އައްސުލްޠާން އިބްރާހީމް ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނަކީ އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނުގެ ދަރިކަލެކެވެ. މަންމާފުޅަކީ ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ބޯށިވަލު ބުޅާ ފާތިމާގެ ރެހެންދި ގޮއްޔެއެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ 1585މ ވަނަ އަހަރު (993ހ.) އެވެ. ތާރީޚުގައި މިރަދުން މަޝްހޫރުވެވަޑައިގެންފައިވަނީ ކަލާފާނުގެ ނަންފުޅުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތީ، ބައްޕާފުޅު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަވަހާރަވުމުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގައި ކަލާފާނު ހުންނެވީ ފާށަނާކިލެގެ ކަމުގައެވެ.

ކަލާފާނު ފުރަތަމަ ކައިވެނިފުޅު ބައްލަވައިގަތީ މާފިލާފުށީ ކަނބާޢައިޝާ ރަނިކިލެގެފާނާއެވެ. މިކަމަނާގެ ބަނޑުފުޅުން ކަލާފާނަށް ލިބިވަޑައިގެންނެވި ދެބޭފުޅުން ޅަފަތުގައި އަވަހާރަވީއެވެ. މީގެފަހުންވެސް އެހެނިހެން ބޭފުޅުންނާ ކައިވެނިފުޅު ކުރެއްވިއެވެ. ނަމަވެސް، އެހެން ދަރިކަލެއް ނުވަތަ ދަރިކަނބަލެއްނެތެވެ. އިތުރު ބޭފުޅުން ލިބިވަޑައި ނުގަންނަވަނީކަމެއް ނުވަތަ ލިބިވަޑައި ގެންނެވި ބޭފުޅުންވެސް ތުއްޕުޅުއިރު އަވަހާރަވީކަމެއް އެނގޭކަންނެތެވެ.

ޙަސަން ތާޖުއްދީން ބަޔާން ކުރައްވާފައިވަނީ، ކަލާފާނަކީ [ހައިބަވަންތަވެރި، ޢަދުލުވެރި، ބުއްދިވެރި، ޢިލްމުވެރި] ބޭފުޅެއް ކަމަށެވެ. ދަންނަ ބޭކަލުންނަށް ލޯބިކުރައްވާ، ޢިލްމު އުނގެނުމަށް އަމުރު ކުރައްވައި ޢިލްމުވެރިންނަށް ވާގިދެއްވާ، ގިނަގިނަ ކަންކަމުގައި އެމީހުންނާ މަޝްވަރާ ކުރައްވާ ޢަދުލުވެރި ރަސްކަލެއް ކަމަށެވެ. ރައްޔިތުންގެ ތަދުމަޑު ޙާލު ބައްލަވައި، އޯގާވެރި، ޢަދުލަށް ރަސްކަންކުރެއްވި ރަސްކަލެއް ކަމަށެވެ. ނަމަވެސް ކަލާފާނުގެ ރަސްކަމުގައި [ކޯބިން] ނަމަކަށްކިޔާ ފަރަންސޭސި ނަވެއްގައި ބެހިގެން ރާއްޖެއައިސް، އެތަކެއް އަހަރުވަންދެން މާލޭގައި ހުރި، ޕިރާޑް ޑި ލަވާލްގެ ލިޔުމުގައި، ކަލާފާނާބެހޭ ވަރަށް ގިނަ ނޭދެވޭ ވާހަކަތައް އެބަހުއްޓެވެ.

މީގެތެރެއިން ބައެއް ކަންތައްތަކަކީ އެޒަމާނުގެ ދިވެހިރާއްޖޭގެ އާދަކާދައިގެ ތެރޭގައިވެސް ހިމެނިފައިވާ ކަންތައްތަކެވެ. ނަމަވެސް މީގެތެރެއިން ބައެއް އާދަކާދައަކީ ޕިރާޑް ފަދަ ޔޫރަޕް މީހުންނަށް އަނިޔާވެރި، ނުވަތަ އަޚުލާޤީ ގޮތުން ނޭދެވޭ ކަންތައްކަމުގައި ފެނިދާނޭ ކަންކަމެވެ.

