ދިވެހި ތާރީޚީ ވާހަކަތަކުގެ ތެރެއިން ތުންތުންމަތިން ކިޔާ އުޅޭ ވާހަކަތަކަކީ ދުންފިނީގެ ތެރެއަށް ގެއްލިފައިވާ ޒަމާންވީ ތަރިކަތަކެވެ. ތާރީޚުގައި މާސާފު އިބާރާތުން ލިޔެވި، ތައްގަނޑު ޖަހާފައިނުވި ނަމަވެސް “ދޮންފަނު ދޮންއައިސަގެ ވާހަކަ“ މިއީ ގަދީމީ ޒަމާނުއްސުރެ އިވެމުން އަންނަ އަނގަމަތީ ވާހަކައެކެވެ. ވަކިން ޚާއްޞަކޮށް “ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ“އެވެ. އެހެންކަމުން ނޭގުމެއްގެ ތެރޭގައި ފޮރުވިފައިވާ ދޮންފަނުގެ މި ތާރީޚީ ވާހަކަ ހޯދާލުމަށް ރަށަށް ކުރި ދަތުރުވަރިއެއްގައި އަޅުގަނޑުގެ އުފަން ރަށާއި ޖެހިގެން އޮންނަ ބ. ދޮންފަނަށް މިކަމުގެ ހަޤީޤަތް ހޯދާލުމަށް ދަތުރެއް ކުރީމެވެ. 

ދޮންފަނު ބަނދަރަށް ފޭބުމާ އެކު އަޅުގަނޑުގެ ނަޒަރު ހުއްޓުނީ ރަށުގެ ބަނދަރާއި ދިމާލުގައި ހުރި ރުކަކަށެވެ. ކުއްލިއަކަށް ރުކުން އަޑެއް ކިޔާލިއެވެ. އެވަގުތު އަޅުގަނޑު އެ ރުކާ ތަންކޮޅެއް ދުރަށް ދުއްވައި ގަތީމެވެ. ކުޑައިރުކޮޅެއްނުވެ ރުކުން އެވެއްޓުނީ ދޮންވެފައި އިން ފަނެކެވެ. އެވަގުތު އަޅުގަނޑު ބަލާ ބަނދަރަށް އައި ދޮންފަނު ރަޙުމަތްތެރިޔާ ގާތު މި ރަށަށް ދޮންފަން ކިޔުނީ ކިހިނަކުންތޯ ސުވާލުކޮށްލީމެވެ. ޖަވާބުގައި ރަޙުމަތްތެރިޔާ ބުންޏެވެ. ތިއެއް ނޭނގެއެވެ. އަހަރެންނާ އެކު ރަށުތެރެއަށް ހިނގާށެވެ. ފަހަރެއްގައި ތިކަން އެނގޭނެ މީހަކު މި ރަށުގައި ހުރެދާނެއެވެ. މިހެން ބުނެ ދެމީހުން އެކީ ރަށުތެރެ ބަލަލައިލަން ހިނގައިގަތީމެވެ. 

ރަޙުމަތްތެރިޔާއަކީ ދޮންފަނު މީހެއްކަމުން ދޮންފަނާ ބެހޭ ތާރީޚީ ބައެއް ވާހަތައް ވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން ރަޙުމަތްތެރިޔާ ދޮންފަނާ ބެހޭ ބައެއް މަޢުލޫމާތުތައް އަޅުގަނޑާ ހިއްސާކުރަމުން ދިޔައެވެ. އެގޮތުން ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގައި ދޮންހިޔަލަގެ މަންމައަކީ ދޮންފަނު މީހެއްކަމަށް ރަހޙުމަތްތެރިޔާ ބުނުމާ އެކު މި ރަށާބެހޭ އިތުރު މައުލޫމާތުތައް ހޯދާލުމުގެ ޝައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ.

ދޮންފަނަކީ ޒަމާންވީ ތާރީޚެއް އޮތް ރަށެކެވެ.  މި ރަށުގެ ފުޅާ މިނުގައި ގާތްގަނޑަކަށް 500 މީޓަރ ، ދިގު މިނުގައި 700 މީޓަރ ހުރެއެވެ. އަޅުގަނޑަށް ސިފަވާގޮތުގައި ބެޑްމިންޓަން ކުޅޭ ފިލާގަނޑެއްގެ ބައްޓަމަށް މަލަމަތި ފެންނަ މި ރަށުގެ އާބާދީގައި 502 މީހުން ދިރިއުޅޭ މި ރަށާއި މާލެއާ ދެމެދުގެ ދުރުމިނުގައި  119.74 ކިލޯ މީޓަރ ހުރެއެވެ.

