ކަސޫރު އަކީ ޕަންޖާބުގެ ޕްރޮވިންސަކަށް ނިސްބަތްވާ ސިޓީއެކެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅޭ ބޯޑަރު ކައިރީގައިވާ މި ސިޓީއަކީ، ޕާކިސްތާނުގެ ސަތޭކަ ނުވަދިހަ ތިން މިލިއަން މީހުންގެ އާބާދީގެ ވިހި އިންސައްތަ މީހުން ދިރިއުޅޭ ސިޓީ ވެސް މެއެވެ. މި ސިޓީގެ މީހުންނަކީ މައިގަނޑުގެ ގޮތެއްގައި ޕަސްތުން ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ.

ޕާކިސްތާނުގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމަށްފަހު، ކުނިގޮނޑެއްގެ ތެރޭގައި އެއްލާލާފައި އޮއްވައި ފެނުނު ވާހަކަ އަޅުގަނޑުމެން ވާނީ އަޑުއަހާފައެވެ. ޒައިނަބު އަންސާރީ ނަމަކަށް ކިޔާ، މައުސޫމް ކުޑަކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކޮށް، މަރާލުމަށްފަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު ޚަބަރަކީ މުޅި ދުނިޔެ ސިއްސުވާލި ޚަބަރެވެ. ކަސޫރުއަކީ، ޒައިނަބު އެ ސިޓީއަކަށް ނިސްބަތްވާ ސިޓީއެވެ. ކުށުގެ ވެއްޓެކެވެ. ވަކިން ޚާއްޞަކޮށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެތައް ޒައިނަބެއްގެ ސިޓީ ވެސްމެއެވެ.

އެއީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހެވެ. ބަލާބެލުމަށް އެއީ ތުއްތު ޒައިނަބުގެ ޙަޔާތުގައި އާދައިގެ ދުވަހެކެވެ. ޒައިނަބުގެ މަންމައާއި ބައްޕަ ދިޔައީ ސައުދީ އަރަބިއްޔާގައި ޢުމްރާގެ އަޅުކަން އަދާކުރަމުންނެވެ. މި ދުވަސްވަރު ޒައިނަބު ދިރިއުޅެމުން ގެންދިޔައީ އޭނާގެ ބޮޑުބޭބެއެއް ކަމަށްވާ މުޙައްމަދު އަދުނާނު ކިޔާ މީހެއް ކައިރީގައެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ޒައިނަބު ޤުރުއާން ކިލާހަށް ދިޔައެވެ. މި ޤުރުއާން ކިލާހަކީ ޒައިނަބު ދިރިއުޅެމުންދިޔަ ގެއާ ކައިރީގައި ހުންނަ ގެއެއްގައި ހިންގާ ކުލާހެކެވެ. ޒައިނަބު މިގެއަށް ޤުރުއާން ކިޔަވަން ދަނީ އެކަންޏެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިދުވަހު، ޒައިނަބު ޤުރުއާން ކިޔަވަން ދިއުމަށްފަހު ވީގޮތެއްނޭނގި ގެއްލުނެވެ. މިކަމާ ގުޅިގެން، ޒައިނަބު ޤުރުއާން ކިޔަވަންދާ ގެއަށްގޮސް ހޯދަން ފެށިއެވެ. ކައިރި ގެތައް ބަލަން ފެށިއެވެ. މިހާ ހިސާބަށްކުރި މަސައްކަތުން އެއްވެސް ޚަބަރެއް ނުވުމުން ވަގަށްނެގީކަމަށް ބަލައި، ޒައިނަބުގެ ބޮޑުބޭބެ ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. މިހާ ހިސާބުން ޒައިނަބު ހޯދުމުގެ މަސައްކަތް އާއިލާއިން ވަރަށް ބާރަށް ކުރަމުން ދަނިކޮށް ގެއްލުނު ހިސާބުގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖަކުން ޒައިނަބު ފެނުނެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ޒައިނަބު ބޮޑު މީހަކާ އެއްކޮށް އަތުގައި ހިފައިގެން އެއްވެސް ހާސްކަމެއްނެތި ދާ މަންޒަރު ދައްކުވައިދެއެވެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި، އެއީ ބޮޑު ފިރިހެނެކެވެ. އާދައިގެ އިސްކޮޅެއްގެ މިމީހާ ހުންނަނީ ޖެކެޓެއް ލައިގެންނެވެ. މިއީ، ޒައިނަބުގެ އެންމެ ފަހުގެ މަންޒަރުތަކެވެ. އޭގެ ގާތްގަނޑަކަށް ހަފުތާއެއް ފަހުން، މަރާލުމަށްފަހު ކުނިގޮނޑަަަކަށް އެއްލާލާފައި އޮއްވާ ކުޑަ އަންހެން ކުއްޖަކު ފެނުނެވެ. މި ފެނުނު ކުޑަކުއްޖަކީ، ހޯދަމުންދިޔަ ތުއްތު ޒައިނަބުގެ ފުރާނަނެތް ހަށިގަނޑެވެ. ޒައިނަބުގެ ހަށިގަނޑު ފެނިފައިވަނީ ގެއްލުނު ހިސާބާ ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރު ހިސާބަކުންނެވެ. ޒައިނަބު މަރާލާފައި އޮއްވާ ފެނުނުއިރު އޭނާގެ ހަށިގަނޑުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ޒައިނަބު ޖިންސީ ޝިކާރައަކަށްވެ، ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޚަބަރު މުޅި ޕާކިސްތާނުގައި ފެތުރިގެން ދިޔައެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިކަމަށް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމަށް ބުނެ، އެ އަވަށަށް ނިސްބަތްވާ މީހުން މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފެށިއެވެ. މި މުޒާހަރާތައް މުޅި ޕާކިސްތާނުގެ އެކިކަންކޮޅުތަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. މިމައްސަލައާ ގުޅިގެން، ޒައިނަބުގެ ޤާތިލު ހޯދައި، އޭނާއަށް ދެވެންއޮތް އެންމެ ހަރުކަށި އަދަބުދީ، ޒައިނަބުގެ އާއިލާއަށް އިންސާފު ހޯދައިދޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

