ކަނޑުމައްޗަށް ނުކުންނަ ކޮންމެ ދުވަހަކީވެސް ބިރުވެރި ދުވަހެއްގެ ގޮތުގައި ދެކިލެއްވި ނަމަވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެވުމުގެ މަސައްްކަތުގައި 25އަހަރު ހޭދަކުރެއްވިއެވެ. މުޅި ޒުވާން ޢުމުރު ކަނޑުމަތީގައި ހޭދަކުރެއްވީ އެއްވެސް މަޖުބޫރުކަމެއްނެތި ކުރާހިތުން ކުރައްވާ ކަމެއްގެ ގޮތުގައެވެ. އަނބިކަނބަލަކާއި އަންހެން ތިންބޭކަނބަލުން އަދި ދެފިރިހެން ބޭކަލުން ލިބިލައްވާފައިވީ ނަމަވެސް އެބޭފުޅުންނާއި ދުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން ގެންގޮސްފައިވަނީ ޤައުމީ ވާޖިބެއްގެ ގޮތުގައެވެ.

އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގަޔާއި ރައީސްކަމުގައި ވެލާނާގޭގައި ތަފާތު މަޤާމްތައް ފުރުއްވާފައިވާ މޭޖަރ އަޙުމަދު ވާފިރު (އެނބޫ) ސިފައިންގެ ޚިދުމަތާއި ގުޅިލެއްވީ 6 އޭޕްރީލް 1970ގައެވެ. ޢާއިލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން މާއެދެވޭ ތަޢުލީމްް ޙާސިލް ކުރެއްވުމުގެ ފުރުސަތު ލިބިލައްވާފައި ނުވިނަމަވެސް މަސައްކަތް ދަސްކުރައްވައި، ޢަަމަލީގޮތުން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ކުޑައިރުއްސުރެވެސް ހުންނެވި މޭޖަރ ވާފިރު ސިފައިންގެ ޚިދުމަތާއި ގުޅިލެއްވުމުގެ ފުރުސަތު ލިބިލެއްވީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި އެމަނިކުފާނު މާލެއަށް އުފަން މީހުން ސިފައިންގެ އަށް ވެއްދެވުމަށް ގެންގުޅުއްވި ސިޔާސަތުގެ ދަށުން އެކަމަށް އެދި ސިޓީ ލައްވައިގެންނެވެ.

ސިފައިންގެ ޚިދުމަތާއި ގުޅިލެއްވުމަށްފަހު އަށް އަހަރު ޑިއުޓީ ސެކްޝަނުގައި ޑިއުޓީ ކުރެއްވުމަށް އުޅުއްވުމަށްފަހު ސިފައިންނަށް އޭރު ލިބިފައިވާ ތަފާތު ބިންބިމުގައި އިމާރާތް ކުރެއްވުމުގެ މަސައްކަތުގައި ބުރަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ކުރިންވެސް ކަނޑުމަތީގައި އުޅުއްވާފައިވާތީ ސިފައިންގެ އެކުވެރި ކުންފުނީގެ މަސްބޯޓުގައި ފަޅުވެރިއެއްގެ މަސައްކަތް ފެއްޓެވިއެވެ.  މަސްބޯޓްގައި އުޅުއްވަނިކޮށް ސިފައިންގެ އޮފިސަރުން ދުއްވުމަށްޓަކައި ލިބުނު ފްލެޗަރު ދުއްވާ މީހެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ސިފައިންގެއަށް ލިބުނު ފްލެޗަރުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މޭޖަރ ވާފިރުގެ ޙަޔާތުގައި އަދި ރާއްޖޭގެ ދިފާޢީ ބާރުގެ ތާރީޚުގައިވެސް ފެނިގެންދިޔައީ މުޅިން އައު ޗެޕްޓަރއެއް ހުޅުވިގެންދިޔަ ދުވަހެކެވެ. 1ޖެނުއަރީ 1980 ވަނަ އަހަރު ލިބުނު 6.95 މީޓަރުގެ ތިން ލޯންޗާއެކު އެން.އެސް.އެސް ކޯސްޓްގާޑް އުފެދިގެންދިޔައެވެ. މިިތިން ލޯންޗުގެ ތެރެއިން އެން.އެސް.އެސް2- ގެ ކެޕްޓަންކަމަށް ހަމަޖެއްސެވީ މޭޖަރ ވާފިރުއެވެ. 