ދޮންފަނު މީހުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިކަން، ދަނޑުވެރިކަން، ފަންގިވިނުން، ރޯނުވެށުން  އަދި އޮޑިދޯނިފަހަރު ބަނުމާއި ރާވެރިކަން ކުރުން ފަދަ މަސައްކަތްތައް ވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެއެވެ. މި ހުރިހާ މަސައްކަތްތަކެއް މި ރަށުގެ ރައްޔިތުން ކުރި ނަމަވެސް މައިގަނޑު ގޮތެއްގައި މި ރަށުގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ ރިސޯޓުތަކުގައެވެ. ޓުއަރިޒަމް ދާއިރާގައެވެ.

ދިވެހިންގެ ޒަމާންވީ ސަގާފަތަށް ލޯބިކުރާ މި ރަށުގައި ކުޅޭ ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރު ޖެހުމާއި، ދަނޑި ޖެހުމާއި، ދަފިނެގުން ފަދަ ތަފާތު ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ.

އަޅުގަނޑު މި ރަށުގެ ކޮޅުކޮޅުމައްޗަށް ކަޅި ހިންގައިލީމެވެ. އަދި މި ރަށުގައި ދޮންއައިސަ އުޅުނު ގެ ނުވަތަ ސަރަހައްދު އެނގޭތޯ ރަޙުމަތްތެރިޔާ ގާތު އަހައިލީމެވެ. އެވަގުތު އަޅުގަނޑުމެން ދެ މީހުންނަށް ހިނގަމުންހިނގަމުން އާދެވިފައި ތިބީ ރަށުގެ މެދުތެރޭގައި ކަމުން ރަޙުމަތްތެރިޔާ އަޅުގަނޑަށް އަތުގެ އިޝާރާތުން ދައްކައިލީ ރަށުގެ މެދެއްހާ ހިސާބުގައި އޮތް ކުޑަ ހުސް ބިމެކެވެ. ބެލެވޭގޮތުގައި އެއީ އެ ސަރަހައްދުކަމަށް ރަޙުމަތްތެރިޔާ ބުނެއެވެ. ނަމަވެސް އެކަން އެނގުނީ ކިހިނަކުންތޯ އަހާލާހިތްވިއެވެ. އަދި އެ ވާހަކަ އަހާލުމުން އެއީ މި ރަށުގައި ތުންތުންމަތިން ދެކެވޭ ވާހަކައެއްކަމަށް ރަޙުމަތްތެރިޔާ ބުނެއެވެ. އެހެންކަމުން އިތުރަށް މި ވާހަކަ އޮޅުން ފިލުވާލުމަށް ރަށުގެ ހަރުފުރައިގެ ދެތިން މީހަކާ ސުވާލުކުރުމުން ވެސް ދިނީ ހަމަ އެ ޖަވާބެވެ. ވީމާ، ދޮންއައިސައަކީ މި ރަށުގައި އުޅުނު މީހެއްކަމަށް މި ރަށުން މިލިބުނު މަޢުލޫމާތަކީ ތެދު މަޢުލޫމާތުތަކެއްކަން އިތުރަށް ޔަގީންކޮށްލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދިގެން ދިޔައެވެ. 

