ހުރާގޭ ޚާންދާނަކީ ރާއްޖޭގެ ތާރީޚުގެ ޞަފްޙާތަކުން މުހިންމު މަޤާމެއް ޙާސިލުކުރި ޚާންދާނެކެވެ. ޚިދުމަތްތެރި އެތައް ދަރިންތަކެއް ހިމެނިގެންވީ ޚާންދާނެކެވެ. ދަރިކޮޅުގެ ޗާޓަށް ބަލާލުމުން ރާއްޖޭގެ ތާރީޚުގެ ފަތްފުއްތަކުން ޖާގަހޯއްދެވި ލީޑަރުންގެ ނަންފުޅުތައް ފާހަގަ ކުރެވެއެވެ. އެ ޚާންދާނަށް ނިސްބަތްވާ 12 ރަސްކަލަކު ހިމެނިގެންވާއިރު އެތައް ބޮޑުވަޒީރުންނަކާ އަމީރުންނެއް ޤައުމީ ޚިދުމަތަށް އުފަންވެފައި ވެއެވެ. ނަމަވެސް މިލިއުމުގައި މިބަލާލަނީ ހުރާދަރިކޮޅުން އުފަންވި އަލިގަދަ ތަރިންތަކުގެ މިޒަމާނަށް އައިއިރު އެބޭފުޅެއްގެ ޚިދުމަތް ޤައުމުގެ ކަންކޮޅުތަކުގައި އެތައް ރޮނގުތަކަކުން ފެންނަންހުރި ފަޚުރުވެރި ލީޑަރު މިޙުއްރިއްޔަތުގެ ބާނީ ކަމުގައިވާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޤައުމީ ޚިދުމަތްތަކުގެ ތެރެއިން ސިފައިންގެ ޚިދުމަތުގެ މައްޗަށެވެ.
ހުރާގޭ ޚާންދާނަށް ވިސްނާލުމުން ސިފަވެގެންދަނީ ތަފާތު ތިންނާރެހެއްގެ މައްޗަށް ފެތުރިގެން ގޮސްފައިވާ ފަދައިންނެވެ. އަލްއަމީރު މުޙައްމަދު އަމީނަކީ، ހުރާ ދޮންމަރުދުރު ފަޑިއަތްކަލޭފާނު (ފަޑިއްކަލޭފާނު)ގެ، އިބްރާހީމް އެދުރުތަކުރުފާނުގެ، ބޮޑުމުރީދުތަކުރުފާނުގެ، ޙުސައިން ދޮށިމޭނާކިލެގެފާނުގެ، އަޙުމަދުދޮށިމޭނާ ކިލެގެފާނުގެ، ޢަލިދޮށިމޭނާކިލެގެފާނުގެ، އިބްރާހީމް ބޮޑު ދޮށިމޭނާކިލެގެފާނުގެ، އަޙުމަދު ދީދީ ކުޑަދޮށިމޭނާ ކިލެގެފާނުންގެ ދަރިކަލުން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މަންމާ ފުޅަކީ ރޯނުގޭ އިބްރާހީމްދީދީގެ ޢައިޝާދީދީއެވެ.
