ތިޔައީ ކާކު ހެއްޔެވެ؟ ތިބާގެ ޤައުމަށް ޓަކައި ތިބާ ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާ އިރު އަދި އެހެން އަޑެއް ވެސް އަޅުގަޑުމެންގެ ކަންފަތަށް އެބަ އިވެއެވެ. ”ކަލެއަށް ކަލޭގެ ޤައުމު ކޮށްދިނީ ކޮން ކަމެއްތޯ ސުވާލު ނުކުރާށެވެ. އެކަމަކު ކަލޭ، ކަލޭގެ ޤައުމަށް ކޮށްދޭންވީ ކޮން ކަމެއްތޯ އަހައިބަލާށެވެ.“ މިއީ 1961 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯން އެފް. ކެނެޑީ އޭނާގެ ޤައުމާ މުޚާޠަބު ކުރެއްވި ތަޤްރީރެއްގައި ވިދާޅުވި ވާހަކަފުޅެކެވެ. އަދި އެހެން ވާހަކަފުޅެއް ވެސް މުޅި ދުނިޔެއާ މުޚާޠަބު ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ. ”އެމެރިކާ ކަލޭމެންނަށް ކޮށްދޭނީ ކޮންކަމެއްތޯ ނާހާށެވެ. އެކަމަކު މުޅި ދުނިޔޭގެ އެންމެން ވެގެން ދުނިޔޭގެ ޞުލްޙައަށް ކޮށްދެވެން އޮތީ ކޮން ކަމެއްތޯ އަހައިބަލާށެވެ.“
ތިޔައީ ކާކުހެއްޔެވެ؟ ތިބާގެ ޤައުމަށް ޓަކައި ތިބާ ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މިއަދު ދިވެހި ޤައުމު ވެސް ހަމަ މި ޢިބާރާތުން މުޅި ދިވެހި އުންމަތާ އެބަ މުޚާޠަބު ކުރެއެވެ.
ޤައުމުގެ ފަރުދުން އެ އަޑު އެބަ އަހަމު ހެއްޔެވެ؟ ނިޔަނެތި މައެއްގެ ފަސްބަޔަށް އޮހެމުން އެ ދާ ކަރުނަތައް ދެކެމުހެއްޔެވެ؟ ލޮބުވެތި ދިދައެއްގެ ލޮލުން މުޅި ދިވެހި ޤައުމުގެ ހާލު ދެކެމުން ރެޔާއި ދުވާލު އެކުރާ ދުޢާތަކުގެ އަޑު އެބަ އަހަމު ހެއްޔެވެ؟ ނިދި ތާއްޔަކަށް ވެސް ޖެހި ނުލައި، ދެ ފަރާތަށް ހެލިލަހެލިލާ ހުރެ އެ ކުރާ އާދޭހުގެ އަޑު އެހީ ކިތައް ދިވެހިދަރީން ބާވައެވެ؟ ކޮންމެވެސް ބަޔަކު މި މަންޒަރު އަސަރާ އެކު ދެކޭނެއެވެ. އަދި ކަރުނަޔާ އެކު ބަލާނެ ވެސް މެއެވެ. އެކަމަކު އުފެދޭ ސުވާލަކީ އެގޮތަށް ބަލަހައްޓައިގެން ތިބެންވީ ކިހައި ދުވަހެއް ވާންދެން ހެެއްޔެވެ؟ އަހަރެމެން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ އަހަންނަކީ ހަމައެންމެ މީހެކެވެ.
