ކ.ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށްވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގާލާއިރު މިމަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މިރަށް ބޭނުން ކުރެއްވިއެވެ.

އެއަށްފަހު ބޭރުގައުމަކުން ރާއްޖެއަށް ފުރަތަމަ ކަޑައެޅުއްވި ސަފީރަކީ އިނގިރޭސި ސަރުކާރުން ކަނޑައެޅުއްވި ސަފީރު މރ.އާރތިންގ ޓަންޑޭވީ އެވެ. އެއީ މީލާދީން 1960 ވަނަ އަހަރުގެ މެދެއްހަ ހިސާބުގައެވެ. މީނާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ހުންނެވުމަށް ހަމަޖެހުނު ފުރަތަމަ ސަފީރުވެސް މެއެވެ. މީނާ ފުރަތަމަ ހުންނެވީ މުލީއާގޭގައެވެ. ނަމަވެސް މާގިނަދުވަސްތަކެއް ނުވެ މީނާ ހުންނަވާ ތަނަކީ ދޫނިދޫކަމުގައި ހަމަޖެހިގެން މިރަށަށް ބަދަލުވިއެވެ. ދޫނިދޫގައި މިސްޓަރ ޑޭވީ ހުންނެވީ ދޫނިދޫ ގަނޑުވަރު ކިޔާ ޢިމާރާތެއްގައެވެ. ދޫނިދޫގައި މިދެންނެވި ސަފީރު ހުންނެވި ގަނޑުވަރު އެކިދުވަސްވަރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އެކިކަހަލަ ކުދިކުދި ބަދަލު ގެނައުމުގައިވެސް މިއަދާހަމައަށްވެސް އެތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް އެތަން ބެހެއްޓިފައިވެއެވެ. އަދި މިގަނޑުވަރު ސިފައިންނާއި ފުލުހުންގެ އޮފިސަރުން ފެށިގެން މަތީގެ ބޭބޭފުޅުންގެ އާއިލާއާއެކު ޕިކްނިކް ހޭދަކޮށްލަ ތަނެއްގެ ގޮތުގައިވެސް ބޭނުން ކުރެވުނެވެ.

ދިވެހިން މިނިވަންކަން ހޯދަން ކުރި މަސައްކަތުގައި އިނގިރޭސި ސަފީރަށް ފާޅުކުރި ނުރުހުމުގެ ޝުޢޫރުތައް ފާހަގަކުރުމުގެ ގޮތުން ދޫނިދޫ ވަށައިގެން ރޭގަނޑު ބިރުގެންނެވުމުގެ ދަތުރުތައް ކުރިއެވެ. އަދި ހަމަ ރޯމާ ދުވާލު މާލޭގެ ފަޅުތެރޭގައި ހުރި ދޯނިފަހަރު ކަނޑާލައިގެން އަންހެނުން ފަލިޖަހާފައި ދޫނިދޫއަށް ގޮސް ޤައުމީ ޝުޢޫރުތައް ފާޅުކުރުމުން ގެންގޮސްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ދިވެހި އަންހެނުން ކުރި ފުރަތަމަ މުޒާހަރާއެވެ. މިކަންތައް ހިނގީ 16 ނޮވެމްބަރ 1962 ވަނަ އަހަރުއެވެ. މިކަހަލަ ކަންތައްތައް ބޮޑުވެގެން ދިއުމާއިގުޅިގެން އަދި ދިވެހިން ނިކުމެ ހުޅުލޭގައި އިނގިރޭސިންގެ ބޭނުމަކަށް ހަދާފައި އޮތް ރަންވޭ ހަލާކުކޮށްލުމާއެކު މރ.ޑޭވީ އާއި އޭނާގެ ސްޓާފުން ދޫނިދޫގައި ވަރަށް ބޮޑަށް ދަތިހާލުގައި އުޅުނުކަމަށް ވެއެވެ. އަދި އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެފަދަ ސާމާނު މަތިންދާ ބޯޓެއްގައި ގެނެސް ދޫނިދޫއަށް އެޅިކަމަށްވެސް ވެއެވެ. އެންމެފަހުން ދިވެހިންގެ އުދަގޫތައް ބޮޑުވެގެން މރ.ޑޭވީ އާއި އޭނާގެ ސްޓާފުން ގޮވައިގެން އައި މަނަވަރުގައި ތިބެފައި ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން ރާއްޖެ ދޫކޮށް ދިޔައީއެވެ. އަދި މިމީހުން ދެވަނަ ފަހަރަށްވެސް އަތުވެދާނެކަމަށް ވިސްނާ ދޫނިދޫގައި ހުރިހުރިހާ ރުއްގަހެއް ކަނޑައި ރަށް ސާފުކޮށް ހުސްބިމަކަށް ހަދާ ރަށް ނެތިކޮށްލުމަށް މަސައްކަތް ކޮށްފައިވެއެވެ. މިހާރު ދޫނިދޫގައި ހުރި ރުއްގަހަކީ ކ.ވިލިނގިލިން ގެނެސް އިންދިފާވާ ރުއްގަސް ކަމުގައިވެއެވެ. އަދި ރާއްޖޭގެ މައިގަނޑު އާމްދަނީ ކަމުގައިވާ މަސްވެރިކަން ދަށް ދުވަސްވަރު ޚިޖުރީމަހުގެ ފުރަތަމަ ހުކުރު ދުވަހު ދޫނިދޫގައި ހުންނަ ޒިޔާރަތް ދޮށުގައި “ ކަންޒޫރީ“ ކިޔުން ބާއްވާކަން ކުރީގެ ތާރީޚް ތަކުން އެގެއެވެ.