އެން.އެސް.އެސް2- ގެ ކެޕްޓަންކަމުގައި ހުރެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޚިދުމަތް ކުރައްވަން ފެއްޓެވި މޭޖަރ ވާފިރުގެ ކެޕްޓަންކަމުގައި ކޯސްޓުގާޑްގެ ތަފާތު އުޅަނދުފަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެ އެތައް ބައެއްގެ ފުރާނަ އާއި މުދާސަލާމަތްކޮށް ދިނުމުގެ މަތިވެރި އުފާ ވަނި ހޯއްދަވާފައެވެ. ޢާއިލާ އާއި ރަޙުމަތްތެރިންނާއި އެތައް އުފަލެއް ޤުރުބާން ކުރެއްވުމަށްފަހު ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަތިވެރި ޚިދުމަތް ފަންސަވީސް އަހަރު މެދުނުކެނޑި ވަނީ އަދާކުރައްވާ މިއަދުގެ ޖީލަށް ނަމޫނާ ދައްކަވާފައެވެ.

ޕްރައިވެޓެއްގެ ރޭންކުގައި ފަނަރަ އަހަރު ކެތްތެރިކަމާ ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ މޭޖަރ ވާފިރު އަކީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ކެޕްޓަން ރިފްޢަތު މޫސާގެ ކަނޑުމަތީ ކެރިއަރުގައި އެންމެ ފުރަތަމަ އުސްތާޒެވެ. ކޮންމެ ކަމަކާވެސް ޕޮޒިޓިވް އެޓިޓިއުޑަކާއެކު ކުރިމަތި ލައްވަމުން ގެންދެވި މިޚިދުމަތްތެރިޔާ އަކީ 3ނޮވެމްބަރުގެ ޢުދުވާނީ ޙާދިޡާގައިވެސް ހިތްވަރުގަދަ ކަމާއެކު ޤައުމާއި ވެރިން ދިފާޢު ކުރެއްވުމުގައި ފުރާނައަށް ބެއްލެވުމެއްނެތި ހަނގުރާމަ ކުރެއްވެވި ފަހުލަވާނެކެވެ.

