ދިވެހީންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވި ޘަޤާފީ ގިނަ ކުޅިވަރުތަކެއް މަޑުމަޑުން ގެއްލެމުން ނެތެމުން ދަނީއެވެ. އަދި އެކަމާމެދު ވިސްނައި، އެފަދަ ޘަޤާފީ ކުޅިވަރުތައް ދިރުވައި އާލާކުރަން އެއްވެސް މަސައްކަތެއް ކުރެވޭބާވައޭ ވެސް ހިތަށް އަރައެވެ. އިހުޒަމާނުގައި މިފަދަ ކުޅިވަރުތައް ކުޅުއްވުމުގައި އުޅުއްވި، އަދި އަނެކުންނަށް ދަސްކޮށްދެއްވަން އުޅުއްވި އިސް މުދީރުން އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެއެވެ. އެބޭބޭފުޅުންނާމެދު މާބޮޑު ސަމާލުކަމެއް ނުދެވި ތިއްބައި، އެ އެންމެން ވެސް މިހާރު ވަނީ އަޅުގަނޑުމެންނާ ވަކިވެފައެވެ. އެކަމަކު އަދިވެސް ބައެއް ކުޅިވަރުތައް އަޅުގަނޑުމެން ކުޅެމުން އެބަގެންދަމުއެވެ. މިގޮތަށް ކުޅޭ ކުޅިވަރުތަކުގެ ތާރީޚާ ބެހޭ ގޮތުން އެއްޗެއް ބުނެލަން އެނގޭ މަދު މީހަކު ނޫނީ މިހާރަކު އުޅޭނޭހެނެއް ވެސް ހީއެއް ނުވައެވެ.
ޤައުމެއް ކުރިއަރައި ދާއިރު، އެ ޤައުމެއްގެ ޤައުމިއްޔަތާ ގުޅުންހުރި ޘަޤާފީ ކަންކަން ރައްކައުތެރިކަމާއެކު އަންނަނިވި ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެވެސް ބަޔަކު ކުރަން ޖެހޭނޭ ކަމެކޭ ހިތަށް އަރައެވެ. އެހެންނޫނީ އެކަމެއް ފެށުނު ގޮތެއް، ފެށުނުއިރެއް ނޭނގި ގެއްލިގެން ހިނގައިދާނެއެވެ. މިދެންނެވިފަދަ ކުޅިވަރުތަކުގެ ތެރެއިން މަދު، ބައެއް ކުޅިވަރު އަޅުގަނޑުމެން މިހާރު ވެސް ކުޅެމުން އެބަ ގެންދަމުއެވެ. އެކަމަކު، އޭގެ ތާރީޚާބެހޭގޮތުން އެއްޗެއް ބުނާކަށް އެހައި ފަސޭހައެއް ނޫނެެވެ. ވުމާއެކު ރާއްޖޭގައި ކުޅެއުޅުނު ކުޅިވަރުތަކާބެހޭގޮތުން އަޅުގަނޑަށް ފެނިފައިވާ ބައެއް ލިޔެކިއުންތަކުން ފެންނާން ހުރި މަޢުލޫމާތުތައް އެއްކޮށްލެވޭތޯ ބެލީމެވެ.