ދޫނިދޫގައި އެންމެ ފުރަތަމަ ސިފައިން ތިބެންފެށީ 1943 ވަނަ އަހަރު އިނގިރޭސިން ވަޔަރލެސް ސްޓޭޝަނެއް ބެހެއްޓުމާއި ގުޅިގެން އެތާރީޚުން ފެށިގެންނެވެ. ދޫނިދޫގައި އެކިފަހަރު މަތިން ސިފައިން ތިބެމުން އައިސް ދާއިމީކޮށް ސިފައިން ތިބެންފެށީ ރާއްޖެއަށް ކުލީ ސިފައިން ގެނައި ބަޣާވާތުގައި ހައްޔަރު ކުރި މީހުން ބެލެހެއްޓުމަށް އައި ސިފައިންގެ މީހުން އައި ތާރީޚުން ފެށިގެންނެވެ. އޭރު ސަރުދާރުންގެ ގޮތުގައި ތިއްބެވީ ކޯޕްރަލް އާދަމް އިބްރާހިމް އާއި ލ.ކޯޕްރަލް ޢަބްދުއްލަތީފް މުހައްމަދެވެ. އޭރު ދޫނިދޫގެ މަސައްކަތްތައް ހިގަމުންދިޔައީ ޑިއުޓީ ސެކްޝަންގެ ދަށުން އެތާގާ ހުންނަވާ އޮފިސަރެއްގެ މަޝްވަރާގެ މަތިންނެވެ. އޭރު ދޫނިދޫ ހިނގަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ. އަދި ދޫނިދޫގެ ނަމަށް “ދޫނިދޫ އެން.އެސް.އެސް“ މިނަން ދެވުނެވެ.

ދޫނިދޫގައި ސިފައިން ތިބެން ފެށުމާއެކު ސިފައިންގެ އަސްކަރިއްޔާގެ އެކިއެކި ހަރަކާތްތައް ދޫނިދޫގައި ހިންގަން ފެށުނެވެ.  އެގޮތުން ބަލާއިރު  އެންމެ ފުރަތަމަ ސިފައިންގެ ބަޑިމުބާރާތެއް ބޭއްވިފައިވަނީ 1947 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވަނަ ދުވަހު ދޫނިދޫގައެވެ. މި ބަނޑި މުބާރާތުން 01 ވަނަ ހޯއްދަވާފައިވަނީ އެދުސްވަރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންކަމުގައިވާ ބަންދު މުޙައްމަދު ކަލޭފާނާއި، ޅަރީތި ދޮންތުއްތު އެވެ. އަދި 02 ވަނަ މަޤާމް އަލްއަމީރު މުޙައްމަދު އަމީން ދީދީ އާއި މޫސާ ކަލޭފާން ދޮންތުއްތު ހޯއްދެވިއިރު 03 ވަނަ، ކެޔޮޅުގެ ޢަލި ފުޅާއި، ނައިބުގެ ޅަހުއްތާއި ނައިބުގެ ކަޅުހުއްތު ވަނީ ހޯއްދަވާފައެވެ.

ދިވެހިތާރީހީ ފަތްފުށްތަކުން އެނގެން އޮތް ގޮތުގައި އެންމެފުރަތަމަ ދޫނިދޫގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދީދީ އެވެ. އެއީ 31 އޯގަސްޓް 1953 ވަނަ އަހަރުގައެވެ. މިތާރީޚުން ފެށިގެން އެކިދުވަސްވަރުގައި ދޫނިދޫގައި މީހުން ހައްޔަރު ކޮށްފައިވާކަމަށް ވެއެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ދޫނިދޫއަކީ ކުށްވެރިން ހައްޔަރު ކުރަމުން ގެންދާ ސިފައިންގެ އެއް ޖަލުކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.

ސިފައިން ގެ ބެލުމުގެދަށުން ދޫނިދޫ އެން.އެސް.އެސް ހިނގަމުން ދިޔަ ނަމަވެސް 1992 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި  ދޫނިދޫ އެން.އެސް.އެސްގެ ނަން  ދޫނިދޫ ޑިޓެންޝަން ޔުނިޓްގެ ނަމަށް ބަދަލުކުރެވުނެވެ. މިބަދަލާއެކު ދޫނިދޫ ގެ ފުރަތަމަ އޮފިސަރ ކޮމާންޑިންގ އަކަށް ލެފްޓިނަންޓް މުޙައްމަދު ޞާދިޤް ހަމަޖެއްސެވިއެވެ. އަދި  އޮފިސަރ ކޮމާންޑިންގ ގެ އެހީތެރިއަކަށް ވޮރަންޓް އޮފިސަރ ގްރޭޑް 2 އިބްރާހިމް ހަލީލް ހަމަޖެއްސެވިއެވެ.  ނަމަވެސް މިހާރު މިކިޔާ އެންސީއޯ އިންޗާޖް މިމަޤާމްގައި އެންމެ ފުރަތަމަ ދޫނިދޫގައި ހުންނެވީ ވޮރަންޓް އޮފިސަރ ގްރޭޑް 2 ސުލެއިމާން މަޙްމޫދެވެ.

ނަމަވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިގަމުން އައި ދޫނިދޫ ޑިޓެންޝަން ޔުނިޓް 01 ޖެނުއަރީ 1994 ވަނަ އަހަރުން ފެށިގެން ޕޮލިސް ހެޑްކްއޯޓަރޒްގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ.

ޝެއަރކުރެއްވުމަށް