ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓިންގ އަކީ ރާއްޖެ ފަދަ ކުޑަ އަދި ގިނަރައްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގަ ބިންބޮޑު އަދި އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމުތަކުގައިވެސް ަދައުރަކީ ވަރަށް ބޮޑު ދައުރެކެވެ. ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފައިވާ އެމެރިކާގައިވެސް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުންގެ ދައުރު ނުހަނު ބޮޑެވެ. އެމެރިކާގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން އުފެދިގެންއައީ 1954 އޯގަސްޓް 12 ގައެވެ. އެއީ ހޯސްޓަން ސިޓީއާއި ވަރަށްދުރުގައި ދިރިއުޅެމުންއައި ދަނޑުވެރިންގެ ފަސްމީހަކުވެގެން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް އުފެއްދުމުން ދަ ސެކްރެޓަރީ އޮފް ސްޓޭޓްސް އޮފް ދަ ޓެކްސަސް މރ.ސީއީ.ފުލްގހާމް ވޮލަންޓިއަރ ފަޔަރ ޑިޕާޓްމެންޓެއް އުފެއްދުމަށް ބޭނުންވެގެން އެކަމަށް ބޭނުންވާނެ ސާމާނު ފޮނުވާ ރަސްމީކޮށް އެމަސައްކަތްކުރުމުގެ ހުއްދަ އެޖަމުއިއްޔާއަށް ދިނުމުންނެވެ. ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ޑިޕާރޓްމަންޓުގެ މަޤްޞަދެއްގެ ގޮތުގައި އޮންނަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަވަހަށް އެތަނަކަށް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުންގޮސް އަލިފާން ނިއްވާލުމެވެ. އަދި ބޮޑު އަލިފާނެއްނަމަ  ފަޔަރފައިޓަރުން އަންނަންދެން އަލިފާންގަނޑު ބޮޑުވިޔަނުދީ ހިފެހެއްޓުމެވެ. މިގޮތުގެ މަތިން އަލިފާން ނިއްވުމުގެ ޚިދުމަތް އަވަހަށް ދިނުމަށްޓަކައި ކޮންމެ 115،000 މީހުންގެ އާބާދީއަކަށް ނުވަތަ ގާތްގަނޑަކަށް 25 އަކަ މޭލުގެ ބޮޑު ސަރައްހައްދެއްގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން ބައިތިއްބައެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް އެންމެރަނގަޅަށް ދެވޭނީ ހަމަަޔަޤީނުންވެސް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން އުފެއްދިގެންނެވެ.

ރާއްޖެއަށް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން މުހިންމުވާ ސަބަބު

ދިވެހިރާއްޖެއަށް ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން ވަރަށް މުހިންމެވެ.  ރާއްޖެއަކީ ކުދިކުދި ގިނަ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާ ޤައުމެކެވެ. ރާއްޖޭގައި އޮންނަ 1190 ރަށުގެތެރެއިން ގާތްގަނޑަކަށް 200 ރަށަކީ މީހުން ދިރިއުޅޭ ރަށްރަށެވެ. ބާކީ އޮތް 990 ރަށަކީވެސް ޚާއްޞަކޮށް ފަހަކަށް އައިސް ތަފާތު ގިނަ އިޖްތިމާއީ އަދި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރާ ރަށްތަކަށްވާއިރު ހަމައެކަނި މީހުން ދިރިއުޅޭ ރައްތަކުގައިވެސް ސަރުކާރު މުވައްޒަފުންގެ ގޮތުގައި ބަޔަކު ބޭތިއްބުމަކީ ދައުލަތުގެ ބަޖެޓަށް ސަކޭގާވާނެ ކަމެއް ނޫނެވެ. ހަމައެހެންމެ ކޮންމެރަށަކަށް ބޭނުންވާ އަލިފާން ނިއްވުމުގެ އާލަތްތަކާއި ވަޞީލަތްތައް ހޯދާ ބެލެހެއްޓުމަކީވެސް ފަސޭހައިން ކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން އެ ކޮމިއުނިޓީ އަކަށް ބޭނުންވާ ފަޔަރފައިޓަރުން އެ ކޮމިއުނިޓީއަކުން ވޮލަންޓިއަރުންގެ ގޮތުގައި ހަމަޖެހި އެބަޔަކަށް ބޭނުންވާނެ އަސާސީ ތަމްރީނު ދެވިއްޖެނަމަ އެއީ ދެމެހެއްޓެނިވިގޮތެއްގައި އަލިފާން ނިއްވުމުގެ ކަންތައްތައް ރާއްޖޭގައިވެސް ކުރިއަށް ގެންދެވިދާނެ ވަރަށްރަނގަޅު ގޮތެކެވެ. 

ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުންނަށް ބޭނުންވާނެ އަސާސީ ކަންތައްތައް

ފަޔަރފައިޓަރުން ތަމްރީނުކުރުން

ފަޔަރފައިޓަރުން ބޭނުންކުރާނެ ސޭފްޓީ އައިޓަމްތައް ހޯދުން (ފަޔަރ ޝޫޓް، ބޫޓް، ހެލްމެޓް، އަންގި، ބްރީތިންގ އެޕަރޭޓަރސް)

ޕަމްޕް އަދި ހޮޅި (ހޮޅި ގުޅާނެ ޖޮއިންޓް އާއި ހޮޅީގެކޮޅުގައި ޖަހާނެ ނޮޒުލް އާއިއެކު)

ފަޔަރ އެސެސަރީސް އުފުލާނެ އުޅަދެއް ހޯދުން

އަލިފާން ނިއްވުމަށް ބޭނުންނުރާ ފަޔަރ އެކްސްޓިންގުއިޝަރ ފުޅި ހޯދުން

އަލިފާން ނިއްވުމުގެ ހަރަކާތުގައި ބޭނުންކުރާ ސާމާނު ސަލާމަތްތެރިކަމާއިއެކު ވަކިނިޒާމެއްގެ ދަށުން ބަހައްޓާނެ ތަނެއް ހޯދުން

މިތަކެތި ސަރުކާރުން ކޮންމެރަށަކަށް ހޯދާދީ މެއިންޓެއިންކޮށް ބަލަހައްޓާ އެމަސައްކަތަށް ސަރުކާރު މުވައްޒަފުން ހަމަޖެއްސުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގެ ތަމްރީނު ދެވިފައިތިބި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން ކޮންމެ ރަށެއްގައި އުފެއްދުމަށްފަހު އެމްއެއްޑީއެފްގެ އޭރިއާކޮމާންޑްތަކުގައި ރަނގަޅު ފަޔަރ ސްކޮޑެއް ޤާއިމްކުރެވިއްޖެނަމަ އެއީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައި މިޚިދުމަތް ރާއްޖޭގައި ދެވޭނެގޮތެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތައް ހޯދަންޖެހޭ އާލަތްތައް އެރަށެއްގައި ދިރިއުޅޭ މީހުންގެ އެއްބާރުލުމާއިއެކު ސްޕޮންސަރުންގެ މަދަދުލިބިގެން ހޯދާ ތަރައްޤީކުރުމަކީ އެންމެ އަވަހަށް އަދި އެންމެ ފަސޭހައިން މިފަދަ ޚިދުމަތެއް އެތަނަކަށް ލިބިގެންދާނެގޮތެވެ.

ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފެއްދުން

އަލިފާން ނިއްވުމުގެ ޚިދުމަތަކީ މީހުން ދިރިއުޅޭ ކޮންމެތަނެއްގައިވެސް ދެވެންޖެހޭނެ މުހިންމު ޚިދުމަތެކެވެ. އެހެންނަމަވެސް މާލީތަނަވަަސްކަމާއި އިޤްތިޞާދީ ފުދުންތެރިކަން ހުންނަމިންވަރުން ރާއްޖެފަދަ ޤައުމެއްގެ ހުރިހާރަށެއްގައި ސަރުކާރުން ފަޔަރ ޓީމެއް ބޭތިއްބުމަކީ ދަތިކަމަކަށްވާނެކަމެކެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭރަށްރަށުގެ ތެރެއިން އަލިފާންނިއްވުމުގެ ޚިދުމަތް އެމް.އެން.ޑީ.އެފްއިން ދޭން ފަށާފައިވަނީ ސިފައިންގެ މަރުކަޒުތައް ހުންނަ ބޮޑަތި ރައްތަކުގައެވެ. މިއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވާތީ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސިފައިންގެއިން ވަނީ ޕްލޭނެއް އެކުލަވާލާފައެވެ. އެޕްލޭންގައި ވާގޮތުން 2015 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން 3000 މީހުންނަންވުރެ ދަށް އާބާދީއެއް ދިރިއުޅޭ ކޮންމެ ރަށެއްގައި ރަށުކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތްކުރާނެ ކޮމިއުނިޓީ ވޮލަންޓިޔަރ ފަޔަރފައިޓަރުންތަކެއް ތިބޭނެއެވެ. އެފަޔަރ ފައިޓަރުންނަކީ އެރަށެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެހާދިސާއަކުން މީހުންނާއި މުދާ ސަލާމަތްކުރުމަށް ފަސްޓް ރެސްޕޮންޑާއެއްގެ ގޮތުގައި ރަށު ކައުންސިލާ ގުޅިގެން ހަރަކާތްތެރިވާނެ ފަރާތެވެ. ދެމެހެއްޓެނިވި ގޮތެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާރަށެއްގައި ދިނުމަށްޓަކައި އެރަށެއްގައި އޮންނަ ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުންނަށް ބޭނުންވާނެ އާލާތްތަކާއި ވަޞީލަތްތައް ހޯދާ ތަރައްޤީކުރާނީ އެރަށެއްގެ ރަށުކައުންސިލުންނެވެ. މިގޮތުގެމަތިން ފުރަތަމަ ރާއްޖޭގައި އުފެއްދި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކޮށްފައިވަނީ 2012 މޭގައި ށ.ފީވަކުގައެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާނެ އަސާސީ ބައެއްއާލަތްތަކާއިއެކު އެންމެފުރަތަމަ ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން އުފައްދާފައިވަނީވެސް 2013 ފެބުރުއަރީ 3ގައި ށ. ފީވަކުގައެވެ. އޭގެފަހު މިހާރުވަނީ ހއ.މަކުނުދޫއާއި ހއ.ދިއްދޫގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކޮށްފައެވެ.

ޝެއަރކުރެއްވުމަށް