އަޅުގަނޑަށް ފެންނާންހުރި މަޢުލޫމާތު ތަކަށް ބުރަވާއިރު، ދިވެހީން އުފެއްދި ކަމަށް ބުނާ 18 ކުޅިވަރެއް އެބައޮތެވެ. އަދި އިންޑިޔާގެ ނުފޫޒު ހުރިކަމަށް ބެލެވޭ 42 ކުޅިވަރެއް ދިވެހީން ކުޅެއުޅުނެވެ. ޔޫރަޕްގެ ނުފޫޒު ހުރިކަމަށް ބެލެވޭ 4 ކުޅިވަރަކާއި، އެފްރިކާގެ ނުފޫޒު ހުރިކަމަށް ބެލެވޭ 7 ކުޅިވަރަކާއި، ދެކުނު އޭޝިޔާގެ ނުފޫޒު ހުރިކަމަށް ބެލެވޭ 1 ކުޅިވަރު (ޖާވީ ލަވަ) ހިމެނެއެވެ. އަދި މީގެ އިތުރުން ބައިނަލްއަޤްވާމީ ގޮތުން ކުޅެއުޅޭ 17 ކުޅިވަރަކާއެކު ޖުމުލަ 89 ކުޅިވަރެއް ދިވެހީން ކުޅެއުޅުނުކަމަށް ހެންވޭރު ޝަފީގުގޭ އަޙުމަދު ޝަފީޤް ވިދާޅުވެފައި ވެއެވެ. މީގެ ތެރޭން މި މަޒުމޫނުގައި އަޅުގަނޑު ތާރީޚީ ގޮތުން މިބަލައިލަނީ މިހާރު ވެސް ދިވެހީން ކުޅެއުޅޭ 2 ކުޅިވަރަކަށެވެ. އެއީ މަޒުމޫނު ދިގުވެދާނޭ ކަމަށްޓަކައެވެ. އެހެން މަޒުމޫނެއްގައި އެހެނިހެން ކުޅިވަރުތަކާ ބެހޭ މަޢުލޫމާތު ވެސް ލިޔެލުމުގެ ވިސްނުމުގައެވެ
ދިވެހީން އަމިއްލައަށް އުފެއްދި ”ބޮލިމަލާފަތް“ ނެށުން
”ބޮލިމަލާފަތް“ ނެށުމަކީ މި ފަހަކަށް އައިސް ދިވެހީން ވަރަށް ގަޔާވި، އަދި ޝަޢުޤުވެރިކަން އިތުރުވެގެން ދިޔަ ރީތި، އެހައިމެ ފަރި ނެށުމެއް ހިމެނޭ ކުޅިވަރެކެވެ. އަންހެންވަންތަ ރީތި ޙަރަކާތްތަކެއް ނެށުމުގެ ތެރޭގައި ދައްކައިދެމުން އައިސްފައިވާ ”އަންހެންވަންތަކަން“ ހުރި ނެށުމެކެވެ. ނެށުމުގެ ޙަރަކާތްތައް، ކިޔަމުންދާ ލަވައިގެ ހަމަތަކާ އެއްގޮތަށް ޙަރަކާތްތައް ގެންގުޅެމުންދާއިރު، ބެލުންތެރީންގެ ހިތްތަކަށް އުފާވެރި އިޙުސާސްތަކެއް ވައްދައިދެއެވެ.
މި ކުޅިވަރު ދިވެހީންގެ ތެރެއަށް ތަޢާރަފު ކޮށްދިނީ އަމީނިއްޔާ ސްކޫލްގެ މުސްކުޅި ޠާލިބާއިންގެ އަންހެން ކުދީންކޮޅެއް އިސްނަގައިގެން ބޭއްވި ޘަޤާފީ ޝޯއެއްގައި 1984 ވަނަ އަހަރުގެ ތެރޭގައެވެ. މި ނެށުން ފުރަތަމަ ތަޢާރަފު ކޮށްދިންއިރު، އެކުދީން ގެންގުޅުނު ބައެއް އެއްޗިއްސަށް ބަލާއިރު، މާފައްޗާއި، ކުދިކުދި އަތުފަންކާއާއި، ލުއިލުއިކޮށް އަތުގެ ތެރޭގައި ގެންގުޅެވޭ ކަހަލަ ބޮލިރަވަ ފާޑު އެއްޗިއްސާއި، ވަރަށް ކުދިކޮށް ހަދައިފައި ހުންނަ ތާރަ ކަހަލަ އެެއްޗެހި ވެސް ހިމެނެއެވެ.
