ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަކީ 1939 އިން 1945 އަށް ހިނގި ހަނގުރާމައެކެވެ. ޖަރުމަނުވިލާތުގެ ސިފައިން ޕޮލެންޑަށް އެރި ދުވަހު (1939 ގެ ސެޕްޓެންބަރު 1 ގައި) ޔޫރަޕްގައި ފެށުނު މި ހަނގުރާމައިގެ ތެރެއަށް ގައުމަކަށް ފަހު ގައުމެއް ވަންނަމުން ގޮސް، އެންމެ ފަހުން، ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ބޮޑު ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއަށް މުޅި ދުނިޔެ ވައްޓާލިއެވެ. ހަނގުރާމައިގައި ދުނިޔޭގެ އެތައް މިލިޔަން މީހުންނެއް މަރުވެ، ގައުމުތަކުގެ އިގުތިސާދު އެ ފުށްމިފުށަށް ޖެހި، ނިކަމެތިކަމުގެ ތެރެއަށް މުޅި ދުނިޔެ ވައްޓާލިއެވެ.
ދެވަނަ ބޮޑުހަނގުރާމަ ފެށުނު އިރު، ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސުލްތާން ޙަސަން ނޫރައްދީނު 2 އެވެ. ބޮޑުވަޒީރަކީ މުޙައްމަދު ފަރީދެވެ. އެ ދުވަސްވަރުގެ ސިޔާސީ ހަގީގަތަކީ، ރާއްޖޭގައި ރަސްކަލަކާއި ބޮޑުވަޒީރަކު ތިއްބެވިޔަސް، ގައުމުގެ ޒަޢީމަކީ، ޢަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. 1932 ގައި، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އެކުލަވައިލެވުނު ފުރަތަމަ ސަރުކާރުން ފެށިގެން ބޮޑުވަޒީރަކީ އެ ކިލެގެފާނުގެ މުޙައްމަދު ފަރީދެވެ. އެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅަކީ، އެ ކިލެގެފާނުގެ ދަރިކަލުން އަމީރު ޙަސަން ފަރީދެވެ. ދެވަނަ ބޮޑުހަނގުރާމަ ފެށުނު އިރު ޙަސަން ފަރީދަކީ ރާއްޖޭގެ ދާޚިލީ ވަޒީރެވެ. ޚާރިޖީ ވަޒީރުކަމާއި، މާލީ ވަޒީރުކަން ވެސް އޮތީ އެ މަނިކުފާނަށެވެ. އެހެންކަމުން، ހަނގުރާމައިގެ ޚާއްޞަ ހާލަތަކަށް ގައުމު ދިއުމުން، ރާއްޖޭގެ އެންމެހައި ކަންތައްތައް ހިންގެވުމާއި، ރޭއްވެވުމުގެ އެންމެހައި ޒިންމާއެއް ދައުލަތުން ހަވާލުކުރެއްވީ ވެސް ޙަސަން ފަރީދުއާއެވެ. އެއީ ރާއްޖޭގައި، ދެވަނަ ބޮޑުހަނގުރާމައިގެ އިސްލީޑަރެވެ.
އަޅުގަނޑުގެ މި ލިޔުމުގައި ބަލައިލާފައި ވަނީ، ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށި، ދުނިޔޭގެ އެކި ގައުމުތަކުން ދަތިތައް އިހުސާސްކުރަމުން ދިޔަ އިރު ދިވެހިރާއްޖެއަށް، އިގްތިސާދީ، އިޖުތިމާޢީ، ސިޔާސީ، އަދި ޚާރިޖީގޮތުން ގެނުވި ބޮޑެތި ބަދަލުތަކަކީ ކޮބައިތޯއެވެ. އަޅުގަނޑުގެ މި ދިރާސާއަށް އެ ދުވަސްވަރުގެ މައުލޫމާތު ހޯދުމުގެ މައިގަނޑު މަސްދަރެއްގެ ގޮތުގައި ބެލީ ރާއްޖޭގައި ހަނގުރާމައިގެ ވާހަކަތައް ބުނެދީފައި ހުރި ފޮތްތަކާއި ލިޔުންތަކެވެ.
