މަންމައަކާއި ދަރިއެއްގެ ގުޅުމަކީ އިންސާނީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ޚާއްޞަ ގުޅުމެވެ. މި ގުޅުމަކީ ދަރިފުޅު ލިބުމާ ހިސާބުން ފެށިގެން އުމުރުގެ އެންމެ ފަހު ދުވަހާ ހަމައަށް ދެމިގެންދާ ގުޅުމެކެވެ. ޚާއްޞަކޮށް ފިރިހެން ދަރިފުޅަކާއި މަންމައާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ނާޒުކު އަދި މުހިންމު ގުޅުމެކެވެ.

ކުޑަ އިރު މަންމައާއި ދަރިފުޅާ އޮންނަ ގުޅުމަކީ ވަރަށް ގާތް ގުޅުމެކެވެ. މި އުމުރުގައި ދަރިފުޅު އެންމެ ބޮޑަށް ބަރޯސާވަނީ މަންމައަށެވެ. ކާންދިނުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯބިދިނުމާއި އަޅާލުން ފަދަ ހުރިހާ ކަމެއްގައި ވެސް މަންމަގެ ދައުރު ވަރަށް ބޮޑެވެ. މި ދުވަސްވަރު މަންމައާއި ދަރިފުޅާ ދެމެދު އުފެދޭ ގުޅުމަކީ ދަރިފުޅުގެ މުޅި ހަޔާތަށް އަސަރުކުރާނެ ގުޅުމެކެވެ.

މަންމައަކާއި ދަރިފުޅަކާ ދެމެދު އޮންނަނީ މިހާ ޚާއްޞަ، އަދި ބަދަލުނުކުރެވޭނެ ގުޅުމެކެވެ. މި ގުޅުމަކީ ޒަމާނާއި ޙާލަތުތަކުގެ ތެރެއިން ވެސް ދެމިގެންދާ ގުޅުމެކެވެ. ކުއްޖަކު އުފަންވާ ވަގުތުން ފެށިގެން، މަންމައަކީ އޭނާގެ ފުރަތަމަ މުދައްރިސް، ޙިމާޔަތްތެރިޔާ އަދި ޝަރުތަކާ ނުލައި ލޯބިދޭ ފަރާތެވެ.

ދިރާސާތަކުން ދައްކާގޮތުން ދިރިއުޅުމުގެ ފުރަތަމަ ފަސް އަހަރުގައި ޢާއިލާގެ ގުޅުންތައް، މީހެއްގެ ޝަޚްޞިއްޔަތު އުފެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މައިންބަފައިންގެ ލޯތްބަކީ ކުދިން އިޖްތިމާޢީވުމަށް އަސަރުކުރާ މައިގަނޑު އެއް ކަމެވެ. އިޖްތިމާޢީ ގުޅުން ފެށެނީ ޢާއިލާގެ ތެރެއިންނެވެ. މި ހުނަރުތައް ތަރައްޤީވަނީ ކުދިންގެ މައިންބަފައިންނާ އެކު އޮންނަ ފުރަތަމަ ގުޅުންތަކާ އެކުގައެވެ.

ދަރިފުޅަށް މަންމަގެ ނުފޫޒު

މަންމައިން އެ މީހުންގެ ފިރިހެން ދަރިންގެ ކިބައިގައި އަގުހުރި ސިފަތަކާއި، އެހެން މީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރުމާއި އޯގާތެރިކަން އަށަގެންނެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޯގާތެރިކަމާއި އަޅާލުމާއި ލޯބި ލިބޭ މާޙައުލެއްގައި ބޮޑުވާ ކުއްޖަކު އިޙްތިރާމާއި، ޒިންމާދާރުވުމާ އަދި ހިތްހެޔޮކަމުގެ މުހިންމުކަން ދަސްކުރެއެވެ. މި ސިފަތަކަކީ އޭނާ ރަނގަޅު ފިރިއަކަށް، ރަނގަޅު ބައްޕައަކަށް އަދި އޭނާ ދިރިއުޅޭ މުޖުތަމައަށް ހެޔޮ އަސަރު ގެނުވާ މީހަކަށް ބައްޓަންކުރާނޭ ސިފަތަކެކެވެ.

