ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސް ވަރެކެވެ. ހޫނު ކަމުން އަޅުގަނޑުމެން އުޅެނީ މެންދުރު ނުކައެވެ. އެހެނީ ކައިފިނަމަ ބޭރުންނާއި އެތެރެހަށިން އެއަރާ ހޫނާއި، އުދާހަށް ކެތްނުކުރެވޭތީއެވެ. ވާރޭ ކޮޅެއް ނުވޭހޭތާ ކެރި ގަނޑެއް، ކޮޅިގަނޑެއް ނާންނަތާ ވިލާގަނޑެއް ހިސާބު އިރު ދަށުން ނުހިނގާކަހަލައެވެ. މާލެ އާއި މުޅިރާއްޖެ ވަނީ ހިކި ހަނަފަސްވެ ހިރަފުން ފުރިފައެވެ.
އަޅުގަނޑުމެންގެ މުޅި އިޤުތިޞާދު އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް އެއެއްޗަކާއި ގުޅި ލާމެހިފައިވާ ކަނޑުގެ ގިރި ފަރުތަކާއި ހާހަލުގެ ރީތި މުރަކަތައް، އޭގެ ދިރުން ގެއްލި މުރަކައިގެ ބަގީޗާ ތަކުގެ ރީތި އެކި ކުލަ ކުލަތަށް ފަނޑުވެ އެ ނަލަނަލަ މުރަކަތަކަށް ހުދު ކުލަ ވެރިވަމުންދާ ވާހަކައަކީ އެދުވަސް ވަރު ޚަބަރު ތަކުން އެންމެ ގިނައިންއިވޭ އެއް އަޑުކަމުގައިވަނީ ވެފައެވެ. ގޭތެރޭގައި ފަންކާ ޖަހާލިއަސް ތިމާ ވަށައިގެން އެނބުރި ގަންނަނީ ހޫނުވައެވެ. އުދާސްކަމެވެ. ދެން ބޭރަށް ނިކުމެލިއަސް ވަކި ސަލާމަތެއް ނެތެވެ. ދުނިޔެ މައްޗަށް އެއްގޮތަކަށްވެސް ވައިރޯޅިއެއް ނުޖެހޭ ކަހަލައެވެ. މާލޭގައި ފެންނަންހުރި މަދު ގަސްތައްވެސް ހީވަނީ ފެންނަ ފެނުމަށް ޕްލާސްޓިކުން ހަދާހައިވާ އާރޓިފިޝަލް ގަސްތަކެއް ހެންނެވެ.
މިގޮތުގައި ދުވަސްތަށް ފާއިތުވަމުން ދެއެވެ. އެެއްދުވަހު ފަޖުރުން އަލިވެ އިރުގެ ރަން ދޯދިތަކާއި އެކު ފެނުން ތޮޅިލި ހިނދެއެވެ. އުދަރެސް މަތިން ފެންނަން ހުރީ ”ކޮތަރި“ ވިލާތަކެކެވެ. މެންދުރު ނުވަނީސް މި ކޮތަރި ވިލާތަށް އެކުލެވި ބޮޑެތި ވިލާ ގަނޑުތަކަށް ބަދަލުވިއެވެ. އަދި އެއަށްފަހު މާގިނައިރުތަކެއް ނުނަގާ ވިލާތަށް ކަޅު ބޯ ވިލާތަކަށް ބަދަލުވާން ފެށިއެވެ. މެންދުރުގެ އިރު އޭގެ ދިލަ ދޯދިތަކުން މީސްތަކުންނަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުންކަހަލައެވެ.
