ބަވަނަވެފައިވާ މި ދުނިޔޭގައި އިންފާރުތައް ތެޅި އެއް ބަޔަކު އަނެއް ބަޔަކާ ދެމެދު މުއާމަލާތުކުރުންތައް މި ވަނީ ތަންމިނަށް ހުޅުވިފައެވެ. އެހެންނަމަވެސް ގައުމުތަކުގެ ސަގާފަތުގެ ތަފާތުތަކުގެ ހުރަސްތަކެއް ހުރެއެވެ. އެގޮތުން ދެ ސަގާފަތެއްގެ މެދުގައި ވެސް މުއާމަލާތުކުރުމުގައި ތަފާތުތަކެއް ހުރެއެވެ. އެހެނީ މި ކަންކަން ގުޅިފައި ވަނީ އެ ތަނެއްގައި އޮންނަ ސަގާފަތާއި އެ މީހުންގެ ޤަބޫލުކުރުންތަކާއި ދޭދޭ ގުޅުންތަކުގެ މައްޗަށެވެ. މި ފަދަ ސަގާފަތްތަކުގައި ލިޔެ ކިޔައި އުޅޭ ގޮތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. އަދި އެކިއެކި ސަގާފަތްތަކުގައި ލިޔުންތެރިކަމުގެ ތަފާތުތައް ވެސް ތަފާތެވެ. އަދި ހަމައެހެންމެ ސަގާފަތްތަކުގައި ހުންނަ ލިޔެކިޔުމުގެ ސަގާފަތްތައް އެއް ސަގާފަތާއި އަނެއް ސަގާފަތުގެ މެދުގައި ތަފާތުވާ އިރު ކުރެވޭ މުއާލާތުތަކުގައި ވެސް ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން ކޮންމެ ސަގާފަތެއްގައި ވެސް ލިޔުންތެރިކަމާއި މުއާމަލާތުކުރުމުގައި ޚާއްޞަ ސަގާފަތްތަކެއް ހުރެއެވެ.

އެކި ސަގާފަތްތަކުގައި ލިޔުންތެރިކަމުގެ ސަގާފަތް އޮތް ގޮތް

ދުނިޔޭގެ އެކި ޤައުމުތަކުގައި ލިޔުންތެރިކަމުގެ ސަގާފަތުގެ ތެރެއިން ލިޔުމުގެ އޮނިގަނޑުގައި ވެސް ތަފާތުތަކާއި އެއް ގޮތް ކަންތައްތައް އެބަހުއްޓެވެ. އެގޮތުން އެކި ސަގާފަތްތަކުގައި ބޭނުންކުރަނީ އެކި ކަހަލަ އެޕްރޯޗެވެ. މިސާލަކަށް އިނގިރޭސި ބަހުގައި ލިޔުމުގެ އޮނިގަނޑު ބިނާ ވަނީ ލީނިއަ އެޕްރޯޗަށެވެ. މި އެޕްރޯޗުގައި ވާ ގޮތުން އެ ލިޔާ އެއްޗެއްގެ މައުޟޫޢު ތަޢާރަފު ކުރުމަށް ފަހު އެންމެ ފުރަތަމަ މަޢުޟޫޢާ ގުޅޭ ތަޢާރުފެއް ދެއެވެ. އެއަށްފަހު ލިޔުމުގައި ހިމެނޭ މައިގަނޑު ބައިތައް ޕެރެގްރާފްތަކަށް ބަހައިލައިގެން ގެނައުމަށް ފަހު ނިންމުމުގައި މުޅި މައުޟޫޢުގައި ބުނާ އެއްޗެއް ވަށައި ޖައްސައެވެ. އިނގިރޭސިބަހުގައި މި ފަދަ ސިސްޓަމެއް އޮތް އިރު ދިވެހިބަހުގައި ވެސް ހަމަ މި ސިސްޓަމް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް ވަކި ޜޯންރާއަކާ ގުޅިގެން ކޮންމެ ލިޔުމެއްގައި ތަފާތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ.

