޅުން ހުންނަގޮތުން މުއައްސަސާއަށް ދިމާވެދާނެ ގެއްލުންތައް ހޯދާ ހޯދުންތަކުން ސަލާމަތްކޮށް، ހޯދުނު ހޯދުންތަކުގެ އަލީގައި މުއައްސަސާ ކުރިއަރުވާ އެެދެވޭގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދޭނެ ޢިލްމެކެވެ. މުއައްސަސާއެއްގެ ކުރިއެރުމާއި ހިންގުމުގެ ހަރުދަނާކަން ބިނާވެފައި އޮންނާނީ އެތަނެއްގެ ”އޮގަނައިޒޭޝަނަލް ބިހޭވިއަރ“ އެއްގެ މައްޗަށެވެ.
މިގޮތުން ”އޯބީ“ އަށް އެހީވެދޭ އެތައް ދައިރާތަކެއް ފެނިގެން ދެއެވެ. މިދާއިރާތަކުން މީހުން ބިނާކޮށް ކުރިއެރުވުމަކީ ކުރަންޖެހޭނެ ކަމެކެވެ. ސިފައިންގެ ކަހަލަ ބައިބޯ ތަފާތު މިޒާޖުގެ މީހުން އުޅޭ ތަނެއްގައި މިފަދަ ސްޓަޑީތައް ހެދުމަކީ މުހިންމު ކަމެކެވެ. މިީގެ ތެރޭގައި ސައިކޮލޮޖީ، ސޯސިއޮލޮޖީ، ސޯސިއަލް ސައިކޮލޮޖީ، އެންތްރޮޕޮލޮޖީ އަދި ޕޮލިޓިކަލް ސައިންސްގެ ފުރިހަމަ ޑިސިޕްލިންތަކަށް ބަލާލަންޖެހެއެވެ. އަދި މީގެތެރޭގައި އިންސާނުންގެ އުޅުން ހުންނަގޮަތް ދަސްކުރުމަކީވެސް މުހިންމު ކަމެކެވެ. މީހުންގެ ޚިޔާލުތަކާއި، މީހުން ދެކޭގޮތް އަދި އާދަކާދައާއި، ގަބޫލުކުރާ ކުރުން އަދި ދުނިޔަވީގޮތުން އިންސާނާ ގަބޫލުކުރާ ކަންތައްތަކަކީ މިއަދު ވިސްނާލަން ޖެހޭނެ ކަންކަމެވެ. މުއައްސަސާއެއްގައި މިހުރިހާ ކަމެއްގެ ދިރާސާތައް ކުރެވެންޖެހެއެވެ.
ކޮންމެ ކަމެއްގައިވެސް ބަދަލުކުރުމަށް ހަތިޔާރުތަކެއް ގެންގުޅެއެވެ. އިންސާނުންގެ އުޅުމަކީވެސް ބަދަލުތަކެއް ގެނެވިދާނެ އެއްޗެކެވެ. ވާހަކަދައްކައިގެން، މޯޓިވޭޓް ކޮށްގެން، ލީޑަރޝިޕް އަށަގަންނައި ދީގެން، ގްރޫޕްތަކެއްގެ ސިފައިގައި މަސައްކަތްކުރެވިގެން، އަދި އެހެންމެ ސްޓްރެސް މެނޭޖްމަންޓް ފަދަ ކަންކަމީ މީހެއްގެ ކިބައިން ކަންތައްތަކެއް ބަދަލުކުރެވިދާނެ ކަންކަމެވެ. މިއިން ކޮންމެ ކަމަކީ ބަދަލު ގެނެވިދާނެ ކަންކަމެވެ.
މިގޮތުން ވަކިވަކި ފަރުދުންގެ އުޅުން ހުންނަގޮތް ދަސްކުރުމަކީވެސް މުހިންމުކަމެކެވެ. މުއައްސަސާއަަށް މީހުން ވެއްދުމުގައިވެސް މިދެންނެވި ކަންތައްތަކަށް ވިސްނާ މީހުން ރެކްރޫޓް ކުރެވޭއިރު އެމީހެއްގެ އުޅުން ހުންނަގޮތް ދިރާސާކުރުމަށް ވަގުތުކޮޅެއް ހޭދަކުރުމަކީ މުހިންމު ކަމެކެވެ. މީގެ ސަބަބުން މުއައްސަސާ އަށް އަދި އެހެންމީހުނަށް ފައިދާ ވެގެންދާެނެއެވެ. ކޮންމެ މީހަކީ މުއައްސަސާއަށް ބޭނުންތެރި މީހަކަށް ހެދުމަށް މުއައްސަސާގެ ތެރެއިން ބަދަލުތަކެއް ގެނެވިގެން މީހުންގެ އުޅުން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރުމަކީ މިއަދު މުހިންމުކަމެކެވެ. ހަމަ އެފަދައިން މުއައްސަސާގެ އެކި ދާއިރާތަކުން އެތަނެއްގެ މީހުންގެ އުޅުން ބައްޓަންކުރުމަކީވެސް އެކަމުގެ ސަބަބުން މުއައްސަސާއަށް ކުރިއެރުމާއި ބަދަލުތަކެއް އަންނާނެކަމެކެވެ. ކޮންމެ މީހަކީ ބޭނުންތެެެރި މީހެއް، ކޮންމެ ބޭނުމަކީ މުއައްސަސާއަށް މުހިންމު ބޭނުމަަކަށް ހަދައިގެންނެވެ.
