އަލްފާޟިލް މުޙައްމަދު އިސްމާޢީލު ދީދީ ލިޔުއްވި ”ދޮންތުއްކަލާގެ ބައެއްގެ ހަނދާން“ ފޮތުގައި ’ދިވެހިރާއްޖޭގެ ފުރަތަމަ ސިފައިން‘ މި ހެޑިންގގެ ދަށުގައި ލިޔުއްވާފައިވެއެވެ. އެ ދުވަސްވަރަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދަރަ ބަވަނަ މަހާރަދުން (1886 – 1892) މާލޭގެ ބޮޑުންގެ ދަރީންކޮޅަކަށް ހެވިކަން ދަސްކޮށްދެއްވާ ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ދުވަސްވަރެވެ. އެކުދިންކޮޅުގެ ތެރޭގައި ދޮންމަނިކުގެ އިސްމާޢީލު ދީދީ ހިމެނިވަޑައިގެންނެވިއެވެ.
މުޙައްމަދު އިސްމާޢީލު ދީދީގެ ލިޔުއްވުމުން، ނޫރައްދީން ބަންޑާރައިން ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ބޭފުޅުންގެ ތެރޭގައި އިސްމާޢީލު ދީދީ ހިމެނިވަޑައިގަތްކަމަށް އަޅުގަނޑަށް ސިފަކުރެވުނީ، ބުރަކިރަނީން އަރިހުގައި ގާފަރު ކަޅުއުބުށޭމު ދެންނެވި ފަދައިންނެވެ. ”ތިޔަބޭފުޅުންނަށް އެދުރުކަލޭފާނު ހެވިކަންތައް ބުނެދެއްވި އިރު އެ ފަސްގަަނޑު ކުނިކަހައި ގާހޮވަން އުޅުނީ ތިމަން ގާފަރު ކަޅު އުބުރެހެމޭ، އެދުރުކަލޭފާނު ތިޔަ ދެ ބޭފުޅުންގެ އަރިހުގައި ދަންނަވާ ތަކެތީގެ އަޑު އަހަމެވެ. އަދި އެނގިވަޑައިި ނުގެންނެވިި ކަމެއް އެދުރުކަލޭފާނު ފަސްގަނޑަށް ނުކުމެ ދައްކަވާތަން ވެސް އަޅުގަނޑު ދެކެމެވެ“.
މުޙައްމަދު އިސްމާޢީލު ދީދީ ވިދާޅުވާ ގޮތުގައި، ”އޭނާ (ދޮންމަނިކުގެ އިސްމާޢީލް ދީދީ) ހެވިކަމާ، ކުޅިޖެހުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެހެން ހުރިހާ ކަމެއްގައި ބައިވެރިވެ ވަޑައިގަތެވެ. ”ދީދި ފަތީގެ“ ހުރިހާ ބޭފުޅުންކުރެ އެންމެ ދޮށިފުޅީ ވެސް އިސްމާޢީލު ދީދީއެވެ. އޭނާއާއި ޙަވާލުވެފައިވާ ކަމަކީ އެ ކަންތައް ހިންގުމެވެ. މަސަލަން: ކެޔޮގަސްހޯދުމާއި، ގެނައުމާއި، ބަންޑާރައިން އާގަނޑުވަރަށް ވަޑައިގަންނަވާއިރަށް ގަސްތައް އިންދާ ތައްޔާރުކުރުމާއި، މި މަސައްކަތް ނިމުމާ އެކުގައި އާގަނޑުވަރުގެ އިރުމަތީކޮޅުގައި އޮންނަ ކޮށްޓަށް ފޮނުވައި، ކުޅިވަރުގެ ބިން ސާފުކުރުމާއި އަދިވެސް މި ބާވަތުގެ ހުރިހާ ކަމެއް“.