ރިޗަރޑް ކަޕްލޭން ރޮބަރޓް.ބީ (2001) ބަޔާންކުރައްވަނީ ބަހާއި ލިޔުންތެރިކަމަކީ ސަގާފީ ކަމެއް ކަމުގައެވެ. އެ ގޮތުން ތަފާތު ސަގާފަތްތަކުގައި ހުންނަ ބަލާޣާތުގެ (ރެޓޯރިކްސް) ބައިތައް ވެސް ތަފާތު ވާނެކަމުގައެވެ. އެއިން އެނގެނީ ކޮންމެ ބައެއްގެ ތެރޭގައި ވެސް އޮންނަ ލިޔުމާއި ލިޔުންތެރިކަމުގައި އެ ބައެއްގެ ސަގާފަތުގެ ކުލައާއި އަސަރު ހުންނާނެ ކަމެވެ. އަލާން ޕޫރު ވެސް (1986) ހާމަ ކުރައްވަނީ އޮސްޓްރޭލިއާ، އިންގްލޭންޑް، ފިންލޭންޑް، އައިވަރީ ކޯސްޓް، އިސްރޭލް، ޖަޕާން، ނައިޖީރިއާ، ނިއުޒިލޭންޑް، ސްކޮޓްލޭންޑް، ތައިލޭންޑް އަދި ޔުނައިޓެޑް ސްޓޭޓްސް މި ޤައުމުތަކުގެ ކޮލެޖު ދަރިވަރުންތަކެއް ލިޔެފައިވާ މަޒުމޫނުތަކުން އެނގުނު ގޮތުގައި ކޮންމެ ޤައުމެއްގެ ކުއްޖަކު ލިޔެފައިވާ މަޒުމޫނުން ވެސް ތަފާތު އުކުޅުތަކެއް ނުވަތަ ގޮތްތަކެއް ފާހަގަކުރެވުނު ކަމުގައެވެ. އަދި އެއް ޤައުމެއްގެ ކުދިންގެ މަޒުމޫނުތަކުން އެއް އުސްލޫބުތަކެއް ފާހަގަކުރެވިފައިވާ ކަމުގައެވެ. މިއީން ވެސް އެނގެނީ ކޮންމެ ބައެއްގެ ވެސް ލިޔުންތެރިކަމުގައި ތަފާތުތަކެއް ވާކަމާއި އެއް ބައެއް ނަމަ އެއް ގޮތްކަމެވެ. ލެންޔިންއާއި ޑޭވިޑް ޗާހިލް (2008) ބަޔާންކުރައްވާ ގޮތުގައި ޗައިނާގެ ލިޔުންތަކުގައި ޓޮޕިކް ސެންޓެންސްގައި ވަކި ކޮންސެޕްޓެއް ނޯވެއެވެ. ޗައިނާ ދަރިވަރުންނަށް ވުރެ ޔުނައިޓެޑް ސްޓޭޓްސްގެ ދަރިވަރުންގެ ލިޔުންތައް ބުނަން އުޅޭ އެއްޗެއް ސީދާވެފައި ސާދާ ކަމުގައެވެ. ކޮރެޔާގެ ލިޔުންތެރިކަމުގެ ސަގާފަތުގައި ޚާއްޞަ ބަލާޣާތުގެ ސިފަތަކެއް ނުގެން ގުޅެއެވެ. ހަމަ އެހެންމެ ކޮރެއާ ބަހުގެ ލިޔުންތެރިކަމުގައި ބޭނުންކުރަނީ ނޮން ލީނިއަ ގޮތް ކަމުގައެވެ. ހިރޯސް ކެއިކޯ (2003) ބަޔާންކުރައްވަނީ ޖަޕާންގެ ލިޔުންތެރިކަމުގައި ބޭނުންކުރަނީ ޑިޑަކްޓިވް އެޕްރޯޗްކަމަށާއި ކުއްލިއަކަށް މައުޟޫޢު ބަދަލުކޮށްލުމުގެ އުކުޅު ކަމުގައެވެ. އެ ގޮތުން ޖަޕާނުގެ ލިޔުންތެރިކަމުގައި މައިގަނޑު ޚިޔާލު ގެނެސްދެނީ އެންމެ ފަހުންނެވެ.

އެމެރިކާގެ ލިޔުންތެރިކަމުގެ އަސާސީ މިންގަނޑުތަކެއް ވެއެވެ. އެ ގޮތުން އެމެރިކާގެ ލިޔުންތެރިކަމުގެ ސަގާފަތުގައި ގެންގުޅޭ މައިގަނޑު 4 މިންގަނޑެކެވެ. އެ މިންގަނޑުތަކަކީ:

ރަނގަޅު ޕެރެގްރާފެއް ލިޔުން

ރަނގަޅު ޕެރެގްރާފެއް ލިޔުމުގައި އެމެރިކާގައި ގެންގުޅޭ މިންގަނޑުތަކެއް ހުރެއެވެ. އެ ގޮތުން ކޮންމެ ޕެރެގްރާފެއް ވެސް ފަށާނީ ޓޮޕިކް ޖުމުލައަކުންނެވެ. އެއަށްފަހު މި ކަނޑައެޅި ޓޮޕިކު ޖުމުލަ ފުޅާކުރުމަށް ޓަކައި ޓޮޕިކް ސެންޓެންސަށް ބާރުދޭ ގިނަ ޖުމުލަތަކެއް ގެނެސްދެއެވެ. ދެން އެއަށްފަހު ނިންމާލުމުގައި ގެންނަނީ ޕެރެގުރާފުގައި ބަޔާންކުރާ ޚިޔާލުގެ ނިންމުމެކެވެ.

