”މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމަ“ އެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން) ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ.
ބޮޑުތަކުރުފާނާއި ޙަސަން ތަކުރުފާނާ ދެބޭފުޅުން ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އެ ރަށުން ”ކަސްއަޅައި ރިޑީވެފައި“ ވާ ސާދަ ފަނަރަވަރަކަށް އަހަރުގެ ކުއްޖަކު ފެނިވަޑައިގަތެވެ. ބޮޑު ތަކުރުފާނު، އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމަށް ނިންމެވުމުން ޙަސަން ތަކުރުފާނު އެ ކުއްޖާ އިންގޮތުން އެކަމާ ހިތްޕުޅާނުވެ، ”ތިޔަ ކުއްޖާއަށް ކުރެވޭނީ ކޮންކަމެއްތޯ“ ސުވާލުކުރައްވައި ”ތިޔަ ކުއްޖާ ގެންދިޔައީމާ އަލުން މީހަކުގެ ބަލަދުއެރީ“ ކަމުގައި ދެންނެވިއެވެ. އެވަގުތު ބޮޑު ތަކުރުފާނު ވިދާޅުވި ”މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމަ“ ކަމަށް ވިދާޅުވި ޙިކުމަތްތެރި ބަސްފުޅު ދިވެހީންނަށް ފަރިތައެވެ.
ކޮންމެ އަކަސް ނިކަމެތި ފަގީރު ”ދުވާފަރުކޮއި“ ވީ ދިވެހި ތާރީޚުގައި އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ، މޮޅު، އަދި ހޭލުންތެރި ހިތްވަރުގަދަ، ރޭވުންތެރި، މުރާލި، ހީވާގި، ހުނަރުވެރި އަދި އެހާމެ ހުޝިޔާރު ދަންޑަހެލަކަށެވެ. ދުވާފަރުކޮއި މީހަކަށް ބޮޑުތަކުރުފާނު ހެއްދެވިއެވެ.
މި ހާދިސާއިން ލިބިގަންނަން ޖެހޭ އަނެއް ޢިބުރަތަކީ ނުވަތަ ދަސްކުރަން ޖެހޭ ފިލާވަޅަކީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަމެވެ. ބޮޑުތަކުރުފާނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ހިތްވަރުގަދަ ޖިހާދެއް ކަނޑުމަތީގައި ކުރެއްވި ވަރުގަދަ ފަހުލަވާނެކެވެ. ޖިހާދު ފެށްޓެވުމުގެ ކުރިންނާއި ފަހުން ވެސް ރާއްޖޭގެ އެކިއެކި ރަށްރަށަށް އަރުއްވައި، އެތައް ބަޔަކާ ބައްދަލުވެވަޑައިގެންފައި ވެއެވެ. އެކަމަކު ކަޅުއޮށްފުންމީގެ ދަންޑަހެލުގެ މަޤާމު ކޮންމެކޮންމެ މީހަކަށް ނުދެއްވިއެވެ. ދަންޑަހެލަށްވުރެ ކިޔަވައިގެން ތިބި މީހުންނާއި ހަށިގަނޑުގެ ބާރު ގަދަ މީހުންނާއި އެކިއެކި ރަށްރަށުގެ ބޮޑެތިބޮޑެތި ޢާއިލާތަކުގެ ޒުވާނުންނާ ވެސް ބޮޑު ތަކުރުފާނާ ވާނީ ބައްދަލުވެފައެވެ. އެހެން ނަމަވެސް ދުވާފަރު ދަންޑަހެލަށް ކުރެއްވި އިތުބާރު އެހެން މީހަކަށް ނުކުރެއްވިއެވެ.
