ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މިވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ވީޑިއޯ ލަވަތަކެއް ހިމެނޭ ލަވަ އަލްބަމް “ސިފަކޮއި ސިލްސިލާ 2“ މިއަހަރު ވެސް ނެރެފައެވެ.

ދިވެހި ބަހުގެ އެކަޑެމީގެ އެހީތެރިކަން ވެސް ލިބިގެންދިޔަ މި ލަވަ ސިލްސިލާ އެންމެ ފުރަތަމަ ނެރެފައިވަނީ މިދިޔަ އަހަރު ފާހަގަކުރި 125 ވަނަ ސިފައިންގެ ދުވަހު އެވެ. ސިފައިންގެއިން އުފައްދާ މި ލަވަ ސިލްސިލާ ވުޖޫދަށް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރައްވައި ކޮންސެޕްޓް ބިލްޑް ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ.

“ސިފަކޮއި“ ގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ލަވަ ސިލްސިލާއެއް އުފެއްދުމުގެ އެންމެބޮޑު އަމާޒަކަށް ހެއްދެވީ، ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރެއްވުމުގެ މަޝްރޫޢު، ”ތަރިކަ“ މިނަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 16 މާރިޗު 2017 ވަނަ ދުވަހު އިފްތިތާޙްކޮށްދެއްވުމާއި ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމްދީނާއި ދިވެހި ޘަޤާފަތް ދިރުވާ އާލާކުރުމުގެ ބޭނުމުގައެވެ. 

މިދިޔަ އަހަރު އުފެއްދި ސިފަކޮއި ސިލްސިލާ އެކެއްގައި ހިމެނެނީ، ކުދި ދުޢާތައް ދަސްކޮށްދިނުމާއި ގޭތެރޭގެ ނުރައްކާތެރި ކަންތައްތަކުން ކުދިން ރައްކާތެރިކޮށް ނުކުރަންވީ ކަންތައްތަކަށް ކުޑަކުދިން އަހުލުވެރިކުރުވުމަށް ކިޔައިދޭ ލަވަތަކެކެވެ. މި ލަވަތަކުގެ ތެރޭގައި، (ސަލާމް ގޮވުމާއި‎  ސަލާމްބަލައިގަތުން) ކާން ފެށުމުގެ ކުރިން ބިސްމި ކިޔުން، އަދި ކައިނިމިގެން ’އަލްޙަމްދުލިއްލާާހި’، ހޯހޯ ކަމެއް (ނުކުރަންވީ ކަންކަން) ކޯއްޗެއްހޭކީ (ކުދި ދުޢާ) ތިއްތިތިއްތި ކާރެއް (ކުލަތައް ދަސްކޮށްދިނުން) ހިމެނެއެވެ. މިލަވަތައް ރާއްޖޭގެ މީޑިއާތަކަށް ހަދިޔާކޮށްފައިވާއިރު، ގޭތެރޭގައި ބޭނުންއިރަކު ބަލާލެވޭ ގޮތަށް ޔޫޓިއުބަށް ވެސް ވަނީ އަޕްލޯޑްކޮށްފައެވެ. މި ސިލްސިލާއަށް ބޮޑުތަރުޙީބެއް ލިބެމުން އަންނައިރު، މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން މި ސިލްސިލާ ބަލާފައި ވެއެވެ. ކޮންމެ ލަވައަކަށް ވަކިވަކިން ބެލިކަމުގައި ވިޔަސް ދޮޅު ލައްކައެއްހާ މީހުން ވަކިވަކި ލަވަތައް ބަލާފައި ވެއެވެ.

މިބޮޑު ކާމިޔާބީއާއެކު މިއަހަރުގެ 126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ “ސިފަކޮއި ސިލްސިލާ 2) ގައި ބޮޑަށް އަމާޒު ހިފާފައިވަނީ، ދިވެހިންގެ ތެރޭގައި ކުޑަކުދިން ނިންދަވާއިރު އާންމުކޮށް ކިޔައިދޭ ފޯކްލޯރ ވާހަތަކާއި ކެރެކްޓަރ ތަކުގެ މައްޗަށެވެ. މި ލަވަތަކުގެ ތެރޭގައި ބަޑި މަނިކު، މަންމަ އާއި ބައްޕަ (ނާނާއެއް) ބޮޑުބުޅަލާ ނާދޭ (ނާނާއެއް) އަނބޮއްފުޅާ ދަނބޮއްފުޅު، ފަސް އިނގިލި (އިނގިލީގެ ނަންތައް ދަސްކޮށްދޭ) ކޮއްކޮގެ ނިޔަފަތި (ނިޔަފަތި ކަނޑަން ދަސްކޮށްދޭ) ލަވަތަކެއް ހިމެނެއެވެ.

މިފަހަރުގެ ސިލްސިލާ ތައްޔާރު ކޮށްފައި ވަނީ ކުރީފަހަރާ ޚިލާފަށް ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުޑަކުދިންނަށް ވެސް ސިލްސިލާގައި ދައްކުވައިދޭ މަންޒަރުތައް ފަސޭހައިން ނަގައިގަނެވޭނެ ގޮތްތަކަށް މޯލްޑްވިސް ޑެފް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ސައިން ލޭންގްއޭޖް ވީޑިއޯގައި ހިމަނައިގެންކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގައި ކުޑަކުދިންގެ ލަވަތަކެއްގައި ސައިން ލޭންގްއޭޖް ބޭނުންކުރި ފުރަތަމަ ފަހަރު ވެސް މެއެވެ.

“ސިފަކޮއި ސިލްސިލާ 2“ ގެ ލަވަތައް ކިޔުމާއި އެކްޓް ކުރުމުގައި ސިފައިންގެ ޢާއިލާތަކުން ދެ ޖިންސުގެ 25 ކުޑަކުއްޖަކު ބައިވެރިވެފައިވާއިރު، ސިލްސިލާގައި ހިމެނޭ ލިރިކްސްތައް ކޮމްޕައިލްކޮށްދެއްވީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުގެ އޮފިސަރ ކޮމާންޑިންގ ފަސްޓް ލެފްޓިނަންޓް އިސްމާޢީލް އަކްރަމެވެ.

މި ސިލްސިލާގެ ލަވަތަކުގެ ޝޫޓިންގތައް ވީޑިއޯ ކުރުމުގައި އެހީތެރިވެދެއްވާފައިވަނީ، އެމްއެންޑީއެފްގެ މީޑީއާ އެންޑް ޕަބްލިޝިންގ ސަރވިސް އިންނެވެ. ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދެއްވީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުގެ އޯޑިއޯ ސްޓޫޑިއޯއިންނެވެ. ސިލްސިލާގެ އެނިމޭޝަންގެ ހުރިހާ މަސައްކަތެއް ކުރެއްވީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓުންނެވެ.

ސިފަކޮއި ސިލްސިލާގެ ލަވަތަކަކީ ޕްރީސްކޫލްތަކުގައި ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ލަވަތަކެކެވެ.

ޝެއަރކުރެއްވުމަށް