ތަޢާރުފު

އެމެރިކާގެ ލިޔުންތެރިކަމުގައި ކިޔުންތެރިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ބައެއް ވައްތަރުގެ ހޫކް ބޭނުންކުރެއެވެ. ހޫކަކީ ނުވަތަ ހޫކު ޖުމުލައަކީ މައުޟޫޢު ހުޅުވައިލަދޭ ޖުމުލައެވެ. ނުވަތަ މަޒުމޫނު ކިޔާ މީހުންގެ ޝައުޤުވެރިކަން އުފެއްދުމަށް ނުވަތަ އެ މީހުންގެ ސަމާލުކަން އަތުލުމަށް އެންމެ ފުރަތަމަ މަޒުމޫނު ފެށުމުގައި ލިޔާ ޖުމުލަކޮޅެވެ. އެ ގޮތުން ތަޢާރުފު ޕެރެގްރާފު ފަށަނީ އާންމު މަޢުލޫމާތުންނެވެ. އެއަށްފަހު ގުޅުން ހުރި ގިނަ ޕޮއިންޓްތަކެއް ހުށަހަޅުއްވައެވެ. ތަޢާރުފު ނިންމާލަނީ ތީސީސް ސްޓޭޓްމަންޓުންނެވެ.

މައިގަނޑު

މައިގަނޑު ބިނާ ކުރަނީ ތީސީސް ސްޓޭޓްމަންޓުގައި ބުނާ އެއްޗެއްގެ މައްޗަށެވެ. އެއަށް ބާރުދޭ ނުކުތާތަކެއް ހުށައަޅައިދެއެވެ. މި ނުކުތާތައް ގެނެސްދިނުމުގައި ތަފާސްހިސާބުތަކާއި ދިރާސާތަކާއި މިސާލާއި ހެކި ބޭނުންކުރެއެވެ.

ނިންމުން

މައިގަނޑަށް ފަހު އެމެރިކާގެ ލިޔުންތަކުގައި ދެން ގެންނަނީ ނިންމުމެވެ. އެގޮތުން ނިންމުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ތީސީސް ޖުމުލަ ރީފްރޭޒްކުރުން ނުވަތަ އަލުން އެހެން އިބާރާތަކުން ލިޔުމެވެ. އެއަށް ފަހު މައިގަނޑު ޕެރެގްރާފްތަކުގެ ނުކުތާތައް ޚުލާސާކޮށްލައެވެ. އެންމެފަހުން ގެންނަނީ މުޅި މަޒުމޫނު ވަށާޖައްސާ ޖުމުލައެކެވެ. މިއީ ދިވެހީންގެ ތެރޭގައި ވެސް މިހާރު އާންމުވެފައިވާ އުސްލޫބެވެ. ޚާއްޞަށް އިސްކޫލުތަކުގައި މިހާރު ކިޔަވައިދޭ ލިޔުންތެރިކަމުގެ ވައްތަރުތަކުގެ މަޒުމޫނުތަކުގައި ބޭނުންކުރަނީ މި އުސްލޫބެވެ.

ދިވެހީންގެ ސަގާފަތުގައި ލިޔުމުގެ ސަގާފަތް އޮތް ގޮތް

ކޮންމެ ބައެއްގެ ވެސް ލިޔުންތެރިކަމުގެ ސަގާފަތް ގުޅިފައިވަނީ އެ ބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި ސަގާފަތުގެ މައްޗަށެވެ. އެ ގޮތުން ދިވެހީންގެ އިހު އެވޭލާގެ ލިޔުންތެރިކަން އޮތް ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ލިޔުން ފެނިފައިވަނީ ހިރިގަލުގައި ލިޔެވިފައިވާ އަކުރުތަކެކެވެ. މި އަކުރުތައް މި ގޮތަށް ހިރިގަލުގައި ލިޔެވިފައި ވަނީ އޭރު ހިރިގަލަކީ ދިވެހީންގެ ފަރުތަކުން ފަސޭހައިން ލިބޭ އެއްޗަކަށް ވާތީއެވެ. އަދި ހަމައެހެންމެ ގިނަ ދުވަސްތަކަށް ދެމި ހުންނާނެ އެއްޗަކަށް ވާތީއެވެ.