މިޚާންދާނަށް ނިސްބަތްވާ މިހާގިނަ ދޮށިމޭނާކިލެގެއިން ހިމެނިވަޑައިގަންނަވާތީ ދޮށިމޭނާއަކީ ކޮބައިތޯ ބަލާލުން މުހިންމު ކަމުގައި ދެކެމެވެ. ކިލެގެކަމުގެ ޢިއްޒަތަކީ ކޮއްޔެއްލެވިގެން ދެވޭ ޢިއްޒަތެކެވެ. ދޮށިމޭނާ ކިލެގެފާނަކީ ފަންސަ ފުރަދާނައިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެއީ ރަސްކަމުގެ ދަރުބާރުގައި އެންމެ އިސް ފަސް ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްވަޒީރަކަށް ކުރިން ދެވޭ މަޤާމެކެވެ. އެމަޤާމަކީ ދިވެހި ލަޝްކަރުގެ ހަވަރުގެ ތެރެއިން އިސްތިންވަރުގެ ތެރޭގައި ހިމެނޭ ދޮށިމޭނާވަރުގެ ވެރިޔަކަށް ދެވޭ މަޤާމެކެވެ. ދިވެހި ލަޝްކަރަށް ކީރިތި މަހާރަދުންގެ އަމުރުފުޅު ނުވަތަ ވިދާޅު ބަސްފުޅު އަންގަވާނީ ދޮށިމޭނާވަރުގެ އިސްވެރިޔާ ދޮށިމޭނާކަން ދެއްވާފައިހުންނަ ބޭފުޅެކެވެ. މިހާރުގެ ނަމަ ޑިފެންސް މިނިސްޓަރެވެ. ނަމަވެސް ތަފާތަކީ ކުރީޒަމާނުގައި އެއީ ވަޒީރުންގެ ތެރޭގައިހިމެނޭ އެންމެ އިސް ފަސް ވަޒީރުންކުރެ ވަޒީރަކަށް ވާކަމެވެ. އެހެންކަމަށްވާތީ ޤަބޫލުކުރެވެނީ، ޙުސައިން ދޮށިމޭނާކިލެގެފާނުންނަށްފަހު ދެން އެތިއްބެވި 6 ބޭފުޅުންނަކީ (މުޙައްމަދުއަމީންވެސް ހިމަނައިގެން) އެކިޒަމާންތަކުގައި ދިވެހި ލަޝްކަރުގެ އެންމެ އިސް މަޤާމް ތަކުގެ ތެރެއިން މަޤާމެއް ފުރުއްވި ބޭފުޅުންކަމުގައެވެ.
އަލްއަމީރު މުޙައްމަދު އަމީނު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 13 ރަޖަބު 1328ހ. ( 20 ޖުލައި 1910މ.) ގައެވެ. ދިނީ ތަޢްލީމް ޙާސިލްކުރެއްވީ އަލްފާޟިލް ބުޗާ ކަޅުހުއްތުއާއި، އައްޝައިޚް މަލިމްމޫސާ މާފަތް ކަލޭފާނާއި، ފަޟީލަތުއްޝައިޚް ޙުސައިންރަހާގެ އަރިހުންނެނެވެ. އިނގިރޭސި ބަސް އުގެނިވަޑައިގަތުމަށް ފެއްޓެވީ އޭނާގެ ބައްޕާފުޅު އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ އަރިހުންނެވެ. އުމުރުފުޅުން 10 އަހަރުގައި އިނގިރޭސި ތަޢުލީމް ހޯއްދެވުމަށް ސިލޯނަށް ވަޑައިގެން ސެންޓް ޖޯޒަފް ކޮލެޖަށް ވަދެވަޑައިގަތެވެ. އިނގިރޭސި ތަޢްލީމަށް ފަހު އިތުރަށް ތަޢްލީމް ޙާސިލްކުރެއްވުމަށް އިންޑިޔާއަށް ވަޑައިގެން އަލީގަޅު ޔުނިވަރސިޓީއަށް އެތަނުން މެޓްރިކިއުލޭޝަންގެ އިމްތިހާނުން ފާސްވެ ވަޑައިގެންނެވިއެވެ.