މަންމަ އޭނާގެ ދަރިފުޅަށް އެހެން މީހުން ދެނެގަތުމާއި މުޢާމަލާތުކުރުމުގެ މުހިންމުކަން ދަސްކޮށްދޭ ހިނދު، އޭނާ މި ފިލާވަޅުތައް އޭނާގެ މުސްތަޤްބަލުގެ ގުޅުންތަކަށް ގެންދެއެވެ. މަންމައަށް އިޙްތިރާމްކުރާ ފިރިހެންދަރިއަކު އޭނާގެ އަނބިމީހާއަށް ވެސް އިޙްތިރާމްކުރުމުގެ ފުރުޞަތު ބޮޑެވެ. މިއީ އެކަކުއަނެކަކަށް އަޅާލައި، ލޯތްބާއި އެކު ކުރިއަށް ދެވޭނޭ ދިރިއުޅުމުގެ ބިންގާ އެޅޭ ހިސާބެވެ. އެ ހިސާބުން އެ ގެއަކީ ހަމަޖެހޭ ދިރިއުޅުމެއް ފެންނަ އުފާވެރި ގެއަކަށް ވެގެންދެއެވެ. މިކަމުން ފައިދާވަނީ ހަމައެކަނި އަނބިމީހާއަށް ނޫނެވެ. މައިންބަފައިންގެ ނަމޫނާ ބަލައިގަނެ، އެކަންކަން ދަސްކުރާ ދަރިންނަށް ވެސް މީގެ ފައިދާ ކުރެއެވެ. އެއީ މުޖުތަމަޢުގެ އުފާވެރިކަމަށް އެކަމުން ބާރުއަޅާކަމެއް ވެސް މެއެވެ.

އަނބިމީހާގެ ނަޒަރުން: އޯގާތެރި ދަރިއަކުވާނީ ލޯބިވާ ފިރިއަކަށް

މަންމައަކާއި ފިރިހެން ދަރިއެއްގެ ބަދަހި ގުޅުމަކީ ގިނަ ފަހަރަށް އެ ދަރިފުޅަށް ދުޅަހެޔޮ ކައިވެންޏަކަށް މަގުކޮށައިދޭ ކަމެކެވެ. ސަބަބަކީ މަންމަގެ ފަރާތުން ލިބޭ އޯގާތެރިކަމާއި، މަންމަގެ ކެތްތެރިކަމާ އަދި ގެންގުޅޭ އުސޫލުތަކާއި އެކަކު އަނެކަކަށް އިޙްތިރާމާ އެކު މުޢާމަލާތުކުރުމާއި ދިރިއުޅުމުގެ ކަންކަން ބުނެދީ، އަންހެނުންގެ ނާޒުކުކަމާއި އިސްލާމްދީނުގައި އަންހެނުންގެ ޤަދަރާއި އަންހެނުން ރައްކާތެރިކުރުމަށް ބާރުއަޅުއްވާފައިވާ މިންވަރު ބުނެދެވޭނީ މި ފަދަ މަންމައަކަށް ކަމަށް ވާތީއެވެ. މި ދެންނެވި ކަންކަން ބުނެދީ، އަންގައިދީ، ކިޔައިދީފައިވާ ފިރިހެން ދަރިއަކު އޭނާގެ އަނބިމީހާއާ މެދު ވެސް މި އުސޫލުތަކުން ޢަމަލުކުރުމުގެ ފުރުޞަތު ބޮޑެވެ. އެއީ އޭނާ ބޮޑުވަމުން ދިޔައީ އެ ފަދަ ނަމޫނާ އާއިލާއެއްގެ ތެރޭގައިކަމަށްވާތީއެވެ. 

ޢާއިލީ ގުޅުންތަކަށް އަހައްމިއްޔަތުކަންދޭ ފިރިއެއް ލިބުމަކީ އަތްނބަކަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭނާ އަނބިމީހާގެ އިޙްސާސްތަކަށް ރިޢާޔަތްކޮށް، ބޭނުންވާ ވަގުތުތަކުގައި އެހީތެރިވެ، އަދި ޢާއިލީ ކަންކަމުގައި ބައިވެރިވުމުން މިއީީ ދެ ފަރާތުގެ ގުޅުން ވެސް ބަދަހިވެގެން ދާނޭ ކަމެކެވެ. އަދި މިއީ ދަރިންނަށް ލޯބި ލިބޭ މާޙައުލެއް އުފެދުމުގެ ސިއްރު ވެސް މެއެވެ.