ދިވެހީން ލިޔެކިޔުމަށް ބޭނުންކުރި އަކުރުތައް ވެސް ފަރުމާކޮށްފައި ވަނީ އޭރުގެ ދިވެހީންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމުގައި ދެންނެވިދާނެއެވެ. އެހެނީ ދިވެހީން ކުރިން ލިޔަން ބޭނުންކުރި އެވޭލާ އަކުރާއި ދިވެސް އަކުރަކީ ވާތުން ކަނާތަށް ލިޔަމުން އައި އަކުރެކެވެ. މި ކަން މިގޮތަށްވެފައިވާ ކަމަށް ޤަބޫލުކުރެވެނީ އޭރު ދިވެހީންގެ ތެރޭގައި އޮންނަނީ އިސްލާމްދީން ކަމުގައި ނުވާތީއެވެ. ކޮންމެއަކަސް 1153ވަނަ އަހަރު ދިވެހީން އިސްލާމްދީން ޤަބޫލުކުރުމާ ގުޅިގެން ދިވެހީން ލިޔެ ކިޔުމަށް ބޭނުންކުރި އަކުރު އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަނާތުން ވާތަށް ވަނީ ބަދަލު ކުރެވިފައެވެ. މި ކަންކަމުން ވެސް ފެންނަނީ އޭރު ދިވެހީންގެ ޤަބޫލުކުރުންތައް ހުރި ގޮތެވެ.

ދިވެހިބަހުން ފެންނަ ލިޔުންތެރިކަމުގެ ސަގާފަތް އެކި ދުވަސްވަރުގައި ފެންނަނީ އެކި ގޮތަށް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފުރަތަމަ ޅަފަތުގެ ދައުރުގެ ލިޔުންތައް ފެންނަނީ ވަރަށް އާދައިގެ ސާދާ ގޮތަކަށެވެ. އޭގެ ފަހުން ފިރުކެންފެށި ދައުރުގެ ލިޔުންތެރިކަން ކުރިއަރަމުން އައިސްފައިވާ ކަން ދިވެހިބަހުގެ އުސްތާޛުން ފާހަގަކުރައްވައިފައި ވެއެވެ. އެއަށް ފަހު އިނގިރޭސި ތަޢުލީމަށް ދިވެހިރާއްޖެ ހުޅުވި ދިވެހީން ބޭރުގެ ޤައުމުތަކުން ކިޔަވައިގެން އައިސްފައި ވުމުން ވެސް ދިވެހީންގެ ލިޔުންތެރިކަމަށް ބަދަލުތަކެއް އައެވެ. އެ ގޮތުން ލިޔުންތަކުގެ ޢިބާރާތްތައް ބަދަހިވެ ސިފަކުރުންތަކާއި ހުޝާމަދު ކުރުންތައް ގިނަވެފައިވެއެވެ. ޚާއްޞަކޮށް އުރުދޫ ބަހުގައި ހުންނަ ސިފަކުރުންތައް ދިވެހި ލިޔުންތެރިކަމުގެ ތެރެއިން ފެންނަން ފެށިއެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ އުސްލޫބުގައި އެކި ވައްތަރުގެ ލިޔުމުގައި އެކި އުކުޅުތައް ފާހަގަކުރެވެއެވެ. އެ ގޮތުން ލިޔާލިޔުންތަކުން ޚާއްޞަ ބަލާޣާތުގެ ސިފަތަކެއް ފާހަގަކުރެވެއެވެ. އެ ދުވަސްވަރަކީ ލިޔުންތެރިކަމުގެ ސަގާފަތް އިތުރު ހަރުފަތްތަކަށް ކުރިއަރައިގެން ދިޔަ ދުވަސްވަރެކެވެ. ނަތީޖާއެއްގެ ގޮތުން ބޭރުގެ ބައެއް ބަސްބަހުން ލިޔެވިފައިވާ ތަކެތި ދިވެހިބަހަށް ތަރުޖަމާކުރަން ފެށިއެވެ. އޭރު ކުރެވުނު ތަރުޖަމާތަކުގައި ވަރަށް ގިނަ ސިފަކުރުންތައް ހުއްޓެވެ. އޭގެ އަސަރު ދިވެހި ލިޔުންތެރިކަމަށް ކުރިއެވެ. އެ ކަން އެނގެނީ ތަރުޖަމާ ކުރާ ލިޔުންތައް ނޫން ނުވަތަ ވާހަކަތައް ނޫން ދިވެހީން ލިޔާލިޔުންތަކުގައި ވެސް މި ފަދަ ސިފަކުރުންތައް ފެންނަން ހުރުމެވެ. ހަމައެހެންމެ ނުސީދާކޮށް ބުނެފައިވާ ތަފާތު ވާހަކަތައް ފެނެއެވެ. ޚާއްޞަކޮށް ލޯބީގެ ވާހަކަތައް އެހައި ސީދާކޮށް ތިލަކޮށް ގެނެސްދީފައެއް ނުހުރެއެވެ. މި ގޮތަށް ނުސީދާކޮށް ލިޔެވިފައި ހުންނަ ލިޔުންތަކާއި ބުނުންތައް އޭރުގެ ގިނަ މީހުންނަށް އެނގެއެވެ. އެގޮތުން އެ ދުވަސްވަރުގައި މަޖާޒު ބަސްތަކާއި މިސާލު ބަސްތައް ބޭނުންކުރާ މިންވަރު އިތުރެވެ.