މިގޮތުން، ރާއްޖޭގެ ފުރަތަމަ ނޫސް، ސަރުކާރުގެ ޚަބަރު ނުކުތީ ބޮޑުހަނގުރާމައިގެ ތެރޭގައެވެ. ސަރުކާރުގެ ޚަބަރުގައި އެ ދުވަސްވަރު ޝާއިއު ކުރެއްވި އިއުލާންތަކުން ހަނގުރާމައިގެ ހާލަތު ކޮންމެވެސް ވަރަކަށް ސާފުވެއެވެ. ދެވަނަ ބޮޑުހަނގުރާމައާ ގުޅޭގޮތުން، މުޙައްމަދު އަމީން ލިޔުއްވި، ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި (2001)، ”ހަނގުރާމަ އަށް ފަހު“ (1960)، ”ކަނޑުން ފިރުކެމުން، ވައިން އުދުހެމުން“ (2004) މި ފޮތްތަކުން ހަނގުރާމައިގެ ތެރޭގައި ކަންތައްތައް ވަމުން ދިޔަގޮތް ވަރަށް ރަނގަޅަށް ބުނެދެއެވެ. މުޙައްމަދު އިސްމާޢީލް ދީދީގެ ”ބައްޕަގެ ހަނދާން“ (2003) މި ފޮތުގައި ވެސް ހަނގުރާމައިގެ ދުވަސްވަރުގައި ބައެއް އަތޮޅުތަކުގައި މީހުން ތިބި ނިކަމެތި ހާލަތު ބުނެދެއެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގައި ތިއްބެވި ބައެއް ލިޔުންތެރީން ވަނީ، ހަނގުރާމައިގެ ދުވަސްވަރުގައި ދިމާވި އެކިއެކި ކަންކަމުގެ ވާހަކަ، ހަނގުރާމަ ނިމުނު ފަހުން ވެސް ކޮންމެވެސް ވަރަކަށް ލިޔުއްވާފައެވެ.
އަޅުގަނޑުގެ ދިރާސާގައި ކުރި އެންމެ މުހިންމު ކަމަކީ، މި ދިރާސާއަށް ބެލި ފޮތްތަކާއި ލިޔުންތަކުން ލިބުނު މައުލޫމާތު، ތަފާތު ސަބް ސުރުޚީތަކެއްގެ މައްޗަށް ހިމެނޭ ކެޓެގަރީތަކަކަށް ކޯޑުކުރުމަށް ފަހު، ބޮޑުހަނގުރާމައިގެ ދުވަސްވަރުގައި ރާއްޖޭގައި ހިނގި ކަންތައްތައް ދައްކުވައިދޭ މައިގަނޑު ތީމްތަކެއް ކަނޑައެޅުމެވެ. ތީމްތައް ކަނޑައެޅީ، ތީމެޓިކް އެނަލިސިސް ބޭނުންކޮށްގެންނެވެ. ތީމެޓިކް އެނަލިސިސްއަކީ އިޖުތިމާއީ އިލްމުގެ ދިރާސާތައް ކުރުމަށް ބޭނުންކުރާ މެތަޑެކެވެ. މިގޮތުން ކުރާ އެންމެ މުހިންމު މަސައްކަތަކީ، އެއްކުރެވޭ ކޮލިޓޭޓިވް ޑޭޓާތަކުން، އެއްގޮތް ޕެޓަރންތައް ހޯދައި، އެ ޕެޓަރންތައް ތީމްތަކަކަށް ބަހާލުންކަމަށް އިޖުތިމާއީ އިލްމުގެ މާހިރުން ކަމުގައިވާ ބްރައުންއާއި ކްލާރކް (2006) ވިދާޅުވެފައިވެއެވެ. އަޅުގަނޑު ދިރާސާކުރި ފޮތްތަކުން ފާހަގަކުރެވުނު ތީމްތަކަކީ:
- ހަނގުރާމައިގެ ތެރެއަށް ގައުމު މަޑުމަޑުން ވަނުން
- ރާއްޖެއާ ގާތުގައި ދުޝްމަނުންގެ ހަރަކާތްތައް ގިނަވެ ގައުމުގައި ބިރުވެރިކަން އުފެދުން
- ބޮޑުތަދާ އެކު، އާބާދީ މަދުވާން ފެށުން
- އުތުރުގެ ގަޑުބަޑު އުފެދުން
- އައްޑޫގައި ހަމަނުޖެހުން އުފެދުން
- ހަސަން ފަރީދު ގެއްލިވަޑައިގަތުމުން، ދާޚިލީ ވަޒީރުގެ ގާއިމުމަގާމް، މުޙައްމަދު އަމީނަށް ގައުމުގެ ބާރު ލިބިވަޑައިގަތުން
- މުޙައްމަދު އަމީނުގެ ސިޔާސަތު އައު މިސްރާބަކަށް ގެންދެވުން
- މުޙައްމަދު އަމީނާ މެދު ރައްޔިތުން ނުރުހުންވުން ވި ސަބަބު، މި 8 ތީމެވެ.