އަލްއަމީރު މުޙައްމަދު އަމީންދީދީ ފުރުއްވި މަޤާމްތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ އެކުލަވާލި ޤާނޫނުއަސާސީގެ މެމްބަރުކަމާއި، ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި، ކަސްޓަމާއި ޕޯސްޓް އޮފީހުގެ ވެރިކަން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ އުފެދުނު ޤާނޫނީ ޙުކޫމަތުގައި ވަޒީރުއްތިޖާރާ ގެގޮތުން އެސަރުކާރުގައި ހިމެނި ވަޑައިވަތެވެ. އޭގެ އިތުރުން ވަޒީރުލް މަޢާރިފްކަމާއި، މަޙްކަމަތުލް އަޝްޣާލުގެ ވެރިކަމާއި، ކާތިބުއްސިއްރުކަމާއި، ކަސްޓަމާއި ޕޯސްޓްއޮފީހުގެ ވެރިކަމާއި، ރައްޔިތުންމަޖިލީހުގެ މެމްބަރުކަމާއި، ޒަޢީމްކަމާއި، ވަޒީރުލްޚާރިޖިއްޔާކަމާއި، ވަޒީރުލްދާޚިލިއްޔާކަންހިމެނެއެވެ. އަލްއަމީރު މުޙައްމަދު އަމީނު މަޙްކަމަތުލް އަމްނައާންމުގެ ވެރިކަމަށް އިސްކުރެވުނީ 31 ޖެނުއަރީ 1942 ގައެވެ. ވަޒީރުލް އަޢްޡަމް ކަމާއި ސިފައިންގެ އެންމެމަތީ ވެރިކަން ލިބިވަޑައިގަތީ 29 އޮކްޓޯބަރ 1944 ގައެވެ. މީގެ އިތުރުން ރާއްޖޭގެ ތަޢުލީމް ފުޅާދާއިރާއެއްގައި ފެތުރުއްވުމަށްޓައި ރާއްޖެތެރެއިން ޚާއްޞަ ކުދިންގެ ނަމުގައި، ކޮންމެ އަތޮޅަކުން ދެޖިންސުގެ ޒުވާނުން ގެނެސްގެން ކޮށްދެއްވި މަސައްކަތްޕުޅުގެ އިތުރުން، މާލޭގައި ކުދިންނަށް ތަޢްލީމު ދިނުމުގައި އާނިޒާމްތަކެއް އާގޮތްތަކަކަށް ފަށްޓަވައިދެއްވައި މިއަދާހަމައަށް އެނިޒާމްގެ އުސްކުރިބޯށިތައް ފެންނާނެ ގޮތެއްގައި އެކުރެއްވި ޚިދުމަތަކީ މިޤައުމު އަބަދަށްޓަކާ އެމަތިވެރި ޚިދުމަތަށް ދަރަނިވެރިވެފައިވާ ޚިދުމަތްތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. މިޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރެއްވުމަށް ކުރެއްވި މަސައްކަތް މުޙައްމަދުއަމީނަށް މުހިންމުވީ މިންވަރު މަޒްމޫނެއްގައި އިންސާނާ ސިފަކުރައްވާފައިވާ ގޮތުން ދޭހަވެހެއެވެ. އެމަޒްމޫނުން ކުޑަތަން ކޮޅެއް ހިމަނާލާނަމެވެ. [ އިންސާނާއީ، މާތްރަސްކަލާންގެ ކުޅަދުންވަންތަވެރި ކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ކަލާންގެ ޙުކުމްތެރިވަންތަ ކަމުގެ އެންމެ އުޖާލާ ދަލީލެވެ. ބުއްދިއޭ ކިޔާ މާތްޖައުހަރުގެ ފަޚުރުވެރި ވެރިޔާއެވެ. ދުނިޔޭގެ ޢިމާރާތުގެ މާވަޑިޔާއެވެ. ޤައުމުތައް ތަމައްދުންނާ ތަހުޒީބުގެ މަގުން ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ މީހާއެވެ. ]
ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ސިފައިންގެ ޚިދުމަތަށް ބަލާއިރު ސިފައިންގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ބިރުވެރި ވިލާގަނޑެއްގެ ހިޔަނި މިރާއްޖޭގެ މައްޗަށްވެސް އެޅިފައި އޮތް ތަދު ދުވަސްވަރެކެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހި އުނު އޮރިޔާން ނިވައިކުރުމަށްވެސް ނުކުޅެދިފައި ތިބި ދުވަސްވަރެއްގައެވެ. ހައިހޫނުކަމުގެ ސަބަބުން ފަރުދުންގެ ޙާލަތު މުޖުތަމަޢުގެ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތް ދުވަސްވަރެއްގައެވެ. މަޖުބޫރުންވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހެންމީހެއްގެ މިލްކުގައިވާއެއްޗެއް ހިފައި އަނެކާއަށް ފޯރުކޮށްދޭން ޖެހިފައި އޮތް ދުވަސްވަރެކެވެ.