އާއެކެވެ. ތިބާއަށް ވާނެއެވެ. ފުރަތަމަ އެންމެ މީހެކެވެ. ފަހުން ދެ މީހުންނެވެ. އިރުކޮޅަކުން ތިން މީހުން ހަތަރު މީހުންނެވެ. އަދި ދުވަސްކޮޅަކުން އެތައް ބައެކެވެ. ބޭނުމީ ނުގުޑާފަދަ ޢަޒުމެކެވެ. ހިތްވަރެކެވެ. ސާބިތު ކަމެކެވެ. ދެން ކަންކަމުގައި ކެރިގެން ތެދުވުމުގެ މަތިވެރި ރޫޙެކެވެ. އޭރުން އެ އެޅެނީ ވަރަށް ވަރުގަދަ ބިންގަލެކެވެ. ޤައުމިއްޔަތުގެ ބިންގަލެވެ. އޭރުން އެ އުފައްދައިދެނީ ވަރަށް ވަރުގަދަ ރޫޙެކެވެ. ޤައުމީ ރޫޙެވެ. މި ދެ އަސާސްގެ މަތީގައި ކޮޅަށް ތެދުވެ ހިންދަމާލާ ކޮންމެ މީހަކު އެ ބަންނަނީ ވަރަށް ވަރުގަދަ ކަމަރެކެވެ. އެއަށް ކިޔަނީ ޖިހާދުގެ ކަމަރެވެ. އެ ހިސާބުން އޭނާ ބަލާނީކީ މަހުންމަހަށް އަތަށް އަރާ މުސާރައަކަށް ނޫނެވެ. އަދި މަތިވެރި މަޤާމަކާ ހަމައަށް ގެންގޮސްދީފާނޭ މީހެއްގެ މޫނަކަށް ވެސް ނޫނެވެ. އަދި ކޮބައިތޯއެވެ. އޭނާ ނުހަނު ލޯބިވާ އަނބިމީހާއާއި ދަރިންނަކީ ވެސް ނަންބަރު ދޭއް ކަމުގައި ދެކޭނެއެވެ. އޭރުން ނަންބަރު އެކެއްގައި އޮޮންނާނީ އޭނާގެ ޤައުމެވެ. މި ހިސާބަށް ދާއިރު އެ އޮތީ ޤައުމިއްޔަތުގެ ބިންގާ އެޅިފައެވެ.
ޤައުމީ ލޯތްބާއި ޤައުމީ ރޫޙާ އެކު ޤައުމިއްޔަތެއްގެ ބިންގަލުގެ މަތީގައި ކޮޅަށް ތެދުވެ ހުންނަ މީހާ އިޖުތިމާޢީ ފޭރާމަށާއި، އިންސާނީ މަތިވެރި ސުލޫކަށާއި، އަދަބު އަޚުލާޤީ މިންގަނޑުތަކަށް ވެސް އިޙުތިރާމް ކުރާނެއެވެ. މިކަން އެ އޮތީ ދިވެހި ތާރީޚުގެ ފަތްފުށްތަކުން ފެންނާށެވެ. ރާއްޖެ އިސްލާމް ވީއްސުރެ މިއަދާ ހަމައަށް ވެސް ބައްލަވާށެވެ. މިއަދު ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި، ”ދުނިޔެ މަތީގައިވާ ސުވަރުގޭ“ގެ ނަމުން ނަން ލިބިގެން، ޞުލްޙަ މަސަލަސްކަމުގެ ރަން ތާޖު ބޮލުގައި އަޅައިގެން، އޯގާވެރިކަމާއި އުޚުއްވަތްތެރިކަމުގެ ކުރިބޯށީގައި ހިފައިގެން މި ތިބެވުނީ ﷲގެ ކުޅަދުންވަންތަކަމާއި މިންވަރުފުޅުން، ބަޔަކު އަމާނާތްތެރިކަމާ އެކު އަހަރެމެންގެ އަތްމައްޗަށް އެ ހަދިޔާ ގެނެސް ދިނީތީއެވެ. އެއީ އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިންނެވެ.