ރަޙުމަތްތެރިޔާއާ އެކު އޭނާގެ ގެއިން ކަޅު ސައިތަށްޓެއް ބޯލުމަށް ފަހު އެނބުރި ރަށަށް ދިއުމަށް ރަށުގެ ބަނދަރު ފަރާތަށް ނިކުތީމެވެ. އެވަގުތު އަޅުގަނޑަށް ފެނުނީ އަޅުގަނޑު ލަފައިގެން ފައިބައިގެން އައި އިރު ރުކުން ވެއްޓުނު ދޮންފަން އަންހެނަކު ކިރިއްސަން ހުއްޓައެވެ. މި މަންޒަރު ފެނުމާ އެކު އެ އަންހެން މީހާގެ ކައިރިއަށް ގޮސް ތިޔަ ކުރައްވަނީ ކީއްތޯ ސުވާލުކުރުމުން “ފަންގިވިންނަން ފަންކޮޅެއް ކިރިއްސާލަނީ ކަމަށް  ބުންޏެވެ.“ އަދި އެ ފަނުން ކުރެވޭނެ ބޭނުންތައް ވެސް އެ އަންހެންމީހާ ފައްޗެއްހެން އަމުނާލިއެވެ.  އެ އަންހެންމީހާގެ ވާހަކަތަކުން ދޮންފަނުގެ މުހިންމުކަމާއި އެ ފަނުން މުޖުތަމައަށް ކުރާނެ ފައިދާތައް ވަރަށް ރީތިކޮށް ފެނިގެން ދިޔައެވެ. އަދި ރުކުން ވެއްޓޭ ކޮންމެ ފަނަކީ ވެސް އަދި އެ ފަނުގެ ހުރިހާ ބައިތަކަކީ ވެސް ފައިދާ ކުރާނެ އެއްޗެއްކަން ވަރަށް ރަނގަޅަށް ދޭހަވިއެވެ. ނަމަވެސް މި ރަށުން ފުރައިގެން ދާން މިޖެހުނީ މި ރަށަށް ދޮންފަން ކިޔުނުގޮތް ވެސް ނޭނގިއެވެ. މި ރަށުގެ އެއްވެސް މީހަކަށް މި ރަށަށް ދޮންފަން ކިޔުނު ގޮތެއް ހުދު ނޭނގޭތީއެވެ.

ދޮންފަނުން ފުރައިގެން އެނބުރި އަޅުގަނޑުގެ އުފަން ރަށަށް އާދެވުމާ އެކު، މުލީގޭ ޢަބްދުﷲ ޞާދިޤު ލިޔުއްވާފައިވާ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. ނަމަވެސް ރަށުން އެ ފޮތް ލިބެން ނެތުމުން ދަތުރު ކުރުކޮށްލާ އެނބުރި މާލެ އައިސް އެ ފޮތް ހޯދާލީމެވެ.

އަޅުގަނޑު އަތުގައި އޮތީ ދޮންހިޔަލައާއި ޢަލިފުޅު މި ވާހަކައިގެ ފުރަތަމަ ޗާޕެވެ. މި ޗާޕު ނެރުނީ އޭރު ނެރެމުން އައި ”ފުޅަނގި“ މަޖައްލާގެ ފުރަތަމަ 7 އަދަދުގެ ގޮތުގައެވެ. އަތުލިޔުމުން ލިޔެ ފޮތް ޗާޕުކުރެއްވީ ރާއްޖޭގެ މަޝްހޫރު ޗާޕުޚާނާ ނޮވެލްޓީ ޕްރެސްގެ ފަރާތުންނެވެ. 21 ސެންޓިމީޓަރު ގުނަ 17 ސެންޓިމީޓަރުގެ އާދައިގެ ދެރަ ކަރުދާހުގައި 1976ވަނަ އަހަރު ޗާޕުކޮށްފައިވާ މި ފޮތުގައި 102 ސަފުހާ ހިމެނެއެވެ. ވިއްކާ އަގު ބަޔާންކޮށްފައި ނުވާ މި ފޮތުގައި ބޯ ބަނޑޭރިގަނޑެއް ހިމެނޭ އިރު، އެ ގަނޑުގައި ދޮންހިޔަލައާއި ޢަލިފުޅުގެ ޚިޔާލީ ކުރެހުމެއް ހިމަނައިފައިވެއެވެ. އިހުގެ ދިވެހިން ހެދުން އަޅާއުޅުނު ގޮތް ވެސް ދައްކުވައިދޭ މި ފުރިހަމަ ކުރެހުން ކުރައްސަވާފައިވަނީ މާފަންނު ޗިޅިޔާވިލާ އަލްފާޟިލް ޗިޅިޔާ މޫސާ މަނިކެވެ. މި ދަންނަވައިލެވުނީ ފުރަތަމަ ޗާޕުގެ ސިފަތަކެވެ. ނަމަވެސް އުފަލާ އެކު ފާހަގަކޮށްލަން ޖެހެނީ 1986 ގައި ފޮތުގެ ދެވަނަ ޗާޕުކުރެވުނު އިރު 1996 ގައި ތިންވަނަ ޗާޕު މޮޅު ކަރުދާހުގައި ކޮމްޕިޔުޓަރުން ލިޔެގެން ޝާއިޢުކޮށްފައިވާކަމެވެ.

