ދިވެހިބަހުން ވާހަކަދެއްކުމުގައި ބައެއް ލަފުޒުތައް ކިޔައި އުޅެނީ ނޯށަށް އަރުވައިގެންނެވެ. މިގޮތަށް ކިޔާ އަކުރުތަކުގެ ނޯށުގެ އަޑު ލިޔުމަށްޓަކައި ތާނައިގައި ބޭނުންކޮށް އުޅެނީ ފިލި ނުޖަހާ ނޫނެކެވެ. ލަފުޒުތައް ކިޔާއިރު ނޯށަށް އަރުވައިގެން ކިޔޭލަފުޒުތައް ލިޔުމުގައި ނޯށުގެ އަޑު ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ހުސްނޫނު ނުޖަހައި ލިޔެފިނަމަ ބައެއް ހާލަތްތަކުގައި ލަފުޒުން ދޭހަވާ މާނަ ބަދަލުވެގެންދެއެވެ. ރާއްޖޭގެ ބަހުރުވަތަކުގައި ހުންނަ ވާހަކަދެއްކުމުގެ ތަފާތުތަކުގެ ތެރެއިން ނޯށުގެ އަޑަކީ އެންމެ ފާހަގަކުރެވޭ އެއް ތަފާތެވެ.

       މި ލިޔުމުގައި ބަލާލެވިފައިވާނީ ހުސްނޫނަކީ ދިވެހިބަހުގައި ފޮނީމެއްތޯ ކުރެވޭ ސުވާލުގެ ޖަވާބަށެވެ. މި ސުވާލަށް ޖަވާބުދިނުމުގައި ނޯށުގެ އަޑަކީ ކޮބައިކަމާއި ފޮނީމަކީ ކޮބައިކަން އަދި ދިވެހިބަހުގައި ހުސްނޫނު ބޭނުންކުރެވޭ ޤަވާޢިދަށް ވެސް ބަލައިލެވިފައިވާނެއެވެ. އަދި ނޯށުގެ އަޑު ދިރާސާކުރުމުގެ ގޮތުން ރާއްޖޭގެ ސަރަހައްދުތަކުގައި ނޯށުގެ އަޑު ބޭނުންކުރާ ގޮތަށް ވެސް ބަލާލެވިފައިވާނެއެވެ.

ދިވެހިބަހުގެ ޤަވާޢިދުގައި ހުސްނޫނު ބޭނުންކުރެވޭ ހަމަތައް

ހުސްނޫނޭ ކިޔަނީ އެ ނޫނުގައި ސުކުނެއް ވިޔަސް ފިއްޔެއް ވިޔަސް ނުޖެހޭތީއެވެ. ހުސްނޫނަކީ އިހުގައި ދިވެހިބަސް ލިޔުމުގައި ބޭނުންކުރަމުން އައި އަކުރެއް ނޫނެވެ. ބޮޑު، ބޮނޑު، ބަދި، ބަނދި ފަދަ ބަސްތަކާމެދު އޮޅުން އަރާގޮތް ވާންފެށުމުން ލިޔާން ފެށުނު އަކުރެކެވެ. ދޭދޭ ބަސް އޮޅުން ވެދާފަދަ ބަސްބަހުގައި ހުސްނޫނު ލިޔާން ޖެހޭނެއެވެ. ހުސްނޫނު އޮވެއްޖެނަމަ، ކުރިޔަށް އޮތް އަކުރު ކިޔަންޖެހޭނީ ނޯށަށް  އަރުވައިގެންނެވެ. އެހެންކަމުން ހުސްނޫނަކީ ނޫނުސުކުނަށް ކިޔޭ ތަންތަން ފިޔަވައި ނޯށަށް އަރުވައިގެން ކިޔޭ ކޮންމެ ތަނެއްގައި ޖަހަންޖެހޭ އަކުރެކެވެ.

