ތަވާޟުޢުވެރިވުމަކީ ބޮޑާވެނުގަތުމާއި މަޑުމައިތިރިވެގަތުމެވެ (ޖަމީލު، 1939). ތަވާޟުޢުވެރިކަމަކީ، މާތް ﷲގެ ކުރިފުޅުމަތީގައި އިންސާނާގެ ބަލިކަށިކަން ވަޒަންކޮށް ދެނެގަތުމާއި، އެކަލާނގެ ކުރިފުޅުމަތީގައި ނިކަމެތިވެގަތުމާ އެކު އިންތިހާއަށް ކިޔަމަންވެ ބޯލެނބުމާއި، މާތް ﷲއަށް ކިޔަމަންވެގަތުމުގައި އޭނާ އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުގެ އިތުރުން އެހެނިހެން އިންސާނުންނާ ކުރެވޭ މުޢާމަލާތްތައް މި ވަޒަންކުރުމުގެ މައްޗަށް ރިޢާޔަތްކޮށް ބައްޓަންކުރުމެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ، ތަވާޟުޢުވެރިވުމަކީ، ތިމާ ވަރުގަދަޔަސް ވަރުގަދަކަމަށް ނުދެކުމާއި، ތިމާ މޮޅަސް މޮޅުކަމަށް ނުދެކުމާއި، ތިމާ މުއްސަންޖަސް މުއްސަނދިކަމަށް ނުދެކުމާއި، ހަސަބާއި ނަސަބުން އަދި މާއްދީ އެހެނިހެން ކަންކަމުގައި ތިމާ އަނެކުންނަށް ވުރެ މަތިވެރިކަމުގައި ފެނުނަސް، އެގޮތަށް ތިމާ ނުދެކުމުގެ އިތުރުން، މިކަންކަމާ މެދު ބޮޑާވެ ފަޚުރުވެރިނުވުމެވެ. ހިތްތިރިކަމާއި، މަޑުމޮޅިކަމާއި، އޯގާތެރިކަމާއި ކިޔަމަންތެރިކަމަކީ ތަވާޟުޢުވެރި ހިތްތަކުގެ ސިފަތަކެވެ. މީގެ އިދިކޮޅަކީ، ތިމާއަށް ލިބުނު ނިޢުމަތްތަކުގެ މަތިވެރިކަމާއި މޮޅުކަމާ މެދު ފަޚުރުވެރިވެ، ތިމާ ފަދަ އަނެކުންނަށް މިފަދަ ނިޢުމަތްތައް ނުލިބުނުކަމާ މެދު އޭނާއަށް މަލާމާތާއި ނިކަމެތިކަމުގެ ނަޒަރުން ދުށުމެވެ. އަދި، ހިސާބަށް ވުރެ ޒާތްކޮޅުބޮޑުވުމާއި، ތިމާއަށް ލިބުނު ކާމިޔާބެއް ނުވަތަ ނިޢުމަތަކާ މެދު ފޮނިވުމާއި، އަނެކާގެ ނާކާމިޔާބީގެ މައްޗަށް އުފާކޮށް ފުރައްސާރަކުރުމެވެ.