ލިޔުންތެރިކަންމުން އެ ބައެއްގެ ސަގާފަތް ދައްކައިދޭކަން އެނގެނީ ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް ލިޔުންތެރިކަމުގެ ސަގާފަތުން ވެސް ފެންނާތީއެވެ. ކުރިން ދެންނެވި ސިފަކުރުންތަކަށް ފަހު މިހާރު ދިވެހި ލިޔުންތެރިކަމުގެ ސަގާފަތުން މި ވަނީ ސާދާ ވެފައެވެ. މިހާރު އެ ފަދަ ސިފަކުރުންތަކާއި ނުސީދާ ބަސްތަކުން އަމުނައިލައިފައިވާ އިބާރާތް ދެނެގަތުމަކީ ދިވެހީންނަށް ޚާއްޞަކޮށް މިހާރުގެ ކުދިންނަށް އެހައި ފަސޭހަކަމަކަށް ނުވެއެވެ. އޭރު ބޭނުން ކުރި މަޖާޒީ މިސާލުތައް މިހާރު ބޭނުންކުރާ މިންވަރު މަދުވެފައި އެ ފަދަ ބުނުންތައް ދެނެގަންނާކަށް ވެސް ނޭނގެއެވެ.

ލިޔުންތެރިކަމުގެ ސަގާފަތުން ޒަމާނަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެ ގޮތުން ދިވެހި ބަހުގެ ކުރީގެ ލިޔުންތަކުން ގިނައިން ފެންނާނީ ދިވެހީންނަކީ އެއްބައިވަންތަ އާއިލީ ގުޅުންތަކާއި އަވައްޓެރިކަމުގެ ގުޅުންތަކާއި ރައްޓެހި ރަހުމަތްތެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަރާ ތިބި ބައެއް ކަމެވެ. އެ ގޮތުން މީހަކު ގެއަށް އައިސްފި ނަމަ އެ މީހަކަށް ކަމޭ ހިތައި ކާން ދީ ހަދައެވެ. މި ފަދަ ވާހަކަތަކަކީ އޭރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ ލިޔުންތެރިންގެ ލިޔުއެވުންތަކުން ވެސް ފެންނަ ކަންކަމެވެ. މި ކަން އެ ބޭބޭފުޅުންގެ ލިޔުއްވުންތަކުން ފެންނަނީ އެއީ ދިވެހި ލިޔުންތެރިކަމުގައި ގެންގުޅުނު ސަގާފަތް ކަމުގައި ވާތީއެވެ. އެހެން ނަމަވެސް މިހާރު ދިވެހީންނާ ބެހޭ ގޮތުން ބޭރުގެ މީހަކު ލިޔާލިޔުންތަކުގައި ވާހަކަދައްކާނެ މައުޟޫޢުތައް ތަފާތު ވާނެއެވެ. އެހެން ކަމުން މިއިން އެނގެނީ ތިމާގެ އަމިއްލަ ސަގާފަތް ނޫން އެހެން ސަގާފަތްތަކުގެ ވާހަކަދައްކާ އިރު ނުވަތަ އެ ސަގާފަތްތަކާ ބެހޭ ލިޔުންތައް ލިޔުއްވުމުގެ ކުރިން އެ ސަގާފަތެއްގެ ލިޔުންތެރިކަމުގައި ގެންގުޅޭ ސަގާފަތްތަކުން އެނގުމަކީ މުހިންމު ކަމެއް ކަމުގައެވެ. އެހެންނަމަވެސް ދިވެހީންގެ ލިޔުންތެރިކަމުގެ ސަގާފަތް މި ޒަމާނަށް އައި އިރު މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު ދިވެއްސަކު ވެސް އަދި ބޭރު މީހަކު ވެސް ލިޔާ ލިޔުންތަކުގައި މި ދެންނެވި ވާހަކަތަކެއް ނުހުރެއެވެ.

