ކޮންމެ ޤައުމެއްގައި ވެސް އެ ބައެއްގެ އަމިއްލަވަންތަކަމެއް ނުވަތަ އެ ބަޔަކު ގަބޫލުކުރާ ކަންތައްތަކެއްގެ މައްޗަށް ބިނާވާ ޤައުމިއްޔަތެއް އޮންނާނެއެވެ. ކިތަންމެ ބޮޑު ޤައުމަކަށް ނުވަތަ ކިތަންމެ މަދު އާބާދީއެއް އޮތް ކުޑަ ޤައުމެއް ކަމުގައި ވީ ނަމަވެސް މިކަން އޮތީ ހަމަ މި ބީދައިންނެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ވެސް މި ދެންނެވި ފަދަ، އެއްބައިވަންތަ، މުއްސަނދި ތާރީޚެއް އޮތް، އަމިއްލަ ސަގާފަތެއްގެ ވެރި ބައެކެވެ. އެއްބައިވަންތަކަމާ އެކު ޤައުމުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ދިވެހީންގެ ޤައުމިއްޔަތެއް އޮތުމެވެ.
ދިވެހިރާއްޖެއަކީ ވެސް އަމިއްލަވަންތަ ސަގާފަތަކާއި ޤައުމިއްޔަތެއްގެ ވެރި ބައެކެވެ. އެގޮތުން، ދިވެހީންގެ ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާ އިރު، 1988ވަނަ އަހަރު ނޮވެންބަރު 3ވަނަ ދުވަހު ދެވުނު ޢުދުވާނީ ހަމަލާއަކީ ދިވެހީންގެ ޤައުމީވަންތަކަން އިތުރަށް ވަރުގަދަވެ، އެއްބައިވަންތަކަން އިތުރަށް އާލާވެގެން ދިޔަ ހާދިސާއެކެވެ. އަދި ހަމައެހެންމެ، 2004ވަނަ އަހަރު ޑިސެންބަރު 26ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއަކީ ވެސް ދިވެހިންގެ އެއްބައިވަންތަކަން އިތުރު ވެގެން ދިޔަ ކާރިސާއެކެވެ. ދިވެހިންގެ އަމިއްލަވަންތަ ސަގާފަތާއި، ދިވެހިބަހާއި އިސްލާމް ދީން އަދި ޤައުމީ ރަމްޒުތަކުގެ ގޮތުގައި އަޅުގަނޑުމެން ބޭނުން ކުރާ ޤައުމީ ސަލާމާއި، ޤައުމީ ދިދަ އަދި ދައުލަތުގެ ނިޝާން ފަދަ ކަންކަމަކީ އަޅުގަނޑުމެން ދިވެހީންގެ ޤައުމިއްޔަތުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މުހިންމު ކަންކަމެވެ. ދެން އޮތް ސުވާލަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަޅުގަނޑުމެންގެ މިނިވަންކަން ގުޅިފައިވަނީ ކިހާ މިންވަރަކަށްތޯއެވެ.
އާދޭހެވެ. ޤައުމިއްޔަތާއި މިނިވަންކަމަކީ އެކެއްޗެއްގެ ދެ ފަޅިއެވެ. މިނިވަންކަމުގެ ސަބަބުން ޤައުމިއްޔަތު ވަރުގަދަވެ، ޤައުމިއްޔަތުގެ ސަބަބުން މިނިވަންކަން ދެމެހެއްޓެއެވެ. އެހެންކަމުން، ޤައުމިއްޔަތާއި މިނިވަންކަން ވަކިކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޤައުމިއްޔަތު ނެތް ތަނެއްގައި މިނިވަންކަން ދެމެހެއްޓުމަކީ ދަތިކަމަކަށް ވާނެއެވެ. އަމުދުން މިނިވަންކަމެއް ނެތް ތަނެއްގައި އޮންނާނެ ޤައުމިއްޔަތެއް ނެތެވެ. އެހެންކަމުން، މި ދެ އަސާސަކީ ވަކި ކުރެވޭނެ ދެ އަސާސެއް ނޫނެވެ. މިނިވަންކަމުގެ ސަބަބުން ޤައުމިއްޔަތު އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުވެއެވެ. މިނިވަންކަން ނެތް ޤައުމެއްގައި ޤައުމިއްޔަތުގެ ރޫހު ދަށްވެ، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފުރުޞަތު ބޮޑުވެއެވެ. އެގޮތަށް އެކަން ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ޤައުމިއްޔަތުގެ ހަޤީޤީ ފޮނި މީރުކަން ލިބޭނީ ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ބަޔަކަށް ކަމަށް ވާތީއެވެ. ދިވެހި ތާރީޚަށް ބަލާއިރު، މިނިވަންކަމާއި ޤައުމިއްޔަތާ ދެމެދު އޮތް ގުޅުން ވަރަށް ސާފުކޮށް ފެނެއެވެ. ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމަށް ޓަކައި މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މަސައްކަތަކީ ޤައުމިއްޔަތުގެ ރޫހުން ފެށިގެން އައި މަސައްކަތެކެވެ.