ހުސްނޫނާމެދު ކުރީގެ އުސްތާޛުން ދެކެވަޑައިގަތީ އެއީ ހަމައެކަނި އެއްގޮތަކަށް އޮންނަ އޮޅޭ ދެބަސް ވަކިކުރަން ބޭނުންކުރާ އަކުރެއްގެ ގޮތުގަ އެވެ. މިސާލަކަށް ކަނޑި-ކަޑި، ބޮނޑު-ބޮޑު. މި ތަނުގައި ހުސްނޫނަކާ ނުލައި ލަފުޒު އޮވެއްޖެނަމަ ޖުމުލައަކާއި ނުލައި ލަފުޒު އޮންނައިރު ލަފުޒުގެ މާނަ ބަދަލުވެއެވެ. އެހެންކަމުން މިފަދަ ލަފުޒު ލިޔާއިރު ހުސްނޫނު ޖަހަން ޖެހޭނެކަމަށް ބައެއް އުސްތާޛުން ދެކިލައްވައެވެ. ނަމަވެސް ދިވެހިބަހުގައި ހުސްނޫނު ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި އެއްލަފުޒަކުން ތަފާތު މާނަ ދޭހަވާ ލަފުޒުހުރެއެވެ. މިސާލު (ހަރު) މިފަދަ ނަމެވެ. އެއްޗެތީގެ މަޑުކަމުގެ އަނެއްކޮޅަށް ކިޔަނީވެސް މިހެންނެވެ. (ހަރެވެ.) ހަމަ މިފަދައިން ހިނި، ކަކުނި މިފަދަ އެއްޗެތި ބިމުގައި ކޮނެފައި ހުންނަ ވަޅުވަޅަށް ވެސް ކިޔަނީ ހަމަ މިހެންނެވެ. (ހަރެވެ.). މި މިސާލަށް ވިސްނާލާއިރު ހުސްނޫނު ބޭނުންކުރުމުން އެފަދަ އެއްގޮތް ދެބަސް ވަކިނުކުރެވޭކަން އެނގިއްޖެ އެވެ.

ހުސްނޫނު ލިޔުމުގެ ބޭނުމަކީ އެއް އަކުރުތަކެއްގައި އެއް ފިލި ޖެހިގެން އުފެދިފައި ހުންނަ، އެކައްޗަކަށްވުރެ ގިނަ އެއްޗެއްސަށް ކިޔޭ ނަމުގެ މާނަ ތަފާތުކުރުމެވެ. މިފަދަ ނަންނަމުގައި ހުސްނޫނު ހިމެނުމަށް ބޭނުންވަނީ ނޯށަށް އަރުވައިގެން ކިޔޭ ނަންނަން ވަކިކުރުމަށްޓަކައެވެ. ދޭދޭ ބަސް އޮޅުން ނުވާފަދަ ބަސްބަހުގައި ހުސްނޫނު އޮތަސް ނެތަސް ނޯށަށް އަރުވައިގެން ކިޔޭކަމަށްޓަކައި އެ ނޫނު ލިޔާކަށް ކޮންމެހެން ނުޖެހެއެވެ. ލިޔުނަސް ހަމައެވެ. އެއީ ”ދަޑު“، ”ހުޅަގު“ ފަދަ ލަފުޒުތަކުގައެވެ. ދިވެހިބަހުގެ ޤަވާޢިދުފޮތްތަކުގައި ވާގޮތުން ހުސްނޫނު ބޭނުންކުރެވޭނީ ”ހަބޯދާގަޑި“ މިއަކުރުތަކުގެ ކުރިއަށެވެ. ނޯށަށް އަރުވައިގެން ކިޔަންޖެހޭ ލަފުޒުތައް ނޯށައް ނާރުވައި ނޫނީ ހުސްނޫނު ނުލިޔެ ބޭނުންކުރާނަމަ އެއީ ނޯށައް އަރުވައިގެން ކިޔަންޖެހޭ ލަފުޒުތަކެއް ކަމެއް އެ ލަފުޒުގެ އަސްލު މާނައެއް އެ ލަފުޒުގައި ހުސްނޫނު ލިޔަންޖެހޭ ކަމެއް ނުދަންނަ މީހަކަށް ނޭނގޭނެއެވެ. މިފަދަ ކަންކަމުން ސަލާމަތް ވުމަށްޓަކައި ހުސްނޫނު ބޭނުންކުރަންޖެހޭ ތަންތަނުގައި ހުސްނޫނު ބޭނުންކުރަންޖެހޭނެއެވެ.