މި މައްސަލައަށް މިހާ ބޮޑު ސަމާލުކަމެއް ލިބިގެންދިއުމުން، ޒައިނަބުގެ ޤާތިލު ހޯދުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ވެސް މަސައްކަތް ފެށިއެވެ. މި ކުރި މަސައްކަތުން ޒައިނަބުގެ ޤާތިލަކީ އާއިލާއާ ކޮންމެވެސް ކަހަލަ ގުޅުމެއް އޮތް ނުވަތަ އެ ހިސާބުގަނޑު މީހެއްކަން ކަށަވަރު ވެގެން ދިޔައެވެ.

ޖެނުއަރީ 23 ވަނަ ދުވަހު، ޕަންޖާބުގެ ޗީފް މިނިސްޓަރ ނިއުސް ކޮންފަރެންސެއް ބޭއްވިއެވެ. މި ނިއުސް ކޮންފަރެންސްގައި ޒައިނަބުގެ ޤާތިލް ހައްޔަރުކުރި ވާހަކަ އިޢުލާނު ކުރިއެވެ. އެމީހަކީ އުމުރުން 24 އަހަރުގެ އިމްރާން ޢަލީ ކިޔާ މީހެކެވެ. މި މީހާއަކީ، ޒައިނަބު ދިރިއުޅުނު ގޭ ކައިރީގައި ދިރިއުޅޭ މެކޭނިކެކެވެ. މި މީހާ ވަނީ، ޒައިނަބު ހޯދުމަށްކުރި މަސައްކަތުގައާއި އަދި ޒައިނަބު ގެއްލިގެންކުރި މުޒާހަރާތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެފައެވެ. މިއީވެސް، އެހެން މީހުންނަށް އޮޅުވާލުމަށްޓަކައި އޭނާ ކޮށްފައިވާ ކަމެކެވެ.