އެމީހުން އެ އަމާނާތައިގެން މި ހިސާބަށް އައީ ހާދަހާ ގަދަ ކަނޑުތަކެއްގައި ދަތުރު ކޮށްފައެވެ. ހާދަ ގަދަ ކޮޅިގަނޑުތަކެއްގެ ވައި އަރައަރައި އޮތްވައެވެ. ފުށެތިކާލުންގެ ދުއްތުރާތައް މެދުކެނޑުމެއްނެތި ވަށައިގެން ލިބިލިބި އޮތްވައި ވެސް މެއެވެ. އެ ދުވަހުވެސް މި ޤައުމަށް ޣައްދާރުވި ބަޔަކު އުޅުނެވެ. ބޭރުމީހުން ދައްކަމުން ދިޔަ ދަޅަތަކަށް ހެއްލުނު މީހުން ވެސް ތިއްބެވެ. ނަމަވެސް މާތްވެގެންވާ އިސްލާމްދީން ދިފާޢުކުރަން ޖެހުނު ހިނދު، ޤައުމުގެ ސަލާމަތަށް ޓަކައި ގޮވައިލެވުނު ހިނދު، އެ ލޮބުވެތި ކާބަފައިން އެބައިމީހުންގެ އެ ނިކަމެތި ދިރިއުޅުމާއި، އަނބިދަރިންނާއި، މުދާ އެއްފަރާތް ކުރިއެވެ. ޤައުމަށް އިސްކަން ދިނެވެ. ޤައުމީލޯބިން ހިތްތައް ފުރައިލިއެވެ. އެ ދުވަހަކު ޤައުމު ސަލާމަތް ކުރާކަށް ނުކުންނާނޭ ސިފައިންނެއް ވެސް ނެތެވެ. ޤައުމުގެ މަޞްލަޙަތު ބަލަހައްޓާނޭ ފުލުހުންނެއް ވެސް ނެތެވެ. އެ ދުވަހު ތިބީ ހަމައެކަނި މާތްވެގެންވާ އިސްލާމްދީނާއި، އެބައިމީހުންގެ ޤައުމު ނޫން އެއްޗެއް ނެތްކަމަށް ޤަބޫލުކުޅަ ދިވެހި މުވާޠިނުންތަކެކެވެ. އެ ހިނދު ފުށެތިކާލުން (ޕޯޗްގީޒުން)ނަށް ވެސް، އަދި ހޮޅީންނަށް ވެސް ޖެހުނީ ފަހަށް ޖެހޭށެވެ. ދެފަށް ރާޅުގެ ވަރުބަލާފައި ކުޑަކުޑަ އުޅަނދުގަނޑައިގެން މާކަނޑަށް ނުކުންނަން ވެސް ޖެހިލުމެއް ނުވާ ހިތްވަރުގަދަ ދިވެހީންގެ ހިތްވަރަށް ތަޢުރީފު ކުރާށެވެ.
ރިލޭ ރޭހުގެ ބެޓްން މިއަދު މިއޮތީ އަހަރެމެންގެ އަތަށް ލިބިފައެވެ. އޭގައި ހިފަން ތައްޔާރުވެގެން އަހަރެމެންގެ ކުރިމަތީގައި އެތިބީ މިއަދުގެ އަދި މާދަމާގެ ޒުވާން ޖީލެވެ. ދެވަނަ ޓްރެކުން އަޅުގަނޑުމެންނަށް ވާދަކުރަން އަރާ އެތިބީ އެބައިމީހުން ދުވަންވި ޓްރެކަކަށް، ދުވަންވި މަގުދައްކަން ދަމާފައި ހުރި ރޮނގުތަކަކަށް ބަލާނޭ ބައެއް ނޫނެވެ. އަނެކުންގެ ޙާލަކަށް، ކުޑަބޮޑު މިނަކަށް، މަދުގިނަ މިނަކަށް، އަދި ދީނަކަށް މަޞްލަޙަތަކަށް ވެސް ބަލާނެ ބައެއް ނޫނެވެ. އެމީހުން ބޭނުން ވާނީ ކޮންމެ ގޮތެއް ހަދައިގެން ވެސް އަޅުގަނޑުމެންގެ އަތުގައި މިއޮތް ބެޓްން އެ ޖީލަށް ރައްދުކުރިޔަ ނުދީ ވައްޓާލާށެވެ. ޓީމުގައި ދުވަންތިބި މީހުންގެ ހިތްތަކަށް ނުބައި ވިސްނުމެއް ވިސްނައިދީގެން ވެސް ކާމިިޔާބުކަމާ އެކު ރޭސް ނިންމިޔަ ނުދޭށެވެ.
މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމެވެ. މި ޤައުމު އަޅުގަނޑުމެންގެ އަތުން ހަލާކު ކޮށްލުވަން ބަޔަކު އެބަ މަސައްކަތް ކުރެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް މަސައްކަތްކުރެއެވެ. މިއަދު މީ އިއްޔެ ދުށް ދުވަހެއް ނޫނެވެ. ކަންކަން ކުރާގޮތާއި ކުރެވޭނެ ގޮތްތައް ގިނައެވެ. މަކަރުވެރިއެވެ. މަޞްލަޙަތުގެ އިރުއޮއްސި، މާއްދިއްޔަތުގެ އިރުއަރައިފި ކަމުގައި އެބައިމީހުން ދެކެއެވެ. އެހެންކަމުން ކިތަންމެ ރީތި، އަދި ކިތަންމެ ކުލަގަދަ ޔުނިފޯމެއްގެ ތެރެއަށް ވެސް އެ މާއްދިއްޔަތުގެ ދިގުއަތް ވަންނާނެ ކަމަށް މިއަދު އެމީހުން ގަބޫލު ކުރެއެވެ. ގަންނަން ބޭނުން ނަމަ ކޮންމެވެސް އެއް ފައިސާއަކުން ގަނެވޭނެ ކަމަށް ވެސް ގަބޫލު ކުރެއެވެ. އެކަމަކު ކާބަފައިންގެ ތިޔަރީއަކީ އަދި އެއެއް ނޫނެވެ. ”އަސް ވިއްކިއަސް ލަގަން ނުވިއްކާށެވެ.“
ހަނދުމަފުޅު އައު ކޮށްލައްވާށެވެ. އެވެރިންގެ ޤައުމާ ބަޔަކު ދިމާކޮށްލި ދުވަހު އެވެރިން ބުނީ ކީކޭ ހެއްޔެވެ؟ އެމީހުނަކަށް ވެސް އެ ދުވަހަކު ހިމޭނަކުން ނުތިބެވުނެވެ. އެމެރިކާގެ ޓްވިން ޓަވަރަށް ޙަމަލާ ދިނުމުން އެ ޤައުމުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް، 29 ޑިސެންބަރު 2002 ގައި ޤައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ ކީކޭތޯއެވެ.
”ސެޕްޓެންބަރު 11 ގައި މިނިވަން ކަމުގެ ދުޝްމަނުން، އަޅުގަނޑުމެންގެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފިއެވެ. އެމެރިކާނުން ހަނގުރާމަ ދަންނަމުއެވެ. ހަނގުރާމައިގެ އަސީރުން ވެސް އަހަރެމެން ދަންނަމުއެވެ.“ އެ ބުނަނީ ވަރަށް ބޮޑު ވާހަކައެކެވެ. މާނައިން ފުރިގެންވާ ވާހަކައެކެވެ. އޭގެ ރައްދު ވެސް ޢަމަލީ ގޮތުން މިހާރު ވަނީ ދީ ނިމިފައެވެ. އަދިވެސް މާޒީގެ ތެރެއަށް ވަޑައިގަންނަވާށެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، 6 އޮގަސްޓު 1945 ގައި އެމެރިކާގެ ރައީސް ޓްރޫމަން ވިދާޅުވީ ކީކޭތޯއެވެ.
”މީގެ 16 ގަޑިއިރު ކުރިން އަޅުގަނޑުމެން ހިރޯޝީމާއަށް އެޓޮމް ބޮމެއް ވައްޓައިލައިފީމެވެ. އަދި މީގެ އިތުރު ޙަމަލާއަކުން ސަލާމަތްވާން ޖަޕާނުން ބޭނުން ނަމަ ވީހާއަވަހަކަށް އެމީހުން އަމާން ދޭންޖެހޭނެއެވެ. ނަމަވެސް އެމީހުން އަމާން ނުދިނުމުން ނަގަސާކީއަށް ދެވަނަ ބޮމެއް ވެސް ވައްޓާލައިފީމެވެ.“
މި ބުނާ އެޓޮމް ބޮމުގެ ނުރައްކާ އިޙުސާސް ކުރެއްވޭތޯއެވެ. އެ ބުނާ އެޓޮމް ބޮމަކީ 20000 (ވިހިހާސް) ޓަނުގެ ޓީއެންޓީއަށް ވުރެ ވެސް ބާރުގަދަ އެއްޗެކެވެ. އަދި އެ ބޮން ގޮވުމުގެ ބާރު އިނގިރޭސީންގެ ”ސްލޭމް“ ބޮމަކަށް ވުރެ 2000 ގުނަ އިތުރެވެ. މިހިރީ ވެސް ޤައުމިއްޔަތަށް ޓަކައި، ދުނިޔޭގެ މަޞްލަޙަތަށް ޓަކައި ކަމަށްބުނެ އަޅައިފައި ހުރި ފިޔަވަޅެވެ. މި ވާހަކަކޮޅު މިތާނގައި އަޅުގަނޑު މި ހިމަނައިލީ ކަންކަމުގެ ބޮޑުކުޑަމިން އިޙުސާސްކޮށް ޢިބުރަތެއް ޙާސިލު ކުރެއްވުމަށް ޓަކައެވެ. ﷲގެ ރަޙުމަތްފުޅާއި އިރާދަފުޅުން އަޅުގަނޑުމެންނާ އެފަދަ ބޮޑު ކަމަކާ ކުރިމަތި ލާކަށް ނުޖެހޭނެއެވެެ.
