އެމްއެންޑީއެފް ޑްރިލް ސްކޮޑުގެ ހަރަކާތެއް އޮވެއްޖެނަމަ، އަބަދުވެސް ތަފާތު މަންޒަރުތަކެއް ފެންނާނެއެވެ. އާންމުންނާއި ޑްރިލް ސްކޮޑުގެ މެދުގައި އޮންނަ ބަދަހިކަން ފެނިގެންދަނީ އެ ދެމެދުގައި އުފެދިފައިވާ ހިތުލޯތްބެއްގެ ތެރެއިންނެވެ. ޑްރިލް ސްކޮޑުގެ ހުށަހެޅުންތައް ބަލާލަންދާ އާންމުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ފޮޓޯ ސެޝަންގައި އެކަން ވަރަށްބޮޑަށް ފާހަގަވެގެންދެއެވެ. އެހެނަސް، މިފަހަރު ދައްކަން މި އުޅެނީ އެ ވާހަކައެއް ނޫނެވެ. މިފަހަރު ދައްކަން މި އުޅެނީ، އެމްއެންޑީއެފް ޑްރިލް ސްކޮޑާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ އޮންނަ އެކުވެރި ގުޅުމުގެ ތެރެއިން އެއް ވާހަކައެވެ.

ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަސްތަކާ ގުޅުވައިގެން އެމްއެންޑީއެފް ޑްރިލް ސްކޮޑުން މާލެއާއި އަތޮޅުތަކުގައި ފަހަކަށް އައިސް އަބަދުވެސް ހަރަކާތްތަކެއް ދައްކާލައެވެ. އޭގެ ތެރެއިން އެންމެފަހުން ފާހަގަކުރި ނަޞްރުގެ ދުވަހާ ގުޅުވައިގެން ވިލިމާލޭގައި ބޭއްވި ސައިލެންޓް ޑްރިލްއަށް ފަހު، ނަގާފައިވާ ފޮޓޯއަކުން އެތައް ބައެއްގެ އިހުސާސްތަކާ ކުޅެލިއެވެ. މީސްމީޑިއާގައި ގިނަ ބަޔަކު އެ ފޮޓޯ ޝެއަރކުރި އެވެ.

އެ ފޮޓޯއިން ފެންނަ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅާ އަކީ، މިރްޒާ މުނީރު އެވެ. މިރްޒާ އަކީ، އުފަންވި އިރު ވެސް މައިބަދައާއި ދެ ފައިގައި މައްސަލަތަކެއް ހުންނަ ބޭފުޅެކެވެ. އެހެނަސް، އެކަތަހާ އަޒުމު ވަރުގަދަ ބޭފުޅެކެވެ. މިސާލެއްފަދަ ހިތްވަރުގަދަ ބޭފުޅެކެވެ. ވަޒީފާ އަދާކުރައްވައެވެ. އިޖުތިމާޢީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެލައްވައެވެ. ދިވެހި ރެޑްކްރެސެންޓުގެ ދަރުމަވެރިއެއް ވެސްމެއެވެ.

އަޅުގަނޑުގެ އެދުމުގެ މަތިން މިރްޒާ ވަނީ އައްޑަނައަށް ޚާއްޞަ އިންޓަރވިއުއެއް ދެއްވާފައެވެ. މިރްޒާ ބުނުއްވި ގޮތުގައި، ވިލިމާލޭގައި އޮތް ސައިލެންޓް ޑްރިލްގެ ހަރަކާތަށް ފަހު ޑްރިލް ޓީމާއެކު އޭނާ ނަގާފައިވާ އެ ފޮޓޯ އަކީ، އޭނާ ވަރަށް ބޭނުންވެފައި ހުއްޓައި ”ހާސިލުވި“ ކަމެކެވެ.

”އަޅުގަނޑު ހުރީ އެބޭފުޅުން (ޑްރިލް ޓީމް) ކައިރީ ބުނަންވެގެން އަޅުގަނޑާއެކީ ފޮޓޯއެއް ނަގާލެވިދާނެހޭ، އެކަމަކު ބުނަން ނުކެރިފަ ހުރީ. ދެން އެތަނުން ބޭފުޅަކު އަޅުގަނޑު ފެނިގެން ކައިރިއަށް އައިސް ވިދާޅުވީ ވަޑައިގަންނަވަންވީ ނޫންހޭ ފޮޓޯއެއް ނަންގަވާލަން.“ މިރުޒާ ކިޔައިދެއްވިއެވެ.

އެ ފޮޓޯ، މީސްމީޑިއާގައި ފެތުރިގެން ދިޔައީ، ވަރަށް ހަލުވިކަމާ އެކުއެވެ. ޑްރިލް ޓީމުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެއްވާ އިސްކަމަށް ތަޢުރީފުކޮށް އެތައް ބަޔަކު އެވާހަކަ ދެއްކިއެވެ.