ޕިރާޑް ބުނެފައިވާގޮތުގައި، ކަލާފާނާއި އަސޭގެ ރަސްގެފާނާ ދެބޭފުޅުންނަކީ ވަރަށް ރަޙުމަތްތެރި ދެ ބޭފުޅުންނެވެ. ރާއްޖެއަށްއައި ކެޕްޓަނެއްގެ އަތުގައި އަސޭގެ ރަސްގެފާނަށް ސިޓީފުޅަކާއި ވެދުންތައް ފޮނުއްވި ވާހަކަ އޭނާ ލިޔެފައިވެއެވެ. އަދި އަބަދުވެސް މިދެބޭފުޅުންގެ ދެމެދުގައި ސިޓީ ހިނގާކަމަށާއި މި ދެރަށުގައި ތިއްބަވަނީ ރަޙުމަތްތެރި ދެ ރަސްކަލުންކަމަށް އޭނާ ބަޔާންކޮށްފައިވެއެވެ. މިކަމުންވެސް އެނގެނީ މިރަދުންނަކީ އިލްމަށް ލޯބިކުރެއްވި އަދި ޤަދަރުވެރި މީހުންނާ ގުޅުންބެހެއްޓެވި އަދި އެބޭބޭފުޅުންގެ އިޙްތިރާމްވެސް ލިބިވަޑައިގެންނެވި ބޭފުޅެއްކަމެވެ.

ޙަސަންތާޖުއްދީނުގެ ތާރީޚުގައި ބަޔާންކުރައްވާފައިވާ ގޮތުން، [ރަސްކަން އަދަބީ ގޮތުންނާއި މާއްދީގޮތުން، ކުރި އެރުއްވުމަށް، ޢިއްޒަތްތެރި ކަމާއެކު] ކަލާފާނު ހުންނަވަނިކޮށް، ހޮޅީންގެ ބަޔަކު ދިވެހިރާއްޖެއާ ދެކޮޅުވެރި ގޮތުގައި އަތުވެއްޖެއެވެ. މިވާހަކަ އިވިވަޑައިގަތުމުން ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރުކަމުގައި ހުންނެވި ފޮނަދޫ މުޙައްމަދު ފަނޑިޔާރު ކަލޭގެފާނު އެއްކުރައްވައި، ހައްދަވާނޭ ގޮތަކާއިމެދު ރަދުން މަޝްވަރާ ކުރައްވައިފިއެވެ. ފަނޑިޔާރު ކަލޭގެފާނު ފަތުވާދެއްވީ، [އެބާވަތުގެ ދުޝްމަނުންގެ ބަޔަކާ ހަނގުރާމަ ކުރެއްވުމަށްވުރެ، ބުއްދިވެރިގޮތަކީ ފިލާވަޑައިގަތުމެވެ.] މި ބަސްފުޅު ޤަބޫލުކުރައްވައި، ރަދުން ބައެއް ވަޒީރުންނާއި އަމީރުންނާއި ގޮވައިގެން ބޮޑު ގުރާބަކަށް އަރައިވަޑައިގެން ދަތުރު ކުރެއްވީ، ރާއްޖޭގެ ދެކުނަށެވެ. އެކަން އެނގިގެން

ދުޝްމިނުންގެ ޤުރާބުތައް ރަދުންގެ ގުރާބު އަތުލުމަށްޓަކައި މިސްރާބު ޖެހިއެވެ. ދެ ލަޝްކަރު ބައްދަލުވީ، އަރިއަތޮޅު ހަންޏާމީދޫ ކައިރިންނެވެ. ނަތީޖާއެއްކަމުގައިވީ، ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރާން ފަށައިގަތުމެވެ. މި ހަނގުރާމައިގެ ތެރޭގައި ރަސްގެފާނުންގެ ގުރާބުގައި ތިބި މީސްތަކުން ކަނޑަށް ފުންމާލައިގެން ފަތާފައިގޮސް، ފަޅުރަށަކަށް އަރައިފިއެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރަވަމުން ގެންދެވި ކަމުގައިވަނީ ކަލާފާނާއި، އޭނާގެ އަރިހުގައި ހުރި ޖަމާލުކަލޯއާ ދެކަލުންނެވެ. . . . އެންމެ ފަހުންދެކަލުންމެ ޝަހީދުވީއެވެ. ރަސްގެފާނުން ޝަހީދުވެވަޑައިގަތުމަށްފަހު ދުޝްމިނުންގެ މީހުން އެގުރާބަށް އަރައި އޭގައި ހުރި ހަތިޔާރުތައް ނެގުމަށްފަހު ގުރާބު ދޫކޮށްލައިފިއެވެ. ގުރާބުގޮސް ލައްވީ ހަންޏާމީދޫއަށެވެ. . . . ހަންޏާމީދޫ މީހުން ގުރާބަށް އަރައި ބެލިއިރު ކަލާފާނާއި، ޖަމާލުކަލޯއާއި، ދެކަލުން ޝަހީދުވެފައި ވަނިކޮށް ދެކިގެން، އެ ދެޤަބުރު އެރަށަށް ގެންގޮސް އެރަށު މިސްކިތް ދޮށުގައި ފަސްދާނުވަޑުވައިފިއެވެ.