މެންދުރުން އަނބުރާލިތަނާހެން ކަނި ޖަހަން ފަށައިފިއެވެ. އަދި ހިސާހިތަކުން މިކަނިތަށް ހިމަފޮދު ވާރެއަށް ބަދުލުވިއެވެ. މާގިނައިރު ތަކެއް ނުނަގައެވެ. ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. މީސްތަކުން އުފަލުން ކޮޅުކޮޅު މައްޗަށް ހެލިފެލިވެ އުޅޭ މަންޒަރު ފެނެއެވެ. ”ވެހޭތާ ފެން ލިބިގަތުމަށް“ ފުރާޅުތަކަށް އަރާ އުޅުން މީހުންނަށް ޖެހުނީ ތާންގީއާއި ދިޔަދޮވި ގުޅާލުމުގެ ބަދަލުގައި ފުރަތަމަ ފުރާޅު ސާފުކުރުމަށެވެ. ފުރާޅުމަތީން ފައިބަނީ ހުދު ފޮނާއި އެއްކޮށް އަޅި ކުލައިގެ ކިލާ ފެނެއެވެ. އެހެން ކަމުން ފުރަތަމަ ލިބުނު ވާރޭ ފެންފޮދުން ޖެހުނީ ފުރާޅު ދޮވެ ސާފު ކުރުމަށެވެ. އަދި ކުރިއަށްއޮތް ރެއަށް ވާރޭ ފެންފޮދެއް ލިބިދާނެ ކަމުގެ ފެހި ސިގުނަލާއި އެކު ފުރާޅު ރަނގަޅަށްް ދޮވެ ތައްޔާރުކޮށް ދިޔަދޮވިތަކުން އޮހޭ ފެންތާނގީއާއި ގުޅާލީ ވާރޭ ވެހޭނެކަމުގެ ފޮނި އުންމީދުގައެވެ.
އަޅުގަނޑަށް ކުއްލި ހައިރާންކަމާއި ސިހުމެއް ގެނެސްދިނީ އެރޭގެ ރޭގަނޑުގެ ނާސްތާ ނިއްމާލުމަށްފަހު ގޭގެ އެންމެން ސިޓިންރޫމުގައި ޚަބަރު ބަަލަން އިންދާ މޫސުމް ކުރިއަށް ލަފާކުރާގޮތް މީޓިއޮރޮލޮޖީއިން ގެނެސްދެއްވި ގޮތަކުންނެއެވެ. ”މިއަދު މެދު ރާއްޖެތެރެއަށާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ކެރީގެ އަސަރުކުރި ނަމަވެސް ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތުގައި މުޅިރާއްޖެއަށް ވެސް މޫސުމް ރަނގަޅުވާނެއެވެ.“
”މޫސުމް ރަނގަޅު“ މީޓިއޮރޮލޮޖީއިން މާނަކުރިގޮތް އަޅުގަނޑަށް ވެސް ހަމަ ވަރަށް ރަނގަޅަށް އެނގި ބަޔާން ވެގެން ދިޔައެވެ. ނަމަވެސް ޝާއިރު ބުނާފަދައިން ”ރޯނެވަލުގަ ކުދި ފިޔޮށް ބޯނެ ފެނެއް ނުލިބުން، ހޯދި ފަހުން ނުލިބުމުން އޮވެ ރޯނެ ވަލުގަ ހިމަ އަޑުން“ (މޭނާ ހައްސާނުގެ ކަނބިއްޔާ ކަނބިއްޔަށޭ މަ މިގޮވަނީ) މި ލަވައިގަ އެ ބުނާ ކަނބިލިތަށް ފަދަ ހާލަތަށް އަޅުގަނޑުމެން ވެއްޓި މުޅި އިންސާނިއްޔަތު ފެނަށް ޖެހިފައި ވަނިކޮށް ”ވާރޭ“ ފެނުން މަޙުރޫމުވާނޭ ކަމަށް ލަފާކުރުމަކީ ”މޫސުމް ރަނގަޅު“ ވުން ކަމުގައި މާނަ ކުރެވޭނަމަ ދެންް ކަމެއް ގޯސްވީމާ ކިޔާނީ ކީކޭ ކަމެއް އަޅުގަނޑަށް ދަންނަވާކަށް ނޭގެއެވެ.
”މޫސުމް ރަނގަޅު“ ކަމަށް ވާނީ ހަމަ ވާރޭފޮދެއް ނުލިބުން ބާއެވެ. ނޫންނަމަ މި ހަނަފަސްކަން ފިލާ ބިންތަކާއި މީސްތަކުނާއި ވަލުޖަނަވާރާއި، ދޫނީ ސޫފާސޫތްޕާއި ގަސްގަހާގެއްސާއި، ނަޢަމް ސޫފިތަކާއި ޖުމުލަކޮށް މުޅި ތިމާވެއްޓާއި ތިމާ ވަށައިގެންވާ އެންމެހާ ދިރުންތަކަށާއި މުޅި މާހައުލަށް، އިލާހީ ރަޙުމަތެއްކަމުގައިވާ ވާރޭފެން ލިބި، އާރޯ ކަމާއި ދިރުން ލިބުމަކީ މޫސުމް ރަނގަޅުވުން“ ނޫން ބާއޭ އަޅުގަނޑު ހިތައް އަރަ އެވެ.