 މި ވާހަކައިގެ އަސްލަކީ ރައިވަރު ބައެކެވެ. ”ބުރުނީ ކަމަނާ ރައިވަރު“ މި ނަމުގައި ކިޔެމުން އައި ރައިވަރު ބައެކެވެ. ކިޔެމުން އައީ ދޫދޫމަތިންނެވެ. މުނިއަވަސް ފިލުވައިދޭ ބައިވެރިއެއްގެ ގޮތުގައެވެ. ޖީލުންޖީލަށް އެކަކު ކިބައިން އަނެކަކަށް އެނގެމުން ދިޔަ އިރު އަސްލަށް ވެސް ދިޔައީ ބަދަލުތައް އަންނަމުންނެވެ. މިގޮތުގައި ވަނިކޮށް ނަސްރަށް ބަދަލުކުރައްވައި ޢާއިލާގެ ތެރޭގައި ވެސް ކިއިދާނެ ފަދަ ވާހަކައެއްގެ ގޮތުގައި ދިވެހި ލިޔުންތެރިކަމުގެ ގުލްޒާރަށް ވެދުންކޮށްދެއްވީ އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.

”ދޮންހިޔަލައާއި އަލިފުޅު“ މި ވާހަކައަކީ ވަރަށް ކުރީގެ ތާރީޚީ ދިރިއުޅުމެއް ދައްކުވައިދޭ އަޖައިބެއްހާ ރީތި ޢިޝްޤީ ވާހަކައެކެވެ. ފޮތުގެ ފެށުމުގައި ފޮތުގެ މުސައްނިފު ލިޔުއްވާފައިވަނީ ދިވެހިބަހުން ހެދިފައިވާ މި ބާވަތުގެ އެއްވެސް ވާހަކައެއް ނުދެކޭ ކަމުގައެވެ. ފޮތުގެ ޢިބާރާތަށް ބަލައިލިޔަސް މިއީ ވަރަށް ވެސް ތަފާތު ވާހަކައެއްކަން އެނގެއެވެ. މި ވާހަކައިގެ އަޞްލު ހިމެނޭ ރައިވަރު ޞާދިޤު ވަރަށް ކުޑަ އިރު މީހަކު ޑަބިޔަލެއްގައި ހަމައެއް ޖަހަމުން ކިޔާތީ އަޑުއައްސަވާފައިވެއެވެ. އަޅުގަނޑަށް ވެސް މި މަންޒަރު ސިފަވިއެވެ. އެއީ އަޅުގަނޑު ވަރަށް ކުޑަ އިރު އަޅުގަނޑުގެ ކާފަ ދުނިޔޭގައި ހުރި އިރު ބުރުނީ ކަމަނާ ރައިވަރު ކިޔައި ޑަބިޔާ ޖަހައި އުޅޭތީއެވެ. 