މީރުބަޙުރު އިސްމާޢީލު ދީދީއޭ ދެންނެވުމަށް ވުރެ، ދިވެހި ސިފައިންނަށް ފްލީޓް އެޑްމިރަލް އިސްމާޢީލު ދީދީ ތަޢާރަފުވާން ބޮޑަށް ފަސޭހަފުޅު ވާނީ، ހޮޅުދޫ ނެވިންގޭ ދޮންމަނިކުގެ އިސްމާޢީލު ދީދީއޭ ދެންނެވުމުންނެވެ. އެހެނީ ހޮޅުދޫ ނެވިންގޭ ދޮންމަނިކުގެ އިސްމާޢީލު ދީދީއަކީ އެ ޒަމާނުގައި ވަރަށް މަދު ދިވެއްސަކު ނޫނީ ދެކެފައިނުވާނެ ސިފަ މަސައްކަތް، ކުޅިވަރެއްގެ ގޮތުގައި ނޫރައްދީން ބަންޑާރައިން ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ހުނަރުވެރި ބޭފުޅުންކޮޅަކަށް ދަސްފުޅުކޮށްއެރުވި އެދުރުބޭކަލެކެވެ. ރަދުން ހިއްޕުޅާވުމާ އެކު، ދިވެހި ސިފައިން ތަރުބިއްޔަތުކުރެއްވި ދިވެހި ސިފައިންގެ ފުރަތަމަ މުރައްބީއެވެ. ދިވެހި ސިފައިންގެ ފުރަތަމަ ކޮމާންޑަރެވެ. ދޮންމަނިކުގެ އިސްމާޢީލް ދީދީ އެއްވެސް ތަނަކުން ދުވަހަކު ވެސް ސިފައިންގެ ތަރުބިއްޔަތު ހޯއްދެވިކަމެއް އެނގިފައެއް ނެތެވެ.
މި މަޒުމޫނުގައި ބަލާލެވޭތޯ މި ބަލަނީ އެ ދީދީގެ ހަށިކޮޅުގައި ހުރި ސިފަވަންތަ ސިފައަށެވެ. ވަފާތެރިކަމާއި އަމުރަށް ކިޔަމަންވުމާއި ގައުމީ ޚިދުމަތަށް އިސްކަން ދެއްވުމާއި ހަވާލުކުރެވޭ ކޮންމެ ކަމެއް ކުރެއްވުމުގައި އެ ދީދީގެ ކިބައިގައި ހުރި ގައުމީ ޚިދުމަތް އިސްކުރެއްވި ކުރެއްވުމަށެވެ. ކޮމާންޑަރ (ރިޓަޔަރޑް) އިސްމާޢީލު ދީދީ ސިފައިންގެ ވެރިކަމުގައި މަތިވެރި މަގާމުގައި ހުންނެވި ހައެއް ނުވަތަ ހަތްއަހަރެވެ. އެމަނިކުފާނަށް ފަހު ސިފައިންގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ ޢަލީ ދޮށިމޭނާކިލެގެފާނުގެ ޢަބްދުﷲ ދީދީއެވެ. މަޝްހޫރު އަތިރީގޭ ޢަބްދުﷲ ދީދީއެވެ. އަތިރީގޭ ޢަބްދުﷲ ދީދީއަކީ ގާލީގެ ވޮލަންޓިޔަރ ސިފައިންގެތެރޭ ތަރުބިއްޔަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
ކޮމާންޑަރ (ރިޓަޔަރޑް) އިސްމާޢީލް ދީދީ ސިފައިންގެ ފަޚުރުވެރި ވެރިކަމުން ރިޓަޔަރ ވެވަޑައިގަތް ނަމަވެސް އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ގައުމީ ޚިދުމަތުން ރިޓަޔަރ ވެވަޑައެއް ނުގަންނަވައެވެ. ދައުލަތުން ޙަވާލުކުރެއްވި ކޮންމެކަމެއް ކުރެއްވުމުގައި އަމިއްލަ ފުރާނަފުޅަށް ބެއްލެވުމެއް ނެތި ފިސާރި ހީވާގިކަމާ އެކު ދެމިހުންނެވިއެވެ.
ކޮމާންޑަރ (ރިޓަޔަރޑް) އިސްމާޢީލު ދީދީ، އޭރު އެއޮތް ނިޒާމެއްގެ ދަށުން ސިފައިންގެއިން ރިޓަޔަރ ވެވަޑައިގަތްތާ ތޭރަ ނުވަތަ ސާދަ ވަރަކަށް އަހަރު ފަހެވެ.
އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު 3 ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1903 – 1934)ގެ ރަސްކަން ފެށުމާ އެކުހެން ބާރުގަދަ މަލިންގޭ ޙަސަން ދީދީ، ވެލާނާ މަނިކުފާނު ސިޔާސީ ކުށެއްގައި ހައްދުންމަތީ ފޮނަދުއަށް އަރުވާލައްވައިފިއެވެ. ދުވަސްވަރަކީ ވެރިކަމުގެ ދާއިރާގައި ހަމަނުޖެހުންތައް ގިނަ ދުވަސްވަރެކެވެ.
ވެލާނާ މަނިކުފާނު ހައްދުންމަތީ ފޮނަދުއަށް އަރުވާލެއްވުމާ ގުޅިގެން ވެލާނާ މަނިކުފާނުގެ ތިންބަފައިކަލުންގެ މެދުގައި ސިއްރު މަޝްވަރާތައް ކުރެވި (މަލިންގޭ ޙަސަން ދިދީއާއި އެ ދީދީގެ ދެބޭފުޅުންކަމުގައިވާ މުޙައްމަދު ދީދީއާއި އިބްރާހީމް ދީދީއާ) ތިންބަފައިކަލުން ފިއްލަވައިގެން ކަރައަށް ވަޑައިގަތުމުގެ ރޭވުންތައް ރާއްވަން ފެށްޓެވިއެވެ.
އަލްފާޟިލް މުޙައްމަދު އިސްމާޢީލު ދީދީ ”ދޮންތުއްކަލާގެ ބައްޕަގެ ހަނދާން“ ފޮތުގައި ލިޔުއްވާފައިވަނީ، މާމިނގިލީ އޮޑިއެއްގައި މުޙައްމަދު ދީދީއާއި އިބްރާހީމް ދީދީ ދެބެން ފުރާވަޑައިގަތީ ރާއްޖެއިން ބޭރު ދަތުރުކުރާނޭ ސާމާނާއި ބަޑި ހިއްޕަވައިގެންނެވެ. ވެލާނާގޭ ދެބެން ވޭމަންޑޫއަށް ލަފާ އެތާ އެހެލާފައިހުރި ރަދުންގެ އާ ބަނޑުއޮޑިކޮޅުގެ ދެ ދިދަ ގަދަކަމުން އަތުލައްވައިގެން އެބޭފުޅުން ދަތުރުކުރެއްވި މާމިނގިލީ އޮޑީގައި ނަންގަވައިގެން ރަސްކަމުގެ ފުރަދާނަކަން ދައްކަވައިގެން ދެކޭ މީހުންނަށް ޙަޤީޤަތް އޮޅޭގޮތަށް އެބޭފުޅުންގެ ބައްޕާފުޅު ބަލައި ފޮނަދުއަށް ވަޑައިގެންނެވި އިރު، އެ އަތޮޅު މާވަށުގައިހުރި ދާންނާގޭ އޮޑިއޭ ކިޔާ ކޮޅުބުއޮޑިއެއް މުޙައްމަދު ދީދީ އަންގަވައިގެން ބާލައިގެން ގެންގޮސް ފޮނަދޫގަ އޮތެވެ.
މި ކަންކަމަކީ ބަޔަކު ކުރިން ރާވައި މަޝްވަރާތަކެއް ކޮށްގެން ނޫނީ މި ޒަމާނުގައި ވެސް ކުރަން ފަސޭހަވާނޭ ކަންކަމެއް ނޫނެވެ. އަދި އަމުދުން އެ ޒަމާނުގައި ކުރެވޭނެ ކަންތަކެއް ނޫނެވެ.