ދިވެހި ލިޔުންތެރިކަމުގެ އިހުގެ ތާރީޚަށް ބަލާއިރު ބައެއް މައުޟޫޢުތަކަކީ ލިޔުންތަކުގައި ސީދާކޮށް ހާމަކުރާ ލިޔުންތަކެއް ނޫނެވެ. އެ ގޮތުން ބައެއް މައުޟޫޢުތަކަކީ ދިވެހީން ލިޔުންތަކުގައި ބޭނުންކުރާ މައުޟޫޢުތަކެއް ނޫނެވެ. އެ ގޮތުން ޖިންސީ ވާހަކަތަކަކީ އެހައި ފާޅުކަން ބޮޑު ގޮތުގައި ވާހަކަ ދެކެވިފައިވާ މައުޟޫޢުތަކެއް ނޫނެވެ. ޚާއްޞަކޮށް އާއިލާގެ ތެރެއިން އުފެދިގެން އަންނަ ޖިންސީ ވާހަކަތަކަކީ ސިއްރު ކުރެވިފައިވާ ވާހަކަތަކެކެވެ. އެ ފަދަ ވާހަކައެއް ހާމަ ކުރުމަކީ ވެސް ލިޔުންތެރިކަމުގެ ބޭއަދަބީ ކަމެކެވެ. އެހެންނަމަވެސް މިހާރު މި ސަގާފަތް ބަދަލުވެ މީހުންގެ ހޭލުންތެރިކަން އިތުރުވެ ދިވެހީންގެ ލިޔުންތެރިކަމުގެ ތެރެއިން މި ފަދަ ވާހަކަތައް ވަނީ ތިލަވެފައެވެ. އަދި އެ ފަދަ ކަންކަމުގެ ވާހަކަތައް ދައްކަން ފަށައިފައެވެ.

ޚިޔާލުފާޅުކުރުމުގައި އެ ބަޔަކު ޤަބޫލުކުރާ ދީނީ އަޤީދާއާ އެއްގޮތަށް އެ ބައެއްގެ ލިޔުންތެރިކަމުގެ ސަގާފަތް ބިނާވެފައިވެއެވެ. އެކަން އެނގެނީ ބަވަނަވެފައިވާ މި ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވިފައިވީ ނަމަވެސް ދިވެހީންނަކީ މުސްލިމުން ކަމުގައި ވާތީ ދިވެހިރާއްޖޭގެ ލިޔުންތެރިކަމުގެ ތެރެއިން ދީނާ ޚިލާފު ވާހަކަތަކާއި މައުޟޫޢުތައް ނުފެންނާނެއެވެ. އަދި އެހެން ދީންތަކުގެ ވާހަކަތައް ނުފެންނާނެއެވެ. އެ ގޮތުން ދިވެހިބަހުން ލިޔާ ވާހަކައެއް ނުވަތަ މަޒުމޫނެއް ކަމުގައި ވިޔަސް ދީނާ ދުރު ވާހަކަތައް ހިމަނައިފައެއް ނުހުންނާއެވެ. އެ ގޮތުން އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ވެސް މި ފަދަ މަޢުޟޫޢުތައް ބޭނުމެއްނުކުރެއެވެ. ރާއްޖޭގައި ހަދަނީ ކޭންބްރިޖް އިމްތިހާނު ކަމުގައި ވިޔަސް އަދި ރާއްޖޭގެ ބައެއް އިސްކޫލުތައް އިންޓަރނޭޝަނަލް ވެފައި ވީ ނަމަވެސް ރާއްޖޭގެ  މަންހަޖުގައި ބޭނުން ކުރަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ފޮތްތައް ތައްޔާރުކޮށްގެންނެވެ. ޚާއްޞަކޮށް އިސްލާމްދީނާ ޚިލާފުވާ ފަދަ ވާހަކަތަކާއި ޖިންސީ ވާހަކަތައް ނުހިމަނައެވެ.