މި ވާހަކައަށް ނަޒަރު ހިންގާލުމުން މި ވާހަކައަކީ ލޯތްބަށް ޓަކައި އަމިއްލަ ޖާނާއި މާލު ޤުރުބާންކޮށް ފުރާނަ ދުއްވާލި ދެ ލޯބިވެރިއެއްގެ ވާހަކައަކަށް ވިޔަސް، ވާހަކައިގައި ދިވެހިންގެ ކުރީގެ އާދަކާދަތަކާއި، މަސައްކަތްތައް އެކުލެވިގެން ވާ ވާހަކައެކެވެ. ވާހަކައަކީ މީގެ ވަރަށް ކުރީގެ ތާރީޚީ ދިރިއުޅުމެއްގެ ވަރަށް ވެސް ފުރިހަމަ ޤަލަމީ ތަސްވީރެކެވެ. އަދި ދިވެހިންނަކީ ކަނޑުގައި ދަތުރުފަތުރު ކޮށްގެން ކައިބޮއި އުޅޭ ބައެއްކަމުން ވާހަކައިގާ ކަނޑުގެ ދަތުރުކުރާ އޮޑިފަހަރާއި ބެހޭގޮތުންނާއި މަސްވެރިކަމާބެހޭ ގޮތުން، ލިޔެފައިވާ ބަޔާންތައް ވަރަށް ވެސް އަސަރުގަދައެވެ. ވާހަކައިގެ މުޅި މައިގަނޑު ބިނާވެފައިވަނީ އޮޑިފަހަރާ ދަތުރުގެ މައްޗަށެވެ. އަލިފުޅު އުފަންވެފައިވާ ރަށް ކަމުގައި ވާ ހުޅުދެލި، އެ މަސައްކަތެއްގެ ސަބަބުން މިއަދުވެސް  މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ މަސައްކަތް  (ތިލޭރުކަން ނުވަތަ ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތް) މި ވާހަކައިގައި ބަޔާންވެފައިވާލެއް ފުރިހަމަކަމުން އެ މަސައްކަތް ފެށިފައިވަނީ އެ ޒަމާނުގައިކަމަށް ބެލެވިދާނެއެވެ. އަދި މި ވާހަކައަކީ ޙަޤީޤަތެއް އެކުލެވިގެންވާ ވާހަކައެއްކަން ވެސް ވާހަކަ ކިޔާލުމުން އެނގެއެވެ. މީގެ އިތުރުން ވާހަކައިގެ ހިތްވަރުގަދަ ބަޠަލް ހުޅުދެލީ އަލިފުޅު ހިޔަލަ ހޯދުމަށް ކުރި ބުރަމަސައްކަތާއި، ދެ މީހުންގެ ދެމެދުގައި ހިނގި ލޯބީގެ ހާދިސާތަކާއި، އެ ލޯތްބަށް ނިމުންއައި ގޮތް ވަރަށް ވެސް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް އަޅުގަނޑު މި ފޮތުން ހޯދާލަން ބޭނުންވެގެން މިއުޅެނީ ހުޅުދެލީ އަލިފުޅާއި ދޮންހިޔަލަގެ ވާހަކައެއް ނޫނެވެ. ދޮންހިޔަލަގެ މަންމަ ދޮންއައިސަގެ ވާހަކައެވެ. އެ ވާހަކަ ނޭނގޭ ނަމަ ދޮންހިޔަލައާއި ދޮންފަނާއި އޮންނަ ގުޅުމެއް ނޭނގިދާނެތީއެވެ. އެހެންކަމުން މި ފޮތުން ދޮންއައިސަގެ ވާހަކަ ފެށުނުގޮތަށް ބަލައިލީމެވެ.

ވާހަކައިގެ މައިގަނޑު ހާދިސާތައް ބުރުނީގައި ހިނގި ނަމަވެސް، ވާހަކައިގެ ފެށުން އަންނަނީ ވަރަށް ދުރުންނެވެ. މަރޮށީ ރައިވެރިޔާ، ޢަލީއާއި އަންހެނުން ސަކީނާގެ ޙަޔާތުގެ ގޮށް ޖެހުމާ ހިސާބުންނެވެ. ޙަސަދަވެރިއެއްގެ ނުބައި ޢަމަލަކުން ލިބުނު ހިތާމައިން ޢަލީ އެ އަތޮޅު ކޮމަންޑުއަށް ހިޖުރަކޮށް އައު ޙަޔާތެއް ފައްޓައެވެ. އައްޔާއި އާމިނަތުއަށް ލިބުނު 2 ކުދިންގެ ތެރެއިން ހަގު ދަރިފުޅު މޫސާމަލިމަ ދޮންފަނަށް ގޮސް އެރަށު ދޮންއައިސައާ ކައިވެނިކޮށް ބުރުންޏަށް ހިޖުރަކުރެއެވެ. އެ ދެމަފިރިންނަށް ހަ ކުދިން ލިބި ވިހޭގެ ތެރޭގައި މަރުވުމަށް ފަހު ދޮންހިޔަލަ ލިބެއެވެ. ލިބުނު ރީތި ފުރިހަމަ ފަތްމިނި ދަރިފުޅު ދޮންހިޔަލަ މީހުންނަށް ނޭނގޭ ގޮތަށް އެ ދެމަފިރިން ގެންގުޅެއެވެ. ހުޅުދެލީ އަލިފުޅަށް ދޮންހިޔަލަ ހުވަފެނުން ފެނެއެވެ. ދޮންހިޔަލައާއި އަލިފުޅު އުފަންވީ އެއް ވަގުތެއްގައި ކަމަށްވެއެވެ.