ބޮޑު ތަކުރުފާނަށް ފުރަތަމަ ދަންޑަހެލު ފެނިވަޑައިގަތީ ކަޅުއޮށްފުންމިއަށް ފެންލައްވާން ދުވާފަރަށް ކަޅުއޮށްފުންމި މަޑުކުރެއްވި ދަތުރެއްގައެވެ. ބޮޑު ތަކުރުފާނަށް ދަންޑަހެލު ފެނިވަޑައިގަތީ ދުވާފަރަށް ފައިބައިވަޑައިގެން ރުނބައެއް ހިއްޕަވައިގެން މިސްކިތްދޮށަށް ވަޑައިގެންނެވިއިރު މަގުމަތީގައި ވާގަނޑެއް ކައިރީގައި ކާށިގަނޑަކާ މަސްގަނޑެއް ކާން އިންދައެވެ. އޭރު ދަންޑަހެލު އިނީ ކަސްއަޅާ ވަރަށް ބޮޑަށް ހަޑިވެފައެވެ. މެހިފޮޅަމުން މަސްގަނޑާއި ކާށިގަނޑު ކަމުން ގެންދިޔަ ހުޝިޔާރުކަން ބޮޑު ތަކުރުފާނަށް ފެނިވަޑައިގަތެވެ. ދަންޑަހެލުގެ ހުޝިޔާރުކަމަކީ ދަންޑަހެލުގެ މައްޗަށް ބޮޑު ތަކުރުފާނުގެ އިތުބާރު އުފެދުނު ސަބަބަށް ވެދާނެއެވެ. އަދި ދަންޑަހެލާ ވާހަކަ ދައްކަވާލެއްވުމުން ދަންޑަހެލު ދިން ހާޒިރު ޖަވާބުތަކަކީ ވެސް ދަންޑަހެލު މީހަކަށް ހެދިދާނެކަން ބޮޑު ތަކުރުފާނަށް ޤަބޫލުފުޅުކުރެއްވުނު ސަބަބަކަށް ވެދާނެއެވެ.
ކޮންމެކޮންމެ މީހަކަށް ކޮންމެކޮންމެ ކަމެއް ނުކުރެވޭނެއެވެ. ކޮންމެކޮންމެ މީހެއްގެ ކިބައިގައި ހިތްވަރާއި ޢަޒުމެއް ވެސް ނުހުންނާނެއެވެ. ކޮންމެ މީހެއްގެ ޢިލްމާއި ޙިލްމު އެއްވަރެއް ވެސް ނުވާނެއެވެ. ކޮންމެކޮންމެ މީހަކު މަސައްކަތަކަށްރަނގަޅެއް ވެސް ނުވާނެއެވެ. ކޮންމެކޮންމެ މީހަކު ޚިދުމަތްތެރި، ހިންގުންތެރި، ވިސްނުންތެރި މީހަކަށް ވެސް ނުހެދޭނެއެވެ. ކޮންމެކޮންމެ މީހަކު ހަރުދަނާ ލީޑަރަކަށް ވެސް ނެހެދޭނެއެވެ. ދަންޑަހެލު ކަޅުއޮށްފުންމިއަށް ލެއްވި ހާދިސާއިން ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ މިކަމެވެ. ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަމެވެ. މީހަކަށް މީހަކު ހެދޭނީ އެ މީހެއްގެ ކިބައިގައި ވެސް ހަރުދަނާ ރަނގަޅު ސިފަތަކެއް ހުރެގެންނެވެ.
މީހަކަށްވާން ބޭނުންނަމަ އުފަންކުރަންވީ ޝައުޤުވެރިކަމެވެ. އިސްކުރަންވީ އިޚުލާޞްތެރިކަމާއި ވަފާތެރިކަމެވެ. ތެދުވެރިކަމާއި އަމާންނާތްތެރިކަމެވެ. ވާންވީ ތަޤުވާވެރި، އިންސާފުވެރި އަދުލުވެރި މީހަކަށެވެ.
މަސްދަރު:
- ޙުސައިން ޞަލާޙުއްދީން.(1940). ބޮޑުތަކުރުފާނު ވާހަކަ. ނޮވެލްޓީ ޕްރެސް.(1998ގެ ޗާޕު)
- ބުރާރު މުޙައްމަދުފުޅު.(1958). ބޮޑުތަކުރުފާނު ވާހަކަ ބުރާރު މުޙައްމަދުފުޅު ކިޔުއްވިގޮތަށް. ސައާދާ ޗާޕުޚާނާ.