މި ކުޅިވަރުގެ އަސްލަކީ ކޮބައިތޯ ބަލާއިރު، ”ބޮލިމަލާފަތް“ ނެށުން އުފެއްދި ކުދީން ދިވެހީން ރަސްރަސްކަލުންގެ ޒަމާނުގައި ކޮށްއުޅުނު ކަންކަމަށް ވަރަށްބޮޑަށް ސަމާލުކަން ދީފައިވާކަމަށް ފެނެއެވެ. އިހުޒަމާނުގައި ރަސްރަނީންގެ އަރިހަށް އެކިއެކި ޚާއްޞަ މުނާސަބާގައި ޢިއްޒަތް އެރުވުމަށް ނަލަހެދިގެން ބައިބައަށް އަންހެނުން ވެދުމާދިއުން އޮވެއެވެ. އޭރު މި ހަރަކާތަށް ކާބަފައިން ކިޔައި އުޅުނީ ”ބޮލިމަލާފަތާ ދިއުން“ މިގޮތަށެވެ. އަދި މިކަހަލަ ބައެއް މުނާސަބަގައި ވެދުމާދިއުމަށް ”ގޮށިމޫނުން ބާންޏާ ދިއުން“ ކަމުގައި ވެސް ކިޔައި އުޅުނެވެ. މި ލަވައިގައި ދައްކައިދޭ ނެށުމަށް ބަލާއިރު، ކޮންމެވެސް ވަރަކަށް އުތުރުކަރައިގެ މީހުން ނަށައި އުޅުނު ”ގުޖުރާ ނެށުން“ ގެ އަސަރު ހުންނަކަމަށް އެކަމުގެ ބޭބޭފުޅުން ވިދާޅުވިއެވެ.
އެހެންކަމުން މި ކުޅިވަރު އުފެއްދި ކުދީން މިނެށުމަށް ދީފައިވާ ނަކަމީ ”ބޮލިމަލާފަތް ނެށުން“ ކަމުގައި ހެދިއެވެ. މި ނެށުން ފުރަތަމަ ތަޢާރަފު ކުރި ޝޯގައި ކުދީން އެތުރިފައިތިބީ ދެ ސަފަސެވެ. ސަފެއްގައި 6 ކުދީންނެވެ. ލަވައާއެކު، ނެށުމަށް ފެށީވެސް ކުރުނީސް ކުރުމަކުންނެވެ. ނިންމީވެސް ކުރުނީސް ކުރުމަކުންނެވެ. ކުރުނީސް ކުރުމަކީ އިހުޒަމާނުގައި ރަސްރަނީންގެ އަރިހަށް ދިވެހީން ގޮސް އުޅުނުއިރު، އަދަބު އަދާކުރުމުގެ ގޮތުން ކޮށްއުޅުނު ކަމެކެވެ. ރީތި އަދި އަދަބުވެރި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ނެށުމަށް ނުކުތް 12 ކުދީން ވެސް ތިބީ ފޭލި އަނދެފައި ބަގިޔާޖެހި ބޯވަޅުއެޅި ދިވެހި ރަތްލިބާސް ލައިގެންނެވެ. ބޮލުގެ ކަނާތް ފަރާތަށް ހުޅިޖަަހައިފައި، ރުމާފަޅި އަޅައިގެން ތިބިއިރު، ވަރަށްވެސް ރީއްޗެވެ. ފާހަގަ ކުރެވުނު އަނެއްކަމަކީ ފޭލި އަނދެފައި ހުރި ގޮތެވެ. ދިވެހި އަންހެނުން ފޭލި އަނދެ އުޅުނީ ވެސް ވަކި ގޮތަކަށެވެ. އެގޮތަށް ހުރިހައި ކުދީން ވެސް ތިބީ އިހުޒަމާނުގައި ފޭލި އަނދެއުޅުނު ގޮތަށް ފޭލި އަނދެގެންނެވެ.
ގާއޮޑިލަވަ
މިއީވެސް ދިވެހީން އަމިއްލައަށް އުފެއްދިކަމަށް ބެލެވޭ ކުޅިވަރެކެވެ. ގާއޮޑިލަވައަކީ ވެސް އިހުޒަމާނުގެ ރާގުތަކަކަށް ލަވަ ކިޔަމުން ފިރިހެނުން ނަށާ ވަރަށް ރީތި ނެށުމެކެވެ. މިނެށުމަކީ ދެތިން ވަޒަނަކަށް ކިޔާ ދެތިން ލަވައެއްގެ މައްޗަށް ބިނާވެފައި އޮންނަ ކުޅިވަރެކެވެ. ލަސް ރާގެއްގެ ލަވައަކަށް ކުޑަކޮށް ކަކުލު ހުޅުން ލަނބައިލަމުން އަތާއި ހަށިގަނޑަށް ގެންނަ ލުއިލުއި ހަރަކާތެއްގެ ތެރޭގައި މަޑުމަޑުން ކުރާ ހަރަކާތް ތަކެކެވެ. މާލޭގައި ކުޅޭނެ ގިނަ ކުޅިވަރުތަކެއް މިހާރުހެން ނެތް ދުވަސްވަރު، ޢީދު އައިސްގެން ކުޅިވަރުތައް ކުޅޭއިރު މާލޭގެ ގޭގެދޮށަށް ގޮސް މަގުމަތީގައި މި ކުޅިވަރު ކުޅެހަދައެވެ.