ނަމަވެސް މި 8 ތީމުގެ ތެރެއިން މި ލިޔުމުގައި ހިމަނާފައި ވާނީ ފުރަތަމައަށް އޮތް 3 ތީމެވެ.
ހަނގުރާމައިގެ ތެރެއަށް ދިވެހިރާއްޖެ މަޑުމަޑުން ވަނުން
އަޅުގަނޑު ކުރިން ވެސް ދަންނަވާފައިވާނެ ފަދައިން، ބޮޑުހަނގުރާމަ ފެށުމާއާ އެކު، ގައުމުގައި ރަސްގެފާނަކާއި ބޮޑުވަޒީރަކު ތިއްބެވިޔަސް، ހަނގުރާމައިގެ ތެރޭގައި ސަރުކާރު ހިންގެވުން ޙަސަން ފަރީދާ ހަވާލުކުރެއްވުމަށް ކެބިނެޓުން ނިންމެވި ގޮތަށް ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކުރެއްވީއެވެ. ޙަސަން ފަރީދުގެ ޒަޢާމަތުގެ ދަށުން، މާލޭ އުތުރު ފަޅުން ބޭރުގައި ކަނޑަށް ޖައްސާ މަތިންދާބޯޓަށް ޚާއްޞަކޮށްގެން ބޮއެ ލެވުނެވެ. މާލެ އަތޮޅު، ދޫނިދޫ އޮތީ ހަނގުރާމައިގެ ލޮޖިސްޓިކަލް ބޭނުމަށް އިނގިރޭސި ސިފައިންގެ ކަންކަމަށް ދެއްވާފައެވެ. ރާއްޖެ އަންނަ ސިޓީބިޓީ، ނޫސް، ސެންސަރުކުރުމާއި، ރައްޔިތުންގެ ސަލާމަތަށް ކަނޑުމަތިން ލައްގާ ތަކެތި ނުނެގުމަށް އެންގުމާއި، ރަށްރަށުގައި ރޭގަނޑު، ބޭރަށް ފެންނަ ގޮތަށް ބައްތި ނުދިއްލުން ފަދަ ފިޔަވަޅުތައް އެޅިއެވެ. މަތިންދާބޯޓެއް ނުވަތަ ކަނޑުގެ އުޅަނދެއް ރަށަކާ ކައިރިކޮށްފި ނަމަ އެންމެން އެއްތަނަކަށް ބޮނޑި ނުވުމަށާއި، އިސްރާފު ނުކުރުމަށާއި، ކާބޯތަކެތި ހެއްދުމަށް ބާރު އެޅުމަށް މީހުންނަށް ނަސޭހަތް ދޭން ފެށްޓިއެވެ. މާލެއަށް ހަނގުރާމަމަތީ މަނަވަރުފަހަރާ ސަބްމެރިންތައް އަންނަމުން ދިއުމާ އެކު ބޮޑުހަނގުރާމައެއްގެ ހަރަކާތްތަކެއް މާލޭގެ ރައްޔިތުންނަށް ދިޔައީ ފެންނަމުންނެވެ. އަވަށު މައިޒާނުގައި ނެރޭ އިއުލާނުތަކާ، 1943 ގައި ސަރުކާރުގެ ޚަބަރު ނެރުއްވަން ފެށުމާ އެކު، ދިވެހީންނަށް ހަނގުރާމައިގެ ކަންތައްތައް ދިޔައީ ސާފުވަމުންނެވެ (މުޙައްމަދު އަމީން، 2003).