އަދި ހަމަ އެހެންމެ، އިނގިރޭސީންގެ އަތްދަށުގައި އޮތް އިރު ދިވެހިންނަށް ކަންކަން އަމިއްލައަށް ނިންމުމުގެ ބާރެއް ނެތެވެ. އަމިއްލަވަންތަކަން ދޫކޮށް، އަޅުގަނޑުމެން ތިބެން ޖެހުނީ އިނގިރޭސީން ޖެހިހާ ބެރަކަށް ނަށާށެވެ. ހަޤީޤީ މާނައިގައި ދިވެހި ޤައުމިއްޔަތު އޭރު އޮތީ ވަޅު ޖެހި، އިނގިރޭސިންގެ ގޮތްތަކަށް ތަބާވެ، އެ ގޮތްތައް އަށަގެންފައެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ އަތްދަށުން 1965 ވަނަ އަހަރު މިނިވަން ވުމަށް ފަހު އަނެއްކާ ވެސް އަޅުގަނޑުމެންގެ ސަގާފަތަށް މިވަނީ ރުޖޫޢަވެފައެވެ. އެހެން ނަމަވެސް ހިތާމަޔާއެކު ދަންނަވަން ޖެހެނީ މިއަދާ ހަމައަށް އައި އިރު ވެސް ފަރަންޖީން ގެންގުޅޭ ބައެއް ކަހަލަ ނޭދެވޭ އާދަތައް އަޅުގަނޑުމެން ދިވެހިންގެ ކިބައިގައި އަށަގެންފައިވާ ކަމެވެ. މިއީ މިއަދު ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ޤައުމިއްޔަތާއި މިނިވަންކަމުގެ ގުޅުން އިތުރަށް ދިރާސާކޮށްލާއިރު، މި ގުޅުމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ކުރާ އަސަރު ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މި ގުޅުން ވަރުގަދަ ނަމަ އެ ޤައުމެއް ވަރަށް ހަލުވިކަމާއެކު ތަރައްޤީ ވުމުގެ ފުރުސަތު އޮންނާނެއެވެ. ސަބަބަކަށް ވަނީ، ޤައުމިއްޔަތު ވަރުގަދަ ޤައުމެއްގައި އުޅޭ ރައްޔިތުންނަކީ ވަރަށް ޖޯޝާއި ފޯރީގައި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ބަޔަކަށް ވާނެތީއެވެ. އެގޮތުގައި ހުރިހާ އެންމެން ސާބިތުވެ ތިބެ އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ ފޮނިވާނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅިގެންދާނެ ހަރުދަނާ ބިންގަލަކަށް ވެގެން ދާނެކަން ކަށަވަރެވެ.
މިނިވަންކަމަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ބާރާއި، އަމިއްލަ ވިސްނުމާއި ފިކުރުގައި ދިރިއުޅޭ އުޅުމެވެ. ބޭރުގެ ނުފޫޒުން އެއްކިބާވެ، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ފުރިހަމަ ފުރުޞަތު ލިބިފައި ވުމެވެ. މިނިވަންކަން ލިބިފައިވުމުގެ ސަބަބުން އިސްވެ ދެންނެވުނު ފަދައިން ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފަހި ވެގެން ދެއެވެ. އަދި ތައުލީމީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ ދަރިންގެ ޤައުމީ ރޫހު އިތުރަށް އާލާކުރުމަށް ވެސް ފުރުޞަތު ފަހިވެގެން ދެއެވެ. މީގެ އިތުރުން، އަޅުގަނޑުމެންގެ ރީތި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފަހި ވެގެން ދެއެވެ.
ނިންމާލަމުން ދަންނަވާލަން ބޭނުންވަނީ، ޤައުމިއްޔަތާއި މިނިވަންކަމަކީ ގުޅިލާމެހިފައިވާ ދެ އަސާސެވެ. ޤައުމުގެ ކުރިއެރުމާ ލާބައަށް ޓަކައި މި ދެ އަސާސް އޮންނަން ވާނީ ވެސް މިގޮތަށެވެ. މި ދެ އަސާސް ވަކިކޮށްލުމަކީ ޤައުމެއްގެ ދެމިއޮތުމަށް ނުރައްކާ ވެދާނެ ކަމެކެވެ. އެހެން ކަމުން ޤައުމުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނާއި، ޤައުމުގެ ކުރިއެރުމަށް، މި ދެންނެވުނު ދެ އަސާސް އެކުގައި އާލާކޮށް ދެމެހެއްޓުމަށް ޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ދަރިންނާއި، އަންނަން އޮތް ޖީލުތަކަށް މިކަންކަން ފޯރުކޮށްދީ، ދެމެހެއްޓުމަކީ މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް މާތް، މަތިވެރި އަމާނާތެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