ފޮނީމް

ފޮނީމަކީ ދެ އަޑެއްގެ ސަބަބުން ދެ ލަފުޒެއްގެ މާނަ ފާހަގަކުރެވޭ ލަފުޒުތަކެވެ. ފޮނީމަކީ ލަފުޒެއްގައި ހިމެނޭ މާނައެއް ދޭހަވާ އެންމެ ކުޑަ އަޑެވެ. މިސާލު: tari, (ތަރި)، fari (ފަރި). މި ދެ ލަފުޒުގެ މާނަ ބަދަލުވަނީ ”ތަ ta “ އަދި “ fa ފަ“ މި ދެއަޑުންނެވެ. އެހެންކަމުން މި އަޑު ބެލެވޭނީ ދިވެހިބަހުގެ ފޮނީމެއްކަމުގައެވެ. ފޮނީމްގެ ތެރޭގައި ފިލިއަޑުގެ ފޮނީމާއި އަކުރުގެ އަޑުގެ ފޮނީމް ހިމެނެއެވެ.

ހުސްނޫނުގެ އަޑަކީ ފޮނީމެއްތަ¿

ހުސްނޫނު ޖަހަނީ ދިވެހިބަހުން ލިޔެ އުޅޭއިރު ނޯށަށް އަރުވައިގެން ކިޔާ ތަންތަނުގައެވެ. ޢާންމުގޮތެއްގައި ހުސްނޫނު ޖަހައި އުޅެނީ ”ހަބޯދާގަޑި“ މިއަކުރުތަކުގެ ކުރީގައެވެ. މިސާލު، ހަނދު، ދަނޑު، އަނބު، ބަނގު، އުނހު. މިގޮތަށެވެ.

ދިވެހިބަހުގެ އަޑުތަކުގެ ތެރޭގައި ހިމެނޭ ނޫނުގެ އަޑު ކިޔޭ ތަފާތު މަޚްރަޖުތައް ވެއެވެ.  އެހެންނަމަވެސް މިހުރިހާ އަޑަކަށް ދިވެހިބަހުގައި ބޭނުންކުރަނީ ނޫނެނެވެ. މިގޮތަށް ބޭނުންކުރުމުން ބައެއް ލަފުޒުތައް ކިޔާއިރު އެލަފުޒެއްގައި ހިމެނޭ ނޯށުގެ އަޑު ދައްކައިދިނުމުގެ ގޮތުން ހުސްނޫނު ބޭނުންކުރަނީއެވެ. ލިންގްއިސްޓިކް ހަމަތަކުން ބަލާއިރު އަކުރެއްގައި ފިލިނުޖަހައި އޮންނަ ނަމަ އެއީ އެ އަކުރެއްގެ ސުކުނުގެ އަޑެވެ. އެހެންކަމުން މި ހަމައަށް ބަލާއިރު ދިވެހިބަހުގައި ހުސްނޫނު އަދާކުރާ ދައުރަކީ ނޫނު ސުކުނުގެ އަޑެވެ. އެހެންކަމުން ހުސްނޫނުން އެ ދައްކައިދެނީ އެ ލަފުޒުގައި ހުސްނޫނުގެ ފަހަތަށް އޮންނަ އަކުރުގެ ނޯށުގެ އަޑެވެ. މި ނޯށުގެއަޑު (ޕްރީނޭސަލައިޒްޑް) އަންގައިދިނުމަށް ދިވެހިބަހުގައި ވަކި އަކުރުތަކެއް ނެތުމުން އެތަނުގައި ހުސްނޫނެއް ބޭނުންކުރަނީއެވެ. އެހެންކަމުން ފަހަތު އަކުރުގެ ނޯށުގެ އަޑަށް ވުމާއެކު ހުސްނޫނު އެއީ ފޮނީމެއްކަމުގައެއް ނުބެލެވެއެވެ. ދިވެހި ބަހުގައި ނޫނު ސުކުނުގެ އަޑުގެ ތަފާތު އަޑުތަކެއް އެކުލެވިގެންވެއެވެ. މި ކޮންމެ އަޑަކަށް ވެސް ބޭނުންކުރަނީ ހުސްނޫނެވެ. ނަމަވެސް ލިންގްއިސްޓިކްސްގެ ފޮނެޓިކްސްގެ ހަމަތަކަށް ބަލާއިރު މިއީ ކުށް ގޮތެކެވެ.  ދިވެހިބަހުގައި ހިމެނޭ ނޯށުގެ އަޑުތަކަކީ ދެތުންފަތުގެ ނޫނު (މިސާލު: އަނބު، މަންމަ)، ދަތުގެ ނޫނު (މިސާލު: މެންދުރު، މަންތިރި)، އަސްލު ނޫނު (މިސާލު: މަންނަ، އަންނާރު)، ވަންހަނާ ނޫނު (މިސާލު: މަންޒަރު)، ހަރުތަލީ ނޫނު (މިސާލު: ޏ، ހަންޏާމީދޫ)، ބަރު ނޫނު (މިސާލު: މަންޑޭ، ހަންޑި، ހަންޓޯޓޯ)، މަޑުތަލީ ނޫނު (މިސާލު: ބަންގި، އަންގާރަ، ކަންފަތް) މިއެވެ. ދިވެހިބަހުން ލިޔެ އުޅުމުގައި މި އަޑުތައް އިވޭ ކޮންމެ ތަނެއްގައި ލިޔެ އުޅެނީ ހުސްނޫނެވެ.

