ދިވެހި ސިފައިން

ދިވެހި ސިފައިން އުފެދީ 1882 ވަނަ އަހަރުގެ އޭޕްރީލް  މަހުގެ 21 ވަނަ ދުވަހުއެވެ. އަޅުގަނޑަށް ފަސޭހަވެފައި ޞައްޙަކަން އެންމެ ބޮޑުވާނީ އަޅުގަނޑު ދުށްތަން ދުށްގޮތަށް ލިޔުނީމައެވެ. ވީމާ، 1954 ފެބްރުވަރީ 01 އިން 1978 ޑިސެންބަރ 27 އަށް އެ މުއްދަތުގެތެރޭގައި އަޅުގަނޑު ދުށްތަން ދުށްގޮތަށް ލިއެވޭތޯ ބަލާނަމެވެ.

ދިވެހިރާއްޖެއަށް 2000 އަހަރަށްވުރެ ގިނަވެއްޖެކަން ތާރީޚް ލިއުންތެރިން ބަޔާންކުރެއެވެ. އެމުއްދަތުގެ ތެރޭގައި މިރާއްޖޭގައި ދިވެހީން އުޅެފައިވެއެވެ. ވެރިންވެސް އުޅެފައިވެއެވެ. ކޮންމެ ނަމެއްގައި ނަމަވެސް ޤައުމުގެ ދިފާޢުގައި މަސައްކަތްކުރިބަޔަކު އުފައްދާފައިވާނެއެވެ. އެބަޔަކީ ހަނގުބޭކަލުން ނުވަތަ ކުޅިޖަހާ ކޮށިކޮށީގެ އެދުރުންނާއި މީހުންނޭ ކިއަސް އެންމެ ރަނގަޅެވެ. ފަހުން ތަރައްޤީވަމުން އައިސް ސިފައިން އުފެދުނީކަމަށް ވެދާނެވެ.

ދިވެހި ފުލުހުން

ދިވެހި ފުލުހުން ވުޖޫދަށް އައީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ފާސްކުރެއްވުމާއި ގުޅިގެން އޭގެގެދަށުން އުފެދިގެން އައި 21 ނަންބަރު ގާނޫނުގައިވާ ގޮތުގެމަތިންނެވެ.   އެ ޤާނޫނު އަސާސީ ފާސްކުރެއްވީ 1932 ވަނަ އަހަރުއެވެ. މިބަޔާން އަޅުގަނޑު މިލިޔަނީ އޭރުގެ ލިޔުމާއި މަޢުލޫމާތުގެމައްޗަށް ބިނާކޮށެވެ. ފުލުހުން އުފެދުނުކަން އެގާނޫނުން އިނގެއެވެ. ނަމަވެސް ފުލުހުންގެ ޙަރަކާތާއި ނަން އުވިފައިވާކަން އެނގޭނެ ލިޔުމެއް އަދި ނުފެނެއެވެ. ނަމަވެސް ކުރެވޭ ލަފައެއް އެބައޮތެވެ. އެއީ، ޤާނޫނު އަސާސީވަނީ އޭގެ ޙަޔާތުގެ ޅަފަތުގައި އުވާލާފައެވެ. ފުލުހުން ވުޖޫދަށްއައީ އެޤާނޫނު އަސާސީގެ ވަޞީލަތުންކަމަށްވާތީ ޤާނޫނު އަސާސީ އުވާލުމާއިގުޅިގެން ފުލުހުންގެ ޙަރަކާތާއި އަސަރު އުވުނީކަމަށްވުންވެސް ގާތެވެ. މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ.

އަވަށު އޮފީސްތަކާއި ރަށުއޮފީސް ތަކުން މައްސަލަ ބެލުން

ސިފައިންގެއިން މަސްއަލާ ބެލުމުގެކުރީގައިވެސް އަވަށު އޮފީސްތަކުން އެއަވަށަކުން ހުށައެޅޭ މައްސަލާއެއް އެއަވަށެއްގެ އަވަށު އޮފީހުން ބަލަމުން ގެންދިއައެވެ. ހަމައެފަދައިން ރާއްޖެތެރޭގައިވެސް އެރަށަކުން ހުށައެޅޭ މަސްއަލާތައް އެރަށެއްގެ ރަށުއޮފީހުންނާއި އަތޮޅު އޮފީސްތަކުން ބަލަމުން ދިއައެވެ.