ކުރިން ދައުލަތުގެ އެންގެވުމަކާ ނުލައި، ވެލާނާގެ ދެބެންނާ އެކު އެ ދެބޭފުޅުންގެ ބައްޕާފުޅު ވެލާނާ މަނިކުފާނު ނުފޮނުއްވާނޭ ކަމަށް އަތޮޅުވެރިޔާ ފެރިދޫ މުޙައްމަދު ވިދާޅުވުމުން، އަތޮޅުވެރި ފެރިދޫ މުޙައްމަދަށް ވަރަށް އަނިޔާކޮށްފައި މީހެއްގެ އެއްޗެއް ބަންޑާރަ އެއްޗެއް ބެލުމެއްނެތި އަތުޖެހުނު އެއްޗެއް ފޭރިވަޑައިގެން ދަތުރަށް ތައްޔާރުކޮށްފަ އޮތް ދާންނާގޭ އޮޑީގައި ވެލާނާގޭ ތިންބަފައިކަލުން ކަރަޔަށް ފުރާވަޑައިގަތީއެވެ.
ވެލާނާގޭ ތިންބަފައިކަލުންނާއި، އެބޭފުޅުންނާ އެކުވެރިން އޮޑި ކަނޑައިގެން ފިލާވަޑައިގަތް ޚަބަރު މާލެއަށްވުމުން އެ ބޭފުޅުން އަތުލައިގަތުމަށް މާލެއިން ދެތިން އޮޑި ފުރުވި ނަމަވެސް އެއިން އޮޑިއެއްގެ އަތްދަށު ނުވެ އެބޭފުޅުން ފިލާވަޑައިގެންފިއެވެ.
ޖެހިގެން އައި ދެ އަހަރަކީ ވެލާނާގޭ މުޙައްމަދު ދީދީގެ އުނދަގޫތައް ރާއްޖެއަށް ފޯރި ދެ އަހަރެވެ. ފުރަތަމަ އަހަރު ވެލާނާގޭ މުޙައްމަދު ދީދީ މިލަދުންމަޑުލު ދެކުނުބުރި ވާރުކުރާ ރަށް ޅައިމަގަށް ވަޑައިގެން ވާރުގެއިން ފޭރިވަޑައިގެންނެވިއެވެ. އަދި ދެން އައި އަހަރު ތިލަދުންމަތީ ނޮޅިވަރަމަށް ވަޑައިގެން އެ ރަށުން ވެސް ފޭރިވަޑައިގަނެގެން ފިއްލަވައި ވަޑައިގަތީއެވެ.
ވެލާނާގޭ ތިންބަފައިކަލުންގެ މި އުނދަގުލާ ހުރެ މާލޭގެ ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ދައުލަތާ ދެކޮޅުވެރިކަމުގައި ކަރަޔަށް ގޮސް އުޅޭ މީހުން އުޅޭނޫޅޭ ގޮތްތަކާއި އެބައިމީހުންގެ ހަރަކާތްތަކުގެ ސިއްރު ރިޕޯޓް އޮޅުދޫކަރައިންނާއި އުތުރުކަރައިން ހޯދައި ދައުލަތުން އެއްކުރަމުން ގެންދަވައެވެ.
މިއީ، ރާއްޖޭގެ ވެރިކަން ދިފާޢުކޮށް މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ޓަކައި އިންޓެލިޖެންސް މަޢުލޫމާތު ހޯދިކަން ރެކޯޑް ކުރެވިފައިވާކަން ތާރީޚުން އަޅުގަނޑު ދުށް ފުރަތަމަ ފަހަރެވެ. އެއީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު 3 ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމެވެ. ދައުލަތް ހިންގެވުމުގެ ވެރިޔަކީ ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ.