ގާއޮޑި ލަވައިގެ ތާރީޚަށް ބަލާއިރު، މި ލަވަ ފެށިގެންއައީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ބޮޑުރަސްގެފާނު) ގެ ޒަމާނުގައި 17 ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވެއެވެ. އެ ރަދުންގެ ދުވަސްވަރަކީ މާލޭގެ ކަނޑުތޮށިލުމާއި، ބޮޑުފާރު ލުންފަދަ ބޮޑެތި ބުރަ މަސައްކަތްތަކެއް ކޮށްއުޅުނު ޒަމާނެކެވެ. ބުނެވޭގޮތުގައި އެ ޒަމާނުގައި އެ މަސައްކަތުގައި އުޅުނު މީހުން މަސައްކަތް ނިންމާލުމަށްފަހު، އެކަމުގެ އުފަލުގައި ރަދުންގެ އަރިހަށް ދާއިރު ގޮސް އުޅުނު ކަމަށްވަނީ މިކަހަލަ ނެށުމެއްގައެވެ. އެންމެ ފުރަތަމަ ގެންގުޅުނު ކަމަށް ބައެއް ބޭބޭފުޅުން ވިދާޅުވަނީ ވެސް ކޮންމެވެސް ގަހެއްގެ ގޮފިކޮޅަކާއެކު ފަތްކޯޅިއެއް ކަމަށެވެ.
މި ކުޅިވަރު ކުޅެންފެށުނު ތާރީޚަކާބެހޭގޮތުން ދެވަނަ ބުނުމެއް ވެސް އޮވެއެވެ. އެއީ މި ކުޅިވަރު ފެށުނީ 18 ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ބުނާ ބުނުމެކެވެ. މިއިން ކޮންމެ ގޮތެއްގައި ވެސް މި ނެށުން ނަށައި އުޅުނީ މަސައްކަތް ނިންމާލައިފައި ރަދުންގެ އަރިހަށް ވެދުމާ ދާ ދިއުމެއްގެ ގޮތުގައި ކަމަށް ވެއެވެ. އޭރު ލަވަކިޔާ އުޅުނީ މުޅީން ވެސް އަރަބި ބަހުންނެވެ. ދިވެހިބަހުން ލަވަތައް ކިޔާންފެށީ 1980 ގެ އަހަރުތަކުން ފެށިގެންނެވެ. މިއީ ފިރިހެނުންގެ މަގުމަތީ ކުޅިވަރެކެވެ.
މަސައްކަތް ނިންމާފައި މިގޮތަށް އަންބާލަވަ ކިޔަމުން، ނަށަމުން ރަދުންގެ އަރިހަށް ގަނޑުވަރަށް ގޮސް ކުރުނީސް ކޮށްފައި ލަވަ ބަދަލު ކޮށްލައެވެ. ރަދުންގެ އަރިހަށް އެމީހުން ދިއުމުން ހަދިޔާއެއް ދެއްވާނެއެވެ. އެ ހަދިޔާ ދެއްވުމުން ނެށުމުގެ ވައްތަރާއި، ފާޑުވެރިކަމާއި، އަދި ލަވަ ވެސް ބަދަލު ކޮށްލުމަށްފަހު އެ ހަދިޔާ ނަގައި ބޯމައްޗަށް ލައިގެން އަންނަނީއެވެ. މިކުޅިވަރަށް ދިވެހީން ”ބިލެތްދަފި ނެގުން“ މިހެންވެސް ކިޔައި އުޅުނެވެ. ރަދުން އެ ދެއްވާ ހަދިޔާއެއް ހުންނަނީ ފޮތިގަނޑަކަށް ލައި ގޮށެއް ޖަހައި އައްސައިލާފައެވެ. މިހެން އައްސައިލުމަށްފަހު، ލިޔެލާ ޖަހައިފައި ހުންނަ ވައްގޮނޑިއެއްގެ މަތީގައި ބެހެއްޓުމަށްފަހު، ނަށާ މީހުން ވައްކޮށް އެތުރިލާވަގުތު، ނަށާ މީހުންގެ މެދުތެރޭގައި ބަހައްޓައެވެ. ހަދިޔާ ނަގަންވީމާ އެންމެން ވެސް ތިބެނީ ވަރަށް ރީތި ހަރަކާތްތަކަކާއެކު ނެށުމެއްގައި ވައްކޮށް އެތުރިލައިގެންނެވެ.