މުއާމަލާތުކުރުމުގައި ހުރި ސަގާފީ ހުރަސްތައް

އެ މީހަކަށް ލިބިފައިވާ ތަޢުލީމެއްގެ ނުވަތަ ތައުލީމު ހާސިލުކޮށްފައިވާ ދާއިރާ، އޭނާގެ ލިޔުންތަކަށް އަސަރު ކުރާކަމުގައި އެރިން މެކްރުއާ ކުރަންޕެޓްސް (2005) ބަޔާންކުރައްވައެވެ. މީހަކާ ދޭތެރޭ ދެކޭ ގޮތް އެންމެ ފުރަތަމަ ބިނާވަނީ ސެލެކްޝަނަށެވެ. އެގޮތުން ކޮންމެ މީހެއްގެ ވެސް ޅަފަތުން ފެށިގެން އޭނާއަށް އެނގިގެންނާއި ނޭނގި ނަމަވެސް އެ މީހަކު އެ ނިސްބަތްވާ ސަގާފަތާއި މާހައުލުން ކަންކަން ނަގައިގަންނަ ކަމުގައި ޖެނެޓް (2013) ބަޔާންކުރައްވައެވެ. އެ ގޮތުން އެ މީހެއްގެ މާދަރީ ބަހުގެ އަޑުތައް ނެގޭ ގޮތާއި ކިޔާ ގޮތް ދަސްވެއެވެ. އެހެންކަމުން ތިމާގެ އަމިއްލަ ބަހުގެ ގަވާއިދުތަކާ ތަފާތު ގަވާއިދުތަކެއް ދެނެގަތުމަށް އުނދަގުވާ ކަމުގައެވެ. އެހެން ބަހެއް ދެނެގަތުމާއި ދަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމުގައި ޖެނެޓް (2013) ބަޔާންކުރައްވައެވެ. އިނގިރޭސި ބަހާއި ޖަޕާން ބަހުގެ ވާހަކަދެއްކުމުގެ ތަފާތުތައް މި ދެންނެވި ތިއަރީއަށް ހެކި ދޭ ކަމުގައެވެ. އިނގިރޭސީން ދައްކާ ވާހަކަތައް ދެނެގަތުމުގައި ޖަޕާނު މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. އެގޮތުން ދިގު ވަވަލްއާއި ކުރު ވަވަލްތައް ބޭނުންކުރުމާއި ބައެއް އިނގިރޭސި ލަފުޒުތައް ދެނެގަތުގައ ޖަޕާނު މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ.

ދިވެހިބަހުގައި އަނގަބަހުން ކުރާ މުޢާމަލާތްތަކުގައި ވެސް ދިވެހީންގެ ސަގާފަތް އަދި ޤަބޫލުކުރާ ޤަބޫލުކުރުންތައް ދައްކައިދެއެވެ. އެ ގޮތުން ދިވެހީންގެ ވާހަކަތަކުގައި ޕޮލައިޓްނަސް ނުވަތަ އަދަބު އިޙްތިރާމުގެ އުސޫލު ބޭނުންކުރާކަން ފާހަގަކުރެވުނެވެ. އެހެނީ ހިތްހަމަނުޖެހިގެން ވާހަކައެއް ދެއްކިޔަސް ސީދާކޮށް ހުތުރުކޮށް ނުބުނާނެއެވެ. ނުސީދާކޮށް ނުވަތަ އެންމެ ރީތިކޮށް އެ ވާހަކައެއް ބުނެވެން އޮތް ގޮތަކަށް ބުނެއެވެ. މިސާލަކަށް މި ވެނި ކަމެއް ނުކުރާނަމޭ ސީދާ ބުނުމުގެ ބަދަލުގައި އެހެން އުޒުރެއް ދައްކައިގެން އެ ކަން ނުވާނެ ކަން ދޭހަވާ މޭރުމަކުން އިންކާރުކުރާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ސަގާފަތުގައި ޤަބޫލުކުރާ ގޮތްތަކުގެ ތެރެއިން ޚާއްޞަކޮށް ރަސްމީ ކަންކަމުގައި ދައްކާ ވާހަކަ އަދަބުއިޙްތިރާމްގެ އުސޫލު ބޭނުންކުރެއެވެ.

މުއާމަލާތުކުރުމުގައި ދޭދޭ ސަގާފަތްތަކުގެ މެދުގައި ހުރަސްތަކާއި އުނދަގޫތަކާ ކުރިމަތިވެއެވެ. އަދި މުއާމަލާތު ކުރާ ގޮތްތައް އެއް ސަގާފަތް އަނެއް ސަގާފަތާ ތަފާތެވެ. އެ ގޮތުން ވާހަކަދެއްކުމުގެ އަދަބުތަކާއި ގޮތްތައް ބިނާވެފައިވަނީ އެ ބައެއްގެ ސަގާފަތުގައި ހުންނަ ޤަބޫލުކުރުންތަކާ އެއްގޮތަށެވެ. އެ ގޮތުން ކޮންމެ ސަގާފަތެއްގައި ވެސް ޤަބޫލުކުރާ އުސޫލުތަކާއި ގަވާއިދުތަކެއް ހުރެއެވެ. ދިވެހީންގެ ވާހަކަ ދެއްކުމުގައި ޚާއްޞަ އުސޫލުތަކެއް ގެންގުޅެއެވެ. އެ ގޮތުން މީހަކާ ބައްދަލުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ހާލު ކިހިނެއްތޯ އަހައިލެވެއެވެ. ދިވެހީންގެ ވާހަކަދެއްކުމުގައި ހުންނަ ގޮތުން މި ގޮތަށް މީހަކު ހާލު ކިހިނެއްތޯ އަހައިލުމުން އެ ވަގުތު އޭނަގެ އާއިލާގެ ކަންތައް ނުވަތަ ތިމާގެ އަމިއްލަ ނަފުސާއި ތަބީޢަތް ރަނގަޅުނޫން ކަމުގައި ވިޔަސް  އިޙްތިޔާރަކާ ނުލައި އަދި އިޙްތިޔާރަކާ ލައިގެން ނަމަވެސް ޖަވާބުގައި އާއެކެވެ. ބުނެވެއެވެ.             