މިފަދަ ނާޒުކު ފައްތަރެއްގައި ޤައުމު އޮތް އިރުވެސް އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއެކު ގައުމަށް ގެންނަން ބޭނުންފުޅުވި ތަރައްޤީގެ ތެރެއިން ސިފައިންނަށްވެސް އެކަށީގެންވާ ބޮޑު ބަދަލުތަކެއް ގެންނަވައި ސިފައިންގެ ޝަޚްސް ބިނާކުރެއްވުމަށް ގިނަ ގުނަ ކަންތައް ތަކެއް ކުރެއްވިއެވެ. އެގޮތުން 1945 ވަނައަހަރުގެ އޯގަސްޓްމަހުގެ 15 ވަނަދުވަހު ސިފައިންގެ ޔުނިފޯމް ކާކީ ޔުނިފޯމަށް ބަދަލު ކުރެއްވިއެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުން ފާހަގަ ކުރުމުގެ ގޮތުން އެދުވަހު ސިފައިންގެ ރޫޓްމާޗެއް މާލޭގެ ކޮލިހިނގާމަގުތަކުގައި ބޭއްވިއެވެ. މިއީ ރޫޓްމާޗްގެ ސިލްސިލާ ފެށުނު ހިސާބު ކަމުގައި ބެލެވެއެވެ. އެރޫޓްމާޗްގައި ސިފައިންގެ ވެރިޔާ މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވީ ސިފައިންގެ އެންމެމަތީވެރިޔާ ޔުނީފޯމް ގައެވެ. ރޫޓްމާޗް ކުރިއަށް ދިޔައިރު އެމަނިކުފާނު ވަޑައިގެންނެވީ ރޫޓްމާޗާ އެއްވަރަށް ބައިސްކަލްކޮޅުގައެވެ. އެޒަމާނަކީ ސްކޮޓްކާރެއް ނުވަތަ އެފަދަ އެހެންވެސް ފުޅަނދެއް ނުވަތަ އުޅަދެއްވެސް އޮތް ދުވަސްވަރެއް ނޫނެވެ.
ސިފައިން އުފެދިގެން 55 ފަސްއަހަރު މާޒީއާއެކުވެ ދިއުމަށްފަހު ސިފައިންގެ އަހަރީދުވަހެއް ފުރަތަމަ ފާހަގަ ކުރެއްވީވެސް ސުމުއްވުލްއަމީރު މުހައްމަދުއަމީން ދޮށިމޭނާ ކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 16 ރަޖަބު 1366 ހ. ( 6ޖޫން 1947މ.) ގައެވެ. އެދުވަސް ހިމެނިގެން ދިޔައީ ސިފައިންޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހެއްގެ ގޮތުގައެވެ. ސިފައިންގެ ފުރަތަމަ އަހަރީދުވަހުގެ މުނާސަތުގައި ސިފައިންގެ ފުތަމަ ބަޑިމުބާރާތް މާލެއަތޮޅު ދޫނިދޫގައި ބޭއްވިއެވެ. މިމުބާރާތުގައި ސިފައިންގެ އެންމެން ބަޑިޖެހިއެވެ. މިމުބާރާތުގައި ސިފައިންގެ ވެރިޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމުބާރާތުގައި 1 ވަނައަށް ހޮވުނު ބަޑިޖެހުން ތެރިންނަކީ، ސިފައިންގެ އޮފިސަރ ބަންދު މުހައްމަދުކަލޭފާނާއި ޅަރީތި ދޮންތުއްތުއެވެ. ދެވަނައަށް ހޮވުނު ބަޑިޖެހުންތެރިންނަކީ ސިފައިންގެ ވެރިޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން އާއި މޫސާކަލޭފާނު ދޮންތުއްތުއެވެ. ތިންވަނައަށް ހޮވުނު ބަޑިޖެހުން ތެރިންނަކީ ކެއުޅުގޭ ޢަލިފުޅާއި ނާއިބުގޭ ޅަހުއްތުއާއި، އޮގަރު ކަޅުހުއްތުއެވެ. އަދި އޭގެ 4 އަހަރު ފަހުން 1370 ވަނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހުގެ ބަޑި މުބާރާތުގައި މުޙައްމަދު އަމީންދީދީ 12 ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބައިގަ ހިމެނި ވަޑައިގެންނެވިއެވެ.