މި ކުޅިވަރު ވަނީ 20 ވަނަ ޤަރުނަށް އަޅައިގެންއިރު، ޤައުމީ ކުޅިވަރެއްކަމުގައި ބަލައިގެންފައެވެ. އޭރު ވަނީ ނެށުމަށާއި ނެށުމުގައި ގެންގުޅޭ އެއްޗިއްސަށާއި، އަޅައިއުޅޭ ހެދުމަށް ވެސް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. މިހިސާބަށް އައިއިރު، ފަސްބެރުވެރިން ތިބެގެން ފަސްބެރުގައި އެއްހަމައަކަށް ޖަހަމުން ލަވަ ކިޔަމުން ގެންދެއެެވެ. އަދި ދެތިން މީހަކު ތިބެގެން ލަވަ ނަގާކިޔަމުން ގެންދެއެވެ. އަދި މި ލަވައަށް އެހެންމީހުން ޒުވާބު ކިޔަމުން ނަށަމުން ގެންދަނީއެވެ. ފުރަތަމަ ފެށެނީ ”ދިގުމަގު ނެށުން“ ކިޔާ ނެށުމަކުންނެވެ. މި ނެށުމުގައި އެންމެ އިހުޒަމާނުގައި ފަތްކޯޅިއެއް ގެންގުޅުނު ކަމުގައި ވިޔަސް ވިހިވަނަ ޤަރުނާހަމައަށް އައިއިރު، ގެންގުޅެނީ ދެތިން ފޫޓެއް ހުންނަވަރުގެ ދިގު ދަނޑިބުރިއެއްގެ މަތީކޮޅުގައި ވަރަށް ރީތި މާގަނޑެއް ލައިގެންނެވެ. މި ހަދައިފައި ހުންނަނީ ހިމަކޮށް ކުލަކުލައިގެ ފޮތި ކަފައިގެންނެވެ. މި ކުޅިވަރުގައި ބައިވެރިންނަށް ބަލާއިރު ތިރީހަކަށް މީހުން ތިބޭތީ ވެސް ފެނެއެވެ. މި ނެށުމުގެ އަސްލެއް ކަމަށް ބަލައިފައިވަނީ އުތުރުކަރައިގެ ނެށުމެއް ކަމުގައި ވެސް މި ފަންނުގެ ބޭބެފުޅުން ވިދާޅުވެއެވެ.
ވިހިވަނަ ޤަރުނުގެތެރޭން މި ކުޅިވަރު ފެންނަމުން ދިޔައިރު، ކުޅިވަރު ކުޅޭމީހުން ތިބެނީ ވަރަށް ރީތިކޮށް ނަލަހެދިގެންނެވެ. ހުރިހައި އެންމެން ވެސް ތިބެނީ މުންޑު އަނދެފައި ގަމީސްފަސްބައި އެތެރެއަށް ލައިފައި އަރުވާ ޖަހައިގެންނެވެ. އެންމެން ވެސް ލައިގެން ތިބެނީ ހުދު ގަމީހެވެ. ބައެއް ގުރޫޕްތަކުން ހުރިހައި އެންމެން އެއްކުލައިގެ މުންޑު އަނދެގެން ތިބެއެވެ. ޢާއްމުކޮށް ބޮލުގައި އެއްޗެއް ނޭޅިނަމަވެސް 18 ވަނަ ޤަރުނާ ހަމައަށް ދާއިރު، ބޮލުގައި ހުންނަނީ ބޮލުފޮށާ އޮޅާފައެވެ. ތިބެނީ ފައިވާނަކަށް ނާރާ ހުސްފައިގައެވެ.
މަޢުލޫމާތު:
- އަޙުމަދު ޝަފީޤް ހ. ޝަފީގުގެ
- އަންނަބީލާ ޙަބީބާ ޙުސައިން ހަބީބު
- ކުޑަތުއްތު (ހަކުރުކުޑޭ)