މާތް ﷲގެ އަޅުންގެ ގޮތުގައި އަހަރުމެން މި ބިމުގައި ލައްވައި، އަޅުކަންކުރުމަކީ އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ މަޤުޞަދުކަމުގައި ލައްވާފައިވުމުން މަފުހޫމު ވަނީ ތަވާޟުޢުވުރިވުމުގެ މުހިންމުކަމެވެ. ވެރިރަސްކަލާނގެއާއި އަޅައިކިއާ ނަމަ، އެކަލާނގެ އެންމެހައި މަޚުލޫޤުންނަކީ އެއްވެސް ބައެއް ނޫނެވެ. މިގޮތުން، އެއްވެސް މަތިވެރިކަމެއް، މޮޅުކަމެއް އަދި ބާރެއް ވެސް ލިބިގެންނުވެއެވެ. އަދި އެކަލާނގެއީ، މަޚްލޫޤުން އެކަލާނގެއަށް އަބަދުވެސް ބޭނުންޖެހިފައިވާ، އެކަލާނގެ އެއްވެސް މަޚުލޫޤަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެހެންކަމުން، މާތް ރަސްކަލާނގެ ކުރިފުޅުމަތީގައި، އިންސާނާއަކީ ނިކަމެތި މީހެކެވެ. އިންސާނާގެ ހިތުގައި ބިންވަޅުނަގަންޖެހޭ މި ”ނިކަމެތިކަމުން“ އޭނާއަށް ދަސްކޮށްދެނީ، އޭނާ ނޫން އެހެން މީހުންނާ މެދުވެސް އޯގާތެރިވުމަށެވެ. އަނެކުންނާ ކުރެވޭ އެންމެހައި މުޢާމަލާތުގައި، އިޙުތިރާމާއި ލޯތްބާ އެކު މުޢާމަލާތުކުރުމަށެވެ.

އަހަރުމެންގެ ތެރެއިން ބައެއްމީހުން، މަގުމަތީގައި ހިނގާފައި ދާއިރު ތިމާނޫން އެހެންމީހަކު މަގުމަތީގައި ނޫޅެއޭ ހީވާކަހަލައެވެ. ދެއަތް ފުޅާކޮށްފައި، ގުންފައިޖަހާފައި ދާއިރު ސަހަރޯއޭ ހީވާނެއެވެ. ތިމާނޫން އެހެން މީހުންނީ އެއްވެސް ބައެއް ނޫނޭ ބުނާކަހަލައެވެ. ބޮޑާކަމާ އެކު އަތްފުޅާކޮށްފައި މި ހިނގެނީ، ރަޙްމާންވަންތަ ވެރިއިލާހުގެ ބިމުގައިކަން އޭނާ ހަނދާން ވެސް ނުހުންނަ ކަހަލައެވެ. އެފަދަ މީހުންގެ ނަޒަރުގައި އަނެކާއަށް ހިނިތުންވެލުމަކީ ވެސް ތިމާގެ ދަރަޖަ ދަށްވުމެކެވެ. ނުވަތަ އަނެކާ ސަލާމްގޮވައިލުމުން، އެއަށް އިޖާބަދިނުމަކީ ވެސް ތިމާގެ ހައިބަތު ކުޑަވާނެ ކަމެކެވެ. ނުވަތަ، އަނެކުންނާއި އެއްހަމައެއްގައި، އެއް ސުފުރާއަކުން ކެއުމާއި، އެއް މަޖިލީހެއްގައި އިށީނުމަކީ ވެސް ތިމާގެ ހައިބަތު ބޮޑު ޝަޚުޞިއްޔަތަށް އުނިކަން ލިބޭނޭ ކަމެއްކަމުގައި އެފަދަ މީހުން ދެކެއެވެ. ނިކަން ވިސްނައިބައްލަވާށެވެ. ރަޙްމާންވަންތަ ވެރިއިލާހުގެ އަޅުތަކުންނާ ބެހޭގޮތުން ފުރުޤާން ސޫރަތުގެ 63 ވަނަ އާޔަތުގައިވާ އެކަލާނގެ ވަޙީ ބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ.

“ އަދި ރަޙްމާންވަންތަ ކަލާންގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާ އިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާ އެކު ހިނގާ މީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާ ވާހަކަދައްކާ ހިތްހަމަނުޖެހޭ ފަދައަކުން مُخاطَب ކޮށްފިއްޔާ ވެސް އެ ޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަ ވާހަކަ ނުދައްކައި ހަމައެކަނި ސަލާމު އެވެ ބުނެއެވެ.“ )އިބްރާހީމް، 2013).