އޭގެ އިތުރުން ބޭންޑާއެކު ފުރަތަމަ ފަހަރަށް ރޫޓުމާޗެއް ބޭއްވުމެވެ. އަދި ސިފައިންގެ ފުރަތަމަ ދިދަ (ފެހިކުލަ ، ނޫކުލަ، ހުދު ކުލައިގެ ދިދަ) ސިފައިންނަށް ދެއްވީ އެދުވަހު ހެންވޭރު ރަސްމީ ބޯޅަ ބިމުގައި އޮތް ރަސްމިއްޔާތުގައެވެ. އަދި ސިފައިންގެ ފުރަތަމަ ލަވަ [ ލެފްޓްރައިޓް ކުރިޔަށް ފައިގެންދަމާ ފައިއަޅާ ޗާލޫވާހެން] މިލަވަ ފުރަތަމަ ފަހަރަށް ކީވެސް އެދުވަހުގެ ރޫޓް މާރޗްގައެވެ. އެދުވަހުގެ މުނާސަބަތުގައި ރަގަބީ މެޗެއް ސިފައިންގެ ކަޅުދަންފަޅިއާއި ރަތްދަންފަޅީގެ ދެމެދުގައި ކުޅެވުނެވެ.
ސިފައިންގެ ވެރިޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެފާނުގެ ޚިދުމަތުގެ މައްޗަށް އިތުރަށް ބަލާއިރު ދެން ފާހަގަ ކުރެވޭ އަނެއްކަމަކީ ސިފައިންގެ ބޭންޕާޓީ ވުޖޫދަށް ގެންނެވުމެވެ. އެގޮތުން 1948 އާއިހަމައަށް އޮތް ބެރުދުންމާރި ތާޅަފިލިވެރިންގެ ތެރެއިން ބޭންޑަށް ބަދަލުވަން އެދޭ މީހުންނާއި އަދި އާންމުންގެ ތެރެއިން މިއުޒިކަށް ޝައުޤުވެރިކަން ހުރި ބޭފުޅުންކޮޅެއް ހިމަނުއްވައިގެން ސިފައިންގެ ބޭންޑް އުފައްދަވާ ފައިވަނީ 12 މެއި 1948 ގައި ކަމަށް ލިޔުންތަކުން ފެނެއެވެ. އަދި ޖެހިގެން އައި 1949 ވަނައަހަރު ދައްޕަރު މޫސާމަނިކާއި ޓިނުއަލިފުޅާއި ބަންދު މޫސާފުޅު ބޭންޑްދަސްކުރަން ކަލްކަތާއަށް ފޮނުއްވިއެވެ.
1948 ވަނައަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހަކީވެސް މުޙައްމަދު އަމީނުގެ ސިފައިންގެ ވެރިކަމުގައި ސިފައިންގޭގައި ވަރަށް މުހިންމު ކަންތައްތަކެއް ހިނގާދިޔަ ދުވަހެކެވެ. ސިފައިންނާއި ސިފައިންގެ އޮފިސަރުން ފުރަތަމަ ހުވާ ކުރުން އެދުވަހު އޮތެވެ. އަދި ދިވެހި ސިފައިންގެ ފުރަތަމަ އައްޑަނަ ނުވަތަ ސިފައިންގެ ފުރަތަމަ ބެޖު ސިފައިންނަށް ދެއްވުން އޮތެވެ.