މާލާބާރީންގެ މީހުންއައިގޮތަށް އައީ މާލެއެވެ. މާލެ އައިސް ރަސްކަމުގެ ކޯލު ތެރޭގައި ހުރި މުދައުތައް ފޭރި، ކޯލުތެރޭގައި ތިއްބެވި ބޭފުޅުންނަށް އަނިޔާކޮށް ހެދިއެވެ. އެބައިމީހުން އެންމެ ފަހުން ދިޔައީ، ރަދުންގެ ކޮއްކޯފުޅެއް ކަމުގައިވާ ކަޅުތުއްކަލާ ގޮވައިގެން ކަންނަންނޫރަށެވެ. ކަޅުތުއްކަލާއަކީ، ބޮޑުތަކުރުފާނާއި އެއްބަޑު އެއްބަފާ ޢަލީ ޚަތީބު ތަކުރުފާނުންގެ މަރިޔަމް ކަބާއިދިކިލެގެގެ، ދަރިކަނބަލުން އާމިނާ މާވާކިލެފާނުންގެ ދަރިކަލެކެވެ. އޭނާގެ ބައްޕާފުޅަކީ އުމަރު މާފަތްކިލެގެއެވެ. (މުހައްމަދު އަމީން. 1949މ. ޞ 170-173)

އިސްވެދިޔަ ބަޔާނުގައި، ދެންނެވިފައިވާ ގޮތުގެމަތީން، ކަލާފާނު ޝަހީދުވެވަޑައިގެންނެވީ، 1017ހ. ވަނަ އަހަރުގެ ޝައްވާލް މަހުގެ 28 ވީ ބުދަ ދުވަހުއެވެ. މީލާދީ ތާރީޚުން އެއީ 1609 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 4 ވީ ބުދަ ދުވަހެވެ. ބޭރުގެ ބައެއް ލިޔުންތެރިން މިއަހަރަކީ 1607މ. ކަމަށް ލިޔުއްވާފައި ވީނަމަވެސް ޒަމާނުއްސުރެ ދިވެހީން ކަލާފާނު ޝަހީދުވެވަޑައިގެންނެވި ތާރީޚުކަމަށް ބަލައި އުޅެނީ ކުރިން ދެންނެވި ފަދައިން 1017ހ. ވަނަ އަހަރުގެ ޝައްވާލް މަހުގެ 28ވީ ބުދަ ދުވަހެވެ. މިފަދަ މުހިންމު ކަންތައްތަކަކީ އެޒަމާނުގެ ދިވެހީން އޮޅުވާލާ ކަންތައްތަކެއް ނޫނެވެ. އަދި ހުކުރު ހަތްދުވަހުގެ ތެރެއިން އެދުވަހަކީ ބުދަ ދުވަސް ކަންވެސް ދިވެހީން ފާހަގަ ކުރަމުން އައިސްފައިވެއެވެ. ޚިޖުރީ ތާރީޚަށް ބަލާއިރު 1017ހ. ވަނަ އަހަރުގެ ޝައްވާލްމަހުގެ 28 އަކީ ބުދަ ދުވަހެކެވެ.

އައްސުލްޠާން އިބްރާހީމް ކަލާފާނު ފަސްދާނުލެވިފައިވާ ތަނުގައިވަނީ، ޒިޔާރަތެއް އާރާސްތު ކޮށްފައެވެ. ހަންޏާމީދޫގައި ހަދާފައިމިވާ ކަލާފާނު ޒިޔާރަތަކީ، ރާއްޖޭގެ ޒިޔާރަތްތަކުގެ ތެރެއިން މަޝްހޫރު ޒިޔާރަތެކެވެ. ދިވެހީން އިހުޒަމާނުއްސުރެ، ލޯތްބާއި އިހުތިރާމާއެކު ބަލަހައްޓަމުންއައި ބިނާއެކެވެ. ކަލާފާނު ރަސްކަން ކުރެއްވީ 24 އަހަރާއި، 2 މަސް ދުވަސް ވަންދެންނެވެ.

ޝެއަރކުރެއްވުމަށް