މުޅި ވާހަކައިގެ ހަޤީޤަތް ސާފުކޮށް ބަޔާންކޮށްދީފައިވާ އިރު، ހުޅުދެލީ ޢަލިފުޅާއި، ދޮންހިޔަލަގެ ވާހަކައަކީ އެއްވެސް ޙަޤީޤަތެއްނެތް ފުލޯކު ވާހަކައެއްކަމުގައި ބައެއް ބޭބޭފުޅުން ވިދާޅުވަމުން ދާދިޔުމަށް އަޅުގަނޑު ދަންނަވާލަން އޮތީ އެ ވާހަކައަކީ މުޅިން ފުލޯކު ވާހަކައަކަށް ނުވެ ހިނގައިދާނެއެވެ. މިކަމުގެ ބައެއް ހެކިތައް ކަމަށް ބުނާ ހެކިތަކެއް މިހާރު ވެސް ތ. ބުރުނިން ފެންނަން ހުރުމާއެކުގައެވެ. ބުރުނީގެ ބައެއް ވެބްސައިޓުތަކުން މި ތަންތަނުގެ ތަފްޞީލް ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ހިތާމަކުރަން ޖެހޭ އެއް ހަޤީޤަތަކީ ދިވެހި ތާރީޚުގައި މި ވާހަކަތަކަކީ ކޮން އިރެއެއްގައި ހިނގާފައި އޮތް ހާދިސާއެއް ކަމެއް އަދި މިހާތަނަށް އެނގިފައިނުވުމެވެ. އަދި އަދަށް ވެސް ދިވެހި ތާރީޚުގައި މި ހާދިސާ ހިގާފައި އޮތް ދުވަސްވަރެއް ފެންނާކަށް، އެނގޭކަށެއް ނެތެވެ. އެހެންކަމަށް ވާ ނަމަ، މި ހާދިސާއަކީ ވެސް އިތުރަށް ދިރާސާކުރަން ޖެހޭ ހާދިސާއެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެހެނީ، މީހަކު ހަމަ ލިޔެލާ ތޯތޯ ވާހަކައަކަށް ތާރީޚު ޖެހުމަކީ އެއްވެސް ގައުމެއްގައި ކުރާނެ އަދި ކުރާން ހެޔޮވާވަރުގެ ކަމެއް ވެސް ނޫނެވެ.

މިހެން މި ދެންނެވީ، ދޮންފަނުން ދޮންއައިސައާ ބެހޭ ބޮޑު ހެކިތަކެއް ފެންނަން ނެތް ނަމަވެސް، ތ. ބުރިނީގައި ދޮންއައިސަ ދިރިއުޅުނު ސަރަހައްދު ފެންނަން އޮންނަކަމަށް އެ ރަށުގެ ތާރީޚު ހެކި ދިނުމެވެ.  ނަމަވެސް އެ ހެކިތަކުގެ މައްޗަށް ބުރަވާ ނަމަ، އެކަން ހިނގައިދިޔަ ދުވަސްވަރެއް ވެސް ފެންނަން އޮންނަންވާނެއެވެ.

ދޮންފަނަކީ ދޮންއައިސަގެ ރަށްކަމަށް ބެލެވޭން އޮތީ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިން އެކަންޏެވެ. އެއީ ދޮންހިޔަލަގެ ބައްޕަ، މަރޮށި މަލިމަ މޫސާ އެ ރަށަށް ގޮސް ކައިވެނި ބައްލަވައިގެން ދޮންފަނު ދޮންއައިސަގެ ރަށްކަމަށް ލިޔެފައިވެއެވެ. ކަންމިހެން އޮތް ނަމަވެސް ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީ ހަޤީޤީ ވާހަކައަކަށް ވާ ނަމަ، ދޮންފަނަކީ ދޮންއައިސަގެ އުފަން ރަށްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ރިފަރެންސް

  • ނާހިދާ ޢަބްދުއްރަޙްމާން (2011 މާރިޗު). ވާހަކަ: ދޮންހިޔަލައާއި އަލިފުޅު. ނެގީ: https://fanvai.info/index.php?option=com_content&view=article&id=2048:2011-03-12-21-11-32&catid=36&Itemid=56
  • ޢަބްދުﷲ ޞާދިޤް (1976). ދޮންހިޔަލައާއި އަލިފުޅު. ޗާޕްކުރީ: ނޮވެލްޓީ ޕްރެސް.
  • މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލް އިދާރާ (2020). ކައުންސިލް އިދާރާ: މަޢުލޫމާތު ނެގީ: ބައެއް ރައްޔިތުންނާއި ސުވާލުކޮށްގެން.
  • އެންދެރި ގަލަން 2. ހަނދާނާއި ތާރީޚަށް ޓަކައި ހުޅުދެލި. ނެގީ: http://endherigalan2.blogspot.com/p/t.html
ޝެއަރކުރެއްވުމަށް