އިންސާނާއަކީ، ރުއިމުގެ އަޑާ އެކު ދުނިޔެއަށް އަންނަ، އަދި ޝަކުވާކުރަމުން ދުނިޔެ ދޫކޮށްދާ މަޚްލޫޤެކޭ ބުނެވެނީ ކީއްވެބާވައެވެ؟ އެއީ އިންސާނާ ދުނިޔެއަށް އުފަންވުމާ އެކު އެންމެ ފުރަތަމަ އިވޭ އަޑަކީ ރުއިމުގެ އަޑުކަމުގައިވެފައި، ޙަޔާތުގެ މަރުޙަލާތައް ގިރާކުރަމުން ދިޔަދިޔަހެން ކުރިމަތިވާ ހިތްހަމަނުޖެހުންތަކުން އުފަންވާ ޝަކުވާތަކަށް ނިމުމެއް ނާންނާތީކަމުގައި ވެދާނެއެވެ. މީގެ އިތުރުން، މާތް ﷲ އުފެއްދެވިހާ މަޚްލޫޤުންކުރެ ރުއިމުގެ ޚާއްޞަ ޠަބީޢަތެއް ވާރުތަވެގެންވާ ހަމަ އެކަނި މަޚްލޫޤަކީ އިންސާނާކަމުގައިވުމީ ވެސް މީގެ ސަބަބެއްކަމުގައި ވެދާނެއެވެ.

ރުއިމުގެ އަޑު ނުއިވުމަކީ، ކޮންމެވެސް މައްސަލައެއްގެ އިންޛާރެކޭ، ކަމުގެ މާހިރުން ވިދާޅުވެއެވެ. އެހެންވީމާ، ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ކިބައިން ފާޅުވެގެންދާ އުފާވެރިކަމުގެ ޚަބަރެއްކަމުގައި ރުއިމުގެ އަޑުވެއެވެ. ދުނިޔެއަށް އުފަންވެގެން އައުމާ އެކު ކުޑަ ކުއްޖާގެ ކިބައިން އިވޭ ރުއިމުގެ އަޑަކީ، އުފާވެރިކަމުގެ އަޑެއް ކަމުގައި ވިޔަސް ކޮންމެ ރުއިމުގެ އަޑަކީ އުފާވެރިކަން ހިމެނޭ ރުއިމެއްކަމުގައި ނުވެއެވެ.