ނޮވެމްބަރު 3ވަނަ ދުވަހު ހެނދުނު ހައެއްޖެހިއިރު ގެއިން ނުކުމެގެންް ސިފައިންގެއަށް ދިއުމަށް ނުކުތްތަނާއި ލިބިލެއްވި މަޢުލޫމާތާއި ގުޅިގެން އެމަޢުލޫމާތުގެ ތެދުދޮގު ބެއްލެވުމަށްފަހު ސިފައިންގެ މަރުކަޒާއި ދިމާލަށް ދިޔުމަށް މަސައްކަތްކުރުމަށް ފަހު ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހިމް ދިރިއުޅުއްވަމުން ގެންދެވި ގެ ކަމަށްވާ އެންދެރިމާގެއަށް ގޮސް އެތާނގައި ޝަހީދު ކޮށްލާފައިވާ ކުޑަނެވި ތުއްތުމަނިކުގެ ހަށިގަނޑު ފެނުމުންވެސް ފަހަތަށްނުޖެހި ދެންވެސް އިލްޔާސް އިބްރާހިމް ހުންނެވި ތަނެއް ހޯއްދަވައި އިލްޔާސް އިބްރާހިމްގެ ލަފާފުޅާ އެއްގޮތަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ހުންނެވި ގެކޮޅަށް ހަތިޔާރާއި ގިނަ ޢަދަދެއްގެ ވަޒަން ހިފައިގެން އެކަނި މާއެކަނި ދިޔަކަމީ މޭޖަރ ވާފިރުގެ ހިތްވަރުގަދަކަމާއި އިޚުލާސްތެރިކަމާމެދު ދެބަހެއް ނުވެވޭނެފަދަ ޤުރުބާނީއެކެވެ. ހަތިޔާރު ހިފައިގެން ރައީސް މައުމޫނު ހުންނެވި ގެކޮޅުގައި 17ގަޑިއިރު ވަންދެން އެމަނިކުފާނު ދިފާޢު ކުރެއްވުމުގެ އިޚްލާސްތެރި ވާޖިބު އަދާކުރެއްވުމަށްފަހު އިންޑިޔާ ސިފައިން އައިސް ރައީސް މައުމޫނު ސިފައިންގެ ހެޑްކުއާޓަރަށް ގެންދެވިއިރުވެސް ކާރުކޮޅުގެ ފަހަތުން ހަތިޔާރާއެކު ޙަރަކާތެރިވެލެއްވުމަށްފަހު ސިފައިންގެ ތެރެއިން ކުރީގެ ޗީފް އޮފް ސްޓާފް  މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރުގެ އެންގެވުމުގެ މަތިން ޔުނިފޯމް އަޅުއްވައިގެން ސިފައިންގެ ހެޑްކުއާޓަރޒްގެ ތެރޭގައި ހުންނަވަނިކޮށް އަނެއްކާވެސް ޖެހިލެއްވީ ކަނޑުމަގުން ފިލައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ ހަތަރު ތަމަޅައިން ހިފާ ހައްޔަރު ކުރުމަށްޓަކައި ދަތުރުފެށުމަށެވެ. މޭޖަރ ވާފިރުގެ ކެޕްޓަންކަމުގައި އިންޑިޔާ ސިފައިންނާއެކު ގޮސް އެހަތަރު ތަމަޅައިން ކަނޑުމަތިން ހައްޔަރު ކޮށްގެން ގެންނެވި މޭޖަރ ވާފިރު އަކީ 3ނޮވެމްބަރުގެ ޤައުމީ ބަތަލެއް ކަމީ ޝައްކެތްވެސް ނެތްކަމެކެވެ.

އިޚްލާސްތެރިކަމާއެކު ސާޅީސް އެއް އަހަރަށްވުރެ ދިގު މުއްދަތެއް ޚިދުމަތުގައި ހޭދަކުރައްވާފައިވާ މޭޖަރ ވާފިރު އަކީ ގަދަ ކަނޑުތަކުގައި ހޭދަކުރެއްވުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި ކުޅިވަރު ކުޅެއްވުމަށާއި ހަށިހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ބޭކަލެކެވެވެ.ޚާއްސަގޮތެއްގައިހޮބީއެއްގެ ގޮތުގައި ބެޓްމިންޓަން ކުޅުއްވާ އެކުޅިވަރުގެ ތަފާތު މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ޙާސިލުކުރައްވާފައިވާ ކުޅިވަރު ޝަހުސިއްޔަތެކެވެ.

ޢުމުރުފުޅުން ފަންސާސް ނުވަ އަހަރު ވެފައިވުމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ތައްޔާރު ވަމުންދާ މޭޖަރ ވާފިރު ވިދާޅުވީ ރިޓަޔަރ ކުރެއްވުމަށްފަހު ދެން އިތުރަށް ކަނޑުމަތީގައި މަސައްކަތެއް ކުރުމަށް ނުވިސްނަވާ ކަމަށާއި އެހެންނަމަވެސް ސިފައިންގެ ޚިދުމަތުން ވަކިވެ ލެއްވުމަށްފަހު ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކާމެދު މިހާރު ވިސްނަވަމުންދާކަމަށެވެ.

ސިފައިންގެ ޚިދުމަތުގައި މޭޖަރ ވާފިރު ހޭދަކުރެއްވި ދިގު މުއްދަތުގައި ގިނަ މެޑަލް އާއި ކުލަ ލިބިލައްވާފައިވާ އިރު މޭޖަރ ވާފިރު އެމް.އެން.ޑީ.އެފް އިން ވަކިވެ ލެއްވުމަކީ އެމް.އެން.ޑީ.އެފް އަށް އަދި ޚާއްސަ ގޮތެއްގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ގެއްލިގެންދާނެ އަގުހުރި ތަރިކައެކެވެ.

ޝެއަރކުރެއްވުމަށް