ހުސްނޫނަކީ ”ބޯދާގަޑި“ މި އަކުރުތަކުގެ ކުރިއަށް އަންނަ ނޯށުގެ އަޑެވެ. ހުސްނޫނަކީ ”ބޯދާގަޑީ“ގެ އަކުރުތަކުގެ ނޯށުގެ އަޑެވެ (ޙަސަން އަޙްމަދު މަނިކު، 1984). އެހެންކަމުން އެއީ ފޮނީމެއްކަމުގައި ހާމަކުރައްވައެވެ. ސަބަބަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާއިރުވެސް ހުސްނޫނުގެ އަޑުގެ ސަބަބުން އެކި ލަފުޒުތަކުގެ މާނަތަކަށް ބަދަލު އައިސްފައިވާތީއެވެ. ނަމަވެސް ވިސްނާލަންޖެހޭ ނުގުތާއަކީ ހުސްނޫނު ޖަހާ ކޮންމެ ތަނެއްގައި އަންނަނީ ހަމައެކަނި އެންމެ ނޫނެއްގެ އަޑު ނޫންކަމެވެ. ދިވެހިބަހުގައި ނޯށުގެ އަޑުތަކެއް ހިމެނޭއިރު އެއިން ކޮންމެ އަޑެއް ރަމްޒުކުރުމަށް ހުސްނޫނު ބޭނުންކުރުމުން ފޮނެޓިކްސްގެ ހަމަތަކާ ތަޢާރުޒުވެއެވެ.

”ހަބޯދާގަޑި“ މި އަކުރުތަކާއެކު ހުސްނޫނު ލިޔުނުކަމުގައި ވިޔަސް އެއިން ރަމްޒުކޮށްދެނީ ނޯށުގެ އަޑެވެ. މިސާލަކަށް އަނބު ލިޔާއިރު އެ ލަފުޒުގައި އޮތް ހުސްނޫނަކީ ”ބ“ ގެ ނޯށުގެ އަޑެވެ. އެހެންކަމުން އެ ހުސްނޫނު ބެލެވޭނީ ”ބ“ ގެ ނޯށުގެ އަޑު ރަމްޒުކޮށްދިނުމަށްޓަކައި ”ބ“ އާ އެކުގައި އޮންނަ އަކުރެއްކަމުގައެވެ. އެއީ އިނގިރޭސި ބަހުގައި އޮންނަ (”sh“ ”C“) ގެ އަޑު ރަމްޒުކޮށްދިނުމަށްޓަކައި އެސް އަކުރާއިއެކު އެޗް އަކުރު ބޭނުންކުރާ ފަދައިންނެވެ. އެހެންކަމުން ”ސހ“ ގައި އޮންނަ ވަކި ދެ އަކުރަކީ އެއީ ވަކިވަކި ފޮނީމްތަކެއް ކަމަކަށް ނުބަލައެވެ. އެހެންކަމުން ދިވެހިބަހުގައި ވެސް ހިމެނޭ ނޯށުގެ އަޑުތައް ރަމްޒުކުރުމަށް ބެނުންކުރާ ހުސްނޫނު އެއީ ވަކި ފޮނީމެއް ނޫނެވެ.