އަލް އިމާމު އިބްނުލް ޤައްޔުމު ލިޔުއްވި ”ޒާދުލް މަޢާދު“ގައި ރުއިމުގެ ދިހަ ބާވަތެއް ބަޔާން ކުރައްވާފައިވެއެވެ. ފުރަތަމައީ، މާތް ﷲއަށް ބިރުވެތިވެ ރޮވޭ ރުއިމެވެ. މިސާލަކަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ މި ބަސްފުޅުގައި ވަނީ އެ ފަދަ ރުއިމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ދެ ބާވަތެއްގެ ލޮލެއްގައި ނަރަކައިގެ އަލިފާނެއް ނުހިފާނައެވެ.“ (އެބަހީ ދެ ބާވަތެއްގެ ލޮލުގެވެރީން ނަރަކައަށް ނުވައްދަވާނެއެވެ.) އެއް ބާވަތުގެ ލޮލަކީ، މާތްﷲއަށް ބިރުވެތިވެގެން ރުއި ދެ ލޮލެވެ. އަދި އަނެއް ބާވަތަކީ، މާތްﷲގެ މަގުގައި ފާރަވެރިވި ދެ ލޮލެވެ. ދެވަނަ ބާވަތުގެ ރުއިމަކީ، އޯގާތެރިވުމާއި ރަޙުމުކުރުމުގެ ގޮތުން ރޮވޭ ރުއިމެވެ. މިސާލަކަށް ތިމާ އެންމެ ލޯބިވާ މީހަކު ދުނިޔެ އަޅާދިޔުމުން ހިތުގައި އުފެދޭ ހިތްދަތިކަމުގެ ނަތީޖާއިން ރޮވޭގޮތްވުމެވެ. ތިންވަނަ ބާވަތަކީ، ލޯތްބާއި ޝައުޤުވެރިކަމުގެތެރެއިން އުފެދޭ އިޙްސާސްތަކާ އެކު ރޮވޭ ރުއިމެވެ. ހަތަރުވަނައީ، އުފަލެއް ލިބުމުން ރޮވޭގޮތްވުމެވެ. ފަސްވަނައީ، ޖިސްމާނީ ގޮތުން ލިބޭ ވޭނަކާއި ތަދަކުން ރޮވޭގޮތްވުމެވެ. ހަވަނައީ، ހިތާމައެއްގެ އުދާސްތަކާ އެކު ރޮވޭގޮތްވުމެވެ. ހަތްވަނައީ، ނިކަމެތިކަމާއި ފަޤީރުކަމުގެ ޙާލަތުގައި ރޮވޭ ރުއިމެވެ. އަށްވަނައީ، ދެއްކުންތެރިކަމުގެ ރުއިމެވެ. މިސާލަކަށް ކީރިތި ޤުރުއާނުގައި ޔޫސުފުގެފާނުގެ ވާހަކަ ބަޔާންވެގެންވާ، [ޔޫސުފު ސޫރަތު]ގެ ސޯޅަވަނަ އާޔަތުގައި ވަނީ މި ފަދަ ރުއިމެއްގެ ވާހަކައެވެ. ނުވަވަނައީ، އަގުކިޔައިގެން ރޮއި އުޅުމެވެ. މިއީ، ބައެއް ޤައުމުތަކުގައި، މީހަކު މަރުވުމުން ހިތާމައިގެ އެއްވުންތަކުގައި ހިމަނާ ކަމެކެވެ. މިގޮތަށް ރޮއި އުޅޭ މީހުންނާ ބެހޭ ގޮތުން ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. ”އެކަނބުލޭގެ ކަރުނަ ވިއްކަނީ އެހެންމީހުންގެ ހިތާމައިގައި ރުއިމަށެވެ.“ އަދި ދިހަވަނައީ، އެހެންމީހުން ރޯތަން ފެނިގެން ރުއިމެވެ.

ރުއިމަކީ އިންސާނީ ޠަބީޢަތުގައި މާތްﷲ ލައްވާފައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ފިޠްރީ ނިޝާނެކެވެ. އަދި އެއީ ނަފްސާނީ ވަރުބަލިކަމުން ދުރުކޮށްދޭ ކަމެއްކަމުގައި ބައެއް ދިރާސާތަކުން ހާމަކުރެއެވެ. ހިތާމައިގެ ވަގުތު ލޮލުން ކަރުނަ އޮހޮރިގެންދިޔުމަކީ ހަމަ ކޮންމެ މީހަކަށް ވެސް މެދުވެރިވެދާނެ ކަމެކެވެ. ކިތަންމެ ހިތްވަރުގަދަ މީހެއްކަމުގައި ވިޔަސްވެހެވެ. މިކަމުގައި އެންމެ ހިތްވަރުގަދަ ފަރާތްތައް ވެސް އިސްތިސްނާވެގެން ނުވެއެވެ. މިގޮތުން، މާތް ނަބިއްޔާ މުޙައްމަދުގެފާނުގެ ލޮބުވެތި ދަރިކަލުން އިބްރާހީމް އަވަހާރަވެވަޑައިގަތުމުން ކީރިތި ރަސޫލާގެ ދެ ލޯފުޅުން ވެސް ކަރުނަފޮދު އޮހޮރިގެންދިޔައެވެ.