ޒައިނަބުގެ ޤާތިލް އިމްރާން ހައްޔަރު ކުރުމަށްފަހު، ފުލުހުން ހިނގި ތަޙްޤީޤުގައި އޭނާވަނީ ކުށަށް އިޢުތިރާފުވެ، އޭނާ އެކަންކުރި ގޮތް ކިޔައިދީފައެވެ. ފުލުހުން ހާމަކުރާ ގޮތުން މި ހައްޔަރު ކުރެވުނު މީހާގެ ޑީއެންއޭ ސާމްޕަލް ވެސް ދިމާވެއެވެ. އަދި މި މީހާއަކީ، މީގެ ކުރިން އެ އަވަށުގައި ހިނގާފައިވާ މިފަދަ ހާދިސާތަކާ ގުޅުންހުރި މީހާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒައިނަބުގެ އޮޓޮޕްސީ ރިޕޯޓާ ޙަވާލާދީ މީޑިއާއިން ހާމަކުރާ ގޮތުގައި ޒައިނަބުގެ ހަށިގަނޑު ފެނިފައިވަނީ މަރާލާފައިވާތާ ގާތްހަނޑަކަށް ތިންދުވަސް ފަހުންނެވެ. އަދި ޒައިނަބު މަރާލުމުގެ ކުރިން އެ ކުޑަކުޑަ ހަށިގަނޑަށްވަނީ ޖިންސީ އަނިޔާ ކޮށްފައެވެ. މީގެ އިތުރުން، ޒައިނަބުގެ ހަށިގަނޑުގެ ބޭރު ފުށުން ވެސް ބޮޑެތި އަނިޔާތައް ފެންނަން ހުރިކަމަށް ވެއެވެ. ޒައިނަބުގެ އޮޓޮޕްސީ ހެދި ޑޮކްޓަރ ޕާކިސްތާނުގެ ޓީވީ ޗެނަލަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، މި އަމަލަކީ އިންސާނަކު ކޮށްފައިވާ އަމަލެއް ނޫން ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަމުންދިޔަ ގަޑިއަކީ މިހާތަނަށް އޭނާގެ ޙަޔާތުގައި ކުރެވުނު އެންމެ ހިތްދަތި ތަޖުރިބާ ކަމަށާއި، ޒައިނަބު މަރާލާފައިވާ ރަހުމްކުޑަގޮތް ފެނުމުން އޭނާގެ ހިތް ކުދިކުދިވެފައިވާ ކަމަށް ވެސް އެ ޑޮކްޓަރު ވަނީ ބުނެފައެވެ. ޒައިނަބުގެ ޤާތިލް ހޯދާފައިވާކަމަށް ފުލުހުން ބުނާއިރު، މި މައްސަލަ މިހާރުދަނީ ވަރަށް ބާރު ސްޕީޑެއްގައި ތަޙްޤީޤު ކުރަމުންނެވެ. އެހެން މައްސަލަތަކާ ޚިލާފަށް މި މައްސަލަ ބަލަމުން ދަނީ ވެސް ޓެރަރިޒަމްގެ ކުށްތައް ބަލަމުންދާ ކޯޓަކުންނެވެ. ޒައިނަބުގެ ބައްޕަ ބޭނުންވަނީ، ޒައިނަބަށް ފުރިހަމަ އިންސާފު ހޯދައިދޭށެވެ. އެއީ، އޭނާ ޤަބޫލުކުރާ ގޮތުން މަރަށް މަރު ހިފުމަށެވެ.

މިމައްސަލަ ތަޙްޤީޤު ކުރުމަށްފަހު، 2018 ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު، ލާހޫރުގެ އެންޓިޓެރަރިޒަމް ކޯޓުންވަނީ، ޒައިނަބު މަރާލިކަމުގެ ކުށް، އިމްރާން ޢަލީގެ މައްޗަށް ސާބިތުވާކަމަށް ނިންމައި، އޭނާ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި މީގެ އިތުރުން، އޭނާވަނީ  ތިން މިލިއަން ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ.

ކަސޫރު ސިޓީއަކީ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ ވަރަށް ގުޅުންހުރި ސިޓީއެކެވެ. މިގޮތުން، 2015 ވަނަ އަހަރު މިފަދަ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ކްލިޕްތަކެއް މި ސިޓީއަށް ނިސްބަތްވާ ކުޑަކުދިން ލައްވާ ކުރުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އާއްމުވެގެން ދިޔައެވެ. މި ޚަބަރު ފެންމަތިވެގެން ދިޔައީ ޕާކިސްތާނުގެ ނޫސްވެރިއަކު މިޚަބަރު ނޫހުގައި ޖެހުމުންނެވެ. މި ނޫހުގައި ވާގޮތުން، ގޭންގަކަށް ނިސްބަތާ ބަޔަކު ދުއިސައްތަ އައްޑިހައަށްވުރެ ގިނަ ކުދިންގެ މިފަދަ މަންޒަރުތައް ދައްކުވައިދޭ 400 އަށްވުރެ ގިނަ ވީޑިއޯތަކެއް ތައްޔާރުކޮށް އެތަކެތި ވެބްސައިޓްތަކަށް ވިއްކައި، އެ ކުދިންގެ މައިންބަފައިން ބްލެކްމެއިލްކޮށް ލާރި ހޯދަމުންނެވެ. އަދި މީގެ އިތުރުން، މިމަހު އިންޑިޔާގެ ފައްޅިއެއްގައި ވަނީ އުމުރުން އަށް އަހަރުގެ އާސިފާ ކިޔާ ތުއްތު ކުއްޖަކު ވެސް ހަމަ މިފަދަ އިހާނެތިގޮތަކަށް ޖިންސީ ގޯނާކޮށް މަރާލާފައެވެ. މި މައްސަލަ، ފެންމަތިވެފައި މިވަނީ، ޒައިނަބު ޖިންސީ ޝިކާރައަކަށްވެ، މަރާލިތާ މާގިނަދުވަސްތަކެއް ނުވެއެވެ. މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި މިފަދަ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްދަނީ ގޮވާލަމުންނެވެ.

ރިފަރެންސް:

ސަމާ ޓީވީ، ވޮޝިންގޓަން ޕޯސްޓް، އެކްސްޕްރެސް ޓްރިބިއުން، ޖިއޯ ޓީވީ، ޓައިމްސް އޮފް އިންޑިޔާ، ޓްވިޓަރ

ޝެއަރކުރެއްވުމަށް