މިދުވަސްވަރު ސިފައިން ކުރިއެރުމަށްޓަކާ ކުރެއްވި މަސައްކަތް ތަކުގެ ތެރޭގައި ފާހަގަ ކުރެވޭ އަނެއްކަމަކީ ކުރިން ސިފައިންގެ ތެރޭގައި ބައަކު އަމިއްލައަށް ފަށައިގެން ކުރަމުންދިޔަ ހެދިބިލެތް، ބިޑި، ސުއްޓާ ސައިބޯނިފަދަ ތަކެތި ވިއްކުމުގެ ގޮތުން ކުރަމުންދިޔަ ވިޔަފާރި، އެއީ ހުރިހާ ސިފައިންވެސް ބައިވެރިވާ ކަމެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ފުދުންތެރިކަން ހުރި މިންވަރުން -/10ރ އަށް ހިއްސާއެއްގެމަގުން ހިއްސާގަނެގެން ހުރިހާ މީހުންނަށް ބައިވެރިވެވޭނޭގޮތް ހަމަޖައްސަވައި އެތަނަކީ ހުރިހާ ސިފައިންގެ މީހުންގެ ތަނެއްގެ ގޮތުގައި، ސިފައިންގެ ކާކީ ޔުނިފޯމަށް ނިސްބަތްކޮށް [ ކާކީ] ގެ ނަމުން ނަންދީގެން ކުރިއަށް ގެންދިއައެވެ. ކޮންމެ މީލާދީ އަހަރެއް ނިމުމުން ހިސާބުކޮށް ފައިދާލިބުނު މިންވަރެއްބަލައި ފައިދާ ބަހަމުން ގެންދެވިއެވެ. މިއީ މިހާރުގެ ސިފްކޯގެ ފެށުމެވެ.
ކުޅިވަރުގެ މައިދާނަށް ބަލާލިއަސް ފުޓްބޯޅައާއި ރަނގަބީ އާއި ހޮކީ ފަދަ ކުޅިވަރުތައް ކުޅުމުގެ ފޯރީގަދަ ރޫޙު ސިފައިންގެ ތެރޭގައި އުފެއްދެވި ބޭފުޅަކީ، މުޙައްމަދު އަމީނުކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ކަޅުދަންފަޅިއާ ރަތްދަންފަޅީގެ މެދުގައި ވާދަވެރި ރޫޙު އުފެއްދެވިއެވެ. ހުދާއި ކަޅުގެ ކުޅިވަރު ހެދުމުގައި ކުޅުއްވި ބޭފުޅުންގެ ތެރޭގައި ސިފައިންގެ ވެރިޔާ މުޙައްމަދު އަމީން ހިމެނި ވަޑައިގެންނަވައެވެ. މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން، ޓީމުގެ ތެރޭގައި އެއްބައިވަންތަކަމާއި، ޤައުމީ ރޫޙާ ޤައުމީ ޖޯޝްއުފައްދަވައި، ސިފަވަންތަކަން އާލާ ކޮށްދެއްވިއެވެ. ޤައުމީ މަރުކަޒުގެ އެކިއެކިކަންކަން ހިނގާ ގޮތް ލިޔާފޮތުން ފެނިފައިވާ ލިޔުމެއްގައިވާގޮތުން 2 ޖުމާދަލްއާޚިރު 1369ހ. (1950) ގައި މާލޭގެ 4 އަވަށުގެ ކުޅިވަރު ކުލަބާއި ސިފައިންގެ ކުލަބް ހިމެނޭ މުބާރާތްތައް ހިންގެވިއެވެ. މިކަމުން އެނގެނީ އެޒަމާނުގައި ވެސް އަވަށުގެ ނިސްބަތުގައި ސިފައިންގެ ތެރޭގައި ކުޅިވަރުގެ ރޫޙާއި ފޯރި އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމެވެ.