1327 ވަނަ އަހަރު ޝަޢުބާން މަހު ވެލާނާގޭ މުޙައްމަދު ދީދީ ޕަޓާނުންގެ ބަޔަކު ގޮވައިގެން ހަތިޔާރާ އެކު ދިވެހި ސަރުކާރު ބަދަލުކޮށްލަން ވަޑައިގަންނަވާ ޚަބަރު ސަރުކާރަށް ލިބިވަޑައިގެން މާލޭތެރޭ ދިފާޢީ ހަރަކާތްތައް ހިނގާގަތް އިރު، އެ ޙަރަކާތުގައި އެންމެ ބޮޑަށް ޙަރަކާތްތެރިވި އެއް ބޭފުޅަކީ ކޮމާންޑަރ (ރިޓަޔަރޑް) އިސްމާޢީލު ދީދީއެވެ. އޭރު އޮތް ”ރާއްޖޭގެ ކޯސްޓްގާޑު“ގެ ވެރިއެއްގެ ގޮތުން ޖައްރާފާ ދޯނީގައި ކަނޑުމަތިން މާލެ ބަލަހައްޓަވަމުން ގެންދެވީ ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލް ދީދީގެ ބެއްލެވުމުގެ ދަށުންނެވެ. ”ކޯސްޓްގާޑް ހާބަރ ލޯންޗް“ ނޫނީ، ”ކޯސްޓްގާޑް ޝިޕް“، ޖައްރާފާ ދޯނި ރެއާއި ދުވާލުގެ ކޮންމެ ދަމެއްގައި ފުރިއަސް އެ ”އެ ލޯންޗް“އެއް، ”ޝިޕް“އެއްގެ ކެޕްޓަނަކަށް ޖައްރަފާ ދޯނީގެ ހުންގާނުގައި ހުންނަވަނީ މޫސުމުގެ ފިންޏަކަށް ހޫނަކަށް ބެއްލެވުމެއް، ޢުމުރުފުޅުގެ ދޮށިކަމަކަށް ފިކުރުފުޅެއް ނެތި ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލް ދީދީއެވެ.
ނައިފަރުން މާލެ ގެނައި ”ސާހިބާ! ސާހިބާ! ހިންނަވަރުގައި ކަތިލަނީ!“ ޚަބަރާ އެކު ”ކޯސްޓްގާޑް“ ޖައްރާފާގެ ބަރުގޮނާއި ސިފައިންގެ ކަށިގަނޑުގެ އަޑުން މާލެތެރެ ގުގުމާލުމާ އެކު ވޯރ އޮފީހުން، ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އޮފީހުން ހަނގުރާމައިގެ ކުރީގެ ތައްޔާރުތަކުގެ އޯޑަރުތައް ނުކުމެ ވަގުތުން ތަންފީޒު ކުރެވެން ފަށައިފިއެވެ. މި ކުއްލިއަކަށް ހޫނުވެ، ހަލުވިވި ޙުއްބުލް ވަޠަންގެ ރޫޙާއި ގައުމީ ލޯބީގައި ހިނގައިގެން ޙަރަކާތްތަކުގެ އެންމެ ކުރީސަފުގައި ހުންނެވި އެއް ބޭފުޅަކީ ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލް ދީދީއެވެ.
ރިކޮނައިސެންސް ޓީމްތައް ޅ.އަތޮޅަށާއި ރާއްޖެތެރެއަށް ފުރަފުރައިގެން ދާން ފަށައިފިއެވެ. މާލެ އަންނަ އުޅަނދުފަހަރު ޚާއްޞަކޮށް އުތުރުން އަންނަ އުޅަނދުފަހަރު ދޫނިދޫއާ ހަމައިން ހުއްޓުވައި، ”ކޯސްޓްގާޑްގެ ހާބަރ ލޯންޗް“ އާދެ، ޖައްރާފާއާއި ދޯނީގައި ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލް ދީދީ ވަޑައިގެން ބަލައި ސެކިއުރިޓީ ޗެކްކޮށް ފާސްކޮށް ”ކޯސްޓްގާޑް“ގެ ބެލެހެއްޓުމުގެ ދަށުން މާލެއަށް ވެއްދުން ކުރިއަށް ދެއެވެ.