މިއަދު އަޅުގަނޑުމެން ވެސް ވިސްނަން ވެއްޖެއެވެ. ޤައުމުދެކެ ލޯބިވާ ޖީލެއް އުފެއްދުމަށެވެ. ޤައުމީ ރޫޙެއް އުފެއްދުމަށެވެ. ޤައުމަށް ޓަކައި ޤުރުބާން ވާނޭ މުޖާހިދުންތަކެއް އުފެއްދޭތޯއެވެ. މީގެ މާނައަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ ރޫޙު ނެތެކޭ ނޫނެވެ. ނަމަވެސް ގިނަ ބަޔަކު ބުނާ އަޑު މިހާރު އިވެނީ އަޅުގަނޑުމެންގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު ގެއްލެމުން ދާކަމަށެވެ. އިވޭ އަޑުތަކުގެ މައްޗަށް ބުރަވެތިބެ އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންތައްތަކަށް ނަޒަރު ހިންގާލާ އިރު ގިނަ ކަންތައްތަކެއް ހުރީ އެންމެ ރަނގަޅަކަށޭ ދެންނެވޭކަށް ނެތެވެ. އެހެންކަމުން އެހެން އެ ވާންޖެހުނީ ކީއްވެގެންތޯ ބަލައި އެ ކަންކަން އަޅުގަނޑުމެން އިސްލާޙްކުރަން އެބަޖެހެއެވެ. ޤައުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ދަރިންނަށް ޓަކައެވެ. އަންނަނިވި ޖީލުތަކުގެ ޙައްޤުގައެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ އެއް އަހަރު ފަހުން ވިންސްޓަން ޗާރޗިލް ދެއްވި ތަޤްރީރެއްގައި އޭނާ ވިދާޅުވިއެވެ. ”ދުނިޔޭގެ ސަލާމަތަށް ޓަކައި މުޅި ޔޫރަޕް އެކަތިގަނޑަކަށް ވާން އެބަޖެހެއެވެ. މިކަމުން ހަމަ އެންމެ ޤައުމެއް ވެސް އިސްތިސްނާ ވެގެން ނުވާނެއެވެ. ދުނިޔޭގައި އުފެދުނު ބޮޑުހަނގުރާމަތަކަށް މަގުފަހިވެގެން ދިޔައީ ވެސް ޔޫރަޕްގައި އުފެދުނު ނަސްލީ ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުންކަން އަޅުގަނޑުމެން ދަންނަމުއެވެ. އެކަން އަޅުގަނޑުމެން މިތިބީ ތަޖުރިބާ ކޮށްގެންނެވެ.“
ޗާރޗިލް އެ ވިދާޅުވި ފަދައިން ޤައުމެއް ކަމުގައި ވިޔަސް، އެ ޤައުމެއް ނިސްބަތްވާ ހުރިހައި ފަރާތަކުން ވެސް އެކަމާ މެދު ވިސްނަން ޖެހޭނެއެވެ. ދިވެހިރާއްޖޭގައި ނަމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ މީހަކު ވެސް މިކަމަށް ވިސްނަން ޖެހޭނެއެވެ. ޤައުމުގެ މަޞްލަޙަތަށެވެ. އާނއެކެވެ. ރިލޭ ރޭހުގެ ބެޓްން މިއޮތީ މިއަދު އަޅުގަނޑުމެންގެ އަތުގައެވެ. ވައްޓާ ނުލައި ބާރަށް ގޮސް އަމާނާތްތެރިކަމާ އެކު ޒުވާން ޖީލަށް ރައްދުކުރުމަކީ އަޅުގަނޑުމެން އަދާކުރަން ޖެހޭނޭ ވާޖިބެކެވެ.