ސަގާފަތްތަކުގައި ލިޔެކިޔުންތަކާއި މުޢާމަލާތުކުރުމުގައި ތަފާތުތަކެއް ހުރެއެވެ. އެ ގޮތުން އިނގިރޭސި ބަހުގައި ލިޔުމުގެ އޮނިގަނޑު ބިނާ ވަނީ ލީނިއަ އެޕްރޯޗަށެވެ. ޖަޕާންގެ ލިޔުންތެރިކަމުގައި ބޭނުންކުރަނީ ޑިޑަކްޓިވް އެޕްރޯޗްއެވެ. އެއީ ކުއްލިއަކަށް މައުޟޫޢު ބަދަލުކޮށްލުމުގެ އުކުޅެވެ. އެ ގޮތުން ޖަޕާނުގެ ލިޔުންތެރިކަމުގައި މައިގަނޑު ޚިޔާލު ގެނެސްދެނީ އެންމެ ފަހުންނެވެ. އެކިއެކި ސަގާފަތުގެ މީހުން ލިޔެފައިވާ ލިޔުންތައް ވެސް ތަފާތެވެ. އަދި އެއް ސަގާފަތެއްގެ ލިޔުންތަކުގައި އެއް ގޮތްކަން ވެސް ހުރެއެވެ. ދިވެހި ލިޔުންތެރިކަމުގެ އިހުގެ ސަގާފަތުގައި ބަލާޣާތުގެ ލަފުޒުތަކާއި އިބާރާތްތައް ގިނަކަމުގައި ވިޔަސް މިހާރުގެ ލިޔުންތައް ސާދާވެފައި ފަހުމުވުން ފަސޭހައެވެ. ވާހަކަދެއްކުމުގައި ސަގާފަތްތަކުގެ މެދުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެއެވެ. އެހެނިހެން ބަސްބަހުގައި ބޭނުންކުރާ އަކުރުތަކާއި އަޑުތަކުގެ ތަފާތުތަކުގެ ސަބަބުން ހުރަސްތަކާ ކުރިމަތިވިޔަސް ދިވެހިބަހުގައި އެ ކަމެއް ނެތެވެ. ދިވެހިބަހަކީ  ވާހަކަދެއްކުމުގައި އަދަބުއިޙްތިރާމުގެ އުސޫލުތައް ގެންގުޅޭ ބަހެކެވެ. މިއިން އެނގެނީ ބަހުގައި ހުންނަ ޚާއްޞަ އުސޫލުތަކާއި ގޮތްތަކަކީ އަޖައިބުކުރުވަނިވި ކަންކަން ކަމެވެ.  

ރިފަރެންސް:

  • ހަބީބާ ޙުސައިން ޙަބީބު. (2011). ފޯކްލޯގެ ދިރާސާ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. 
  • ފެރެޑްރިކް ބާތު (1994). ޕާސަނަލް ވިއު އޮފް ޕުރެޒެންޓް ޓާސްކު އެންޑް ޕްރިއޮރިޓީސް އިން ކަލްޗަރ އެންޑް ސޯޝިއަލް އެންތްރޮޕޮލޮޖީ، އެންޑް އެސެސިން ކަލްޗަރ އެންޑް އެންތްރޮޕޮލޮޖީ، އާރު ބުރޯފިސް، އީޑި. ނިއުޔޯކް.
  • ސިމްސް އެން، އަދި ސްޓެފަން އެމް. (2011). ލިވިން ފޯކްލޯ، އޭން އިންޓްރަޑަކްޝަން ޓު ދަ ސްޓަޑީ އޮފް ޕީޕަލް އެންޑް ދެއަރ ޓްރޭޑިޝަންސް. (ސެކަންޑް އެޑިޝަން)، ލޮގާން އުޓަރ ސްޓޭޓް، ޔުނިވަރސިޓީ ޕްރެސް.
ޝެއަރކުރެއްވުމަށް