އިތުރު މީހުން ސިފައިން ތެރެއަށް ވައްދައި ހަނގުރާމައިގެ ތަމްރީނުދީ ޓްރޭނިންގ ކުރަން ފަށައިފިއެވެ. ސިފައިން ހަތިޔާރާ އެކު މަގުތަކަށް ނުކުމެ ފޯރިމަރަން ފަށައިފިއެވެ. ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީ އުޅޭ މީހުންނާ ސުވާލުކޮށް ބަލާ ޗެކްކުރަން ފަށައިފިއެވެ. ހަމަ އެފަދައިން ބޭރުން އަތުވެދާނެ ޢުދުވާނަކުން ސަލާމަތްވެ ތިބުމަށް ސެލްފް ޑިފެންސަށް ބޭނުން ހިފޭނެ އަތްމަތީ ހަތިޔާރުތައް އެމީހެއްގެ ފެންވަރުން ތައްޔާރުކޮށް އަބަދުމެ ތައްޔާރީ ހާލަތުގައި ތިބުމުގެ އަމުރު، ވޯރ އޮފީހުން، އާދެ، ބަންޑާރަ ފިހާރައިން ސްޕްރީމް ކޮމާންޑަރ، ދައުލަތުގެ ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ނެރުއްވައި އިމަރޖެންސީ ޙާލަތު އިޢުލާން ކުރައްވައިފިއެވެ.
ގާނޫނީ ސަރުކާރާއި ވެރިކަމާއި އަމިއްލަ ވަޒަނާ ދެކޮޅަށް ހަނގުރާމައަށް އަންނަ ޣައްދާރު ދުޝްމަނުންނާއި، މުނާފިގު ފިފްތް ކޮލަމިސްޓުންނާ ދެމެދު ހިންގަފާނެ މުޢާމަލާތަކަށް ފާރަވެރިވުމުގައި އިންޓެލިޖެންސް ޑިޕާޓްމެންޓް އެޖެންޓުން އިތުރު ސަމާލުކަމަށް އަތުވެއްޖެއެވެ.
ޣައްދާރު ވެލާނާގޭ މުޙައްމަދު ދީދީއާއި އޭނާގެ ބައިވެރިން އިންޑިއާގެ ޕިޝާވަރުން ގެނައި ކުލީ ސިފައިން ލައްވާ ހިންނަވަރު ބަންދުކޮށް ބާއްވައިގެން އެތާތިބި ނިކަމެތި މަދުމީސްކޮޅަށް ބިރުދައްކައި، ހިތްފުރޭވަރަށް ފޭރުމަށް ފަހު، ކާސިން ހާޖީގެ އޮޑިކަނޑައިގެން ދެގަނޑެތީގައި މާލެއާ ދިމާކޮށްލުމަށް ފުރައިފިއެވެ.
ދައުލަތަށް ވަފާތެރި، ގައުމަށް ތެދުވެރި، ހިންނަވަރާއި ނައިފަރުގެ ވެރިކުލައިގެ ބައެއް، ލަހެއް ފަހެއްނުވެ ފުރައިގެން، ބާޣީންނަށް ވުރެ ކުރިން މާލެ އައިސް އެ މަޢުލޫމާތު ސަރުކާރަށް ފޯރުކޮށްދީފިއެވެ.
އިސާހިތަކު އާދެ، 1327ހ. ވަނަ އަހަރު ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހު، ދައުލަތުގެ ފުރިހަމަ އިތުބާރާ އެކު ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލް ދީދީ ހަތިޔާރު އެޅި ސިފައިންގެ ކަމްބައިންޑް ފޯސްއަކާ އެކު ނޭވީގެ ފުރަތަމަ މަނަވަރު ގަންޖާ ފަތޭ ރަޙުމާނީގެ ކޮމާންޑްކަމުގައި ދުޝްމަނުން ކަނޑުމަތިން ހޯދައިގެން ކުރިމަތިލުމަށް ފުރާވަޑައިގެންފިއެވެ. ވެލާނާގޭ މުޙައްމަދު ދީދީމެން ދަތުރުކުރެއްވި ދެގަނޑެތީގެ ޙަރަކާތްތަކަށް