ރުއިމުގެ ތަފާތު ބާވަތްތައް ހިމެނޭ އިރު، މީގެތެރެއިން ބައެއް ބާވަތުގެ ރުއިމަކީ، ފައިދާހުރި އަދި ރަގަނޅު ރުއިމެވެ. ނަމަވެސް އަނެއް ބާވަތުގެ ރުއިމަކީ، ރަގަނޅު ރުއިމެއްކަމުގައި ނުވެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. ”ހަމަކަށަވަރުން ލޮލުން ކަރުނަ އޮހޮރިގެން ދިޔުމަކުން (އެބަހީ: ރޮވޭގޮތްވުމަކުން) އަދި ހިތަށް ލިބޭ ހިތާމައަކާލައިގެން ހިތާމަކުރުމަކުން، މާތްﷲ ޢަޛާބެއް ނުދެއްވައެވެ. އެހެނެއްކަމަކު ޢަޛާބުދެއްވަނީ ނުވަތަ ރަޙްމަތް ލައްވަނީ (މިފަދައިން ވިދާޅުވެފައި) އިޝާރަތްކުރެއްވީ ދުލަށެވެ. އަދި ހަމަކަށަވަރުން މައްޔިތާގެ އަހުލުން ރޮއިހެދުމުން މައްޔިތާ ޢަޛާބަށް ހުށަހެޅިގެންދެއެވެ.“ މި ޙަދީޘްފުޅުގެ މުރާދާމެދު ވިސްނާލާ އިރު، ރުއިމަކީ، އިންސާނުންގެ ޠަބަޢީ ސިފައެއްކަން އެނގެއެވެ. އަދި ރުއިމުގައި ފައިދާއާއި ގެއްލުންވާކަން އެނގެއެވެ. އަދި ރުއިމަށް ޙުދޫދެއް ކަނޑައެޅިފައިވާކަން ވެސް އެނގެއެވެ. ރުއިމުގެ ޙުދޫދުން ބޭރުވެގެން ދިޔުމަކީ ގެއްލުން ލިބެނިވި ބާވަތުގެ ރުއިމަކަށް ބަދަލުވެގެން ދިޔުމެވެ. ރުއިމުގެ ޙުދޫދުން ބޭރުވެގެން ދިޔުމުން  ޝަކުވާގެ ޙުދޫދު ފެށިގެންދެއެވެ. ޝަކުވާގެ ޙުދޫދު ފެށިގެން ދިޔުމާ އެކު ދުލުގެ ބޭނުން ނުބައިގޮތްގޮތަށް ބޭނުން ކުރެވޭކަން ވެސް މި ޙަދީޘްފުޅުން އެނގެއެވެ.

ޝަކުވާކުރުމުގެ އެއްގޮތަކީ، ކުރިމަތިވާ އުނދަގުލަކުން ދުރުވުމުގެ ބޭނުމުގައި އެހެންފަރާތެއްގައި އެ ފަދަ އެދުމެއް ހާމަކުރުމެވެ. މިސާލަކަށް ޚައުލާ ބިންތި ޘަޢުލަބާ، އެ ކަމަނާގެ ފިރިކަލުންނާ ބެހޭގޮތުން ކުރެއްވި ޝަކުވާއެވެ. މި ޝަކުވާއާ ބެހޭގޮތުން މުޖާދިލާ ސޫރަތުގެ ފުރަތަމަ އާޔަތުގައި ބަޔާންވެގެންވެއެވެ. ހަމަ އެހެންމެ، އިންސާނުންނަށް ކުރިމަތިވާ މުޞީބާތަކުން ސަލާމަތްކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި އެދި ދެންނެވުމަކީ، ވަރަށް ރަގަނޅު ޝަކުވާއެކެވެ. ކީރިތި ރަސޫލާގެ ބައެއް ދުޢާތަކުން ވެސް މި ފަދަ ޝަކުވާގެ ޢިބާރާތްތައް ހިމެނިފައިވެއެވެ. އެކަލޭގެފާނާ ކުރިމަތިވެވަޑައިގެންނެވި ދުނިޔެވީ މުޞީބާތުން މިންޖުކޮށްދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުޢާއެއްގެ ގޮތުން ދެންނެވި ޝަކުވާއެވެ. އެހެންކަމާ އެކު، އިންސާނެއްގެ ވޭނީ އުދާސްތަކުން މިންޖުވުން އެދި ދުޢާއެއްގެ ސިފައިގައި ޝަކުވާދެންނެވުން އެންމެ އައުލާވެގެން ވަނީ ހުރިހާކަމަކަށް ކުޅަދުންވަންތަ މާތްﷲގެ ޙަޟްރަތުގައެވެ.