ޕްރީނޭސަލައިޒްޑް އަޑުތައް ހިމެނޭ އެހެނިހެން ބަސްތައް

       ދިވެހިބަހެކޭ އެއްގޮތަށް ސަރަހައްދުގެ އެހެނިހެން ބަސްތަކުގައި ވެސް ނޯށުގެ އަޑު އެކުލެވިގެން ވެއެވެ. މިގޮތުން އަވައްޓެރި ސްރީލަންކާގައި ބޭނުންކުރާ ސިންގަޅަ ބަހުގައި ވެސް ޕްރީނޭސަލައިޒްޑް އަޑުތައް ބޭނުންކުރެއެވެ. ދުނިޔޭގައި ބަސްތައް އުފެދިގެން އައިސްފައިވާ ގޮތަށް ބަލާއިރު ނޯށުގެ އަޑުތައް އެންމެ ގިނައިން ހިމެނެނީ އެފްރިކާ ބައްރުގެ ދެކުނު ކޮޅުގެ ޤައުމުތަކުގައެވެ. އެފްރިކާގެ ކަރަގޮނޑާ ވަކިން އޮންނަ މަޑަގަސްކަރައިގެ މާދަރީ ބަހުގައި ވެސް ނޯށުގެ އަޑުތައް ގިނަ އަދަދަކަށް އެކުލެވެއެވެ. ތިރީގައި ވާ ޗާޓުން ދައްކައިދެނީ ދުނިޔޭގައި ޕްރީނޭސަލައިޒްޑް އަޑުތައް ބޭނުންކުރާ ޤައުމުތައް ހިމެނޭ ސަރަހައްދުތަކެވެ. ޗާޓުގައި އޮރެންޖް ކުލައިން ފާހަގަވެފައި އެވަނީ ޕްރީނޭސަލައިޒްޑް އަޑުތައް ބޭނުންކުރާ ޤައުމުތަކެވެ.

ރާއްޖޭގެ ބަހުރުވަތަކުގައި ހުސްނޫނު ބޭނުންކުރާ ގޮތްތައް     

       ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ތަފާތެވެ. މި ތަފާތާއެކު ފާހަގަކުރެވޭ އެއްކަމަކީ ނޯށުގެ އަޑު ބޭނުންކުރާ ރަށްތަކާއި ނޯށުގެ އަޑު ބޭނުން ނުކުރާ ރަށްތައް ހުންނަކަމެވެ. އެއް ބަހުރުވައިން ވާހަކަ ދައްކާ ރަށްތަކުގައި ވެސް ނޯށުގެ އަޑު ބޭނުންކުރުމުގައި ތަފާތު ހުރެއެވެ. މިސާލަކަށް ހުވަދު އަތޮޅަށް ބަލާއިރު ގއ.ވިލިނގިލީ މީހުން ހުސްނޫނު ބޭނުންކުރިކަމުގައި ވިޔަސް އެ އަތޮޅު ކޮލަމާފުށީ މީހުން ހުސްނޫނު ބޭނުމެއް ނުކުރެއެވެ. ހަމައެގޮތަށް ގދ.ހޯނޑެއްދުއަކީ ހުވަދޫ ބަހުރުވައިން ވާހަކަދެއްކިކަމުގައި ވިޔަސް ހުވަދޫ ބަހުރުވައިން ވާހަކަދައްކައި އުޅޭ އެހެން ރަށްރަށަށް ވުރެ ގިނައިން ނޯށުގެ އަޑުތައް ބޭނުންކުރާ ރަށެއްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ހުސްނޫނު ބޭނުންކުރެވޭ ގޮތް