ފާރަލަމުން އުތުރުން އައި، ގައުމަށް ތެދުވެރި ވަފާތެރި ބައެއްގެ ފަރާތުން ދުޝްމަނުންނާ ބެހޭ މަޢުލޫމާތު ލިބިވަޑައިގަތުމުން، އެ ދޯނީގައި ހުރި، ވެލާނާގޭ މުޙައްމަދު ދީދީ ހިންނަވަރުން ފޭރިގަތް އޮޑީގެވެރި ކާސިން ހާޖީ އާރުކާޓީއަކަށް މަނަވަރަށް ނެންގެވުމަށްފަހު އެ ދޯންޏަށް ސިޓީއެއް ދެއްވާފައި އަވަހަށް މާލެ ދިއުމަށް އަންގަވައި ފުރުވާލެއްވިއެވެ. އެރޭ ވައި ހިނދި އަނދިރިވެ ދަތުރު ނުކުރެވިގެން މަޑުކުރެއްވުމަށްފަހު، ޖެހިގެން އައި ދުވަހު މަނަވަރު ފަތޭ ރަޙުމާނީގެ ދަތުރު ފަށައިގެން ދުޝްމަނުން ހޯދުމުގެ މަސައްކަތްކުރަނިކޮށް، ކަނގީން ފުރައިގެން އައި އުޅަނދަކުން ދުޝްމަނުންގެ މީހުން ކަނގިން ފުރައިގެން ގޮސް ބޮޑުބަނޑޮހަށް ދޫކުރާ ޚަބަރު ދިނުމުން މަނަވަރު ފަތޭ ރަޙުމާނީ ދީލާލައި އުތުރުން ޖެހޭ މަޑު ރޯޅިފަށުގައި ބޮނޑުބަޑޮހާ ދިމާލަށް ދަތުރު ފެށިއެވެ.
ދުޝްމަނުން ހިންނަވަރުން ފުރި ޚަބަރުލިބުމުން ނޭވީގެ ދެވަނަ މަނަވަރު ގަންޖާ ހައިދަރީ އާޓިލަރީންގެ ފައުޖަކާ އެކު ސަންފައިދިގެ ޅަހުއްތުގެ ކެޕްޓަންކަމުގެ ދަށުގައި ބާޣީ ދުޝްމަނުން ހޯދުމަށް ފުރިއެވެ. ހަވީރު ތިންގަޑި ބައިވީ އިރު ދެ ފަރާތުން ދެ މަނަވަރު، އުތުރު އިރުމަތިން އައިސް ބަނޑޮހުގެ ފަރުބޭރަށް ގަންޖާ ފަތޭ ރަޙުމާނު ދޫކޮށް ބަނޑޮހާ ޙަމަލަދޭން ފެށި އިރު ދެވަނަ މަނަވަރު ގަންޖާ ހައިދަރީ ދެކުނު ހުޅަނގު ފަރާތުން އައިސް ބަނޑޮހާ ޙަމަލަ ދޭން ފަށައިފިއެވެ. ބަނޑޮހުގެ ދެފަރާތުން ދިވެހިންގެ ހިތްވަރުގަދަ ލަޝްކަރު ޙަމަލާ ދޭން ފެށުމުން ބާޣީ ދުޝްމަނުންގެ ވެރިންނާއި އެމީހުން ގެނައި ކުލީ ސިފައިންގެ މީހުން އެމީހުންގެ މަގާމުތައް ދޫކޮށް ރަށުތެރެއަށް އަރައި ފިލައިފިއެވެ. އެއާއެކު މަނަވަރު ފަތޭ ރަޙުމާނުން ދުޝްމަނުން ބަނޑޮހަށް އައި އޮޑިއަށް ޙަމަލަދީ އޮޑިހަލާކު ކޮށްލައިފިއެވެ.
ދިވެހިންގެ ހިތްވަރުގަދަ ކޯސްޓްގާޑްގެ ކުދިކުދި އުޅަނދުފަހަރު، އާދެ، އޮޑިކޮޅު ދޯންޏާއި މާލޭގެ ބައެއް މަސްދޯނިފަހަރު ބަނޑޮހުން ރޭގަނޑުގެ ކަނުއަނދިރީގައި އެއްވެސް މީހަކަށް ފައިބައިގެން ފިލައިގެން ނުދެވޭނެ ގޮތަށް ބަނޑޮސް ވަށައިގެން ލުއި ހަތިޔާރާ އެކު، ރުވާފައިހުރި މަޑައާއި ކަންއިލިތަކާ އެކު ރަށް ވަށައި ދުއްވާ އެއްވެސް މީހަކަށް ފައިބައިގެން ނުދެވޭގޮތަށް ގާޑުކޮށްފިއެވެ.
