އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގެ މިސްކިތްތައް ބައުވެ އިންދިރާސްވިޔަނުދީ އާބާތުރަ ފިލުވުމަށާއި ފޮޅާސާފުކޮށް ބެލެހެއްޓުމަށް ހިނގާ ޚަރަދުތައް ފޫބައްދައި އުޅެނީ މިސްކިތަށް ދީފައިވާ ބޯގައިންނެވެ. ދިވެހިބަހުގެ އެކަޑަމީ (2014) ބަޔާންކުރަނީ ބޯގައަކީ މިސްކިތް މިސްކިތާއި ޒިޔާރަތްފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ވަގުފުކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. ބޯގަ ދެއްވިކަމުގެ މައްޗަށް ރަސްކަމުގެ ފަރާތުން ނުވަތަ ވެރިކަމުގެ ފަރާތުން ދެއްވާ ލިޔުމަކީ ބޯގަފަތްކޮޅެކެވެ. ބޯގަފަތެވެ. ވަޤުފު ފަތޭވެސް ކިޔައެވެ. ޢަބުދުﷲ ޙިލްމީ (2012) ވިދާޅުވަނީ ވަޤުފުފަތަކީ ކޮށްފައިވާ ވަޤުފެއްގެ މައްޗަށް ލިޔެވިގެންވާ ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުން ކަމަށެވެ. ބޯގަ ފަތްކޮޅުތަކަށް ވިސްނާއިރު ބައެއް ފަތްކޮޅުތަކުގައި މިސްކިތްބެލެހެއްޓުމުގެ ޚަރަދުތަކުގެ އިތުރުން މުދިމަކާއި އިތުރު މީހުންގެ ޚަރަދުބަރަދު ވެސް ހިމެނިފައި އޮވެއެވެ. އަދި އެބަޔެއްގެ ޒިންމާތައް ވެސް ލިޔެވިފައި ހުރެއެވެ. ވަޤުފު ބެލެހެއްޓުމުގެ ޙަވާލުވެރިންނަކީ ތައުލިޔަމޫލަވެރިންނެވެ. ބައެއް ފަހަރު އެއީ މިސްކިތް ބިނާކުރި ފަރާތެވެ. ނުވަތަ އެރަށެއްގެ ރައްޔިތުންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ބަޔެކެވެ. ބޯގަފަތްކޮޅުތަކުގައި މޫލަވެރިންނަށް ހުރި މަންފާތަކުގެ އިތުރުން ޢިނާޔަތާއި ޚާއްޞަކަންކަން ވެސް ބަޔާންވެފައި ހުރެއެވެ. ވެރިކަމުގެ ފަރާތުން އަންގާ އެހެނިހެން ބައެއް އަމުރުތައް ވެސް އޭގެ ތެރޭގައި ހިމެނިފައި ހުންނަތަން ފެނެއެވެ. މިސްކިތުގެ މުޤައްދަސްކަމާއި މިސްކިތް ބިނާކޮށް، ބެލެހެއްޓުމާއި ޚައިރާތުކުރުމުގެ މަތިވެރި ސަވާބުގެ ވާހަކަތައް ގެނައުމަށްފަހު މިސްކިތަށް ގެއްލުންދީ، ވަޤުފުކުރެވޭ ތަކެތީގެ ޖެހުމުގެ ނުބައިކަމަށް ވެސް ފަތްކޮޅުތަކުގައި އަލިއަޅުވާލާފައި ހުރެއެވެ.
އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ދިވެހިންގެ އެޒަމާނަށް އަޅުގަނޑުމެން ގެންގޮސްދޭ ފާލަމެކެވެ. މާޒީގެ އެމަންޒަރުތައް ދައްކުވައިދެނީ ފިލްމު ފީތާއަކުން މަންޒަރުތައް ދައްކުވައިދޭ ފަދައިންނެވެ. ސިފަވެގެންދަނީ ދިވެހި ރަސްކަމުގެ ކީރިތި މޫރިތި ކަމާއި ޝާނާއި ޝައުކަތުގެ ދަރުބާރެވެ. ރައްޔިތުންގެ ފަރާތުން މައްސަލަތަކާއި އާދޭސްތައް ހުށައަޅާގޮތެވެ. އެއަށް ”ހިރިޔާފާތުރަ ދަށުން“ ލިބިގެންދާ އީޖާބެވެ. އިޤުތިޞާދީގޮތުން ކަންކަން ހުރިނެތް ގޮތެވެ. އިޖުތިމާޢީ މައްސަލަތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި މަސައްކަތްތެރިކަމެވެ. ދިވެހިންގެ ޢިލްމީ އަދަބީ ޤާބިލްކަމެވެ. ވަކި ޚާއްޞަ ނިޒާމެއްގެ މަތިން ތަރުތީބުވެގެން ހިނގަމުންދާ މުސްތަޤިއްލު ވެރިކަމުގެ ދީވާނުގެ އުސޫލުތަކާއި އާދަކާދައެވެ. މައް ދިވެހިރަށްވެހިކަމުގެ ސިފަތަކެވެ. މިނޫނަސް އެތައްއެތައް ކަމެކެވެ.
އެންމެ އިހުގައި މިސްކިތްތަކަށް ދީފައިވާ ބޯގަފަތްކޮޅުތަކަކީ މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގެ ލޯމާފާނުތަކެވެ. ލޯމާފާނުތައް ލިޔެވިފައިހުރީ ލޮއި ފޮތިތަކެއްގައި އެވޭލާ އަކުރުން ކަނޑާ ނަގައިގެންނެވެ. ނަމަވެސް ކަށިކެޔޮ ފަތާއި، ފަންވަތުގައި ވެސް ބޯގައިގެ ލިޔުންތައް ލިޔެވެމުންދިޔަ ދުވަސްވަރެއް އޮތްކަމުގައި ތާރީޚު ޢިލްމުވެރިން ފާހަގަކުރައްވައެވެ. ލޯމާފާނަށްފަހު އަޅުގަނޑުމެންނަށް ފެންނާންހުރި ފަތްކޮޅުތަކަކީ ކަރުދާހުގައި ދެލިން ލިޔެފައިވާ ފަތްކޮޅުތަކެކެވެ. ބައެއް ފަތްކޮޅުތައްހުރީ ދިވެހި ނުވަތަ ދިވެސް އަކުރުންނެވެ. އަނެއްބައި ފަތްކޮޅުތައް ތާނައަކުރުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަޞީލަތްތައް ހުރިގޮތުންނާއި ތާރީޚަށް ލޯބިކުރާ މީހުން މަދުވުމުގެ ސަބަބުން އެވޭލާ އަކުރާއި ދިވެސް އަކުރުން ހުރި ފަތްކޮޅުތައް ކިޔާން ދަންނަ މީހުން ވެސް އަމުދުން ނެތެވެ. ދިވެހިތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަހުމަދު ޝަފީޤް (1994) ވިދާޅުވެފައިވަނީ ”އެވޭލާ އަކުރާއި ދިވެސް އަކުރު ލިޔަންކިޔަން ދަންނަ ކޮންމެވެސް ބަޔަކު، އަބަދުވެސް ދިވެހީންގެ ތެރޭގައި ތިބެންވާނެއެވެ. ނޫންނަމަ، ތާރީޚްގެ ދުރު ޒަމާން އޮޅުން ފިލާ މަގު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.“
ހަވާލާ:
އަޙުމަދު ޝަފީޤު، އެވޭލާއަކުރު، 1994މ.
ޢަބުދުﷲ ޙިލްމީ، ކޮނޑޭ ކުޑަމިސްކިތުގެ ފަތްކޮޅު، 07 އޮކްޓޯބަރު 2012މ. http://www.galehiri.com
ދިވެހިބަހުގެ އެކެޑަމީ، ބަސްފޮތް، 2014މ.