1941 ގައި، އައްޑު އަތޮޅުގައި އިނގިރޭސީންގެ މަރުކަޒުތައް ހެދުމާ އެކު އައްޑޫ މީހުންނަށް ހަނގުރާމައިގެ ތެރެއަށް ”ވަދެވުނެވެ“ 1943 ގައި ތިލަދުން މަތީ ’ކެލައިތުނޑީގައި‘ އިއްތިހާދީންގެ ވައިގެ ސިފައިން ތިބެން ފެށުމުން ރާއްޖޭގެ އުތުރުގެ މީހުންނަށް ވެސް ހަނގުރާމައިގެ ހަރަކާތްތައް ފެންނަން ފެށިއެވެ.
ރާއްޖެއާ ގާތުގައި ދުޝްމަނުންގެ ހަރަކާތްތައް ގިނަވެ، ގައުމުގައި ބިރުވެރިކަން އުފެދުން
1942ވަނަ އަހަރުގެ އެޕްރީލު މަހުގެ 5ވަނަ ދުވަހު، ޖަޕާނުގެ އަސްކަރިއްޔާއިން ސިލޯނުގެ ކޮޅުނބަށާއި ޓުރިންކޮމަލީއަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ ހަމަލާގައި، އިނގިރޭސި މަނަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ނުދެވޭކަމާ އިންޑިއާ ކަނޑުގެ ދެކުނަށް ގޮސް، ގިނަ މަނަވަރުތައް ހިމާޔަތް ހޯދިކަން ޖަޕާނު ސިފައިންނަށް ކަށަވަރުވުމުގެ ނަތީޖާއަކީ، އިނގިރޭސި އުޅަނދުފަހަރު ފިލަން ދިޔަތަން ހޯދުމަށް ދުޝްމަނުން މަސައްކަތް ފެށުމެވެ. އިނގިރޭސި މަނަވަރުތައް ފިލައި ތިބި ތަން ހޯދަން ރާއްޖެއާ ކައިރިއަށް ދުޝްމަނުން އައުމުގެ ނަތީޖާއަކީ، ރާއްޖޭގެ ކަނޑުގައި ވެސް ވަރުގަދަ ހަމަލާތައް ދެވި، އެތައް އުޅަނދުތަކެއް ފައްތާލެވި، ގިނަ ބަޔަކު މަރުވުމެވެ. އެކަމުގެ ސަބަބުން މަރުވި މީހުންނާއި ޒަޚަމްވި މީހުން ރާއްޖޭގެ ރަށްތަކަށް ލައްގަމުން ދިޔައެވެ. ދުޝްމަނުންގެ ސަބްމެރިންތަކުގެ އުނދަގޫ ރާއްޖެއަށް ފޯރަމުން ދިޔަ އިރު، އެ ފަދަ ސަބްމެރީނަކުން ޙަސަން ފަރީދު ދަތުރުކުރައްވަމުން ވަޑައިގެންނެވި ބޯޓު ފައްތާލިއެވެ. އައްޑޫ އޮޑި ’ޔާހުންބަރާސް‘ ގެއްލުނު ޚަބަރު އަތޮޅު މީހުންނަށް ލިބި، އެ ހިތާމައިގައި ތިއްބައި، އައްޑޫގައި އޮތް އިނގިރޭސި ސިފައިންގެ ތެޔޮބޯޓަކަށް ދިން ބާރުގަދަ ޓޮރޮޕިޑޯ ހަމަލާއާ އެކު އިވުނު ހަނގުރާމައިގެ ބިރުވެރި އަޑުން މުޅި ގައުމަށް ސިހުން ގެނުވިއެވެ.