ރޭގަނޑުގެ ކަނުއަނދިރީގެ ތެރޭގައި ގަންޖާ ފަތޭ ރަޙުމާނީން ދިޔަ ލަޝްކަރުގެ މެރިންސްގެ ދެ އޮފިސަރަކު ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލު ދިދީގެ އޯޑަރަށް ސިއްރުން ބަނޑޮހަށް އަރައި އެ ރަށުގައި ހުރި ގެއަކާއި ހަރުގެއެއްގައި ހުޅުޖަހައިފިއެވެ. ވެލާނާގޭ މުޙައްމަދު ދީދީއާއި އޭނާ ގެނައި މާޝިނަރީން ދެކޮޅުވެ އެއްބަޔަކު އަމާންދިނުމަށް ބޭނުންވެއްޖެއެވެ. އަމާންދިނުމަށް ބޭނުންވި މީހުން ތެރެއިން ބަޔަކު އާދޭސްކޮށްގެން ބަނޑޮސް ބަލަހައްޓަން ތިބި މީހުންގެ ތެރޭ ހުރި މަލިކު މީހަކު އެމީހުންގެ ފަރާތުން ފަތޭ ރަހުމާނީއަށް ޞުލްޙައަށް އެދި އެކަން އެންގުމަށް ފޮނުވައިފިއެވެ. މި އައި ގާޞިދުގެ ހަވާލުގައި ފްލީޓް އެޑްމިރަލް (ކޮމާންޑަރ ރިޓަޔަރޑް) އިސްމާޢީލު ދީދީ، ވެލާނާގޭ މުޙައްމަދު ދީދީއަށް ލިޔުމުން އަލްޓިމޭޓަމް ފޮނުއްވައިފިއެވެ. ކުޑައިރުކޮޅެއް ތެރޭގައި ވެލާނާގޭ މުޙައްމަދު ދީދީ އިންޑިއާގެ ޕިޝާވަރުން ގެނައި ކުލީ ސިފައިންގެ މީހުންނާއި މުޙައްމަދު ދީދީއާ ބައިވެރިވި ދިވެހިންގެ އެންމެން ގަންޖޭ ފަތޭ ރަޙުމާނުއަށް ރުހުމުގައި އައިސް އަމާންދީފިއެވެ.
ވެލާނާގޭ މުޙައްމަދު ދީދީ މި ހިންގެވި ބަޣާވާތުގައި ދިވެހިންގެ 6 މީހުންނާއި ބިދޭސީ 16 މީހުން ބައިވެރިވިއެވެ. މި ޢުދުވާންގައި މަލިންގޭ ޙަސަން ދީދީގެ ދެބޭފުޅުންނާ އެކު 22 މީހުން ބައިވެރިވިއެވެ. މީގެ ތެރޭގައި އިންޑިއާގެ ސިފައިންގެ ތެރޭގައި ތަމްރީނުވެފައި ތިބި 8 މީހުން ތިއްބެވެ. މީގެ ތެރޭގައި އިންޑިއާގެ ސިފައިންގެ ތެރޭ 5 އަހަރު ޚިދުމަތްކޮށްފައި ތިބި މީހުން ވެސް ތިއްބެވެ.
اللہ سبحانہ و تعالی ދިވެހި ދައުލަތަށް ބޮޑުވެގެންވާ ނަޞްރަކުން ނަޞްރު ދެއްވައި ދިވެހިންނަށް ދެ ޢީދު އެއްފަހަރާ މިންވަރު ކުރައްވައިފިއެވެ. الحمد للہ! ގައުމުގެ ޢަދުއްވުންނާއި ދުޝްމިނުން، އެތެރެއިންނާއި ބޭރުން ބަލިކުރައްވައި ދިވެހި އުންމަތް ތާއަބަދަށް އިސްލާމް ކަމުގައި މިނިވަންކަމާ އެކު ލަހައްޓަވާށިއެވެ!