ތާވަލްއަށް ބަލާއިރު ހުވަދޫ ބަހުން ވާހަކަދައްކާ ރަށްތަކުގެ ތެރެއިން ވެސް ބައެއް ރަށްރަށުގައި ހުސްނޫނު ބޭނުންކުރާކަން ފާހަގަކުރެވުނެވެ. ހަމަ އެހެންމެ މާލެއިން އުތުރަށް ބަލާއިރު ރަސްމީ ބަހުރުވައިން ވާހަކަދައްކާ ރަށްތައް ގިނަކަމުގައި ވިޔަސް ނުވަތަ ރަސްމީބަހުރުވައިން ވާހަކަދައްކާ ރަށްތަކުގައި ވެސް ހުސްނޫނު އަޑު ގިނަ ރަށްރަށް ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ނ.ވެލިދުއަކީ މާލެއިން އުތުރުން ފާހަގަކުރެވޭ ރަށެކެވެ.

ތާވަލްގައި ހިމެނޭ ލަފުޒުތަކަށް ބަލާއިރު ”އަނބު“ މި ލަފުޒު ހުސްނޫނާ ނުލައި ކިޔުމުން އޮންނާނީ ”އަބު“ މި ގޮތަށެވެ. ދިވެހިބަހުގައި ”އަބު“ ގައި އޮންނަނީ ”އަނބު“ ގައި އޮންނަ މާނައެއް ނޫނެވެ. އެހެންކަމުން މި ދެލަފުޒު ޖުމުލައެއްގެ ތެރޭގައި ނުހިމަނައި އެކަހެރިކޮށް އޮންނައިރު ހުސްނޫނާ ނުލައި ލިޔެފިނަމަ އޮޅުން އަރާގޮތް ވާނެއެވެ. ނަމަވެސް ޖުމުލައިގެ ތެރޭގައި ލަފުޒު އޮންނައިރު އެ ޖުމުލައެއްގައި ލަފުޒު އަދާކުރާ ދައުރަށް ބެލުމުން އެތަނުގައި ހުސްނޫނު ނުޖެހިއެއްކަމަކު ލަފުޒުގެ މާނަ ދެނެގަނެވޭނެއެވެ.

މިސާލު: އެހެރަގަހުގައި ހުރި އަބުތައް ހުރީ ދޮންވެ ފައްކާވެފައެވެ.

މި ޖުމުލައަށް ބަލާއިރު ޖުމުލައިގައި ހިމެނޭ ”އަބު“ މި ލަފުޒު ޖުމުލައިގެ އެހެންލަފުޒުތަކާ ގުޅުވައިގެން އަތުރައިލުމުން އެއީ ގަހެއްގައި އަޅާ މޭވާއެއްކަން އެނގެއެވެ. އެހެންކަމުން އެތަނުގައި ހުސްނޫނު ނުޖެހިޔަސް ޖުމުލައިގައި ހިމެނޭ އެހެނިހެން ލަފުޒުތަކާ ގުޅުވާލުމުން އެއީ ގަހެއްގައި އަޅާ މޭވާއެއްކަން އެނގެއެވެ. އަދި އެއީ ތަންތަނަށް ޖެހުމަށް ލަކުޑިން ހަދައިފައި ހުންނަ ”އަބު“ ނޫންކަން ވެސް ދޭހަވެއެވެ. އެހެންކަމުން މިއިން ވެސް އެނގެނީ ހުސްނޫނަކީ އާންމު ވާހަކަދެއްކުމުގައި ކޮންމެހެން މުހިންމު އެއްޗެއް ނޫންކަމެވެ. ނަމަވެސް ލިސްޓެއްގެ ގޮތަށް ލަފުޒުތައް ލިޔާނަމަ އެކަނި ލަފުޒު އޮންނައިރު އެއިން ދޭހަވާ މާނަ ހުސްނޫނު ނުޖަހައިފިނަމަ ބަދަލުއަންނާނެއެވެ.