ޑްރިލް ސްކޮޑުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ސްޓާފް ސާޖަންޓް އަޙްމަދު ޝާފީ ބުނުއްވި ގޮތުގައި، ޑްރިލް ޓީމުން އަބަދުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެއެވެ. އަދި، އެއްވެސް މީހަކު ބާކީ ނުކޮށް، ހުރިހާ އެންމެންނަށް ވެސް އެ ޓީމުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭނެއެވެ. މިރްޒާއަކީ ވެސް އެހެން މީހުންނާ ވަކި ތަފާތެއް ހުންނަ ފަރާތެއް ގޮތުގައި ނުދެކޭ ކަމަށް ސްޓާފް ސާޖަންޓް ޝާފީ ބުނުއްވިއެވެ.

މިރްޒާ ބުނުއްވި ގޮތުގައި، މީގެ ކުރިން، ދުވަހަކު ވެސް ސިފައިންގެ އެފަދަ ޑްރިލްތައް ހަމަލޮލުން ފެނުމުގެ ނަސީބު ލިބިފައެއް ނެތެވެ. ވިލިމާލޭގައި ބޭއްވި ސައިލެންޓް ޑްރިލްއަކީ ސިފައިންގެ އެފަދަ ޑްރިލް ހަރަކާތެއް ހަމަލޮލުން ފެނުނު ފުރަތަމަ ފަހަރު ކަމަށް ބުނުއްވިއެވެ.

ވިލިމާލޭގައި އެދުވަހު ސައިލެންޓް ޑްރިލް ހަރަކާތެއް އޮންނަކަން މިރްޒާއަށް އެނގުނީ އެދުވަހުގެ 2 ގެ ޚަބަރުންނެވެ. އެވަގުތުން ފެށިގެން، ވިލިމާލޭގައި ބާއްވަން ނިންމި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ބަލާލުމަށް ހުރީ ނިންމައިގެންނެވެ. ކަންދިމާކުރި ގޮތުން، ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ފެށެން އުޅުނު ގަޑިއަކީ އޭނާ ވަޒީފާ ނިންމާފައި ގެއަށްދިޔަ ވަގުތެވެ. އެހެންކަމުން، ގެއަށް ދިޔަ މަގުމަތީގައި، ސިފައިންގެ ސައިލެންޓް ޑްރިލް ހަރަކާތްތައް ބަލާލުމަށް އެސަރަހައްދުގައި މަޑުކޮށްލީއެވެ.

”ވަރަށް ރީތި މަންޒަރެއް އެއީ، ވަރަށް ބަލާލާ ހިތްވާ މަންޒަރެއް.“ މީގެ ކުރިން ސިފައިންގެ ސައިލެންޑް ޑްރިލްގެ ހަރަކާތްތައް ފެނިފައި ނުވާ މިރްޒާ ބުނުއްވިއެވެ.

ބާބަކިޔު ނައިޓުގެ ޝަރަފުވެރި މެހުމާނު

އެމްއެންޑީއެފް ޑްރިލް ޓީމުގެ ހުށަހެޅުންތަކަށް ފަހު، ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި އެރޭ ވަނީ ބާބަކިޔު ނައިޓެއް ވެސް ބާއްވާފައެވެ. މިއީ، އެމްއެންޑީއެފް ޑްރިލް ޓީމުގެ ޖޯޝް އިތުރުކުރުމުގެ ގޮތުން ވަރަށް އިސްކަމެއް ދީގެން މިކަހަލަ ކޮންމެ ފަހަރަކު ވެސް ވަރަށް ފޯރީގައި އެ ޓީމުން ކުރިއަށްގެންދާ ތަފާތު ހަރަކާތެކެވެ. އެކަމަކު، މިފަހަރު، އެ ހަރަކާތް ވެސް މާބޮޑަށް ތަފާތުވީ މިރްޒާގެ ސަބަބުންނެވެ.

އެރޭގެ އެންމެ ޚާއްޞަ ކަމަކަށް ވެގެން ދިޔައީ ބާބަކިޔު ނައިޓުގެ ޝަރަފުވެރި މެހުމާނަކީ ވެސް މިރްޒާއަށް ވުމެވެ. މިއީ އެމްއެންޑީއެފް ޑްރިލް ސްކޮޑުން މިރްޒާމެންފަދަ ބޭފުޅުންނާ ދޭތެރޭ ބަހައްޓާ ގާތްކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ހެއްކެކެވެ.

މިރްޒާ ބުނުއްވި ގޮތުގައި، އެރޭ ޑްރިލް ސްކޮޑުން ބޭއްވި ބާބަކިޔު ނައިޓުގެ ދައުވަތު އޭނާއަށް ލިބުނީ އެދުވަހު ގެއަށް އައިސް ފެންވަރާލައިގެން ޚަބަރު ބަލަން އިންދައެވެ.