ބޮޑުތަދާ އެކު، އާބާދީ މަދުވާން ފެށުން
ދެވަނަ ބޮޑުހަނގުރާމައިގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އަވަށްޓެރި ސިލޯނަށާއި އިންޑިއާއަށް، ދިވެހީން ގޮސް މުދައު ގަނެގެން އައުމުގައި ދަތިކަމެއް ނެތެވެ. ނަމަވެސް، ހަނގުރާމަ ފެށުނުކަން ރާއްޖެއަށް އެނގުމާ އެކު، ރާއްޖޭގައި ތިބި ވޯރާވިޔަފާރިވެރިން، މަހުގެ އަގު ވައްޓައިލައި، ކާޑު އަގު ބޮޑުކޮށް، 30 ރުފިޔާއަށް ގަންނަމުން ދިޔަ މަސް ހަންދަރު 7 ރުފިޔާއަށް ތިރިކުރިއެވެ. ހަނޑޫ ބަސްތާއެއްގެ އަގު ފަސް ހަންދަރު މަހަށް ނުވަތަ 35 ރުފިޔާއަށް ހެދުމުން މަހުގެ އަގުވެއްޓި، ހަނޑޫ އަގު ބޮޑުވެ، މީހުންގެ އަތްމަތި ދަތިވިއެވެ ( އަބްދުލް ހަކީމް ހުސައިން މަނިކު، 1997).
ކަމުގެ ހައްލަކަށް، ސަރުކާރުން ބޮޑު އިސްޓޯރު އުފައްދަވައި، މަސްވެރީން ކުރިން ވިއްކަމުން ދިޔަ އަގަށް މަސް ކިރަން ހަމަޖެއްސެވިޔަސް، އިންޑިއާ ކަނޑުގެ އަމާންކަން ގެއްލި، ރާއްޖޭގެ އުޅަނދުފަހަރަށް ސިލޯނަށް ދިއުން މަނާވެ، ކަނޑުދަތުރު ނުރައްކައުވުމުން، ސިލޯނުން ކާޑު އިމްޕޯޓުކުރުމަށް ހުރަސްއެޅި، މީހުންނަށް ދަތިކަން އިހްސާސްވާން ފެށިއެވެ (މުޙައްމަދު އަމީން، 2003).
ހަނގުރާމައިގެ ބިރުވެރިކަމާ ހެދި، ދިވެހި މަސްވެރިން މަސްކަނޑަށް ނުކުތުމަށް ޖެހިލުންވެ، މަސް ދޯނިތައް ބޭނުން ނުކުރެވި، މަސް ބޭނުން މަދުވަމުން ދިޔަ ދުވަސްތަކުގައި، ދޯނިތަކަށް ވެސް އަޅާލެވޭނެ ހިތްވަރެއް ނެތި، އުޅަނދުތައް ހަލާކުވަމުން ދިޔައެވެ. ނަތީޖާއަކީ، ދަނޑުވެރިކަމެއް ނެތް، މަސްވެރި ރަށްތަކުގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހި ގިނަ އަދަދަކަށް މީހުން މަރުވާން ފެށުމެވެ. ހިސާބުތަކަށް ބަލާ އިރު، 1931 ގައި ރާއްޖޭގެ އާބާދީގައި ތިބީ 79 ހާސް މީހުންނެވެ. މިއީ އޭގެ 10 އަހަރުގެ ބޯހިމެނުމާ އަޅާބަލާ އިރު 9 ހާހުގެ އިތުރުވުމެކެވެ. ހަނގުރާމަ ނިމި، 1946 ގައި ބޯހިމެނި އިރު ރާއްޖޭގެ އާބާދީގައި ތިބީ ގާތްގަނޑަކަށް 82 ހާސް މީހުންނެވެ. ވީމާ، 15 އަހަރުގެ ތެރޭގައި ރާއްޖެއަށް އިތުރުވީ އެންމެ 3 ހާހެއްހައި މީހުންނެވެ. (މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، 2006).