       ދިވެހިބަހުގައި ހުސްނޫނުން ރަމްޒުކޮށްދެނީ އެ ލަފުޒުގައި އޮންނަ ވަކިއަކުރެއްގައި އޮންނަ ނޯށުގެ އަޑެވެ. އެހެންކަމުން މިއީ އިނގިރޭސީގައި C ގެ އަޑު ރަމްޒުކޮށްދިނުމަށް ބޭނުންކުރާ sh އޮންނަފަދައިން އޮންނަ އަކުރެކެވެ. ހުސްނޫނަކީ ވަކިން އޮވެގެން މާނައެއް ނެރެވޭ ލަފުޒެއް ނޫނެވެ. އެހެންކަމުން ހުސްނޫނަކީ ފޮނީމެއްނޫނެވެ. ދިވެހިބަހުން ވާހަކަދެއްކުމުގައި ނޯށުގެ އަޑުތައް ބޭނުންކުރެއެވެ. މިފަދަ އަޑުތައް ރާއްޖެއާއި އަވަށްޓެރި ސްރީލަންކާގެ ސިންގަޅަ ބަހުގައި ވެސް އެބަހުއްޓެވެ. ނަމަވެސް ރާއްޖެއާއި ކައިރީގައި އޮތް އިންޑިޔާގައި ނޯށުގެ އަޑުތައް ހިމެނޭ ބަސްތައް ވަރަށް މަދެވެ. އެފްރިކާގެ ތިރީބިތުގެ ޤައުމުތަކަށް ބަލާއިރު ނޯށުގެ އަޑުތައް ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ރާއްޖޭގެ ދިވެހިބަހަށް އެފްރިކާގެ ބަސްތަކުގެ ނުފޫޒު ފޯރާފައިވާކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް މިއީ މިއަށްވުރެ ފުންކޮށް ދިރާސާކުރަންޖެހިފައިވާ ބައެއްކަމުގައި ދެކެމެވެ. އެއީ އިންޑިޔާގެ ބަސްތަކުގައި ނޯށުގެ އަޑުތައް އެހާމަދުއިރު ދިވެހި ބަހުގަޔާއި އެފްރިކާގެ ބަސްތަކުގައި ނޯށުގެ އަޑު ހުރުމުން މިއިން ދޭހަކޮށްދޭ ވަރަށް ގިނަ މާނަތަކެއް އެބަހުއްޓެވެ. މިތަނުން ދޮށީ ދިވެހިންތޯ، ނުވަތަ ދިވެހިން އެ ޤައުމުތަކަށް ގޮސްގެން ބަހަށް ކޮށްފައިވާ އަސަރުތޯ ނުވަތަ އެ ޤައުމުތަކުގެ މީހުން ރާއްޖެއަށް އައިސްގޮސްވުމުގެ ސަބަބުން ދިވެހިބަހަށް ކޮށްފައިވާ އަސަރުތޯ ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް ކުރެންޖެހެއެވެ.

ޙަވާލާ:

ޙަސަން އަޙްމަދު މަނިކު. (1984). އެ ހުސްނޫނު. ފަތްތޫރަ 67، 9-14

އިބްރާހީމް ރުޝްދީ. (1355ހ). ސުއްލަމުލްއަރީބު ފީ ލުޣަތިލް މަޙަލްދީބިއްޔާ. މާލެ: މުސައްނިފު

ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު. (27 މެއި 2011). ހުސްނޫނުގެ ބޭނުމަކީ ކޮބާ؟. ނެގީ މެއި 10، 2016، 50-30-09-26-05-2011-http://www.fanvai.info/dhivehi/maadhareebas/2170ން

މުޙައްމަދު ޖަމީލު. (1969). ފިޔަވަޅު 1.ދިވެހިބަހުގެ ޤަވާޢިދު. މާލެ: ނޮވެލްޓީ ޕްރެސް.

މުޙައްމަދު އަމީން. (1368ހ). ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ. މާލެ: މުސައްނިފް

ޝެއަރކުރެއްވުމަށް