”ގުޅުއްވާފަ ވިދާޅުވީ ވަރަށް އަވަހަށް (ފަޔަރ އެންޑް ރެސްކިޔު) ޓްރޭނިންގ ސްކޫލަށް ޖައްސާލެވޭނެތޯ. ދެން އަޅުގަނޑު ދެންނެވިން ކީއްކުރަންތޯއޭ؟ ދެން އަނެއްހެން ވަކި ކަމެއް ވިދާޅެއް ނުވޭ، ކުޑަކުޑަ އިވެންޓެއްގައި ބައިވެރިވެލަން ކަމަށް ބުނުއްވީ.“ މިރްޒާ ކިޔައިދެއްވިއެވެ.

މިރްޒާއަށް ލިބުނު މި ދައުލަތު ޤަބޫލުކޮށް، އެފްއާރުޓީއެސްއަށް ދިޔައިރު، އެކަން ވެގެންދިޔައީ މިރްޒާ ހީކުރި ވަރަށްވުރެ ބޮޑު ކަމަކަށެވެ. މިރްޒާ އަށް ލިބުނު އެ ދައުވަތަކީ، އެރޭގެ ޝަރަފުވެރި މެހުމާނުގެ ގޮނޑި ފުރުއްވަން ލިބިލެއްވި ދައުވަތެވެ. މިކަން ވެގެންދިޔައީ މިރްޒާއަށް ވެސް ލިބިގެންދިޔަ ވަރަށްބޮޑު ”ސަޕްރައިޒް“ އަކަށެވެ.

މިރްޒާ ބުނުއްވި ގޮތުގައި، އެރޭގެ ހަފުލާގައި މިރްޒާއާ ދޭތެރޭ ސިފައިން ބެހެއްޓެވި ޚާއްޞަ ކަމަކީ ހިތުން ފިލުވާލަން ދަތި ކަމަކަށް ވިއެވެ. މީގެ ކުރިން، އެފަދަ ގޮތަކަށް ސިފައިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތެއް މިރްޒާއަށް ލިބިފައެއް ނުވެއެވެ. އެރޭގެ އެ ކުޑަ ވަގުތުކޮޅުން ވެސް، ޑްރިލް ޓީމުން މިރްޒާއާ ދޭތެރޭ ބެހެއްޓި އެކުވެރިކަމާއި މެހުމާންދާރީ އޭނާ ފާހަގަކުރަނީ ޝުކުރުވެރި ހިތަކުންނެވެ.

”އެ ދުވަހު އެ ހޭދަކޮށްލެވުނު ކުޑަ ވަގުތުކޮޅުގައި ވެސް، ވަރަށް ގާތްކޮށް އެބޭފުޅުން އަޅުގަނޑާ ދޭތެރޭ ދެކުނީ. އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވަން ދިވެހި ސިފައިންނާ ދޭތެރޭ. ވަރަށް ލޯބިވާ މުއައްސަސާއެއް ސިފައިންގެއަކީ. އެކަހަލަ ފުރުޞަތެއް ސިފައިންގެ ފަރާތުން ލިބުނީތީ، އަދިވެސް އެކަމަށް ޓަކައި ވަރަށް ފަޚުރުވެރިވެވޭ.“ މިރްޒާގެ އިޙުސާސްތައް ބަންޑުންކޮށްލިއެވެ.

އަޒުމު ވަރުގަދަ ބޭފުޅެއް!

މިރްޒާ ޤަބޫލުކުރާ އުސޫލެއް އޮވެއެވެ. އެއީ، ”އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ.“ މިރްޒާ ޤަބޫލުކުރާ ގޮތުގައި، އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުއްޓަސް، ކުރަން ބޭނުން ކޮންމެ ކަމެއް އޭނާ އަށްވެސް ކުރެވިދާނެއެވެ.

”އެހެން މީހުންނަށް ކުރެވޭ ކަންކަން އަޅުގަނޑަށް ނުކުރެވުމަކީ، އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫން. އަޅުގަނޑަށް ވެސް ކުރެވޭނެ. އެކަމަކު ކުރާގޮތް ތަފާތުވެދާނެ. ދެ ފަރާތުގެ ވިސްނުމުގެ ތަފާތެއް މިއުޅެނީ ދެއްތޯ.“ މިރްޒާ ބުނުއްވިއެވެ.