1948 ވަނައަހަރު ނޮވެމްބަރ 18 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ޤާނޫނު (ނަމްބަރ 68/ 1) [ދިވެހި ދަޢުލަތުގެ ރަސްމީ ލަޤަބްތައް] ގައި އަސްކަރީ ޚިދުމަތަށްޓަކައި މެޑެލް ދެވޭނެކަމަށް ކަނޑައެޅިފައި އޮތުމާއެކު އެޤާނޫނުގެ ދަށުން ސިފައިންގެ އިސްބޭފުޅުންނަށް މެޑެލް ދެއްވީވެސް އެމަނިކުފާނުގެ ސިފައިންގެ ވެރިކަމުގައެވެ. އެގޮތުން [އަސްކަރީ ޢިއްޒަތްތެރިވެރިކަމުގެ މެޑެލް] އާއި [ޢަސްކަރީ ރިހިމެޑެލްގެވެރިކަން] މުޙައްމަދު އަމީން ދީދީއަށް އެރުވުނެވެ. އަދި ބަންދު މުހައްމަދު ކަލޭފާނާއި އިބްރާހީމް މުޙައްމަދުދީދީއަށްވެސް މެޑެލް ދެވުނުކަން ތާރީޚުން އެގެއެވެ. ނަމަވެސް އޭގެ ކުރިން އެފަދަ ޤާނޫނެއް އުފަން ނުވިނަމަވެސް މެޑެލް ދެވިފައިވާކަން ބައެއް ފޮޓޯއިން ފެންނަން އެބަހުއްޓެވެ. އެއީ 1930ގެ އަހަރުތަކުގެ ތެރޭގައި އަލްއަމީރު މުޙައްމަދުފަރީދު ދީދީގެ ކޮމާންޑަރުކަމުގައި އެމަނިކުފާނު ރަސްމިއްޔާތަކަށް ތައްޔާރުވެ ވަޑައިގެން ނަންގަވާފައި ވާފޮޓޯއެއްގައި އެމަނިކުފާނުގެ ޔުނިފޯމްގައި ތިންމެޑެއްޔެއް ހަރުކުރެވި ފައިވާތީ ފެނެއެވެ. އެއީ ކޮން ގޮތަކަށް ދެވުނު ކޮންނަމެއްގައި ދެވިފައިވާ މެޑެލްތަކެއްކަމެއް އަދި އެގިފައެއް ނެތެވެ. 1985ގައި ސިފައިންނަށް ޝަރަފުގެނިޝާންދެއްވުމަށްވެސް ބައްލަވާފައިވަނީ ޤާނޫނު ނަމްބަރ 68/1 އަށެވެ.
މިގެ އިތުރުން އުތުރު ގަޑުބަޑުގެ ދުވަހުގައި ދައުލަތް ހިންގަވާ ވެރިއެއްގެ ހައިސިއްޔަތުން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އެވެ. ޢުމްރާނީގޮތުންނާއި ރަށްވެހިކަމުގެ ގޮތުންވެސް އަދި ސިފައިންގެ ވެރިއެއްގެ ހައިސިއްޔަތުން ސުމުއްވުލްއަމީރު މުޙައްމަދުއަމީން ދޮށިމޭނާ ކިލެގެފާނަކީ ފަނޑުވުމެއްނެތް މަތިވެރި ޚިދުމަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރިން ހުރި ބޮޑުބަނޑޭރިގޭގެ ބަދަލުގައި މިހާރު އެހެރަ ބަނޑޭރިގޭ އާއިމާރާތް ދެބުރިއަށް ހެއްދެވި ބޭފުޅަކީވެސް އެއިރުގެ އެހަނދާންކިރިޔަ ކިރިޔާވެލައްވާ ލެފްޓިނެންޓް ރިޓަޔަޑް ސ. ކުޑަދޮންމަނިކު ވިދާޅުވިއެވެ. މިނޫންވެސް މިފަދަ ކިތަންމެ ކަމެއް އެމަތިވެރި ޚިދުމަތްތެރިޔާގެ ޚިދުމަތުގެ ގޮތުގައި ލިޔެވިދާނެއެވެ. އެމަތިވެރި ޚިދުމަތްތަކަކީ ދިވެހި ޖައްވުން ދުވަހަކު ފިލައިގެންނުދާނެ މަތިވެރި ޚިދުމަތް ތަކެއްކަމާމެދަކު ޝައްކެއްނެތެވެ.
މައުލޫމާތު:
- ހަނދާނާ ތާރީޚަށްޓަކައި ދިވެހިރާއްޖެ 1981
- ތާރިޚްގެ ތެރެއިން ދިވެހި ސިފައިން 1990
- ތަރައްޤީގެ ދުވެލި 2008
- ހިޖުރީ ސާދަވަނަ ސައްތައަށް ބަލާލުމެއް 1986
- އިއްޔެމަޖައްލާ 2007
- ސަރުކާރުޚަބަރު.
- އެކިއެކިކަންކަން ހިނގާގޮތް ލިޔާފޮތް.
- މަޖީދިއްޔާ ފުރަތަމަ ފަންސަވީސް. 1992