01 ފެބްރުއަރީ 1954

1 ފެބްރުވަރީ 1954 ގައި އަޅުގަނޑު ސިފައިންގެ ޚިދުމަތަށް ނުކުތްއިރު މައްސަލަތަކުގައި ގެނެވޭ މީހުންނާއި އަންނަ މީހުންތިބެނީ ގުޅަކުޅޭ ފަސްގަނޑަށް ކުރިމަތިވާގޮތަށް ސިފައިންގެ ފާރުކައިރީގައި މަގުމަތީގައެވެ. އެމީހުންނާއި ސުވާލުކުރަނީ ސިފައިންގެ އިސްބޭކަލެކެވެ.

27 އޮގަސްޓް 1960

ސިފައިންގެ  ތަޙުޤީޤުކުރާނެ 3 ބައި އުފައްދަވައި އެ ތިންބަޔަށް 3 ވެރީންނާއި އެހީތެރީން ލެއްވިއެވެ.  އެއީ:

ސިޔާސީ ކަންތައްތަކާއި ބެހޭ ބައި.

ވައްކަމާއި ބެހޭ ބައި.

މާރާމާރީއާއި ބެހޭ ބައި.

1 ސިޔާސީ ކަންތައްތަކާއި ބެހޭ ބައި

ވެރިޔާ 2 ނަންބަރު ސަރުދާރު މ.ހ. ދޮންތުއްތު    (މުޙަންމަދު ޙާޖީ ދޮންތުއްތު).

އެހީތެރިޔާ 3 ނަންބަރު ސަރުދާރު ރ.ޢަލީ މަނިކު  (ރަންވިއްކާ ޢަލީ މަނިކު).

2 ވައްކަމާއި ބެހޭ ބައި

ވެރިޔާ 2 ނަންބަރު ސަރުދާރު ރ.ދޮންކަލޭފާނު     (ރަންވިއްކާ ދޮން ކަލޭފާނު).

އެހީތެރިޔާ 4 ނަންބަރު ސަރުދާރު ބ.ނަސީމު      (ބީފާނު އިބުރާހީމް ނަސީމު).

3 މާރާމާރީއާއި ބެހޭ ބައި.

ވެރިޔާ 2 ނަންބަރު ސަރުދާރު މޮޓަ ޙަސަން މަނިކު.

އެހީތެރިޔާ 4 ނަންބަރު ސަރުދާރު ހައިވަކަރު އަޙުމަދު ފުޅު.

ބައިތަކަށާއި ވެރިންނާއި އެހީތެރިން އެއްބައިން އަނެއްބަޔަށް ބަދަލުވަމުން ދިޔައެވެ.  އޭރަކު ފުލުހުންގެ ހަރަކާތެއްގެ އަސަރެއްނެތެވެ. މައްސަލަތައް ބަލަނީ ސިފައިންނެވެ. ސިފައިންގެ ތަޙުޤީޤު އޮފީހުގެ ބޭރު ދޮރު ފަހަތުގައި ފެހިދަވާދުލާފައި ހުންނާތީ އެތަނަށް ގެނެވޭ މީހުންނާ އަންނަމީހުން ކިއާ އުޅެނީ ”ފެހި އޮފީސް“ އެވެ. ނަމަވެސް އެއީ ސިފައިންގެ ތަޙުޤީޤު އޮފީހެވެ.

13 މާރޗް 1972

13 މާރޗް 1972 ގައި އިނގިރޭސި ރާނީ މާލެ ވަޑައިގަތުމުގެ 10 ދުވަސް ކުރިން، ފުލުހުންގެ ނަމުގައި ސިފައިންގެ ތެރެއިން 12 މީހަކު ޢައްޔަނުކުރެއްވިއެވެ. އަދި މަސްބޯޓެއްގައި އިނގިރޭސިބަހުން ’ޕޮލިސް‘ ޖެހުމަށްފަހު އެ ބާރަ މީހުންނާ ޙަވާލުކުރެވުނެވެ. މިކަންކަން ރާވާ ހިންގެވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އިންނެވެ. މި ބާރަ މީހުންގެ އިސްމީހެއްގެ ގޮތުން ހަމަޖެއްސެވީ 2 ނަންބަރު ސަރުދާރު ސައްޔިދު އަޙުމަދު އެވެ.

ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދެވެމުން އައިސް 2004 ސެޕްޓެމްބަރު 1 ވަނަ ދުވަހު މިދެޚިދުމަތް ވަކިކުރެއްވިއެވެ.

ޝެއަރކުރެއްވުމަށް