ޖިސްމާނީ އައިބެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، އެތައް ކަމަކުން މަޚުރޫމްވެފައިވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. އެހެން މީހުންގެ ލޯތަކުން ނުސީދާ ކޮށް ކުރެވޭ މަލާމާތާއި ފުރައްސާރައިގެ ސަބަބުންނެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ ދޭތެރޭ މީހުން ދެކޭގޮތް ބައެއްފަހަރު ތަފާތު ކުރެއެވެ. މިރްޒާ ބުނުއްވާ ގޮތުގައި އެގޮތަށް އެތަފާތު ކުރުން ގެންގުޅެނީ، އެފަދަ މީހުންނަށް މިރްޒާމެން ފަދަ ބޭފުޅުންގެ ވިސްނުމާއި އިހުސާސްތައް ނޭނގޭތީއެވެ.

”އަޅުގަނޑުގެ އަމިއްލަ ވިސްނުމުން އަޅުގަނޑު ޤަބޫލެއް ނުކުރަން ނުކުޅެދޭ މީހެއްގެ ގޮތުގައެއް.“ މިރްޒާގެ މި ޖުމުލައިން ބުނެދޭ ވާހަކަތައް ވަރަށްގިނަ އެވެ.

މިރްޒާ އަކީ، އަބުރުވެރި ދިރިއުޅުމެއް އުޅެމުންދާ ހީވާގި ޒުވާނެކެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާ ވެސް ކާންބޯން މަސައްކަތް ކުރަނީ އަމިއްލައަށް ވަޒީފާ އަދާކޮށްގެންނެވެ. މުޖުތަމަޢުގެ ލާބައަށް ހިންގޭ ހަރަކާތްތަކުގައި އޭނާ ވެސް ބައިވެރިވެއެވެ. ރެޑްކްރެސެންޓްގެ ދަރުމަވެރިއެއްގެ ގޮތުގައި އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގައި އުޅުއްވާތަން ފެންނަނީ ވަރަށް މުރާލިކަމާއި ޝައުޤުވެރިކަމާ އެކުއެވެ. މިރްޒާ ޤަބޫލުކުރާ ގޮތުގައި ދިރިއުޅުމުގައި ކޮންމެ ދުވަހަކީ އާކަންކަން ދަސްވެ، އާ ތަޖުރިބާތަކެއް އުނގެނިގެންދާ ދުވަހެކެވެ.

މުޖުތަމަޢުގެ ލާބައަށް ހިންގޭ ހަރަކާތްތަކުގައި އޭނާ ވެސް ބައިވެރިވެއެވެ.

ސިފައިންގެ ހަރަކާތްތަކުގައި އެފަރާތްތައް ބައިވެރި ކުރެވިދާނެ!

ސިފައިންނަކީ، މުޅި ރާއްޖެއަށް ބެލިނަމަވެސް، ހުނަރާއި ފަންނުގެ ރޮނގުން އެންމެ ކުރިއަރާފައިވާ އެއް މުއައްސަސާއެވެ. ކުރިއަށް ދެވިދާނެ ގިނަ ދާއިރާތަކެއް ސިފައިންގެ ތެރޭގައި ފަހިވެފައި އެބަހުއްޓެވެ. އެފަދަ ދާއިރާތަކުގެ ތެރެއިން މިރްޒާމެންފަދަ ބޭފުޅުންނަށް ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ އޭނާ އެދޭ އެދުމެކެވެ. ސިފައިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުތައް މިރްޒާމެންފަދަ ބޭފުޅުންނަށް ދެވެން އޮތް ފުރުޞަތެއްގެ ތެރެއިން ދަސްކޮށްދިނުމަކީ މިރްޒާ ކުރާ އުންމީދެކެވެ.

އާންމުންނާ ގުޅިގެން އެމްއެންޑީއެފުން ހިންގާ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި  ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް މިހާރު ވެސް އިސްކަންދެއެވެ. ޚާއްޞަކޮށް އާންމުންނާ ގުޅިގެން ހިންގޭ ޕްރޮގްރާމްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށްގެންދިޔުމަށް ޚާއްޞަ އިސްކަމެއް ދެއެވެ.

މުސްތަޤްބަލުގައި މިރްޒާމެން ފަދަ ބޭފުޅުންނަށް އެމްއެންޑީއެފްގައި ތިބި ހުނަރުވެރިންނާއި ފަންނީ ބޭފުޅުންގެ އެހީތެރިކަން  ލިބޭނޭ ފުރުޞަތު އިތުރުވެ، ކުރިއަށްދެވިދާނެ މަގުތަކެއް އެމްއެންޑީއެފްގެ ތެރެއިން ކޮށައިދިނުމަށް އެހީތެރިވެދޭނެ ކަމާމެދު ޝައްކެއްނެތެވެ.

”ސިފައިންނަކީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ބޭފުޅުން. ޤައުމަށް ޓަކައި ތިޔަ ކޮށްދެއްވާ ޚިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!“ މިރްޒާ ބުނުއްވިއެވެ.

ޝެއަރކުރެއްވުމަށް