ކާބޯތަކެތި އުފެއްދުމަށް، ވަފުދެއްގައި ދެތިން ބޭފުޅުން ތިއްބަވައިގެން، މޫސުމަށް ބަރޯސާވެގެން ކުރެއްވި ދެތިން ދަތުރަކުން ގައުމުގައި ކާބޯތަކެތި ހެއްދުމުގެ ހިތްވަރެއް ދިވެހި ހިތްތަކުގައި ހަރުނުލާނެކަން ވެސް ގަބޫލުކުރަން ޖެހެއެވެ. ދަނޑުވެރިކަމެއް ނެތް މަސްވެރި ރަށްތަކެއްގެ އަޣުލަބިއްޔަތު އޮތް ގައުމެއްގައި، އިންދާ ގަސްތައް ހެދި ބޮޑުވެ މަތިވަރެއް ލިބެން ދެން ކެތްކޮށްލެވޭނެ ވަރުގެ ކެތްތެރިކަމެއް، ދަނޑުވެރި ރަށްތަކުގެ މީހުންގެ ކިބައިގައި ހުއްޓަސް، މަސްވެރީންގެ ކިބައިގައި އެ ފަދަ ކެތްތެރިކަމެއް ނުހުންނާނެ ކަމީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ގަސްތައް ކަނޑައި، ރުކުގެ ކުރި ކައި، މި ފެންވަރަށް ގައުމު ދިޔައީ މީހުންގެ ކެތްތެރިކަން ކޮޅުންލައި އެހެން ގޮތެއް ނެތިގެންނާއި، ރާއްޖޭގެ މަސްވެރި ރަށްތަކުގައި ހަރުދަނާ ރޭވުމެއްގެ ދަށުން، ގަސް ހެއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ހަރުދަނާ ނިޒާމެއް ރޭވިފައި ނުވާތީ ކަމުގައި ބެލެވެއެވެ.
ރާއްޖެއަށް ބޭރުން ކާޑުގެ ބާވަތްތައް ފޮނުވުމުގައި ވެސް ދަތިތަކާ ކުރިމަތިވިއެވެ. މި ގޮތުން ދިމާވި ބޮޑު މައްސަލައަކީ، ފޮނުވާ ކާޑުކޮޅު ރާއްޖެއަށް ގެންނަ ބޯޓުފަހަރަށް، ދަތުރުމަތީގައި އަސްކަރީ ހިމާޔަތް ހޯދުން އުނދަގޫވުމެވެ. އެ ދުވަސްވަރު، އިއްތިހާދީންގެ ގިނަ އުޅަނދުތަކެއް ހަނގުރާމައިގައި ނެތިގޮސްފައިވުމުން، އޭޝިޔާ ސަރަހައްދުގައި އިއްތިހާދީންގެ ގިނަ އުޅަނދުފަހަރު ބޭނުންކުރެވެމުން ދިޔައީ، އިންޑިއާ ކަނޑުގެ ހަނގުރާމައިގައެވެ. ބައެއް އުޅަނދު ހަރަކާތްތެރިވީ، ޔޫރަޕްގެ މައިދާނަށް ބޭނުންވާ ސަޕްލައި ފޮނުވުމުގައެވެ. އެހެންކަމުން، ރާއްޖެއަށް ގެންނަ ކާޑުކޮޅު ގެންދަން ބޭނުންވާ ދަނޑިވަޅުތަކުގައި ހިމާޔަތް ދޭނެ އުޅަނދުފަހަރު ނުލިބި، ދިވެހީން ދިޔައީ ކާޑަށް ޖެހެމުންނެވެ (މުޙައްމަދު އަމީން، 2003).