ރުއިމުގެ ޙުދޫދުން ބޭރުވެ ޝަކުވާގެ ޙުދޫދު ފެށިގެން ދިޔުމުގައި ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. މީގެތެރެއިން ފާހަގަވެގެންދާ ބައެއް ސަބަބުތަކަކީ ދުނިޔެވީ މުޞީބާތްތައް ކުރިމަތިވެގެންދާ ހިނދު ކެތްތެރިވުމުގެ އިމުން ބޭރުވެގެންދާގޮތް ވުމެވެ. ދުނިޔެވީ އުނދަގުލާއި ދަތިތަކަކީ ޙަޔާތުގެ ތަފާތު މަރުޙަލާތަކުގައި އެކި މިންވަރަށް ކުރިމަތިނުވެ ނުދާނެ ޙަޤީޤަތެއްކަން ހަނދާންނެތޭގޮތް ވުމެވެ. ތިމާ ނޫން މީހަކަށް މި ފަދަ ކަމެއް ކުރިމަތިނުވާކަމުގެ އިޙުސާސްތައް ގަދަވެގެންދާގޮތް ވުމެވެ. އެއްވެސް ބާވަތެއްގެ އުނދަގުލަކާ ކުރިމަތިލުމުގެ ހިތްވަރެއް ނެތުމެވެ.

ދުނިޔެވީ މުޞީބާތެއް ކުރިމަތިވާ ހިނދު އިންސާނާގެ ކެތްތެރިކަން ވަރަށް ގިނަ ފަހަރު ކޮޅުންލައެވެ. އެވަގުތަކީ، އެހީއަކަށް ބޭނުންވުމުގައި ހިތް އެންމެ އަވަސްވެގެންދާ ދަނޑިވަޅެވެ. އެހެންވެ، ދުނިޔޭގެ ތަފާތު ޤައުމުތަކަށް އެކި ދުވަސްވަރު ދިމާވި ތަފާތު ފެންވަރުގެ ކާރިޘާތަކާ ކުރިމަތިވި ވަރަށް މަދު ބައެއް ފިޔަވައި ކޮންމެ މީހެއްގެ ދުލާއި ޢަމަލުން، އެހީގެ މިންވަރު ކުޑަކަމާއި އެހީ ލިބޭލެއް ލަސްކަމުގެ ޝަކުވާ ކުރެވޭގޮތް ވަނީ އެހެންވެއެވެ. އެއީ ދުނިޔެވީ އުފަތަކާއި މަޖަލުގައި އުޅޭ އިރު ވަގުތު ދާގޮތް ނޭނގުނަސް، މުޞީބާތުގެ ވަގުތުގައި ފަޅިސިކުންތަކީ ވެސް ވަރަށް ދިގު މުއްދަތެއްކަމުގައި ސިކުނޑި ސިފަކޮށްދޭތީއެވެ. ޒުވާންކަމުގެ ދުވަސްތައް ކުރުވެފައި އަހަރުތައް ދިގުވެ، މުސްކުޅި އުމުރުގައި އަހަރުތައް ކުރުވެފައި ދުވަސްތައް ދިގު ކަމުގައި ފާހަގަކުރެވޭފަދައިންނެވެ.

ރުއިމާއި ޝަކުވާގެ އަޑު ކަނޑުވައިލުމަކީ، ހަމަހިލާ ވާނޭކަމެއް ނޫނެވެ. އެކަމަކު، ރުއިމާއި ޝަކުވާކުރުމަށް ލުޔެއް ލިބިދާނެ އެއްގޮތަކީ، ކެތްތެރިވުމެވެ. ތިމާއަށްވުރެ ނިކަމެތި ޙާލުގައި އުޅޭ ބައެއްގެ މަތީން ހަނދާންކުރުމެވެ. ތިމާއާ ކުރިމަތިވި ހިތާމައަކީ، ދުނިޔޭގައި މާތްﷲ ލެއްވި އެންމެ ބޮޑު ހިތާމަ ނޫންކަން ޔަޤީންކުރުމެވެ. އަމިއްލަ ނަފުސަށާއި މުޅި ޙަޔާތަށް ލުޔެއް ލިބެވޭނެ މަގަކުން ރުއިމާއި ޝަކުވާގެ ބޭނުން ހިފުމެވެ.

ޝެއަރކުރެއްވުމަށް