ތަވާޟުޢުވެރިކަމުގެ ސިފަތައް ނެތް މީހުންނާ ދިމާލަށް ”ތިމާއަށް އެހެރީ ތިމާ ފެނިފައެވެ“ ބައެއްފަހަރު އަހަރުމެންގެ ތެރޭގައި ބުނެއުޅެއެވެ. ތަވާޟުޢުވެރި މީހަކަށް ވެވޭނީ، ތިމާގެ ހުރި ރަނގަޅު ސިފަތަކަށް ވުރެ، އަނެކުންގެ ކިބާގައި ހުރި ރަނގަޅު ސިފަތައް ފެންނަ މީހަކަށް ވެގެންނެވެ. ތިމާގެ ކިބާގައި ރަނގަޅު މާތް ސިފަތަކެއް ހުރިނަމަ، މާތް ﷲ އޭނާގެ ދަރަޖަ އުފުއްލަވާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ނަމަވެސް، ބޮޑާކަމާއި ކިބުރުވެރިކަން އެމީހެއްގެ ކިބާގައި ހުރި ނަމަ، މުޖުތަމަޢުގެ ފަރުދުން ވެސް އެ މީހަކަށް ޤަދަރެއް ނުކުރާނެއެވެ. އަދި މާތް ﷲ އޭނާ ދުނިޔޭގައި ވެސް ނިކަމެތި ކުރައްވައެވެ. ހައިބަތު ބޮޑުކަމުން، ޒާތްކޮޅުބޮޑުކަމުން ގޮސް، އަނެކާއާ ހަތަރުކަޅި ހަމަނުކުރެވޭ ދަރަޖައަށް އިންސާނާގެ ބޮޑާކަން ދިއުމަކީ ވިސްނައިލަންޖެހޭ ކަމެކެވެ. ތިމާހުރި މަޤާމާ އަޅައިބަލާ އިރު އަނެއްމީހާއަކީ މާބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭހައި މުހިންމު މީހެއްކަމުގައި ތިމާ ނުދެކޭތީ، އޭނާއަށް ހިނިތުންވެލައިފި ނަމަ ނުވަތަ އިސްވެ ގޮވާލައިފި ނަމަ ތިމާގެ ޝަޚުޞިއްޔަތު ޚަރާބުވެ ގައިން ބައެއް އުނިވެދާނޭ ބައެއްމީހުންނަށް ހީވެފައިއޮވެއެވެ. ނަމަވެސް، ޙުޖަރާތު ސޫރަތުގެ 13 ވަނަ އާޔަތުގައިވާ މާތް ﷲގެ ވަޙީބަސްފުޅުން އެނގިހާމަވާ ޙަޤީޤަތަކީ، މާތް ﷲ ގެ ޙަޟުރަތުގައި އިންސާނާ މާތްވަނީ އޭނާގެ ތަޤުވާވެރިކަން ހުރި މިންވަރަކުންކަމެވެ. މި އާޔަތުގެ މާނާގައި ވަނީ މިފަދައިންނެވެ. ”އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ފިރިހެނަކާއި އަންހެނެއްގެ ފަރާތުން (آدم عَلَيْهِ ٱلسَّلَامُ( އާއި ސިއްތުނާ حَوَّاء ގެފާނުންގެ ފަރާތްޕުޅުން ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެން ޖަމާޢަތްޖަމާޢަތަށާއި ޤަބީލާޤަބީލާއަށް ލެއްވީމެވެ. އެއީ ކަލޭމެން (އެކަކު އަނެކަކަކު) ދެނެގަތުމަށް ޓަކައެވެ. ހަމަކަށަވަރުން ކަލޭމެންކުރެ ﷲގެ ޙަޟްރަތުގައި އެންމެ މާތްމީހަކީ ކަލޭމެންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ ދެނެވޮޑިގެންވާ ޚަބަރުކުރައްވާ ކަލާނގެއެވެ.“ (އިބްރާހީމް، 2013).  