ދެންނެވި ސަބަބުގެ އިތުރަށް، ރާއްޖެއަށް ކާޑު ބޭނުންވާ ވަރު ދެނެގަނެވިފައި ނެތްކަން ވެސް ފާހަގަކުރެވުނެވެ. 1944 ގައި، އިނގިރޭސި ސަރުކާރުގެ އެދުމަކަށް ޙަސަން ފަރީދު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވި ފަހަރު، އެ ބޯޓުން އައި އިނގިރޭސި ލެފްޓިނެންޓް ވޯކަރ ވަނީ ދިވެހިރާއްޖެއަށް ކާޑު ބޭނުންވާ ވަރު ބުނެދޭ، ރިޕޯޓެއް ލިޔުއްވައި އިނގިރޭސި ސަރުކާރަށް ފޮނުއްވާފައެވެ (މުޙައްމަދު އަމީން، 2003). އިނގިރޭސިވިލާތުގެ ހިމާޔަތުގައި މި ގައުމު އޮވެފައި، ލެފްޓިނަންޓް ވޯކަރގެ ރިޕޯޓް، ވިލާތަށް ހުށައެޅިފައި އޮތުމުން، ރާއްޖެ ފަދަ ކުޑަ ގައުމަކަށް ކާޑު ފޯރުކޮށް ދިނުން އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވުމުގެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް ޖަރުމަނު ނޭވީންގެ ހަމަލާއެއްގައި، ޙަސަން ފަރީދާ، ލެފްޓިނެންޓް ވޯކަރ ވެސް 1944 ގައި އަވަހާރަވެފައިވާތީ، ލެފްޓިނަންޓް ވޯކަރގެ ރިޕޯޓަށް ޢަމަލުކުރެވުނުގޮތާ، ކާޑު ހޯދުމުގެ ކަންތައްތައް ދިވެހި ސަރުކާރުން ދެން ކުރިއަށް ގެންދިޔަ ގޮތެއް އަޅުގަނޑު ބެލި ފޮތްތަކާއި ނޫސްތަކުން އެނގެން ނެތް އިރު، އެ ރިޕޯޓުގެ ފޮލޯއަޕެއް ހެދުނުކަމެއް ވެސް ފެންނާކަށް ނެތެވެ.
ނިންމުން
ހަނގުރާމައިގެ ދުވަސްވަރުގައި، އިގުތިސާދީގޮތުންނާއި އިޖުތިމާޢީގޮތުން، ސިޔާސީގޮތުން، ރާއްޖެއަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. އަޅުގަނޑު ފާހަގަކުރި ތީމްތަކުން ފެންނަނީ، ބޮޑުހަނގުރާމައިގެ ތެރޭގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަށް ބަނޑުހައިހޫނުކަމުގެ ހިޔަނި އެޅިފައިވާ ތަނެވެ. އަޅުގަނޑުގެ މި ދިރާސާގައި އެކުލަވައިލި ހުރިހައި ތީމެއް، މި ލިޔުމުގައި ހިމެނިފައިނުވަނީ، މިއީ އައްޑަނަ މަޖައްލާއަށް ޚާއްޞަކޮށްގެން އުފެއްދި ލިޔުމަކަށްވާތީއެވެ. މި އަދަދުގައި ނުހިމެނޭ ބައި ފަހުން ލިބޭ ފުރުސަތެއްގައި ހިމަނާލާނަމެވެ. އެ ތީމްތަކުން ވެސް ފެންނަން އޮތް ހަގީގަތަކީ، ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާއި ގައުމަށް ކުރިމަތިވި ހާންތީގެ ވޭނާ ގުޅިފައި އޮތް ވަރު ބޮޑުކަމެވެ.
ހަނގުރާމަ ނިމި، މުޙައްމަދު އަމީނުގެ ވެރިކަން ނިމުމާ ހަމަޔަށް ވެސް ބަނޑުހައިހޫނުކަމުގެ ރުއިމުގެ އަޑާއި ބަނޑުފުރާލެވޭނެ ކާއެތިކޮޅަކަށް ކުރާ އާދޭހުގެ އަޑު ގައުމުން ކެނޑިގެނެއް ނުދެއެވެ. މިއީ އިތުރު ދިރާސާއެއްގައި ބަލާލަން ޖެހޭ ބައެއް ކަމަށް ދެކެމެވެ.
- ނޯޓު: މި ދިރާސާއަށް ބެލި ފޮތްތަކާ، ލިޔުންތައް ލިޔުއްވި ބޭފުޅުންގެ ނަންތައް ލިޔުމުގައި ހިމަނާފައިވާނެއެވެ.