މުޖުތަމަޢަށް ކުރާ އަސަރު

މަންމައަކާއި ފިރިހެން ދަރިއެއްގެ ބަދަހި ގުޅުމުގެ ހެޔޮ ބަދަލު ފެންނަނީ ހަމައެކަނި ޢާއިލާތަކަކުން ނޫނެވެ. މުޖުތަމަޢު ބައްޓަންކުރުމުގައި ވެސް މިއީ ވަރަށް މުހިންމު ދައުރެއް އަދާކުރާކަމެކެވެ. ވަރުގަދަ އަޚްލާޤީ ބިންގަލެއްގެ މަތީގައި ތަރުބިއްޔަތުކުރެވޭ ފިރިހެން ކުދިން ވެގެންދަނީ މުޖުތަމަޢު ބިނާކުރުމުގައި ޒިންމާދާރު ރައްޔިތުންނަށެވެ. އެ މީހުން ބޮޑުވެގެން ދަނީ ހަމަހަމަކަމާއި، އިންސާފާއި އޯގާތެރިކަމަށް ވަކާލާތުކުރާ ފިރިހެނުންނަށެވެ. މިއިން އުފެދެނީ އިޙްތިރާމާއި އެއްބައިވަންތަކަމުގެ މާޙައުލެކެވެ.

ނިންމުން

މަންމައަކާއި ފިރިހެން ދަރިފުޅަކާ ދެމެދު އޮންނަ މާތް ލޯތްބަކީ ހަމައެކަނި އެދެމެދުގައިވާ ގުޅުމެއް ނޫނެވެ. މި ލޯބިން ޢާއިލާތައް ބައްޓަންކޮށް، ކައިވެނިތައް ވަރުގަދަކޮށް އަދި މި ދެންނެވި މުހިންމު އުސޫލުތަކުގެ މަތީގައި މުޖުތަމަޢު މުއްސަނދިކުރެއެވެ. މަންމަގެ ފަރާތުން ލޯތްބާއި، އިޙްތިރާމް އަދި ހިތްހެޔޮކަން ދަސްކުރާ ކުއްޖަކު ބޮޑުވެގެން ދަނީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި މި އަގުހުރި ސިފަތައް ފަތުރާ މީހެއްގެ ގޮތުގައެވެ. އޭގެ ސަބަބުން ހަމައެކަނި އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބަދަލުގައި އޯގާތެރި، ގުޅުން ބަދަހި، އުފާވެރި މުޖުތަމަޢެއް ވެސް ބިނާކުރެއެވެ. މި ގުޅުން ވަރުގަދަކުރުމަކީ ހަމައެކަނި އަމިއްލަ ކާމިޔާބީއެއް ގޮތުގައި އަޅުގަނޑުމެން މަންމަމެން ދުށުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާގެ ދަރިފުޅުގެ އަނބިމީހާއަށް ލޯބިދީ، އެހީތެރިވެދީ، ހެޔޮކޮށް ހިތާތަން ފެނުމަކީ ކޮންފަދަ އުފާވެރިކަމެއްހެއްޔެވެ؟ ދަރިންގެ ކަންކަމުގައި ތިމާ ތަރުބިއްޔަތުކުރި ތިމާގެ ފިރިހެން ދަރި، އެހީތެރިވުމަކީ އަމިއްލަ ނަފްސަށް އެކަމުން ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭނޭ ކަމެއްހެއްޔެވެ؟ ތިމާގެ ދަރިފުޅުގެ ސަބަބުން މުޖުތަމަޢަށް، ޤައުމަށް ހެޔޮ ބަދަލު ގެނުވުމަކީ ކޮން ފަދަ ބޮޑު ޝަރަފެއްހެއްޔެވެ؟  އެހެންކަމުން މަންމައާއި ފިރިހެން ދަރިފުޅާ އޮންނަ ގުޅުން ބަދަހިކޮށް، ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުން މުހިންމެވެ. އެއީ ހަމަ އެކަނި މަންމައަށް ޓަކައެއް ނޫނެވެ. ޤައުމުގެ މުސްތަޤުބަލަށް ޓަކައި ކުރެވޭ އިންވެސްޓްމަންޓަކަށްވާތީއެވެ.

ޝެއަރކުރެއްވުމަށް