ދުނިޔޭގެ ޚަލީފާއިންކަމުގައި ލައްވާފައިވާ އިންސާނާ، އޭނާގެ ބުރަމަސައްކަތުން ހޯދާ ކާމިޔާބީއާއި ޢިލްމަކީ އޭނާގެ މޮޅުކަމަކުން ނުވަތަ ﷲގެ ޙަޟްރަތުގައި އަނެކުންގެ މައްޗަށް އޭނާ ޚިޔާރުކުރެވިފައިވާތީ ހޯދޭ ކާމިޔާބަކާއި ޢިލްމެއް ނޫނެވެ. އެއީ، މާތް ﷲގެ ފަޟުލުވަންތަވެރިކަމުން އަދި އެކަލާނގެ ތަނަވަސް ރަޙްމަތް އޭނާގެ މައްޗަށް ހުރުމުން ޙާޞިލުވާ ކަންކަމެވެ. މިފަދަ ކޮންމެ ހެޔޮކަމަކީ ﷲގެ ޙަޟުރަތުން ލިބޭ ތަނަވަސް ރަޙުމަތުން ނޫނީ ޙާޞިލުވާނޭ ކަންކަމެއް ނޫނެވެ. އެހެންނަމައީ، ސޫރަތުލް މަސަދު ބާވައިލެއްވުމުގެ އެތައް އަހަރެއް ފަހުން އަބޫލަހަބު މަރުވި އިރު، ޤުރުއާން ދޮގުކުރުމުގެ ފުރުޞަތު ވެސް އޭނާއަށް ލިބިފައިވި ޙާލަތުގައި އޭނާ އިސްލާމްވެ ހިދާޔަތު ލިބިގަތީހެވެ. އާދޭހެވެ! ރޭވުންތެރިކަމަށް އިންސާނަކު ނުހަނު މޮޅުވެދާނެއެވެ. ނަމަވެސް، މޮޅަށް ތަދުބީރުކުރައްވާ އިލާހަށް ގޮންޖަހާލެވޭވަރުގެ އަޅަކު ފަހެ ބިމުގައި ވާނެތޯއެވެ؟

ޔޫނުސް ސޫރަތުގެ 107 ވަނަ އާޔަތުގެ މާނާގައި ވެއެވެ. ”އަދި ﷲ ތަޢާލާ ކަލޭގެފާނަށް އުނދަގުލެއް ނުވަތަ ގެއްލުމެއް – ޖައްސަވަންޏާ އެކަލާންގެ ފިޔަވައި އެކަން ފިލުވައިލެވޭނޭ ހަމަ އެކަކު ވެސް ނުވެއެވެ. އަދި އެކަލާންގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވަންޏާ ވެސް އެކަން އަޔަނުދީ އަނބުރާ ރައްދުކޮށްލެވޭނޭ ހަމައެކަކު ވެސް ނުވެއެވެ. އަދި އެކަލާންގެ އަޅުތަކުންކުރެ އެކަލާންގެ އެދިވޮޑިގަންނަވާ ފަރާތަކަށް އެފަދަ ކަންކަން ޖައްސަވައެވެ. (އުނދަގޫ ނުވަތަ ފަސޭހަ ޖައްސަވައެވެ.) އަދި އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތް ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. (އިބްރާހީމް، 2013)

ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބިގަތުމަށް ޓަކައި، ތިމާމެންގެ ނަފުސުގެ ތަރުބިއްޔަތުގެ މަދަރުސާގެ އެންމެ މުހިންމު ފިލާވަޅުތަކުގެ ތެރެއިން ތަވާޟުޢުވެރިކަމަށް ޚާއްޞަ ނަޒަރަކުން ފިކުރުހިންގައިލުން މުހިންމެވެ. މާތް ﷲ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ އަމިއްލަ ނަފުސަށް ލޯބިކުރުމުގެ ސިފައަކީ، މަވެތިކަން ބޮޑުވެ، ދުނިޔަވީ އެދުންތައް ކާމިޔާބުކުރުމުގައި އަނެކުންގެ ކަރާމާތާއި ދަރަޖައަށް އެއްވެސްކަހަލަ އިޙްތިރާމެއްނެތި މުޢާމަލާތުކުރާ ބޮޑާކަމުން ކިލަނބުވެފައިވާ ސިފަތަކުން ސިފަލިބިގަތުމަށް އޮތް ޙުއްޖަތެއް ނޫނެވެ. މިއާޚިލާފަށް، ތަވާޟުޢުވެރިކަމުގެ ސިފަތަކުން ޖަރީވެއްޖެ މީހަކު، ތިމާގެ އަޚާ ނިކަމެތިކޮށެއް ނުލާނެއެވެ. ތިމާގެ އަޚާގެ ކުރިމަތީގައި ހިތްތިރިވެ މަޑުމޮޅިވާނެއެވެ. ތިމާގެ ދަރަޖައިގެ މަތިވެރިކަން އަނެކުންނަށް ދައްކައި، ފަޚުރުވެރިވެ ގިރުވާން މައްޗަށް ނުނަގާނެއެވެ. އަދި، ތިމާގެ އަޚާފަދައިން ތިމާއަކީ ވެސް ހަމަ އެއްކައުވަންތަ އެއް އިލާހަކަށް އަޅުކަންކުރާ އަޅެއްކަން ހަނދުމަކުރާ ޙާލު، އެ ދަރަޖައިން ނެއްޓި، އެއަށްވުރެ މާ ހައިބަތު ބޮޑު މީހެއްކަން ދައްކަން މަސައްކަތެއް ނުކުރާނެއެވެ.

ތިމާއަށް މަތީ މަޤާމެއް ނުވަތަ މޮޅުކަމެއް ލިބުމަކީ، އެކަމާ މެދު ތިމާ ފަޚުރުވެރިވުމުގެ ބަދަލުގައި، ހިތްތިރިވެ މާތް ﷲ އަށް ބިރުވެތިވުމުގައި އިތުރަށް ޚަބަރުދާރުވާން ޖެހިއްޖެކަމުގެ އިންޒާރެއްކަމުގައި ދެކޭށެވެ. ކޮންމެ މަސްއޫލިއްޔަތަކީ، އެކަމަކާ މެދު ތިމާއާ މެދު ސުވާލުވެވޭނޭ ކަމެކެވެ. ކޮންމެ ނިޢުމަތެއް ވެސް ހަމަ މިފަދައެވެ. މީގެން އެއްވެސް ކަމަކާ މެދު ޣާފިލުވެއްޖެ ނަމަ އެކަމުގެ ހިތިރަހަ ލިބިގަތުމަށް ދެން ތިބާ ތައްޔާރަށް ހުންނާށެވެ! ކިތަންމެ މޭ ފުއްޕާފައި، ތިމާ ބޭނުންވާހައިގޮތަކަށް ކަންކަން ރޭވިޔަސް، އެންމެ މޮޅަށް ތަދުބީރުކުރައްވާ އިލާހަށް ގޮންޖަހައިލެވޭނޭ އެއްވެސް އަޅަކު ބިންމަތީގައި ނުވެއެވެ.

ރެފަރެންސް: 

  • ޖަމީލު، މުޙައްމަދު. (1939). ދުރޫސުލްއަޚްލާޤް. ދިވެހިރާއްޖެ: ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް ޕލޓ. ލޓޑ.
  • އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 1266
  • އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 1912
  • އިބްރާހީމް، އަބޫބަކުރު. (2013). އަލްޤުރުއާނުލް ކަރީމްގެ މާނަތަކުގެ ތަރުޖަމާ. ޞ. 700
ޝެއަރކުރެއްވުމަށް